ނެއްލައިދޫ (ހދ. އަތޮޅު)

ވިކިޕީޑިއާ އިންވިކިޕީޑިއާ

https://dheyha.com/681/ ރާއްޖޭގެ ވެރި ރަށް މާލެ އާއި 287.01 ކިލޯ މީޓަރު ދުރުގައި އޮންނަ ތިލަދުންމަތީ ދެކެނުބުރީ ނެއްލައިދޫ އަކީ ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ ގާމަތި ރަށެކެވެ. އެއްބައިވަންތަ ރައްޔިތެއް ދިރިއުޅޭ މި ރަށަކީ މާރާމާރީ އާއި ވައްކަމާއި އަދި މިނޫނަސް އެތައް ކުށްތަކަކުން ސަލާމަތްވެފައިވާ ރަށެއް ކަމުގައި ފާހަގަކޮށްލުމީ ލިބޭ އުފަލެއްކަމުގައި ދެެކެމެވެ. ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ތަންތަން މަދުނަމަވެސް ރަށުގެ ހުޅަނގު ފަރާތުގައި ހުންނަ ރަށްވެހިއަސަރަކީ މިހާތަނަށް އައިއިރު ރާއްޖޭގައި ހުރި އެންމެ ގިނަދުވަސްވީ ރަށްވެހި ގޭ ތަކުގެ ތެރޭގައި ހިމެނޭ އެއް ރަށްވެހިގެއެވެ. އާބާދީގައި 1323 މީހުން ދިރިއުޅޭ މި ރަށަށް ދެވިފައިވާ ކޯޑަކީ ބީ8 ކެވެ.


ނެއްލައިދޫ އަކީ މާޒީގެ ތެރޭގައި ލަފާފުރުމުގެ އުނދަގޫ ކުރިމަތިވެފައިވާ ރަށެކެވެ. މިކަން ހައްލުކުރުމަށްޓަކައި ރަށުގެ ދެކުނު ފަރާތުގައި ރައްޔިތުންގެ ބުރަ މަސައްކަތުން 2007 ވަނަ އަހަރު ޖެޓީއެއް އެޅިގެންދިޔައެވެ. ހަމަ މިއާއިއެކު 2016 އޮކްޓޯބަރ 25 ގައި ބަނދަރެއް ހުޅުވިގެން ދިޔައެެވެ. އެހެން ނަމަވެސް ބަނދަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުންނުކުރެވޭކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެގޮތުން ބަނދަރު ތެރެއަށް ފަސްގަނޑު ވަދެ ހިކިފައިވުމުގެ ސަބަބުން ބަނދަރުގެ ބޮޑުބައެއް ވަނީ ބޭނުންނުކުރެވި، ލަފާފުރުމަށް އެތައް ދަތިތަކަކާއި ކުރިމަތިވެފައެވެ.


ސިއްހީ ޚިދުމަތް ދިނުމަށް ރަށުގައި ސިއްހީ މަރުކަޒެއް ގާއިމުކޮށްފައި ހުންނައިރު 16 ގަޑިއިރު ހިދުމަތް ދެމުން ގެންދެއެވެ. އަދި ފަސޭހައިން ބޭސް ލިބޭނެ ގޮތް އެސްޓީއޯ އިން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން އެސްޓީއޯ ގެ ބޭސް ފިހާރައެއް ނެއްލައިދޫގައި ވެސް ހުރެއެވެ. ސަރުކާރުގެ ސްކޫލެއް ގޮތުގައި ހިންގަމުން އަންނަ ނެއްލައިދޫ ސްކޫލުގައި ސާނަވީ އަދި މަތީސާނަވީ އަށް ކިޔަވައިދެއެވެ. މުހިއްމު އަސާސީ ހައްގެއް ކަމަށްވާ ކަރަންޓުގެ ޚިދުމަތް ފެނަކައިގެ ފަރާތުން 24 ގަޑިއިރަށް ދެމުންދެއެވެ. އިގްތިޞާދީ ނަޒަރިއްޔާތަކުން ބަލާއިރު ނެއްލައިދޫ އަކީ އަތޮޅުގައި ފާހަގަކޮށްލެވޭ ރަށެކެވެ. އާންމުންނަށް ޚިދުމަތް ދިނުމަށް 6 ފިހާރައާއި 2 ކެފޭ ހުޅުވާފައި ހުރެއެވެ.

” ތުނޑި ރީތިވި ނެއްލައިދޫ މަސްވެރިކަމުގެ ރޮނގުން މުޅި ހާދާލުން އެއްވަނަ ހޯދައިފިތާދޯ ” ނެއްލައިދޫ އަކީ މަސްވެރިކަމުގައި އަތޮޅުން ފާހަގަކޮށްލެވޭ ރަށެކެވެ. ނަމަވެސް ދުވަހަކަށްވުރެ ދުވަހެއް މަސްވެރިކަން ރަށުން އުވިދާތީ ކޮޅުނެއްކޮޅަށް ހިތާމަހުއްޓެވެ. މިހާރަކަށް އައިސް އާމްދަނީ ހޯދުމަށް ގިނަ ފިރިހެނުން މަސައްކަތް ކުރަމުން ގެންދަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. ނަމަވެސް އެފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާ އަކީ އަތޮޅުގައި ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްތަކުގެ މަަަސައްކަތް ހުއްޓި ދިގުލައިގެން ގޮސްފައިވުމެވެ. އެރަށްތަކުގެ މަސައްކަތް ނިމި އަވަސް މުސްތަގްބަލެއްގައި ޚިދުމަތް ދެވިގެން ދިޔުމަކީ ނެއްލައިދޫގެ ރައްޔިތުންގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށުގެ މީހުންގެ ވެސް އެދުމެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އޮފީސް ދާއިރާއާއި، ކޮންސްޓުރަކްޝަން ދާއިރާއާއި، ހުއިފިލަނޑާ ވިޔަފާރީގައި ރަށުގެ ޒުވާނުން ފެނިގެން ނުދެޔެކޭ ދެންނެވޭކަށް ނެތެވެ. އޭގެ އިތުރުން ނެއްލައިދޫ އަންހެންވެރިންނަކީ ހީވާގި ބައެކެވެ. އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ފަންގި ވިނުމާއި ލުއިކޮށް ކާލުމަށް ތައްޔާރުކުރެވޭ ހެދިކާ ވިއްކުމުގެ ވިޔަފާރި އަކީ އަންހެންވެރިންގެ މަސައްކަތްތަކުން ފާހަގަކޮށްލަންޖެހޭ ކަންކަމެވެ.

ރަށުގެ ޒުވާނުންގެ ކުރިމަގަށް ހާއްސަ އިސްކަމެއްދީގެން ކައުންސިލުން އިންތިޒާމްކުރާ އެންމެ ބޮޑު ހަރަކާތަކީ ކޮންމެ އަހަރެއްގެ ވެސް އަޟްހާ އީދާއި ދިމާކޮށް ބާއްވަމުން އަަންނަ ފުޓްބޯޅަ މުބާރާތެވެ. ޒުވާނުން ކުޅިވަރަށް ހުންނަ ފޯރިއާއި ޖޯޝު މިކަމުންވެސް ފެނިގެންދެއެވެ. ނެއްލައިދޫ އަކީ ފުޓްބޯޅައިން އަތޮޅު ފެންވަރުގައި ރަންވަނަ ތަކެއް ހާސިލްކޮށްފައިވާ ރަށެއްކަން ފާހަގަކުރަނީ ފަޚްރުވެރިކަމާއެކުއެވެ. ވޭތުވެދިޔަ ިދިގު މާޒީގައި، އަތޮޅަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ދެއަހަރެއްގައި މުބާރާތް ކާމިޔާބު ކޮށްފައިވާ ނެއްލައިދޫ ގެ ނަން ކުރިއަށް އޮތްތަނުގައި ކުޅިވަރުގެ ދާއިރާގައި ރަންއަކުރުން ފެވިގެން ދިޔުމަކީ ކުރެވޭ އުއްމީދެކެވެ.