ނަރުވާ ހަނދި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ނަރުވާ ހަނދި

ނަރުވާ ހަނދި(ސައިންޓިފިކް ނަން: Alectis ciliaris)ނުވަތަ (އިނގިރޭސި ބަހުން: African pompano) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރު ފަށުގައްޔާއި، އެތެރެވަރީގެ ކަނޑުތަކުގައި އުޅޭ މަހެކެވެ. މިބާވަތުގެ ކުދިމަސް ކަނޑުގައި އޮޔާދާ، އެތިގަނޑު ދަށުގައި ތިބެގެން ދަތުރުކޮށް އުޅެއެވެ. މިމަސް ގިނައިން ބޭނިފައި ހުންނަނީ ނަނު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މީރު މަހެކެވެ. މިބާވަތުގެ ހަނދި ދިވެހި މަސްވެރިންނަށް ބޭނިފައި ހުންނަނީ ވަރަށް މަދުންނެވެ. މިބާވަތުގެ ޅަމަހުގައި މަތީ ކޮތަރިބަޔާއި، ބަނޑުދަށް ފަރާތު ކޮތަރިބައިގައި ނަރުވާތަކެއް ވަރަށް ދިގުކޮށް ހުރެއެވެ. ނަމަވެސް ދުވަސްވީމާ ނަރުވާތައް ނެތި ހިގައިދެއެވެ. އެކަމަކު މަހުގެ ބަނޑުދަށް ފަރާތު ކޮތަރިބައިގެ ފުރަތަމަ މަޑުކަށިތައް އެހެނިހެން ކަށިތަކަށްވުރެ މާދިގުކޮށް ހުންނަކަން ފާހަގަ ކުރެވެއެވެ. މިމަސް އެންމެ ބޮޑުވަނީ 1.3 މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީގައި ކުރުކޮށް ހުންނަ 7 ކަށި ހުރެއެވެ. އަދި މިކަށިތަކުގެ ފަހަތަށް އެއް ކައްޓާއެކު 18 އާއި 22 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 18 އާއި 20 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ނަރުވާ ހަނދީގެ ކުލައަކީ ރިހިކުލަ އެވެ. ނަމަވެސް މަހުގެ ބުރަކަށިމަތީގައި ހުންނަނީ ގަދަނޫކުލަ އެވެ. ނަރުވާ ހަނދީގެ ބޮޑެތި މަސް ގާތްގަނޑަކަށް 100 މީޓަރު ފުނުގައި އުޅެއެވެ. މިމަހުގެ ކާނާއަކީ ކުދި ކަކުންޏާއި، ޑިނގާ ފާނޑުގެ ސޫތްޕާއި، ކުދިމަހެވެ.