ހޭނެތުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހޭނެތުން (އިނގިރޭސި ބަހުން: Fainting /Syncope) އަކީ ސިކުނޑިއަށް ލޭފޯރުކޮށްދޭ މިންވަރު ވަގުތީ ގޮތުން ދަށްވުމުގެ ސަބަބުން މީހާގެ ހޭވެރިކަން ގެއްލުމެވެ. ދިވެހި ބަހުން ބައެއް ފަހަރު ހޭނެތުމަށް ޚަބަރު ހުސްވުން މިހެންވެސް ކިޔައިއުޅެއެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ލޭގެ ޕްރެޝަރު ދަށްވުމުގެ ސަބަބުން ސިކުނޑިއަށް އެކަށޭނަ ގޮތެއްގައި ލޭފޯރުނުވުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

ހޭނެތުން ކުރިމަތިވުމުގެ ކުރިން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މީހާ ދޮންފޫޑުވުން، މޭނުބައިކުރުން، ދާހިއްލުން، ލޮލުގެ ކަޅި ފުޅާވުން، އާފުރުން، ފުންކޮށް އަވަސް އަވަހަށް ނޭވާލުން، އަދި ހިތުގެ ވިންދު އަވަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. އާންމު ގޮތެއްގައި ހޭނެތިފައި އޮންނަ ވަގުތު ދެމިގެންދަނީ މަދު ސިކުންތު ކޮޅަކުން ފެށިގެން ދެތިން މިނިޓަށެވެ.

ހޭނެތުން ކުރިމަތިވުމަށްފަހު ހޭވެރިކަން އަނބުރާ އައުމުން ބޮލުގައި ރިހުން، ހާސްވެ ރުޅިގަދަވުން، ކަންކަމުގައި ގޮތެއް ނިންމަށް ނޭގި އަރާރުންވުން، އަދި ވަރުދެރަވުން ފަދަ ކަންތައްތައް ދިމާވެއެވެ.