ހުނގު މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ހުނގުމަސް އަކީ ރާއްޖޭގެ ތިލަފަޅުތަކުގެ މުރަކަތަކާއި ގާތަކުގެ ތެރޭގައި ގިނައިން އުޅޭ މަހެކެވެ. މިމަސް އާންމުކޮށް ދުވާލުގެ ވަގުތުތަކުގައި އުޅެނީ ގާތަކުގެ ތެރޭގައެވެ. މިއީ ފަރުފަރުގެ ބޭރުމައްޗަށް އައިން ހަދައިގެން ނުކުމެއުޅޭ މަހެއް ނޫނެވެ. ނަމަސް މުރަކަތަކުގެ ތެރޭގައި ބައިބަޔަށް އެއް ހިސާބުގަނޑަކުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައި މަދުން މިމަސް ބޭނެއެވެ. މިއީ އަޑީގައި އުޅޭއިރު މޫދަށްއެރިއުޅޭ މީހުންނަށް ވަރަށް ގާތްވެވޭ ސިހުންކުޑަ މަހެކެވެ. އަދި ފަރުމައްޗަށް ދަގަނޑު ޖަހައިގެން ވަރަށް ފަސޭހައިން ހިފޭ މަހެކެވެ. މަހުގެ ކާނާއަކީ އޮޔާދާ ބޮޑެތި ފަނިފަކުސަ އެވެ. މިމަސް އެންމެ ބޮޑުވަނީ 35 ސމ އަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 13 އާއި 15 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 13 އާއި 16 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ އަނގަ ހުންނަނީ މަހުގެ މައްޗަށްވާގޮތަށް ތެދަށެވެ. މަހުގެ ކަރުތާފަތްގަނޑުގެ ތިރީބައިގައި ރާޅުކަމެއް ހުރެއެވެ. މަހުގެ މުޅި ހަށިގަނޑުގައި ރާޅުކޮށް ހުންނަ ކުދި ހުޅުނބު ތަކެއް ހުރެއެވެ. ނިގޫފަތުގެ ދެކޮޅު ފަހަތަށާއި ދިގުކޮށް ހުރެއެވެ. މަހުގެ ކަރުތާފަތްގަނޑާއި ދިމާތިރިން ބަނޑުދަށް ފަރާތުގައި ހުންނަ ކޮތަރިބައި ބަނޑުދަށް ފަރާތުގެ މައި ކޮތަރިބައި ފެށިފައި ހުންނަ ހިސާބަށް ދިގުވެފައި ހުރެއެވެ. މަހުގެ ކުލައަކީ ރަތްކުލައެވެ.