ޢަބްދުއްޞަމަދު ޢަބްދުﷲ

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ ޢަބުދުއް ޞަމަދު ޢަބުދުﷲ އިން)
ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ

ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ (ހ.ހުވަދޫ) އަކީ ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވައިފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވާޒީރުކަން މީގެ ކުރިން ވަނީ އަދާކުރައްވައިފައެވެ.

ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ، ރާއްޖޭގެ ޞިއްޙީ ދާއިރާގައެވެ. ސަރުކާރުގެ ޚިދުމަތް އެމަނިކުފާނު ފެށްޓެވީ، 16 އޯގަސްޓް 1970 ގައި ގަވަރންމަންޓް ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ އޮފް ނޭޝަނަލް ހެލްތު ސަރވިސަސް ކަމުގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ކަމުގެ މަޤާމު ފުރުއްވައިފައިވެއެވެ. 20 އޯގަސްޓް 1989 ގައި އެވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ޚިދުމަތް ކުރައްވަމުން ގެންދެވީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ.ގައެވެ. ޑަބްލިޔޫ.އެޗް.އޯ.ގެ ވަރަށް މުހިންމު މަޤާމުތަކެއް އެމަނިކުފާނު ފުރުއްވާފައިވެއެވެ. އެންމެފަހުން އެމަނިކުފާނު ހުންނެވީ، ޑަބްލިޔޫ.އެޗް.އޯ.ގެ ނިއުދިއްލީގައި ހުންނަ ސަރަޙައްދީ އޮފީހުގެ ކޯޑިނޭޓަރ އޮފް ކޮމިއުނިކެބްލް ޑިޒީޒަސްގެ މަޤާމުގައެވެ.

ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ، ޑަބްލިޔޫ.އެޗް.އޯ.ގައި ޚިދްމަތް ކުރެއްވުމަށްފަހު، އަލުން ސަރުކާރުގެ ޚިދްމަތާ ގުޅިވަޑައިގަތީ، 3 ޖޫން 2008 ގައެވެ. ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ މި ތާރީޚުގައެވެ. 23 ނޮވެމްބަރ 2009 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، ޚާރިޖީ ވަޒީރު ކަމުގެ މަޤާމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، 5 މާރިޗު 2012 ގައެވެ.

ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވީ ކިޑުނީއާއި ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާދެމުން ދަނިކޮށް 2013 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު ރާއްޖެ ގަޑިން 1:05 (ސިންގަޕޫރު ގަޑިން 4.05) ގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ ފަސްދާނުލީ އެ ދުވަހުގެ މެންދުރު ނަމާދަށްފަހު، ރާއްޖެ ގަޑިން 11 ޖެހިއިރު (ސިންގަޕޫރު ގަޑިން މެންދުރުފަހު 2 ޖެހިއިރު) ސިންގަޕޫރުގެ ޗޮއާ ޗޫ ކަންގް ޤަބުރުސްތާނުގައެވެ.

ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ ގެ ހަނދާނަށް ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން" 2013 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހު ވަނީ އަރުވައިފައެވެ.