Jump to content

07 ފެބްރުއަރީ 2012

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ފެބްރުއަރީ 2012 އަކީ ދިވެހި ތާރީޚުގައި ފާހަގަކޮށްލަންޖެހޭ ދުވަހެކެވެ.


2008 ނޮވެމްބަރ 11 ވީ އަންގާރަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ގ. ކެނެރީގޭ އަލްފާޟިލް މުޙައްމަދު ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުން އެދުވަހު އިސްތިޢުފާ ދެއްވިއެވެ. އަދި ހަމަ އެދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ވަހީދު ހަސަންމަނިކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރައްވާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައި ގެންނެވިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެމަނިކުފާނުގެ ކެބިނެޓް މެންބަރުންނާ ބައްދަލު ކުރެއްވުމަށްފަހު މީޑިއާގެ ކުރިމަތީގައި އަދި ވަޒީރުންގެ މަޖިލިހުގެ މެންބަރުންގެ ކުރިފުޅު މަތީގައެވެ. އެހެންނަމަވެސް ރައީސް ކަމުން އިސްތިޢުފާ ދެއްވިތާ 24 ގަޑިއިރުވެސް ވީފަހުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވާން ފެއްޓެވީ ތަފާތު ވާހަކަފުޅެކެވެ. އެމަނިކުފާނު އިސްތިޢުފާ ދެއްވީ ސިފައިން ބަޑީގެ ބިރުދައްކައިގެން ކަމަށާއި ބަޣާވާތަކުން އެމަނިކުފާނުގެ ސަރުކާރު ވައްޓާލީކަމަށެވެ.

އިސްތިޢުފާ ދެއްވަން ޖެހިވަޑައިގެންނެވި ސަބަބުތައް

ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވަން ޖެހިވަޑައިގެން ސަބަބުތައް ވަރަށް ގިނައެވެ. 2012 ފެބްރުއަރީ 7 ވަނަ ދުވަހާ ހަމައަށް އިދިކޮޅު ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމާޢަތްތައް ގުޅިގެން ސިލްސިލާ މުޒާހަރާތަކެއް މާލޭގައި ދިޔައީ ކުރަމުންނެވެ. ކޮންމެ ރެއަކު ކޮންމެ ރެއަކު ކުރަމުންދިޔަ މުޒާހަރާތައް ފުލުހުންނާއި ސިފައިން ގެންދިޔައީ ރޫޅާލަމުންނެވެ. މިގޮތުގައި މުޒާހަރާކުރަމުންދާތާ 21 ރޭވަނީ ވެފައެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުންދިޔަ މައިގަނޑު ގޮވާލުމަކީ ސަރުކާރުން ޤާނޫނީ އިމުން ބޭރުން ކުރަމުންދާ ކަންތައްތައް ހުއްޓާލުމަށްފަހު ޤާނޫނީ އިލުމުގެ ތެރެއަށް ވަނުމަށް ގޮވާލުމެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ޖިނާޢީ ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު އަސްކަރީ ސިފައިން ބޭނުންކޮށްގެން "ނިޒާމުން ގެއްލުވާލި" މައްސަލައެވެ. ޤާނޫނު އަސާސީ އާއި ޤާނޫނުން ލިބިގެން ނުވާ ބާރުތަކެއް ސަރުކާރުން އިޚްތިޔާރުކޮށްގެން އޭރު ޢަބްދުﷲ މުޙައްމަދު ގެންގޮސް ބަހައްޓާފައިހުރީ ސިފައިންގެ ތަމްރީނު މަރުކަޒެއް ކަމަށްވާ ކ. ގިރިފުށީގައެވެ. އޭނާއަށް ޤާނޫނީ ވަކީލަކާވެސް ބައްދަލެއް ނުކުރެވެއެވެ. އެމައްސަލައިގައި ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ކުރި އަމުރުތަކަށް ސަރުކަރުން ދީފައިވަނީ ބީރު ކަންފަތެކެވެ.

2012 ޖެނުއަރީ 14 ވަނަ ދުވަހުން ފެށިގެން ފުލުހުން ހިންގަމުންދިޔަ އޮޕަރޭޝަންތަކުގައި ފުލުހުންގެ މައްޗަށް ޣައިރު ޤާނޫނީ ޢަމުރުތައް ތަކުރާރުކޮށް ސަރުކާރުން ކުރަމުން އައިއެވެ. އޭގެތެރޭގައި ސިޔާސީގޮތުން ސަރުކާރާ ޚިޔާލު ތަފާތުވާ ފަރާތްތައް ހިފާ ހައްޔަރުކުރުން ހިމެނެއެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ހާދިސާއަކީ ރާއްޖޭގެ ޤައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި އެޕާޓީގެ މެންބަރު ސަންދާނު އަހަންމައިދީ ފުލުހުން ހައްޔަރުކުރި ކުރުމެވެ. 24 ގަޑިއިރަށްފަހު މުއްދަތު އިތުރުކުރަން ޖިނާޢީ ކޯޓަށް ހުށަހެޅުމުން އެކޯޓުން މުއްދަތު ޖަހައިނުދީ އެފަރާތްތައް ދޫކޮށްލުމަށް ހުކުމް ކުރެއެވެ. ކޯޓުން ކުރާ ހުކުމާއެއްގޮތަށް ދޫކޮށްލުމަށްފަހު އަނެއްކާވެސް އަނެއްދުވަހު ހައްޔަރުކުރެއެވެ. މިގޮތަށް މިކަންތައް ތަކުރާރުވަމުން ދަނިކޮށް ދެން އިވިގެން ދިޔައީ ޖިނާޢީ ކޯޓުގެ އިސްޤާޒީ ސިފައިންގޮސް ހައްޔަރުކުރި ޚަބަރެވެ. މިކަންކަމާގުޅިގެން މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރަންފެށި މުޒާހަރާ ފުރަތަމަ ކުރަންފެށީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ. ޝުޢޫރު ފާޅުކުރުމުގެ މުޒާހަރާތައް ފުލުހުން ވަކި ވަގުތެއް ދިނުމަށްފަހު ކަރުނަގޭސް ޖަހާ ބާރުގެ ބޭނުންކޮށްގެން ދިޔައީ ރޫޅާލަމުންނެވެ. މީހުން ހައްޔަރުކުރަމުން ދޫކޮށްލަމުން ކޯޓަށް ހާޒިރުކުރަމުން އަދި ކޯޓުން މީހުން ދޫކޮށްލަމުންދިޔައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އެކްޓިވިސްޓުންވެސް ހިމެނެއެވެ. މުޒާހަރާ ރޫޅާލުމުން މާލެ ތެރެއަށް ނިކުމެ މުޒާހަރާގެ ބައިވެރިން މަގުތަކުގައި ހިނގާ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ. މިގޮތަށް ހިނގި ހިނގުމުގައި މާލޭގެ މަގުތައް މަތީގައި ޖަހާފައިހުރި ބައެއް ފެންފޯއް ރުއްތަކަށް ގެއްލުންދީ ހަދާފައިވެއެވެ.

މުޒާހަރާގެ ބައިވެރިން މުޒާހަރާ ކުރަމުންދިޔަ ސަރަޙައްދުން ފަހަތަށް ޖައްސާ އެމްއެމްއޭ ކުރިމަތީގައި ފުލުހުން ފޯރިމަރަން ފެށިއެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ މުޒާހަރާ ކުރުން މަނާ ސަރަޙައްދަކީ ޖުމްހޫރީ މައިދާން ކަމަށާއި އެމްއެމްއޭ ކުރިމަތީގައި މުޒާހަރާކުރެވެން ވާނެކަމަށެވެ. އެގޮތުގައި ބައެއް ރޭރޭ ފުލުހުން ފަހަތަށްޖެހި އެސަރަޙައްދަށް މުޒާހަރާ ކުރަމުންދާ މީހުން ވަންނަމުން ދަނިކޮށް ދެން ފެނުނީ މާލޭ ސިޓީ ކައުންސިލުން ދަގަނޑު ހޮޅިއާއި ޓިނުޖަހާ އެމްއެމްއޭ ކުރިމަތިން އޮންނަ ސަރަޙައްދު ބަންދުކުރިތަނެވެ. އެގޮތަށް އެކަންކުރީ އެ ސަރަޙައްދުގެ އެއްގަމު ތޮށިގަނޑު މަރާމާތު ކުރުމަށްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ. އެގޮތަށް ޓިނުޖަހާ އެސަރަޙައްދު ބަންދުކުރި ފަހުންވެސް އެސަރަޙައްދަށް މުޒާހަރާގެ ބައިވެރިން އެއްވެސް މުޒާހަރާ ކުރެވޭތޯ ބަލާފައިވެއެވެ. އޭގެފަހުން މުޒާހަރާގެ ބައިވެރިން މަސައްކަތްކުރީ މަޖީދީ މަގާއި ޗާންދަނީމަގާ ގުޅުނު ހަތަރު އަގޮޅީގައި މުޒާހަރާ ކޮންމެ ރެއަކުވެސް ކުރާށެވެ. އެސަރަހައްދަށް މުޒާހަރާގެ ބައިވެރިން އައުމާއެކު ފުލުހުން މުޒާހަރާ ރޫޅާލަމުން ގެންދިޔައެވެ. އެއަށްފަހު އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ އާޓިފިޝަލް ބީޗަށް ބަދަލުކުރިއެވެ.

އާޓިފިޝަލް ބީޗްގައި މުޒާހަރާ ކުރަންފެށުމާއެކު މުޒާހަރާއަށް ހުރަސްއެޅުމަށް ސަރުކާރަށާއި އެމްޑީޕީ އަށް ތާޢީދުކުރާ ޒުވާނުންގެ ތެރެއިން ބަޔަކު ނިކުމެ މަސައްކަތްކޮށްފައިއެވެ. އެގޮތުން އެއްބަޔަކު އަނެއްބަޔަކާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރުމުގެ އިތުރަށް ގާއުކާ ބައެއް މީހުންނަށް އަނިޔާވެސްވިއެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައްދިޔައީ ކުރިއަށެވެ. 2012 ފެބްރުއަރީ 6 ވަނަދުވަހުގެރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދުގައި ފުލުހުންގެ ސުޕެޝަލް އޮޕަރޭޝަން ޓީމުގެ މެންބަރުން ސުލުހަ ޤާއިމުކޮށްގެން ތިއްބެއެވެ. އެވަގުތު އެތަނުން އެމީހުން ދިއުމަށް ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރ އަތީފް އަންގަވައިފިކަމަށް ޚަބަރުތައް ފެތުރުނެވެ. އެކަމަކު އެތަނުގައި ތިބި ފުލުހުން ދިމާވެދާނެ ހިތާމަވެރި ހާދިސާއަކަށް ޖެހިލުންވުމާއެކު އެތަން ދޫކޮށްލާފައި ދިއުމަށް ދެކޮޅު ހެދިއެވެ. ފުލުހުން އެތަނުން ގެންދިއުމަށް ފުލުހުންގެ އެހެން އިތުރުން ތިން އޮފިސަރަކު ފަހުން އައިސް މަސައްކަތް ކުރުމުންވެސް ފުލުހުން އެކަމާ ދެކޮޅު ހެދިއެވެ. އޭގެފަހުން ސިފައިން އެތަނަށް އައެވެ. ސިފައިން އައުމުން ފުލުހުން އެތަން ދޫކޮށްލިއެވެ. ފުލުހުން އެތަން ދޫކޮށްލުމަށްފަހު ދިޔައީ ޖުމްހޫރީ މައިދާނަށެވެ. ސިފައިންނަށް ރަނގަޅަށް ހަރަކާތްތެރި ނުވެވިގެން އުޅެނިކޮށް ދެފަރާތުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގިއެވެ. އެވަގުތު މުޅިތަން ކޮންޓްރޯލުން ނެއްޓުނެވެ. އިރުކޮޅަކުން ފެނުނީ ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުން އަނެއްކާވެސް އެނބުރި އައިތަނެވެ. ފުލުހުން އާޓިފިޝަލް ބީޗަށް ދިއުމަށް މަސައްކަތް ކުރުމުން އެކަމަށް ފުލުހުންގެ އިސްބައެއް އޮފިސަރުން ހުރަސްއަޅާ ހެދިއެވެ. އޭގެ ތެރޭގައި ޑެޕިއުޓީ ކަމިޝަނަރ އަތީފް ހިމެނެއެވެ. ބައެއް ވެހިކަލުތަކުގެ ތަޅުގަނޑި އަތުލުމުން ގިނަ ފުލުހުން އާޓިފިޝަލް ބީޗަށް ދިޔައީ ދުވެފައެވެ. ފުލުހުންނާއި ސިފައިން އާޓިފިޝަލް ބީޗް ސަރަޙައްދު ސާފުކޮށް ތަޅާފޮޅުންގަނޑު ކޮންޓްރޯލް ކުރިއެވެ. އެއަށްފަހު އޭގެ ތެރެއިން ފުލުހުންގެ ބަޔަކުގޮސް އެމްޑީޕީގެ ހަރުގެއަށްވަދެ ބޮޑެތި ގެއްލުންތަކެއްދިނެވެ.

އެރޭގެ އެހާދިސާއަށްފަހު ފުލުހުން ޖަމާވަމުން ދިޔައީ ޖުމްހޫރީ މައިދާނަށެވެ. ޖުމްހޫރީ މައިދާނަށް ޖަމާވި ފުލުހުންގެ ތެރެއިން ސުޕެޝަލް އޮފަރޭޝަންސް މީހުން ފިޔަވާ އެހެން މީހުން ފުލުހުންގެ މައި މަރުކަޒު ހުސައިން އާދަމް ބިލްޑިންގ އަށް ފޮނުވާލުމުގެ މަސައްކަތް ކުރެވުނެވެ. އަދި ޗެއިން އޮފް ކޮމާންޑާ ޚިލާފުވެ އަމިއްލަ އަމިއްލައަށް ހަރަކާތްތެރިވި ފުލުހުންނާމެދު ފިޔަވަަޅު އެޅުމަށް މަސައްކަތްކުރަމުންދާކަމުގެ އަޑުތައް ފުލުހުންގެ ތެރޭގައި ފެތުރުނެވެ. އެއަޑުތަކާއެކު ފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކު ސުޕެޝަލް އޮޕަރޭޝާންސްގެ ފުލުހުންނާ ގުޅެމުންދިޔައެވެ. އެމީހުން ބުނަމުންދިޔައީ އޭގެ ތެރެއިން ވަކި ބަޔަކު ހައްޔަރު ނުކުރެވޭނެ ކަމަށާއި ހައްޔަރުކުރަންޏާ ކުރަންވާނީ އެންމެން އެއްކޮށް ކަމަށެވެ. ސިފައިން މެދުވެރިކޮށް ފުލުހުން ހައްޔަރުކުރުމުގެ އަޑުތައްވެސް އޭރުވަނީ ފެތުރިފައެވެ. އަދި ހައްޔަރުކުރާ ފުލުހުން ޅ. މާފިލާފުށްޓަށް ފޮނުވާލުމަށް ތައްޔާރުކުރާ ވާހަކަތައްވެސް ފުލުުހުންގެ ތެރޭގައި ވަނީ ފެތުރިފައެވެ.

ގިނަ އަދަދެއްގެ ފުލުހުން ޖަމާވެ، ޖުމްހޫރީ މައިދާނުގައި ތިބިއިރު އެމީހުން އެދެމުންދިޔައީ އެމީހުންނަށް ޣައިރު ޤާނޫނީ ޢަމުރެއް ނުކުރާނެކަމުގެ ޔަގީންކަން ދިނުމަށެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް އެމީހުންނާ ބައްދަލުކޮށްދިނުމަށެވެ. އެކަމާގުޅިގެން ސިފައިންނާއި ފުލުހުންނާ ދެމެދު ނެގޯޝިއޭޓް ކުރެވުނެވެ. ރޭގަނޑު މެންދަމުން އަލިވެ 3:00 ވީފަހުން މަޝްރަޙު ބަދަލުވަމުންދިޔައެވެ. ފުލުހުން އެމީހުންގެ ގޮތުގައި ހިފަހައްޓަމުންދިޔައިރު ސިފައިން ފުލުހުންނާ ކުރިމަތިލުމުގެ ތައްޔާރީތައްވަމުންދިޔައެވެ. ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ޖުމްހޫރީ މައިދާނަށް ވަޑައިގެން އެތަނުގައި ތިބި ފުލުހުންނާ ބައްދަލުކުރެއްވިއެވެ. ރައީސް ވިދާޅުވީ އެއީ އަދިވެސް ދިވެހި ފުލުހުން ކަމަށާއި އެކަމަކު ނޭނގި ނަމަވެސް އެބޭކަލުންކަލުންނަށް ކުރެވިފައިވަނީ ވިޔާނުދާ ކަމެއް ކަމަށެވެ. ރައީސް ނަޝީދު ފުލުހުންގެ ކިބައިން އެދިވަޑައިގަތީ ސިފައިންނާ އަމިއްލައަށް ހަވާލުވުމަށެވެ. އެއްވެސް ބޭކަލަކަށް ދެރަގޮތެއް ނުހައްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސްގެ މި ވާހަކަފުޅަށް ފުލުހުން ބުނީ "ނޯ ސަރ" އެވެ. އެއަށްފަހު ރައީސް ވެދެވަޑައިގެންނެވީ ސިފައިންގެ މައިމަރުކަޒަށެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހުއާ ބައްދަލުކުރުމަށް އިސްކަންދަރު ކޮށްޓަށް ދިއުމަށް ފުލުހުންނަށް އެންގިއެވެ. އެދާއިރު އެމީހުންގެ ހަތިޔާރުތައް ސިފައިންނާ ހަވާލުކޮށްފައި ދިއުމަށްވެސް އެންގިއެވެ. ފުރަތަމަ އިސްކަންދަރު ކޮށްޓަށް ދިއުމަށް މަސައްކަތްކުރި ނަމަވެސް ފަހުން އެކަމާ ފުލުހުން ދެކޮޅު ހެދިއެވެ. ފުލުހުން ބުނެފައިވަނީ އެމީހުން ހަތިޔާރުތައް ބެހެއްޓުމުން ސިފައިން އެމީހުންނަށް ޗާޖްކޮށް ހައްޔަރުކުރަން ރާވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއެކު ލޮރީއެއްގައި އެމްޑީޕީގެ ބައަކު ޖުމްހޫރީ މައިދާނަށް އައެވެ. އޭރު ޖުމްހޫރީ މައިދާން ބެލެހެއްޓުމަށް ކޯޑުން ކޮށްގެން ރީފްސައިޑް ކަންމަތީގައި ތިބި ސިފައިންވަނީ ފަހަތަށް ޖެހިފައެވެ. އެވަގުތު އިސްލާމީ މަރުކަޒު ކުރިމަތިން ޖުމްހޫރީ މައިދާނަށް ވަންނަން އުޅުނު އެމްޑީޕީގެ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކާ ދެމެދު ކުރިމަތިލުމެއް ހިނގިއެވެ. އެތަން ބަލަންތިބި ފުލުހުން ގޮސް އެމްޑީޕީ މެންބަރުން އެސަރަޙައްދުން ފަހާލިއެވެ. އެވަގުތު އެމްޑީޕީގެ މެންބަރުންނަށާއި އާންމުންނަށް އަދި ބައެއް ފުލުހުންނަށްވެސް އަނިޔާލިބުނެވެ.

ސިފައިންގެ ބާރުގެ ދަށަށް ފުލުހުން ގެނައުމަށް ތަކުރާރުކޮށް ސިފައިން ކުރިމަތިލިއެވެ. އެހެންނަމަވެސް ކްރައުޑް ކޮންޓްރޯލް ކުރުމުގެ ވަސީލަތްތަކާއެކު ތިބި ފުލުހުންގެ މައްޗަށް ސިފައިންނަށް ކާމިޔާބެއް ނުހޯދުނެވެ. ސިފައިންގެ ތެރެއިން ނިކުން ސިފައިން، ފުލުހުންނާއި އާންމުންނާ ދެކޮޅަށް ރަނބަރު ވަޒަންވެސް ވަނީ ބޭނުންކޮށްފައެވެ. މުޅި ސަރަޙައްދަށް ކަރުނަގޭސްޖަހާ ހިގި ކުރިމަތިލުމަށްފަހު ސިފައިންގެ ސަފުތައް ފަހަރަށް ޖެހުނެވެ. އެއަށްފަހު ޖުމުހޫރީ މައިދާން ހަލަބޮލިވެ ފުލުހުންނާއި އާންމުން މަސްހުރިވިއެވެ. އަދި ސިފައިންގެ މައި މަރުކަޒަށް އާންމުން ގާއުކާ ގެއްލުން ދެމުންދިޔައެވެ. އޭރު ސިފައިންގެ ކުރިމަތީގައިހުރި ބޮޑެތި ބެހިކަލުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ފުލުހުންގެ މައި މަރުކަޒުން ފުލުހުންނަށް ބޭނުންވާ ރައިޓްގެ އިތުރު ސާމާނު ބާލަމުންދިޔައެވެ. ފުލުހުންގެ މައިމަރުކަޒުގެ ދިދަ ބާލާ ދިވެހި ދަދަ ނެގިއެވެ.

ކުރިމަތިވި ކުރިމަތިލުންތަކަށްފަހު ކުރީގެ ޑިފެންސް މިނިސްޓަރ ޠަލްޙަތު އިބްރާހީމް ކަލޭފާނުގެ އެދިވަޑައިގެންނެވުމަކަށް ނެގޯޝިއޭޓް ކުރުމަށް ކުރިން ސިފައިންގޭގައި ޚިދުމަތް ކުރައްވާފައިވާ 3 ބޭފުޅަކު އެތެރެއަށް ވެއްދެވިއެވެ. އެއީ ކާނަލް ރިޓަޔަރ މުޙައްމަދު ނާޒިމާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒާއި އެސިސްޓެންޑް ކަމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަޔާޒް (އެފްއޭ) އެވެ. މިބޭފުޅުން ސިފައިންގެއިން ނިކުމެ ވަޑައިގެން ސިފައިންގެ މައި މަރުކަޒުގެ އެތެރޭގައި ހުންނެވި ރައީސް ނަޝީދު އިސްތިޢުފާ ދެއްވާނެކަން ހާމަކުރެއްވިއެވެ.


އިސްތިޢުފާ ދެއްވުން

ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ އިޢުލާން ކުރެއްވީ ރައީސް އޮފީހުގައެވެ. އެމަނިކުފާނު ރައީސް އޮފީހަށް ވަޑައިގަތީ ސިފައިންގެ ހިމާޔަތުގައި ކާރުކޮޅުގައެވެ. ރައީސް އޮފިހަށް ވަޑައިގެން ކެބިނެޓާ ބައްދަލުކުރައްވާ އިސްތިޢުފާ ދެއްވަން ގަސްތުކުރައްވާ ވާހަކަ ވިދާޅުވެ މަޝްވަރާ ކުރެއްވިއެވެ. އެއަށްފަހު ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިޢުފާގެ ސިޓީ ރައީސް އޮފިހުގައި ލިޔުއްވިއެވެ. އެސިޓީ ލިޔުއްވީ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ހިސާން ޙުސައިން ގެނެސްދެއްވި ރައީސްގެ ލެޓަހެޑް ކަރުދާހެއްގައި ހިސާން ޙުސައިންގެ ގަލަމަކުންނެވެ. އެގަލަން ރައީސް ވަނީ ހިސާނަށް ދެއްވާފައެވެ.

--Allosaeed 05:59, 22 ފެބްރުއަރީ 2012 (UTC)