ޤައުމީ ދުވަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން ގެނެސްފައެއް ނުވެއެވެ. މިހެނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަތީބު ޙުސައިން ތަކުރުފާނުގެ އަދި އައިމިނާގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.

ތާރީޚީ ގޮތުން ޤައުމީ ދުވަސް[އުނިއިތުރު ގެންނަވާ]

ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަ ކުރަމުން އައިސްފައިވެއެވެ. މިހެން މިދެންނެވީ “ޤައުމީ ދުވަސް” މިނަމުގެ ބަދަލުގައި ރަބީޢުލްއައްވަލު 1 ވަނަ ދުވަހަކީ “ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީ ކަމުގެ ހަނދާން” މިނަމުގައި ފާހަގަކުރާ ދުވަހެއް ކަމުގައި ދައުލަތުން ހަމަޖެއްސެވި ދުވަސްވަރެއްވެސް އައެވެ. ފަހުން، ޤައުމީ ދުވަސް ހަމަޖެހުނީ ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ކަމުގައެވެ. އެހެންކަމުން އެދުވަސް ބަދަލުވެގެން ދިޔައީ ޖުލައި 26 އަށެވެ. ހިޖުރީ ގޮތުން 1368 ވަނައަހަރުން ފެށިގެން 1398 ވަނަ އަހަރާއި ހަމައަށް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުން އައީ “ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަސް” ގެ ގޮތުގައެވެ. މިކަން މިގޮތުގެމަތިން ހަމަޖައްސައި އޭރުގެ ވަޒީރުލްއަޢުޒަމްގެ އޮފީހުން 21 ޖޫން 1966 ގައި ނެރުއްވި އިޢުލާނެއްގައިވަނީ ކުރީގެ ޤައުމީ ދުވަސް (1 ރަބީޢުލްއައްވަލް) އަކީ، ރަސްމީ ބަންދު ދުވަހެއް ކަމަށާއި، އެދުވަހު އޮންނާނީ ދީނީ ކަންތައްތައް ކުރުން ކަމަށާއި، އެއީ، ފޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީކަމުގެ ހަނދާނުގައި ކަމަށެވެ. އަދި ޤައުމީ ދުވަހުގެ ޖަލްސާތަކާއި، ޕްރޮގްރާމްތައް އޮންނާނީ (26 ޖުލައި) މިނިވަންދުވަހު ކަމަށާއި، އެއީ، އިނގިރޭސިންގެ އަތްދަށުން ރާއްޖެ ފުރިހަމައަށް މިނިވަންވީ ދުވަސް ކަމަށެވެ. އަދި މިހެންކަމުން ޤައުމީ ދުވަހުގެ ގޮތުގައި މީލާދީން 1966 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވޭނީ ޖުލައި 26 ވަނަ ދުވަހު ކަމުގައިވެސް މި އިޢުލާނުގައި ލިޔުއްވާފައިވެއެވެ.

މިހާ ހިސާބުން 1 ރަބީޢުލްއައްވަލް ފާހަގަ ކުރަމުން އައިގޮތުގެ ޕްރޮގްރާމްތަކަށްވެސް ބަދަލުތަކެއް ގެނެވުނެވެ. ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުކުރުމިސްކިތު ހަރުގޭގައި ޞަލަވާތް ކިޔެވުމާއި، ކޮންމެވެސް ބޭފުޅެއްގެ ވާހަކަފުޅު ދެއްކެވުން ބޭއްވެމުން އައިސްފައިވެއެވެ.

މިގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު 1978 ވަނަ އަހަރު ސަރުކާރުން އިޢުލާން ކުރެއްވީ މާޗް މަހުގެ 29 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ “މިނިވަން ޤައުމީ ދުވަސް” ކަމުގައެވެ. ސަބަބަކީ މާޗް 29 އަކީ އައްޑުއަތޮޅު ގަމުން އިނގިރޭސިން ފޭބި ދުވަސް ކަމުގައިވާތީއެވެ. ވީމާ، އެދުވަހަކީ ސިޔާސީގޮތުން ފުރިހަމަ މިނިވަން ލިބުނު ދުވަސްކަމުގައި އޭރުގެ ސަރުކާރަށް ފެނިވަޑައިގެންނެވިއެވެ. ނަމަވެސް މިދެންނެވި މިނިވަން ޤައުމީ ދުވަސް ފާހަގަ ކުރެވުނީ ހަމައެކަނި 1978 ވަނަ އަހަރުއެވެ. އެ އަހަރު އަލްފާޟިލް އިބްރާހީމް ނާޞިރުގެ ވެރިކަން ނިމި، 11 ނޮވެމްބަރ 1978 ގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ސަރުކާރުގެ ސިޔާސަތަށާއި ޤާނޫނުތަކަށް ގެންނެވި ބަދަލުތަކުގެ ނަތީޖާ އަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލްތަކެއް ފާސްވީއިރު ދިވެހިރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ދެ ދުވަހުގެ ތެރެއިން އެއްދުވަސް ކަމުގައި ޤައުމީ ދުވަސް ހިމެނިގެން ދިޔުމެވެ. އެ ޤާނޫނުގައި ބުނަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަހެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.

އެހެން ކަމުން ދިވެހީންގެ ޤައުމީ ދުވަސް ކަމުގައި 1 ރަބީޢުލްއައްވަލް އަނެއްކާވެސް ހަމަޖެހި ނިމުނީއެވެ.

ކޮންމެއަކަސް ހިޖުރައިން 1400 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ ކަންތައްތައް ބަލަހައްޓަވާ އޮފީހަކީ ދިވެހިބަހާ ޘަޤާފަތަށް ޚިދުމަތްކުރާ މަޖްލިސް ކަމުގައި ދައުލަތުން ހަމަޖެއްސެވިއެވެ. މި މަޖަލިސްގެ ނަން އެކި ދުވަސްވަރު އެކިގޮތްގޮތަށް ބަދަލުވަމުން އައިސްފައިވެއެވެ. މިގޮތަށް 18 ވަރަކަށް އަހަރު ވޭތުވުމަށްފަހު 1997 ވަނަ އަހަރު ނޮވެމްބަރ 6 ވަނަ ދުވަހު ނެރުއްވައި، 1998 ޖެނުއަރީ 1 ވަނަ ދުވަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގައި “ދިވެހިރާއްޖޭގެ ޤައުމީ ދުވަސް” ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ.

އެދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަހެވެ. މިނޫން މިފަދަ އެހެން އެއްވެސް ދުވަހެއްގެ ވާހަކަ ޤާނޫނު އަސާސީގައި ބަޔާންކުރެވިގެންނެއް ނުވެއެވެ. ކޮންމެއަކަސް ޤައުމީ ދުވަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންވުމާއެކު، މިދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުވެސް ފުޅާވެ ފުރިހަމަ ވެގެން ދިޔައެވެ. އަދި 1998 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސަވާ އޮފީހަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ކަމުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. އަދި އެއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޤައުމީ ދުވަހަށް ވަކި ޚާއްޞަ ޝިޢާރެއް ކަނޑައެޅެމުންދިޔައެވެ.

1998 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ފާހަގަކުރާގޮތަށް ހަމަޖެއްސުމާއި ގުޅިގެން މިރަސްމިއްޔާތު ކޮންމެ ދެއަހަރުން އެއްއަހަރު 2008 ވަނަ އަހަރު އޮގަސްޓް 7 ގައި އަމަލުކުރަން ފެށި އާގާނޫނު އަސާސީގައިވެސް ހަމައެކަނި ކަނޑައެޅި ބަޔާންވެގެންވާ ދުވަހަކީ ޤައުމީދުވަހެވެ. ރާއްޖޭގެ ކޮންމެވެސް ދެ ރަށެއްގައި އަދި އަނެއް އަހަރު މާލޭގައި ބާއްވާގޮތަށްވެސް ސަރުކާރުން ހަމަޖެއްސެވިއެވެ.

މަޢުލޫމާތު ހޯދީ[އުނިއިތުރު ގެންނަވާ]

މިނިސްޓްރީ އޮފެ ހޯމް އެފެއާޒްގެ ވެބްސައިޓުން