ޖޭމްސް މޮންރޯއި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޖޭމްސް މޮންރޯއި
އެމެރިކާގެ 5 ވަނަ ރައީސް
In office
މާރޗް 4 1817 – މާރޗް 4 1825
Vice Presidentޓޮމްޕްކިންސް
ކުރިން މަގާމްގައި ހުންނެވީޖޭމްސް މެޑިސަން
Succeeded byޖޯން ކުއިންސީ އެޑަމްސް
Personal details
އުފަން ތާރީހްއެޕްރީލް 28، 1758
ވެސްޓްމޯރލޭންޑް ކައުންޓީ، ވާޖީނިއާ
Diedޖުލައި 4 1831 (73 އަހަރުގައި)
ނިއުޔޯކް, ނިއުޔޯކް ސިޓީ
Nationalityއެމެރިކަން
Spouse(s)އެލިޒަބަތު ކޯރޓްރައިޓް މޮންރޯއި
Occupation(ދަނޑުވެރިއެއް)
ދީންއެޕިސްކޯޕަލް
Signature

އެމެރިކާގެ 5 ވަނަ ރައީސް ކަމަށްވާ ޖޭމްސް މޮންރޯއި އުފަންވެފައިވަނީ އެޕްރީލް 28 1758 ގައެވެ. މީނާ އަވަހާރަ ވެފައިވަނީ ޖުލައި 4 1831 ގައެވެ. 1817އިން 1825 އަށް އެމެރިކާގެ ރައީސްކަން ކުރެއްވި ޖޭމްސް މޮންރޯއި އަކީ ވާޖީނިއާ އިން އެމެރިކާގެ ރައީސްކަމަށް އިސްވެ ވަޑައިގަތް 4 ވަނަ ބޭފުޅާއެވެ. ކުރީގެ ރައީސެއްކަމަށްވާ ތޯމަސް ޖެފަރސަން ގެ ގާތްރަހުމަތްތެރިއެއް ކަމަށްވާ ޖޭމްސް މޮންރޯއި އަކީ ފަރަންސޭސި އިންގިލާބަށް ތާއީދު ކުރެއްވި ޑިޕްލޮމެޓެކެވެ. ޖޭމްސް މެޑިސަން ގެ ސަރުކާރުގައި ސެކެޓްރީ އޮފް ސްޓޭޓް އަދި ސެކެޓްރީ އޮފް ވާރ ގެ ހައިސިއްޔަތުން 1812 ވަނަ އަހަރުގެ ހަގުރާމައިގައި އިސްދައުރެއް ޖޭމްސް މޮންރޯއި އަދާކޮށްފައި ވެއެވެ. ޑިމޮކްރެޓިކް ރިޕަބްލިކަން ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސަތުގައި އިށީދެ ވަޑައިގެންނެވި ޖޭމްސް މޮންރޯއި ގެ ރިޔާސީ ދުވަސްވަރު ސިފަކުރެވިފައިވަނީ ރަގަޅު އިހްސާސްތަކުގެ ޒަމާނެއްގެ ގޮތުގައެވެ.


ޙަޔާތުގެ ކުރީކޮޅު[އުނިއިތުރު ގެންނަވާ]

ޖޭމްސް މޮންރޯއި އުފަންވެފައިވަނީ 1758 ވަނަ އަހަރުގެ އެޕްރީލް 28 ގައި އެމެރިކާގެ ވާޖީނިއާގެ ވެސްޓްމޯރލޭންޑް ކައުންޓީ ގައެވެ. ޖުލައި 1774 ގައި ޖޭމްސް މޮންރޯއި ވިލިއަމް އެންޑް މޭރީ ކޮލެޖަށް ވަދެވަޑައިގަތެވެ. އެއަށްފަހު ސިފައިންގެ ތެރޭގައި ޖޭމްސް މޮންރޯއި މަސައްކަތް ކުރައްވާފައި ވެއެވެ. ބަރާބަރު ދެއަހަރު ދުވަހުގެ މުއްދަތަށް ޖެނެރަލް ވިލިއަމް އެލެގްޒެންޑަރ ގެ ދަށުގައި ކާނަލެއްގެ ގޮތުން ޖޭމްސް މޮންރޯއި މަސައްކަތް ކުރެއްވި އެވެ. 1777ން 1778 އަށް ފޯރޖް ވާދީގައި ކޭމްޕް ޖަހައިގެން ތިބި ސިފައިންގެ ތެރޭގައި ޖޭމްސް މޮންރޯއި ހިމެނި ވަޑައިގެންނެވި އެވެ. އަދި މަންމައުތު ހަގުރާމައިގައި ޖޭމްސް މޮންރޯއި ބައިވެރިވެ ވަޑައިގެންނެވި އެވެ.

1780 ވަނަ އަހަރު ޖޭމްސް މޮންރޯއި އެބުރި ވާޖީނިއާ އަށް ދިޔައެވެ. އެއީ ތޯމަސް ޖެފަރސަން ގެ އަރިއަހުން ގާނޫނީ ޢިލްމު އުގެނުމަށްޓަކައެވެ. 1782 ވަނަ އަހަރު ވާޖީނިއާ ހައުސް އޮފް ޑެލިގޭޓްސް އަށް ޖޭމްސް މޮންރޯއި އިންތިޚާބު ކުރެވުނެވެ. ޖޭމްސް މޮންރޯއި ޢާންމު ރައްޔިތުންނާއި ބޭއްވި ގުޅުމާއި ކޮށްދެއްވި ޚިދުމަތުގެ ނަތީޖާއެއްގެ ގޮތުން 1783 ވަނަ އަހަރު ކޮންފެޑެރޭޝަން ކޮންގްރެސް އަށް ހޮވި ވަޑައިގަތެވެ. އަދި 1786 ވަނަ އަހަރާއި ހަމައަށް ކޮންފެޑެރޭޝަން ކޮންގްރެސްގައި ޚިދުމަތް ކުރައްވާފައި ވެއެވެ.

ކޮންފެޑެރޭޝަން ކޮންގްރެސް ގައި ޖޭ ގާރޑޮގީ ގެ ހުށަހެޅުމާއި ޖޭމްސް މޮންރޯއި އިދިކޮޅު ހެއްދެވިއެވެ. އެހުށަހެޅުމުގައި ވާގޮތުން މިސިސިޕީ ކޯރު ގެ ތެރެއިން ދަތުރުކުރުމުގެ ޙައްގު ސްޕޭން އަށް ލިބިގެންވެއެވެ. 1789 ވަނަ އަހަރު ޖޭމްސް މޮންރޯއި ގެ ކައިވެންޏަށް ފަހު އަލްބެމާރލް ކައުންޓީއަށް ދިރިއުޅުން ބަދަލު ކުރެއްވި އެވެ. ޖޭމްސް މޮންރޯއި އަދި އެލިޒަބަތު ކޯރޓްރައިޓްގެ ކައިވެނިން ލިބުނު ދެ އަންހެންކުދިން ކަމަށްވާ އެލީޒާ އަދީ މާރިއާ ހެސްޓަރ އުފަންވެފައިވަނީ މިބުނި އަލްބެމާރލް ކައުންޓީ ގައެވެ. އެދެމަފިރިންގެ ހަމައެކަނި ފިރިހެން ދަރިފުޅު ޖޭމްސް ސްޕެންސް ވަނީ އުމުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ނިޔާވެފައެވެ.

ފެޑެރަލިސްޓުންނާއި ދެކޮޅު ހެއްދެވުން[އުނިއިތުރު ގެންނަވާ]

ޖޭމްސް މޮންރޯއި 1790 ވަނަ އަހަރު އެމެރިކާގެ ސެނޭޓަށް އިންތިޚާބު ކުރެވުނެވެ. ޖޭމްސް މޮންރޯއި ޖޭމްސް މެޑިސަން އާއި ގުޅިވަޑައިގެން އެލެގްޒެންޑަރ ހެމިލްޓަން ގެންގުޅުއްވި ފެޑެރަލް ސަރުކާރުގެ ބާރުތައް ސެންޓްރަލައިޒް ކުރުމާއި ދެކޮޅަށް މަސައްކަތް ކުރެއްވި އެވެ. ޖޯޖް ވޮޝިންގޓަން ގެންގުޅުއްވި ޕްރޯ-ބްރިޓިޝް ފޮރިން ޕޮލިސީ އާވެސް ޖޭމްސް މޮންރޯއި އިދިކޮޅު ހެއްދެވި އެވެ. ތޯމަސް ޖެފަރސަން، އަދި ޖޭމްސް މެޑިސަން އާއި ގުޅިގެން ރިޕަބްލިކަން ޕާޓީ އުފެއްދުމުގައި ޖޭމްސް މޮންރޯއި ބައިވެރިވެ ވަޑައިގެންފައި ވެއެވެ. ހަމަމިހެން މީޑިއާގައި ޑިމޮކްރެޓިކް ރިޕަބްލިކަންގެ މަގާމް ދިފާއުކުރުމަށް ވެސް ޖޭމްސް މޮންރޯއި ޖޭމްސް މެޑިސަން އަށް އެހީތެރިވެދީ ފައިވެއެވެ.

1794 ވަނަ އަހަރު ޖޯޖް ވޮޝިންގޓަން ، ޖޯން ޖޭ މިޝަން އެއްގައި ތުރުކީ ވިލާތަށް ފޮނުވުމުން ޖޭމްސް މޮންރޯއި ފަރަންސޭސި ވިލާތަށް ކަނޑައެޅި މިނިސްޓަރެއްގެ ގޮތުގައި ހަމަޖެހުނެވެ. މީގެ ބޭނުމަކީ ޑިމޮކްރެޓިކް ރިޕަބްލިކަން ގެ ފާޑުކިޔުން ސަރުކާރަށް ކުޑަކުރުމެވެ. ސަރުކާރުގެ ރެޕްރެޒެންޓޭޓިވް އަކަށްވުރެ ބޮޑަށް ޖޭމްސް މޮންރޯއި މަސަައްކަތް ކުރައްވާފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކަން ޕާޓީގެ ތަރުޖަމާނެއްގެ ހައިސިއްޔަތުންނެވެ. ނަތީޖާއެއްގެ ގޮތުން 1797 ވަނަ އަހަރު ޕެޓިޝަނެއް ހުށަހަޅައިގެން ޖޭމްސް މޮންރޯއި ސަރުކާރުގެ ރެޕްރެޒެންޓޭޓިވްގެ މަގާމުން ދުރުކުރެވުނެވެ. 1799ން 1802 އަށް ޖޭމްސް މޮންރޯއި ވަނީ ވާޖީނިއާގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައެވެ.


ތޯމަސް ޖެފަރސަންގެ ޑިޕްލޮމެޓެއްގެ ގޮތުގައި[އުނިއިތުރު ގެންނަވާ]

1803 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ތޯމަސް ޖެފަރސަން އޭނާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ޖޭމްސް މޮންރޯއި ފަރަންސޭސި ވިލާތުގައި ހުރި އެމެރިކާގެ މިނިސްޓަރު ރޮބަރޓް އާރް ލިވިންގސްޓަން ގެ އެހީތެރިއަކަށް ފަރަންސޭސި ވިލާތަށް ފޮނުވުނެވެ. ލިވިންގސްޓަން އަދި މޮންރޯއި އަށް ނަޕޯލިއަނުން ދެގޮތެއް ހުށަހެޅުއްވި އެވެ. އެއްގޮތަކީ ލޫޒިޔާނާ އެއްކޮށް ގަތުމެވެ. އަނެއްގޮތަކީ އެއްވެސް ބައެއް ނުގަތުމެވެ. އެކަމުގެ ތެރޭގައި ދިމާވި ހުރިހާ ކަމަކާއި ކުރިމަތި ލައްވަމުން ލޫޒިޔާނާ ގަތުމަށް އެއްބަސްވި އެވެ.

1803ން 1807 އަށް ޖޭމްސް މޮންރޯއި ވަނީ އިގިރޭސި ވިލާތަށް ކަނޑައަޅާފައި ހުރި މިނިސްޓަރެއްގެ ގޮތުން ޚިދުމަތް ކޮށްފައެވެ. 1805 ގައި ޖޭމްސް މޮންރޯއި ސްޕޭންގެ މެޑްރިޑަށް ދިޔައެވެ. އެއީ ލޫޒިޔާނާ ގަތުމުގެ ތެރޭގައި ހުޅަގު ފްލޮރިޑާ ވެސް ހިމަނައިތޯ ސްޕޭނުން އެއްބަސްވޭތޯ ބެލުމަށްޓަކައެވެ. 1806ވަނަ އަހަރު ޖޭމްސް މޮންރޯއި އަދި ވިލިއަމް ޕިންކްނީ އާއެކު އިގިރޭސިންނާއި އެކު ވިޔަފާރިއާ ގުޅޭ އެއްބަސްވުންތައް ހެދޭތޯ މަސައްކަތް ކޮށްފައިވެއެވެ. އެއީ އިގިރޭސި ވިލާތުން ހިފަހައްޓާފައި އޮތް ވިޔަފާރީކުރުމުގެ މިންގަނޑުތައް އުވާލުމަށްޓަކައެވެ.

ޖޭމްސް މެޑިސަންގެ ކެބިނެޓްގައި[އުނިއިތުރު ގެންނަވާ]

1810 އަދި 1811 ގައި ވާޖީނިއާގެ އެސެމްބްލީގައި ޖޭމްސް މޮންރޯއި ބައިވެރި ވެފައި ވެއެވެ. 1811 ވަނަ އަހަރު ޖޭމްސް މެޑިސަން ގެ ކެބިނެޓްގައި ސެކެޓްރީ އޮފް ސްޓޭޓް ގެ މަގާމް ދެވުނެވެ. މިމަގާމްގެ ސަބަބުން ޖޭމްސް މެޑިސަން އަދި ތޯމަސް ޖެފަރސަން އާއި، ޖޭމްސް މޮންރޯއި އާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔައެވެ.

1814 ވަނަ އަހަރު އިގިރޭސިން ވޮޝިންގޓަން އަށް އެރުމާއި ގުޅިގެން ރައީސް ޖޭމްސް މެޑިސަން ސެކެޓްރީ އޮފް ސްޓޭޓްގެ މަގާމްގައި ހުންނެވި، ޖޭމްސް މޮންރޯއި އަށް ސެކެޓްރީ އޮފް ވާރ ގެ މަގާމް ދެއްވި އެވެ. އެހެންކަމުން އެއްފަހަރާ ކެބިނެޓްގެ ދެމަގާމް އަދާކުރެއްވި ބޭފުޅަކަށް ޖޭމްސް މޮންރޯއި ވެވަޑައިގެންނެވި އެވެ. 1816 ވަނަ އަހަރުގެ އިންތިޚާބުގައި ޖޭމްސް މޮންރޯއި އަށް ކާމިޔާބު ލިބުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ޖޭމްސް މެޑިސަންގެ ކެބިނެޓްގައި ކުރެއްވި ފުރިހަމަ ޚިދުމަތް ކަމުގައި ބުނެވެއެވެ. އެއަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ރިޕަބްލިކަން ޕާޓީގެ ލީޑަރެއްގެ ގޮތުން ރައީސްކަމާ ކުރިމަތި ލައްވައި އެފަަހަރު ކުރިމަތި ލެއްވި އަނެއް ކެންޑިޑޭޓް ވިލިއަމް އެޗް ކްރައުފޯރޑްގެ މައްޗަށް ކާމިޔާބު ހޯއްދެވިއެވެ.

އެމެރިކާގެ ރިޔާސަތުގައި[އުނިއިތުރު ގެންނަވާ]

ރިޔާސީ ދައުރަށްފަހު[އުނިއިތުރު ގެންނަވާ]

މާރޗް 4 1825 ގައި ޖޭމްސް މޮންރޯއި ގެ ރިޔާސީ ދައުރު ހަމަވިއިރު އޭނާ ދިރިއުޅުއްވީ ވާޖީނިއާ ޔުނިވަސިޓީގެ ގްރައުންޑްގައިވާ މޮންރޯއި ހިލް ގައެވެ. މިއަދު ވާޖީނިއާ ޔުނިވަސިޓީގެ ކެމްޕަސް ހުރިތަނަކީ 1788ން 1817 އަށް ޖޭމްސް މޮންރޯއި ގެ އާއިލީ ފާރމްގެ ގޮތުގައި ބޭނުން ކުރެއްވި ތަނެކެވެ. އެކަމަަކު ޖޭމްސް މޮންރޯއިގެ ރައީސްކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ވާޖީނިއާ ޔުނިވަސިޓީއަށް އެތަން ވިއްކާލެވުނެވެ. ޖޭމްސް މޮންރޯއި ވަނީ ވާޖީނިއާ ޔުނިވަސިޓީގެ ބޯޑް އޮފް ވިޒިޓާރސް ގެ ގައި މަސައްކަތް ކުރައްވާފައެވެ.

ވަރަށްގިނަ ދަރަނިތަކާއި ޖޭމްސް މޮންރޯއި ކުރިމަތި ލައްވާފައި ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ހައިލޭންޑް ޕްލާންޓޭޝަން ވިއްކާ ލެއްވި އެވެ. އެބިން ވިއްކާލެއްވީ ކޮލެޖް އޮފް ވިލިއަމް އެންޑް މޭރީ އަށެވެ. އެއީ ޖޭމްސް މޮންރޯއި ކިޔަވާ ވިދާޅުވި ކޮލެޖް ވެސް މެއެވެ. ސެޕްޓެމްބަރު 30 1830 ގައި އަނބިކަނބަލުން އެލިޒަބަތު ނިޔާވުމާއި ހަމައަށް އެދެމަފިރިން ދިރިއުޅުއްވީ އޯކް ހިލްގައެވެ.

ނިޔާވުން[އުނިއިތުރު ގެންނަވާ]

1830 ވަނަ އަހަރު އަނބިކަބަލުން އެލިޒަބަތު ނިޔާވުމުން ޖޭމްސް މޮންރޯއި ނިއުޔޯކް ސިޓީއަށް އޭނާގެ ދަރި ކަނބަލުން މާރިއާ ހެސްޓަރ މޮންރޯއި ކައިރިއަށް ބަދަލު ވިއެވެ. ޖޭމްސް މޮންރޯއި ނިޔާވެފައިވަނީ ޖުލައި 4 1831 ގައި ނިއުޔޯކް ސިޓީގައެވެ. އޭނާ ނިޔާވިކަމަށްވަނީ ހިތް ފޭލްވެގެންނާއި ކެއްސުން ބަލި ޖެހިގެންނެވެ. ޖޭމްސް މޮންރޯއި ފަސްދާނު ލެވިފައިވަނީ ނިއުޔޯކްސިޓީގެ މާރބްލް މަގްބަރާ ނުވަތަ ގަބުރުސްތާން ގައެވެ. އޭގެ 27 އަހަރު ފަހުން 1858 ގައި ވާޖީނިއާގެ ރިކްމަންޑް ގައިވާ ހޮލީވުޑް މަގްބަރާގައި ހެދުނު ރައީސުންގެ ވަށްބުރަށް ޖޭމްސް މޮންރޯއި ގެ ސަންދޯއް ބަދަލު ކުރެވުނެވެ.

ދީނީ ގަބޫލު ކުރުން[އުނިއިތުރު ގެންނަވާ]

ޖޭމްސް މޮންރޯއި ދިރިއުޅެ ބޮޑުވަމުން އައީ ޗާރޗް އޮފް އިންގްލޭންޑް އަށް ނިސްބަތްވާ އާއިލާއެއްގެ ތެރޭގައެވެ. އެއީ ވާޖީނިއާ ސްޓޭޓް ޗާރޗް ގެ ގޮތުގައި މިބުނި ޗާރޗް ހުރި ދުވަސްވަރު އެވެ. ބޮޑުވެ ތަޞައްރުފު ފުދުނު ފަހުން ޖޭމްސް މޮންރޯއި އެޕިސްކޮޕާލިއަން ގެ ޗާރޗް އަށް ޒިޔާރަތް ކުރެއްވި އެވެ. ބައެއް ތާރީކް އިލްމުވެރިން ސިފަކުރައްވާ ގޮތުން ޖޭމްސް މޮންރޯއި އަކީ ޑެއިސްޓް އެކެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]