ޖަންބު ކަނޑުއުނިޔަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޖަންބު ކަނޑުއުނިޔަ

ޖަންބު ކަނޑުއުނިޔަ(ސައިންޓިފިކް ނަން: Nemipterus zysron)ނުވަތަ (އިނގިރޭސި ބަހުން: Slender threadfin bream)އަކީ ރާއްޖޭގެ އެތެރެވަރީގެ ފުން ސަރަހައްދު ތަކުގެ އަޑީގައި އުޅޭ ކުޑައިސްކޮޅެއްގެ މަހެކެވެ. އެންމެ ބޮޑުވަނީ 18.5 ސމ އަށެވެ. މިމަސް އާންމުކޮށް އުޅެނީ 10-125 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. އާއްމު ގޮތެއްގައި އުޅެނީ ބައިބަޔަށެވެ. މަހުގެ އާންމު ކާނާއަކީ ކަނޑުގެ އަޑީގައި އުޅޭ ކުދި ދިރުންތަކެވެ. މިއީ ދިވެހިން އާންމުކޮށް ބާނައިއުޅޭ އަދި ހިފޭ ބާވަތެއް ނޫނެވެ. އަދި މިއީ ކެއުމަށް ބޭނުންކުރެވިދާނެ މަހެކެވެ. މަހުގެ މަތީބައި ހުންނަނީ ރަތްކުލައެއްގައެވެ. ބަނޑުދަށްފަރާތުގައި ހުންނަނީ ރިހިކުލަ އެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައި ހުންނަނީ ރީނދޫކުލައިގެ ކައިރިފަށެއް ލާފައެވެ. ނިގޫފަތުގެ ކުލައަކީ ޖަންބު ކުލައެވެ. ނިގޫކޮޅުގައި ހުންނަ ނަރުވާ ހުންނަނީ ފަނޑު ރީނދޫ ކުލައިގައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 9މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތްގަނޑާއި ކަންފަތްގަނޑުގެ ތިރިން ބަނޑުދަށް ފަރާތުގައި ހުންނަ ކޮތަރި ކުރެވެ. މަހުގެ ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ކަފިކޮށެވެ. ނިގޫފަތުގެ މަތީބައިގެ ކޮޅު ހުންނަނީ ނަރުވައެއް ގޮތަށް މަހުގެ ފަހަތަށް ދިގުވެފައެވެ. މަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނުވާތީ މަހުގެ ކުލަވަރަށް ބަލާ މިމަހަށް ޖަންބު ކަނޑުއުނިޔަ ކިޔާ ނަންދީފައިވަނީ އެވެ.