ޕްލާޒްމާ ޕްރޮޓީން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 8-6ގްރާމާ ދެމެދުގެ މިންވަރަކަށް ޕްލާޒްމާ ޕްރޮޓީން ހުރެއެވެ. އެވްރެޖްގޮތެއްގައި ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 7ގްރާމެވެ.މީގެތެރެއިން 4ގްރާމް އަކީ އަލްބިއުމިންއެވެ. 2.7ގްރާމަކީ ގްލޯބިއުލިން ގެ ބާވަތްތަކެވެ. 0.3ގްރާމަކީ ފައިބްރިނަޖަން އެވެ. މިބަޔާންކުރެވުނު ޕްރޮޓީން ތަކަކީ އެކިއެކި ކަންކަމުގައި އޭގެ ދައުރު އަދާކުރާ މާއްދާތަކެވެ. މިސާލަކަށް އަލްބިއުމިން ޕްލާޒްމާގެ އޮންކޮޓިކް ޕްރެޝަރ (އިނގިރޭސި ބަހުން: Oncotic pressure) ވަކި ވަރެއްގައި ހިފަހައްޓައެވެ. ގްލޯބިއުލިންތައް އޭގެ ދައުރު ހަށިގަނޑު ބަލިތަކުން ދިފާޢުކުރުމުގައި އަދާކުރެއެވެ. ފައިބްރިނަޖަން ލޭމަނާކުރުމުގައި ހަރަކާތްތެރިވެއެވެ. އެންޒައިމްތައް އެތެރޭގައި ހިގާ ކެމިކަލް ރިއެކްޝަންތަކުގައި ބައިވެރިވެއެވެ.

ޕްލާޒްމާގައި އެކުލެވޭ ފެން ފިޔަވައި ބާކީ %10 ބެހިފައިވާ އިރު %7 އަކީ ޕްލާޒްމާ ޕްރޮޓީންއެވެ. މިގޮތުން މައިގަނޑު 3 ޕްރޮޓީންއެއް ޕްލާޒްމާގައި ހުރެއެވެ. އެއީ އަލްބިއުމިން(އިނގިރޭސި ބަހުން: Albumin) ، ގްލޯބިއުލިން(އިނގިރޭސި ބަހުން: globulin) ތައް، އަދި ފައިބްރިނަޖަން(އިނގިރޭސި ބަހުން: fibrinogen) އެވެ. މީގެ އިތުރުން އެހެން ބައެއް ޕްރޮޓީންތަކުގެ ކުޑަމިންވަރެއް ޕްލާޒްމާ ގައި ހިމެނެއެވެ. މީގެތެރޭގައި ހިމެނެނީ ބައެއް ހޯރމޯންތަކާއި،ޕްރޯތްރޮމްބިން(Prothrombin)އަދި ލޭގަނޑުވުމަށް ބޭނުންވާ ބައެއް އެހެން މާއްދާ ތަކެވެ. ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 8-6ގްރާމާ ދެމެދުގެ މިންވަރަކަށް ޕްލާޒްމާ ޕްރޮޓީން ހުރެއެވެ. އެވްރެޖްގޮތެއްގައި ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 7ގްރާމެވެ.


ޕްލާޒްމާ ޕްރޮޓީން ގެ ވައްތަރުތައް[އުނިއިތުރު ގެންނަވާ]

އަލްބިއުމިން[އުނިއިތުރު ގެންނަވާ]

ޕްލާޒްމާގައި އެންމެ ގިނައިން ހުންނަނީ އަލްބިއުމިން އެވެ. އެވްރެޖްގޮތެއްގައި ކޮންމެ ޑެސިލިޓަރެއްގައި 4ގްރާމްގެ އަލްބިއުމިން ހުރެއެވެ. އެހެންކަމުން ޕްލާޒްމާ ޕްރޮޓީންގެ 60އިންސައްތަ އަކީ އަލްބިއުމިން އެވެ. އަލްބިއުމިންގެ މޮލިކިއުލާ ބަރުދަން(M.w)އަކީ 6900އެވެ.


ގްލޯބިއުލިން[އުނިއިތުރު ގެންނަވާ]

ގްލޯބިއުލިންތަކުގެ ތެރޭގައި ހިމެނެނީ އަލްފާ 1،2، ބީޓާ1،2، އަދި ގާމާ ގްލޯބިއުލިން އެވެ. އެވްރެޖްގޮތެއްގައި ކޮންމެ ޑެސިލިޓަރެއްގައި 2.7ގްރާމްގެ ގްލޯބިއުލިން ހުރެއެވެ. ގްލޯބިއުލިންގެ މޮލިކިއުލާ ބަރުދަން އުޅެނީ 15600-90000އާއި ދެމެދުގައެވެ.


ފައިބްރިނަޖަން[އުނިއިތުރު ގެންނަވާ]

ޕްލާޒްމާގައި އެންމެ މަދުން ހުންނަނީ ފައިބްރިނަޖަން އެވެ. އެވްރެޖްގޮތެއްގައި ކޮންމެ ޑެސިލިޓަރެއްގައި 0.3ގްރާމްގެ ފައިބްރިނަޖަން ހުރެއެވެ.ފައިބްރިނަޖަންގެ މޮލިކިއުލާ ބަރުދަނަކީ 340000އެވެ.


ޕްލާޒްމާ ޕްރޮޓީން އުފެދުން[އުނިއިތުރު ގެންނަވާ]

ގާމާ ގްލޯބިއުލިން(gamma globulin) ފިޔަވައި އެހެން ހުރިހާ ޕްލާޒްމާ ޕްރޮޓީންތަކެއް އުފެދެނީ ފުރަމޭގެ ތެރޭގައެވެ. ގާމާ ގްލޯބިއުލިން އުފެދެނީ ލިމްފޮއިޑް ޓިޝޫ(Lymphoid tissue)ތަކުގެ ތެރޭގައި ޕްލާޒްމާ ސެލް(Plasma cells) އޭ ކިޔޭ ސެލްތަކަކުންނެވެ. ގާމާ ގްލޯބިއުލިން އުފެދެނީ ބެކްޓީރިއާ ނުވަތަ އެހެންވެސް ހަށިގަނޑާއި ނުރައްޓަހި އެއްޗެއް ބީ ލިމްފަސައިޓް ހީވާގިކުރުމުންނެވެ. ގާމާ ގްލޯބިއުލިންތަކަށް އިމިއުނޯ ގްލޯބިއުލިންސް(Ig)، ނުވަތަ ހަށިދަމަނަ(Antibodies)އޭ ވެސް ކިޔައި އުޅެއެެވެ. ހަށިގަނޑުން ލޭބޭރުވުން ފަދަ ކަމެއްގެ ތެރޭގައި ޕްލާޒްމާ ޕްރޮޓީންތައް ބީވެގެން ދިއުމުން އަލުން އެޕްރޮޓީންތައް އުފައްދައެވެ. ބައެއް އިންފެކްޝަންތައް ނުވަތަ ބަލިތައް މިބުނި ގޮތަށް އަލުން ޕްލާޒްމާ ޕްރޮޓީން އުފެދުމަށް ހުރަސްއަޅައެެވެ.

އެއްއަހަރު ފުރިހަމަނުވާ ތުއްތު ކުދިންގެ ހަށިގަނޑުގައި ޕްލާޒްމާ ޕްރޮޓީން އެކުލެވޭ މިންވަރު ދަށެވެ. މައިގަނޑު ގޮތެއްގައި މިނިސްބަތް ދަށީ އަލްބިއުމިން އެކުލެވޭ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. މާބަނޑުވުމަށް ފަހު ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އަލްބިއުމިން އަދި ގްލޯބިއުލިންގެ މިންވަރު ޕްލާޒްމާގައި ދަށްވެއެވެ. ނަމަވެސް ފައިބްރިނަޖަންގެ މިންވަރު މިމުއްދަތުގެ ތެރޭގައި މަތިވެއެވެ.


ޕްލާޒްމާ ޕްރޮޓީންގެ މަސްދަރު[އުނިއިތުރު ގެންނަވާ]

އާންމުގޮތެއްގައި ޕްލާޒްމާ ޕްރޮޓީން އުފެދެނީ ކާނާގައި ހިމެނޭ ޕްރޮޓީން(Food protien)ތަކުންނެވެ. ނަމަވެސް ހައިކަންމަތީ ގިނައިރު ހުރެއްޖެނަމަ ނުވަތަ ބަނޑުހައިހޫނުކަން ދިގުމުއްދަތަކަށް އިހްސާސްކުރަންޖެހިފައިވާ ހާލުގައި ޓިޝޫތަކުގައި ހިމެނޭ ޕްރޮޓީން(Tissue protein)ތަކުން ވެސް ޕްލާޒްމާ ޕްރޮޓީން އުފެދެއެވެ. މިބުނި ދެއުސްލޫބުގެ ދަށުން ޕްލާޒްމާ ޕްރޮޓީން އުފެދޭގޮތް ތިރީގައި މިވަނީ އެވެ.


ކާނާގައި ހިމެނޭ ޕްރޮޓީން[އުނިއިތުރު ގެންނަވާ]

ކާނާގައި ހިމެނޭ ޕްރޮޓީން ޕްލާޒްމާ ޕްރޮޓީން އުފެއްދުމަށް އެންމެ އެކަށީގެންވަނީ ކާނާގައި ހިމެނޭ ޕްރޮޓީން އަންނަނިވި ގޮތްތަކަށް ހުރި ނަމައެވެ.

  • ކާނާގައި ހިމެނޭ ޕްރޮޓީންގެ އޮނިގަނޑާއި، ޕްލާޒްމާ ޕްރޮޓީންގެ އޮނިގަނޑު އެއްގޮތްވުން
  • ބަޔޮލޮޖިކަލް ވެލިއޫ މަތި ޕްރޮޓީންތަކެއްކަމުގައިވުން ނުވަތަ އަމިނޯއެސިޑްތަކުން މުއްސަދިވެފައިވާ ޕްރޮޓީންތަކެއް ކަމުގައިވުން
  • މަހުން ނެގޭ ޕްރޮޓީން އަލްބިއުމިން އުފެދުމަށް ބާރު އަޅައެވެ. ހަމަމިހެން ގަސްގަހާގެހީގެ ބާވަތްތަކުން ނެގޭ ޕްރޮޓީންތައް ގްލޯބިއުލިންތައް އުފެދުމަށް ބާރު އަޅައެވެ. އިންފެކްޝަން ނުވަތަ ބަލީގެ ހާލަތްތަކުގައި މިބުނި ދެގޮތަށް ޕްރޮޓީން އުފެދުން ދަށްކުރެއެވެ.


ޓިޝޫގައި ހިމެނޭ ޕްރޮޓީން[އުނިއިތުރު ގެންނަވާ]

މިޕްރޮޓީންތައް ދެބަޔަކަށް ބެހިގެންވެއެވެ.

  • ސާބިތު ޕްރޮޓީންތައް(Fixed proteins) : މިއީ ސެލްތަކުގެ ދިރުމަށް ކޮންމެހެން ބޭނުންވާ ޕްރޮޓީން ތަކެވެ. މިޕްރޮޓީންތައް ސެލްތަކުން ބޭރަށް ނުނިކުތުމުގެ ސަބަބުން ޕްލާޒްމާ ޕްރޮޓީންތަކަށް ބަދަލެެެއް ނުވެއެވެ.
  • ރިޒާވަރގެ ގޮތުގައި ހުންނަ ޕްރޮޓީންތައް(Reserve proteins) : މިޕްރޮޓީންތައް ދެބަޔަކަށް ބެހިގެންވެއެވެ.
  • އާވެއާވެ ހުންނަ ޕްރޮޓީންތައް(Labile proteins) : މިވައްތަރުގެ ޕްރޮޓީންތަކުގެ އޮނިގަނޑު ޕްލާޒްމާ ޕްރޮޓީންތަކާއި އެއްގޮތެވެ. ޕްލާޒްމާ ޕްރޮޓީންގެ މިިންވަރު ދަށްވެއްޖެ ނަމަ މަދު މިނިޓުކޮޅެއްގެ ތެރޭގައި ސެލްތަކުގެ ދެމެދުގައިވާ ހުސްތަނުން ނިކުމެ، ލޭގެތެރެއަށް ވާސިލްވެއެވެ. އެއީ ހަށިގަނޑުން ލޭބޭރުވުން ފަދަ ކަމެއްގެ ސަބަބުން ޕްރޮޓީންތައް ލެއިން މަދުވިޔަނުދީ ސާބިތުކަންމަތީ އޭގެ މިންވަރު ދެމެހެއްޓުމަށްޓަކައެވެ.
  • ބޭނުންވާ ވަރަށްވުރެ އިތުރަށް ހުންނަ ޕްރޮޓީންތައް(Dispensable proteins) : މިވައްތަރުގެ ޕްރޮޓީންތައް ފުރަމޭއަށް ވާސިލްވެ، ހަކަތަ އުފެއްދުމުގައި ބައިވެރިވެއެވެ. އަދި ބަނޑުހައިހޫނުކަން އިހްސާސްކުރަންޖެހިފައިވާ ހާލުގައި ޕްލާޒްމާ ޕްރޮޓީންތައް އުފައްދައެވެ.


ޕްލާޒްމާ ޕްރޮޓީންގެ ވަޒީފާ[އުނިއިތުރު ގެންނަވާ]

  • ލޭމަނާކުރުމާއި، ލޭއައުން ހުއްޓުވުން(Hemostasis) : ފައިބްރިނަޖަން، ތްރޮމްބިން، އަދި ލޭގަނޑުވުމުގެ މަސައްކަތުގައި ބައިވެރިވާ އެހެނިހެން ބައެއް މާއްދާ ތަކަކީ ޕްލާޒްމާ ޕްރޮޓީން ތަކެވެ.


  • ކާނާގެ ގޮތުގައި ބޭނުންކުރުން: ދިގުމުއްދަތަށް ހައިހޫނުކަމުގައި ހޭދަކުރާނަމަ ޓިޝޫތަކަށް ބޭނުންވާ ކާނާގެ ގޮތުގައި ޕްލާޒްމާ ޕްރޮޓީންތައް ބޭނުން ކުރެވެއެވެ. އެއީ ހަށިގަނޑުގައި ރައްކާކުރެވިފައި ހުރި ޕްރޮޓީންތައް މަދުވެ ދިއުމަށްފަހު ގައެވެ.


  • ކާބަންޑައި އޮކްސައިޑް އުފުލުން: ޓިޝޫތަކުން ފުއްޕާމެޔަށް ގެންދާ 10އިންސައްތަ ކާބަންޑައި އޮކްސައިޑް ފުއްޕާމެޔަށް ދަނީ ޕްލާޒްމާ ޕްރޮޓީންތަކާއި އެއްވެގެންނެވެ. މިގޮތުން އަމައިނޯ ގްރޫޕް(Amino group)ގެ ޕްލާޒްމާ ޕްރޮޓީންތަކާއި، ކާބަންޑައި އޮކްސައިޑް އެއްވެ، ފުއްޕާމެޔަށް ވާސިލްވަނީ ކާބަމައިނޯ ކޮމްޕައުންޑް (Carbamino compound)އެއްގެ ގޮތުގައެވެ. ފުއްޕާމޭގައި ކާބަން ޑައިއޮކްސައިޑް ހަށިގަނޑުން ބޭރުވުމުން، ޕްރޮޓީންތަކުގެ އަމައިނޯ ގްރޫޕް އަލުން އެޕްރޮޓީންތަކުގައި ރައްކާކުރެއެވެ.


  • ކުދިލޭހޮޅިތަކުގެ ޕާމިއެބިލިޓީ(Permeability) ކޮންޓްރޯލްކުރުން : ޕްލާޒްމާ ޕްރޮޓީންތައް ކުދިލޭހޮޅި ތަކުގެ ފާރުގައިވާ ލޯވަޅު(Pore)ތައް ބަންދުކުރުމުން އެލޭހޮޅިތަކުގެ ޕާމިއެބިލިޓީ އަށް ވަކި ހުދޫދެއް ކަނޑައެޅިގެން ދެއެވެ. ޕްލާޒްމާ ޕްރޮޓީންތައް މަދުވުން ނުވަތަ ލޭގައި ޕްރޮޓީން މަދުވުން(Hypoproteinemia) ގެ ހާލަތުގައި ކުދި ލޭހޮޅިތަކުގެ ޕާމިއެބިލިޓީ މަތިވެ، އެޑީމާ(Odema) އުފެދޭގޮތް ވެއެވެ. އެޑީމާގެ މާނައަކީ ހަށިގަނޑުގެ ޓިޝޫ ނުވަތަ ގުނަވަނެއް ނުވަތަ މުޅިހަށިގަނޑުގައި ފެންފަދަ ދިޔާ މާއްދާއެއް ޖަމާވުމުގެ ސަބަބުން އެޖަމާވި ތަނެއް ދުޅަވެ ފޮއްސިވެ، ފުފޭގޮތްވުމެވެ.


  • ހޯރމޯންތަކުގެ ހަރަކާތް : ބައެއް ހޯރމޯންތަކަކީ އެ ހޯރމޯންތައް އަމާޒުކުރެވިފައިވާ ސެލްތަކާއި ދިމާލަށް ޕްލާޒްމާގެ ތެރޭގައި ދައުރުވެގެން ވާސިލްވާ އެއްޗެކެވެ. މިސާލު: ޕިޓޫއިޓަރީ ހޯރމޯންތަކާއި، އަދި ޕަރަތައިރޮއިޑް ހޯރމޯން އޭގެ އަމާޒަށް ވާސިލްވަނީ ލޭގެ ތެރެއިންނެވެ.


  • ހަށިގަނޑު ބަލިތަކުން ދިފާޢުކުރުން : ގާމާ ގްލޯބިއުލިން ތަކަކީ ބެކްޓީރިއާ އަށް ހަމަލަދީ، ވިހަތަކުގެ ބާރު ކަނޑުވައިދޭ ހަށިދަމަނަ ތަކެކެވެ. އެހެންކަމުން ގާމާ ގްލޯބިއުލިންތަކަށް އިމިއުނޯގްލޯބިއުލިްންސް(Ig) އޭ ކިޔައެވެ.


  • ރައްކާކުރުމާއި، ހިމާޔަތް ކުރުން: ޕްލާޒްމާ ޕްރޮޓީންތައް ވަރަށް ގިނަ މާއްދާތަކާއި ދޫދޫކޮށް(loosely) ތަތް ނުވަތަ އެއްވެއެވެ. މިގޮތުން ޕްލާޒްމާ ޕްރޮޓީން އެމާއްދާތަކާއި އެއްވާ މާއްދާތަކުގެ ތެރޭގައި ތައިރޮއިޑް ހޯރމޯން ނުވަތަ ތައިރޮކްސިންއާއި، ކޯޓިޒޯލް ހޯރމޯންއާއި، ދަނގަޑު އަދި ކޮޕަރ ހިމެނެއެވެ. މިގޮތަށް އެއްވުމުން މިމާއްދާތައް ޓިޝޫތަކުގެ ތެރޭގައި ފަސޭހަކަމާއި އެކު ފެތުރިގެންދިއުމާއި، ކުޑަކަމުދާތަކެއްޗާއި އެކު މިމާއްދާތައް ބޭރުވެގެން ދިއުން ހިމާޔަތް ކޮށްދެއެވެ. އެއީ ޕްލާޒްމާ ޕްރޮޓީންތައް ގުރުދާގެ ގްލޯމެރިއޫލް(Glomerule)ތަކުން ފުރާނަ ނުދޭތީ އެވެ. ހަމަމިހެން މިބުނި ގޮތަށް އެއްވުމުން މިމާއްދާތަކުގެ ރިޒާވަރެއްގެ ގޮތުގައި ޕްލާޒްމާ ޕްރޮޓީންތައް ހަރަކާތްތެރި ވެއެވެ. އެއީ ޕްލާޒްމާ ޕްރޮޓީންތަކުން މިމާއްދާތައް ބޭރުކުރާމިންވަރު ލަސްވާތީ އެވެ.


  • ލެއަށް ތަތްކަން ނުވަތަ އޮލަކަން(Viscosity) ގެނައުން: ލޭ ތަތްކަން ނުވަތަ އޮލަކަން ދެމެހެއްޓުމުގައި ލޭގެ ރަތް ސެލް ތަކާއެކު ޕްލާޒްމާ ޕްރޮޓީންތައް ބައިވެރިވެއެވެ. މިމަސައްކަތުގައި ބައިވެރިވަނީ ފައިބްރިނަޖަން އާއި ގްލޯބިއުލިން ތަކެވެ. އެއީ މިބުނި ދެމާއްދާގެ މޮލިކިއުލާ ބަރުދަން މަތިކަމުންނެވެ. މިކަމުގެ ސަބަބުން ކުދި ކުދި ލޭހޮޅިތަކުގައި ލޭދައުރުވުމާއި ދެކޮޅަށް ބާރެއް (Peripheral vascular resistance) އުފައްދައެވެ. މިކަމުގެ ސަބަބުން ލޭގެ ޕްރެޝަރ ދެމެހެއްޓުމުގައި އެހީތެރިވެދެއެވެ. އަރިމަތީ ލޭހޮޅިތަކުގައި ނުވަތަ ކުދިކުދި ލޭހޮޅިތަކުގައި ލޭދަރުވުމާއި ދެކޮޅު ބާރު ކަނޑައަޅަނީ ދެކަމެއްގެ ސަބަބުންނެވެ. އެއީ ލޭހޮޅިތަކުގެ ވަށަމިނާއި، ލޭގެ އޮލަކަމެވެ.


  • ޓިޝޫ ތަކުގެ ދިޔާބައި(Tissue fluid) އުފެދުން: ހަށިގަނޑުގައި ދިޔާތަކެތި ހުންނަނީ ޕްލާޒްމާއާއި، ސެލްތަކުގެ ދެމެދުގައިވާ ހުސްތަނުގައި ހުންނަ ދިޔާތަކެތި(Interstitial fliud)އާއި ދެމެދު ބަދަލުވެ، ބަދަލުވެއެވެ. މިގޮތަށް ބަދަލުވަނީ ކުދިލޭހޮޅިތަކުގައި ހިގާ ފުރޭނުން(Filtration)އަދި ދެމުން(Absorption)، މިދެކަމުގެ ސަބަބުންނެވެ. ފުރޭނުމުގެ ބާރު(Filtraion force) އަކީ މައިގަނޑުގޮތެއްގައި ހައިޑްރޯސްޓެޓިކް ކެޕިލަރީ ޕްރެޝަރ(Hydrostatic capillary pressure)އެވެ. ދެމުމުގެ ބާރު(Absorption force) އަކީ ޕްލާޒްމާ ޕްރޮޓީންގެ އިފެކްޓިވް އޮސްމޮޓިކް ޕްރެޝަރ(Effective osmotic pressure)އެވެ. މާނައަކީ އޭގެ އޮންކޮޓިކް ޕްރެޝަރ(Oncotic pressure)އެވެ.

ލޭގައި ޕްރޮޓީން މަދުވުމުން އޮންކޮޓިކް ޕްރެޝަރ ދަށްވެއެވެ. މިހެންވުމުން ސެލްތަކުގެ ދެމެދުގައި ހުންނަ ދިޔާބައި ދަމާވަރަށްވުރެ، ފުރޭނިގެންދާވަރު އިތުރުވެއެވެ. މިއާގުޅިގެން މިބުނި ދިޔާތަކެތި ގިނައަދަދަކަށް ޖަމާވެ ފޮއްސިވާ ގޮތްވެއެވެ.


  • ލޭގެ ބަފަރ ކުރުމުގެ ބާރު(Buffering power)ގެ 15-7 އިންސައްތަ އުފައްދަނީ ޕްލާޒްމާ ޕްރޮޓީންގެ ސަބަބުންނެވެ. ލޭގެ ޕީއެޗް(PH) 7.4ގައި ހުންނައިރު ޕްލާޒްމާ ޕްރޮޓީން މަސައްކަތް ކުރަނީ ބާރުދެރަ އެސިޑެއްގެ ގޮތުގައެވެ. އަދި ބޭސް(Base)ތަކާއި އެއްވެއެވެ. މިގޮތުން މައިގަނޑު ގޮތެއްގައި ޕްލާޒްމާ ޕްރޮޓީން އެއްވަނީ ސޯޑިއަމް އަޔަން(Na+)އާއި އެވެ. މިސާލަކަށް ލެކްޓިކް އެސިޑް (Lactic acid) ފަދަ ބާރުގަދަ އެސިޑެއް ބަފަރވާގޮތް ތިރީގައި މިވަނީ އެވެ.

ލެކްޓިކް އެސިޑް + ސޯޑިއަމް ޕްރޮޓިނޭޓް ސޯޑިއަމް ލެކްޓޭޓް + ޕްރޮޓިނިކް އެސިޑް