ޔޫސުފުގެފާނު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޔޫސުފުގެފާނަކީ ޔައުޤޫބުގެފާނުގެ ބާރަ ބޭފުޅުންގެ ތެރެއިން އެއް ބޭފުލެކެވެ. މި ކަލެގެފާނަކީ ވެސް ނަބީ ބޭކަލެކެވެ. ޔޫސުފްގެފާނުގެ ޙަޔާތްޕުޅުގެ ވާހަކަތައް ކީރިތިޤުރުއާނުގައި ފެށިގެން އަންނަނީ، އެކަލޭގެފާނަށް ފެނިވަޑައިގަންނަވާ ހުވަފެންފުޅެއްގެ ޚަބަރުންނެވެ. 11 ތަރިއާއި، އިރާއި ހަނދު އެކަލޭގެފާނަށް ސަޖިދަކުރާތީ ދެކެވަޑައިގަތް ހުވަފެންފުޅުގެ ވާހަކަ، ބައްޕާފުޅު ޔަޢްޤޫބު ޢަލައިހިއްސަލާމްގެ އަރިހުގައި ދެންނެވުމުން، ބައްޕާފުޅުގެ ނަޞޭޙަތަކަށްވީ އެ ހުވަފެންފުޅުގެ ވާހަކަ އެކަލޭގެފާނުގެ އެހެން އަޚުންނަށްވެސް ހާމަނުކުރައްވާ ސިއްރުކުރެއްވުމެވެ.


ޔޫސުފްގެފާނަކީ، މޫނުފުޅު ނުހަނު އަލި، ބުރުސޫރަ ރިވެތި ބޭކަލެކެވެ. އެކަލޭގެފާނުގެ މައްޗަށް، ބައްޕާފުޅު ޔަޢްޤޫބުގެފާނުގެ ހިތްޕުޅުގައި މާބޮޑު ކުލުނުވެތިކަމަކާއި ލޯތްބެއް އޮންނަކަމަށް، އެކަލޭގެފާނުގެ އެއްބަފާ އަޚުންނަށް ކުރެވެންފެށި ކުށްހީތަކުގެ ނަތީޖާއެއްގެގޮތުން، އެ ހުރިހާ އަޚުންގެ ހިތްތަކުގައި، ޔޫސުފްގެފާނާއިމެދު ޙަސަދަވެރިކަން އުފެދެއެވެ. އަދި މިޙަސަދައިގެ ގިނި ގަދަވެ، ޔޫސުފްގެފާނު ގޮވައިގެން އެކަލޭގެފާނުގެ އަޚުން ދުރު ހިސާބަކަށްގޮސް، ދަތުރުވެރީން ފެންނެގުމަށްޓަކައި ހަދާފައިހުރި ފުން ވަޅެއްގެ ތެރެއަށް އެކަލޭގެފާނު އެއްލާލިއެވެ. އަދި ޔޫސުފްގެފާނުގެ ގަމީސްކޮޅުގައި ޖަނަވާރެެއްގެ ލޭ އުނގުޅައިގެން ބައްޕާފުޅުގެ އަރިހަށް އެނބުރިއައިސް، ތުއްޕުޅު ޔޫސުފްއާއި، މިނިވާވަގެއް ޙަމަލަދީ، ޔޫސުފް ކާލައިފިކަމަށް ޚަބަރުދިނެވެ.


ވަޅުގެ ތެރެއަށް ވައްޓާލާފައިވާ ތުއްޕުޅު ޔޫސުފް، ފެނުނީ، ފެން ހޯދުމަށް އެ ވަޅުގެ ކައިރިއަށް އައި ޤާފިލާއެއްގެ ބަޔަކަށެވެ. އެދުވަސްވަރަކީ އަޅުންގެގޮތުގައި އިންސާނުން ވިއްކުމުގެ ބާޒާރު ތިޔާގި ދުވަސްވަރެއްކަމުން ޤާފިލާގެ މީހުން، ޔޫސުފްގެފާނު ހޮވައިގެން، އެފަދަ ބާޒާރަކަށް ގެންގޮސް ނޯކިރީކޮށްދޭ އަޅުކުއްޖެއްގެގޮތުގައި ވިއްކާލީއެވެ.


ބާޒާރުން ޔޫސުފް ބައްލަވައިގަތީ، މިޞްރުގެ ޚަޒާނާތަކުގެ ވަޒީރެވެ. އޭނާ ޤަޞްދުކުޅައީ ދަރިއެއްގެގޮތުގައި ޔޫސުފްގެފާނު ބެލުމަށެވެ. މިގޮތުގައި ވަޒީރުގެ ގޭގައި ޔޫސުފްގެފާނު އުޅުއްވަނިކޮށް، ވަޒީރުގެ އަނބިކަނބަލުން، ނުރަނގަޅު ގުޅުންތަކެއް ޔޫސުފްގެފާނާއިއެކު ބޭއްވޭތޯ ގަދަބާރުން މަސައްކަތްކުރިއެވެ. މިކަމުގެ ޚަބަރުތައް ބޭޒާރުވެ، އުފެދުނު ފިތުނައިގެ ނަތީޖާއަކީ، ޔޫސުފްގެފާނު ޖަލުގައި ހައްޔަރުކުރުމެވެ. ޖަލުގެ މިތުރުންގެގޮތުގައި ދެމީހަކު ޔޫސުފްގެފާނަށް ލިބިވަޑައިގަތެވެ. އެދެމީހުންނަށް ފެނުނު ހުވަފެން ޔޫސުފްގެފާނު ތަޢުބީރުކޮށްދެއްވިއެވެ. ޖަލުގެ ދެ މިތުރުންނާއިމެދުވެސް ކަން ހިނގައިދިޔައީ ޔޫސުފްގެފާނުގެ ތަޢުބީރާއި އެއްގޮތަށެވެ. ޖަލުން ސަލާމަތްވެ، ރާފޮދު އަރުވާ އޮގަރުގެ މަޤާމް ލިބުނުމީހާއަށް ޔޫސުފްގެފާނުގެ މަތީން ހަނދާންވީ، ރަސްގެފާނަށް ފެނިވަޑައިގަންނެވި ހުވަފެންފުޅެއްގެ ތަޢުބީރު ހޯއްދެވުމަށް ރަސްގެފާނު ބޭނުންފުޅުވި ހިސާބުންނެވެ.


ޖަލުގައި ހުންނެވި ޔޫސުފްގެފާނު، ރަސްގެފާނުގެ ހުވަފެންފުޅުގެ ތަޢުބީރު ވިދާޅުވެދެއްވިއެވެ. ޔޫސުފްގެފާނުގެ ތެދުވެރިކަމާއި ކުށެއްނެތްކަން ރަސްގެފާނަށް އެނގިވަޑައިގެންފިހިނދު، ޖަލުން ސަލާމަތްކުރައްވާ، ޚަޒާނާތަކުގެ ވަޒީރެއްކަމުގައި ލެއްވިއެވެ.


ރަސްގެފާނުގެ ހުވަފެންފުޅާއިވިދިގެން އައި ތިޔާގި ހަތްއަހަރަށްފަހު، ދެން ފެށުނު ތަދުމަޑުކަމުގެ ހަތް އަހަރުގައި، ކާބޯތަކެތި ހޯދުމަށް އެކިހިސާބުން އައި ޖަމާޢަތްތަކުގެތެރޭގައި، ޔޫސުފްގެފާނުގެ އަޚުންވެސް ހިމެނިއްޖެއެވެ. އޭރު ޔޫސުފްގެފާނު ހުންނެވީ، މިޞްރު ރަސްގެފާނުގެ ފުރިހަމަ ދަރަޖައާއި ޢިއްޒަތުގައެވެ. ރަސްކަމުގައި އެހުންނެވީ، އެއުރެންގެ އަތްތަކުން ފުން ވަޅަކަށް ވައްޓާލި ޔޫސުފްގެފާނުކަން، އެކަލޭގެފާނުގެ އަޚުންނަށް އެނގުނީ ގިނަ ގިނަ ހާދިސާތަކެއް ހިނގައިދިޔުމަށްފަހުއެވެ. ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚުންނަށް މަޢާފްކުރައްވާ ހެޔޮދުޢާކުރެއްވިއެވެ. އަދި އަޚުން ފޮނުއްވައިގެން ބައްޕާފުޅު ޔަޢްޤޫބް ޢަލައިހިއްސަލާމް ގެންނެވިއެވެ.


އަށްޑިހަ އަހަރަށްވުރެ ގިނަދުވަހުގެ ހިތާމައާއި ދިގު އިންތިޒާރަށްފަހު ރަސްކަމުގެ ދަރުބާރެއްގެ ތެރެއިން، ފުރިހަމަ ޢިއްޒަތުގައި ދެބަފައިކަލުން ބައްދަލުވެވަޑައިގަނެއެވެ. އެހިނދު ޔޫސުފްގެފާނުގެ އެގާރަ އަޚުންނާއި، ބަފައިކަލުންނާއި މައިކަނބަލުން، އިޙްތިރާމާއިއެކު ޔޫސުފްގެފާނަށް ކުރުނީސްކުރެއެވެ. ޔޫސުފްގެފާނަށް ފެނިވަޑައިގަތް ހުވަފެންފުޅުގެ ތަޢުބީރަކީ މިއީއެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]