ސްޓްރޯކް ޖެހުން
ސްޓްރޯކް ޖެހުން (އިނގިރޭސި ބަހުން: stroke) އަކީ މުޅި ހަށިގަނޑުން ނުވަތަ ހަށިގަނޑުގެ ބަޔަކުން ބާރުކެނޑޭ ބައްޔެކެވެ. މިބައްޔަށް ބައެއް ފަހަރު ވާގިނެތޭ ބަލި ނުވަތަ ވާބަލި އޭވެސް ކިޔައެވެ. ލޭމައްޗަށް ދިއުމުގެ ސަބަބުން ސިކުނޑީގެ ލޭހޮޅިއެއް ފެޅުން ނުވަތަ ބެދުމަށް ބޭސްވެރިކަމުގެ ބަހުރުވައިގައި ކިޔަނީ ސްޓްރޯކް އެވެ. އަދި ބައެއް ފަހަރު ބްރެއިން އެޓޭކް ވެސް ކިޔައެވެ. ސްޓްރޯކްގެ ސަބަބުން ސިކުނޑީގެ ވަކި ހިސާބަކަށް ލޭގެންގޮސްދޭ ހޮޅި ބަންދުވެ، އެހިސާބަށް ލިބެންޖެހޭ އޮކްސިޖަން އާއި ގުލްކޯޒް ނުލިބުމުގެ ނަތީޖާއަކީ ސިކުނޑީގެ ވަކި ހިސާބަކަށް ލޭނުލިބި އެހިސާބުގެ މަސައްކަތްހުއްޓި ސިކުނޑީގެ އެބައި މަރުވުން އެވެ. އަދި މިކަމަށް އަވަސް ފަރުވާ ނުދެވިއްޖެނަމަ އެގެއްލުމަކީ ރަގަޅު ނުކުރެވޭ ދާއިމީ ގެއްލުމަކަށް ވެދާނެއެވެ.
ވާގިނެތޭ ބަލީގެ ވައްތަރުތައް
[އުނިއިތުރު ގެންނަވާ]ވާގިނެތޭ ބަލީގެ ދެވައްތަރެއް ވެއެވެ. ފުރަތަމަ ވައްތަރަކީ ލޭހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ވާގިނެތޭ ބަލި ކުރިމަތިވުން ނުވަތަ ލޭފޭއްދުމުގެ ސަބަބުން ކުރިމަތިވާ ވާގިނެތޭ ބަލި (އިނގިރޭސި ބަހުން: Haemorrhagic Stroke) އެވެ. ދެވަނަ ވައްތަރަކީ ސިކުނޑީގައި ގަނޑުލޭކޮޅެއް އުފެދުމުގެ ސަބަބުން ވާގިނެތޭ ބަލި ކުރިމަތިވުން ނުވަތަ ސިކުނޑީގައި ގަނޑުލޭކޮޅޭއް އުފެދުމުގެ ސަބަބުން ކުރިމަތިވާ ވާގިނޭ ބަލި (އިނގިރޭސި ބަހުން: Ischemic Stroke) އެވެ. މިދެ ހާލަތުގައި ވެސް ސިކުނޑިވަނީ އޮކްސިޖަން އަށް ފެންބޮވައިގެން ފައެވެ. ނަތީޖާއެއްގެ ސިކުނޑީގެ ސެލްތައް ހަލާކުވެ، ސެލްތައް މަރުވުން ކުރިމަތި ކުރުވައެވެ.
މިލިޔުމުގައި 16ފެބުރުއަރީ 2010 ގެ ހަވީރު ނޫހުގައި ޑރ ޢަބުދުﷲ އުބައިދު ލިޔެފައިވާ ލިޔުމެއްގެ ބައެއް ހިމެނެއެވެ. |
ސްޓްރޯކްގެ ދެވައްތަރެއް ވެއެވެ.
- ފުރަތަމަ ވައްތަރަކީ ލޭހޮޅިތަކުގެ ތެރޭގައި ގަނޑުއެތިކޮޅެއް އުފެދި، އެއެތިކޮޅު ލޭހޮޅީގެ ތެރޭގައި ދަތުރުކޮށްފައި ގޮސް، ސިކުނޑީގެ ލޭހޮޅިއެއްގެ ތެރޭގައި ތާށިވެ، އެހޮޅި ބެދޭގޮތް ވުމެވެ. ގިނަ ފަހަރަށް މިފަދަ ގަނޑު އެތިކޮޅު އުފެދެނީ ކޮލެސްޓްރޯލް ގިނަވެ، ލޭހޮޅިތަކުގެ ތެރޭގައި އަށަގަނެ( ކޮބަނޑި ގަނޑެއްގެ ސިފައިގައި ލޭހޮޅީގެ ތެރޭގައި ޖަމާވެ)އޭގެ އެތިކޮޅެއް އެތަނުން ނެއްޓި ލޭހޮޅިތަކުގެ ތެރޭގައި ދައުރުވާން ފެށުމުންނެވެ. މިވައްތަރުގެ ސްޓްރޯކަށް ދެވިފައިވާ ނަމަކީ އިސްކިމިކް ސްޓްރޯކް އެވެ. ސްޓްރޯކް ޖެހުމުގެ 80 އިންސައްތަ އަކީ މިވައްތަރުގެ ސްޓްރޯކްކަން ފާހަގަ ކުރެވެއެވެ.
- ސްޓްރޯކް ޖެހުމުގެ ދެވަނަ ވައްތަރަކީ ހީމޮރޭޖިކް ސްޓްރޯކް އެވެ. މިއީ ލޭގެ ޕްރެޝަރު މަތިވެ، ސިކުނޑީގެ ލޭހޮޅިތައް ފަޅައިގެން ގޮސް، ލޭއޮހޮރުމުގެ ސަބަބުން ސިކުނޑީގެ ބައެއް ހިސާބުތައް ފިތި، އެތަނުން ކުރާ މަސައްކަތް ހުއްޓާލުން އެވެ. މިއީ ވެސް ލޭމައްޗަށްދާމީހުންނަށް ކުރިމަތިވާ ވަރަށް ނުރައްކާތެރި ޙާލަތެކެވެ.
ފެނިދާނެ އަލާމާތްތައް
[އުނިއިތުރު ގެންނަވާ]ވާގިނެތޭ ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ، ވާޙަކަ ދައްކަން އުދަގޫވުން، ހިނގުމަށް އުދަގޫވުން، އަދި ބައެއް އެހެނިހެން ކުދިކުދި ކަންތައްތައް ކުރަން އުދަގޫވުން ފަދަ ކަންތައްތައް ހިމެނެއެވެ. ލޭމައްޗަށްދިއުން ހުންނާތީ ބޭސް ބޭނުންކުރަމުންދާނަމަ، ސްޓްރޯކެއް ޖެހުމުގެ އަލާމާތްތައް އެނގި އެކަމަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކާއި މަޝްވަރާކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ސްޓްރޯކެއް ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ:-
- ކުއްލިއަކަށް ހަށިގަނޑުގެ އެއްފަރާތް ވާގިދަށްވެ އައްސިވާހެން ހީވުމާއި، މޫނުގެއެއްފަޅިން ވާގިނެތޭހެން ހީވުން
- އެއްލޮލުގެ ނުވަތަ ދެލޮލުގެ ފެނުން ކުއްލިއަކަށް ދަށްވެ ނުވަތަ ފުސްވުން
- ކުއްލިއަކަށް ހަށިގަނޑުގެ އެއްފަރާތް ހަރަކާތްނުކުރެވި ވާވުން
- ކުއްލިއަކަށް އަނބުރައިގަންނަގޮތް ވުމާއި، މޭނުބައިކުރުމާއި ހޮނޑުލެވުމާއި ބޮލުގައި ރިހުން
- ވާހަކަ ދައްކަން އުދަގޫވުމާއި ދައްކާވާހަކަ އޮޅުން ނުފިލުން
- ކާއެއްޗެތި ދިރުވަން އުދަގޫވުން
- ހަށިގަނޑުގެ ހަމަ ހިފެހެއްޓުން ގެއްލުމާއި އަތާއި ފައިގެ ކޯޑިނޭޝަން ގެއްލުން
- ހިނދުކޮޅަކަށް ނަމަވެސް ހޭނެތުން
- ކުއްލިއަކަށް ވާނުވާނޭނގި ހައިރާންކަމެއްގެ ތެރެއަށް ގެއްލުން
ފަރުވާ
[އުނިއިތުރު ގެންނަވާ]ސްޓްރޯކެއް ޖެހުމަކީ ކުއްލި ޙާލަތެކެވެ. ވުމާއެކު ވީހާވެސް އަވަހަށް ފަރުވާ ދެވޭނެ ހިސާބަކަށް ބަލިމީހާ ގެންދިއުމަކީ ކުރަންޖެހޭނެ ކަމެކެވެ. ފަރުވާ ދިނުން ލަސްވެ ގިނައިރުވީ ވަރަކަށް ކުރީގެ ހުރި ފުރިހަމަ ޞިއްޙަތަށް އެނބުރި ދިއުމުގެ ފުރުޞަތު ހަނިވާނެއެވެ. ކުރިން އިޝާރާތްކުރި އަލާމާތްތައް ފާހަގަކުރެވޭނަމަ، ލަސްނުކޮށް ހޮސްޕިޓަލަށް ގެންދެވޭނެގޮތެއް ހަމަޖެހިފައި އޮންނަންވާނެ އެވެ. އިމަޖެންސީ ޙާލަތްތަކުގައި ގުޅާނެ ނަންބަރާއި، އަދި އެމްބިޔުލެންސް ޚިދުމަތަށް އެދޭނެގޮތް މިފަދަ ބަލިމީހުންނަށް ކުރިއްސުރެ އެނގިފައި އޮންނަންވާނެ އެވެ. ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ބަލިމީހާގެ ހާލަތު ބެލުމުގައި ނޭވާލާތޯއާއި، ލޭދައުރުކުރޭތޯ އާއި، ހޭހުރިތޯ ބަލައި މިފަދަ ކަމެއްގައި މައްސަލައެއްވާނަމަ އަވަސްފަރުވާ ދޭންވާނެއެވެ. ހޮސްޕިޓަލަށް ގެންދިއުމަށްފަހު ބަލިމީހާގެ ނޭވާލުމާއި، ހިތުގެ ވިންދު، އަދި ލޭދައުރުވުން ހަމައަކަށް އެޅުވުމަށްފަހު، ބޮލުގެ ސީޓީ ސްކޭން، ހެދުމަކީ މިފަދަ ކަމެއް ދެނެގަތުމަށްޓަކައި، ކުރާނެ ޓެސްޓެވެ. މިޓެސްޓްގައި ސިނކުޑީގެ ތެރެއަށް ލޭއޮހޮރިފައިވާނަމަ، ނުވަތަ ވަކިހިސާބަކަށް ލޭގެންގޮސްދިނުން ހުއްޓި، އެހިސާބުގެ މަސައްކަތް ހުއްޓިފައިވާނަމަ، އެކަން ދެނެގަނެވޭނެ އެވެ. އެއަށްފަހު ޑޮކްޓަރަށް ފެންނަ އެންމެ ރަގަޅު ގޮތަކަށް ބަލިމީހާގެ ހަގީގީ ފަރުވާ ފަށާނެއެވެ. އާންމު ގޮތެއްގައި ސްޓްރޯކް ޖެހުމުން ދޭނީ ބޭހުގެ ފަރުވާ އެވެ. މިކަހަލަ ހާލަތެއްގައި ސިކުނޑީގެ އޮޕަރޭޝަނެއް ކޮށް އެތަނުގައިވާ ލޭތަން ނެރުމަކީ ކުރާނެ ކަމެއް ނޫނެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ސްޓްރޯކް ޖެހިގެން ސިކުނޑީގެ ތެރެއަށް ލޭއެޅިފައިވާ މީހުން ވަގުތުން އޮޕަރޭޝަން ކުރުމަކީ ބަލިމީހާގެ އެހާލަތަށް އެއްވެސް ލުޔެއް ލިބޭކަމެއް ނޫނެވެ. ވުމާއެކު މިފަދަ މީހުންނަށް ފަރުވާކުރަނީ ހާލު ދެރަނަމަ އައިސީޔޫގައި ބާއްވައި ބޭސްދީގެންނެވެ. މީގެ ތެރޭގައި ލޭގެ ޕްރެޝަރު ދަށްކުރުމަށް ދޭބޭހާއި، ސިކުނޑީގެ ޕްރެޝަރު ދަށްކުރުމަށް ދޭ ބޭސްތައް ހިމެނެއެވެ. އަދި ފިޓްޖެހުން މަނާކުރަން ދޭ ބޭސް ވެސް ހިމެނެއެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
[އުނިއިތުރު ގެންނަވާ]- ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްފައި ބެހެއްޓުން : ޑޮކްޓަރު ދީފައިވާ ޕްރެޝަރުގެ ބޭސް ބޭނުންކުރުން ހުއްޓާލުމަކީ މިފަދަ މައްސަލަ ދިމާވުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. ބައެއް ބަލިމީހުންނަށް ޑޮކްޓަރު ދޭ އިރުޝާދު ރަގަޅަށް އޮޅުން ނުފިލާކަން ފާހަގަކުރެވެއެވެ. އަދި އުމުރުން ދުވަސްވީ ބައެއް މީހުންނަށް މިފަދަ ބޭހެއް ކާންޖެހުމުގެ މުހިއްމުކަން ކިޔާނުދީ އޮތުމަކީ ވެސް މިކަންކަން ކުރިމަތިވުމުގެ އެއް ސަބަބެވެ.
- ސިކުނޑިއާއި ބޮލަށް ލޭގެންގޮސްދޭ ލޭހޮޅިއެއްގައި މައްސަލަ ދިމާވެފައިވާ މީހުން ޑޮކްޓަރުގެ ފަރުވާ އަށް ފަރުވާކުޑަ ނުކޮށް ހުއްޓާނުލާ ފަރުވާ ކުރިޔަށް ގެންދިއުން
- ހަށިގަނޑުގެ ބަރުދަން މައްޗަށްދިޔަނުދީ ކޮންޓްރޯލް ކުރުމާއެކު ކަސްރަތުކުރުން
- ހަކުރު ބައްޔަށް ބޭސް ބޭނުންކުރާނަމަ ހަކުރު ކޮންޓްރޯލްގައި ބެހެއްޓުން
- ހިތުގެ ބަލިތަކަށް ވަކިން ޚާއްޞަކޮށް ހިތުގެ ވިންދުގައި މައްސަލަތަކެއް ދިމާވާ މީހުންނަށް ކުރާ ފަރުވާ ތަކުގައި އިހްމާލްނުވެ، ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ބޭސްކުރަމުން ގެންދިއުން
- ދުންފަތުގެ އިސްތިއުމާލުކުރާނަމަ އެކަން ވަގުތުން ހުއްޓާލުން
- ކޮލެސްޓްރޯލް މަތިވެފައިވާ މީހުން އެކަން ކުޑަކުރުމަށް ބޭސް ބޭނުންކުރުން