ސްކްރަބް ޓައިފަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސްކްރަބް ޓައިފަސް(އިނގިރޭސި ބަހުން: Scrub Typhus) އަކީ ރިކެޓްސިޔާ ސޫސުގަގަމޫޝީ(އިނގިރޭސި ބަހުން: Ricketssia Tsutsugamushi) ކިޔާ ކުޑަ ކުޑަ އޯގަނިޒަމް އަކުން ޖެހޭ ބައްޔެކެވެ. މިއޯގަނިޒަމް ދިރިއުޅެނީ މީދާ، ހިކަނދި ފަދަ ތަކެތީގެ ކެހެރި ތަކުގެ ތެރޭގައި އުޅޭ ސެއްޅި އެއްގެ ހަށިގަނޑުގައެވެ. ރިކެޓްސިޔާ ސޫސުގަގަމޫޝީ އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ކުރިން ބުނި ފަދަ ސެއްޅިއެއް އިންސާނާގެ ހަށިގަނޑުގައި ދަތް އަޅައި ހެދުމުގެ ތެރޭގައެވެ. މިބަލި ޖައްސާ އޯގަނިޒަމް ރިކެޓްސިއާ ާ ސޫސުގަގަމޫޝީ އަށް ރިކެޓްސިޔާ އޮރިއެންޓަލިސް (އިނގިރޭސި ބަހުން: Ricketssiae orientalis) އޭ ވެސް ކިޔައި އުޅެއެވެ. ސްކްރަބް ޓައިފަސް ޖައްސާ އޯގަނިޒަމް ދިރިއުޅޭ ސެއްޅި ކުރިން ބުނި ޖަނަވާރު ތަކުގެ ކެހެރިތަކުގެ ތެރޭގައި ދިރިއުޅުމުގެ އިތުރުން ޖަންގަލީ ތެރޭގައި ހުންނަ ބައެއް ކަހަލަ ކުނި ބުނި ތަކުގެ ތެރޭގައި ވެސް ދިރިއުޅޭކަން ފާހަގަ ކުރެވެއެވެ. އަދި ބައެއް ފަހަރު ބިންގަޑާއި ވިނަގަނޑުގެ ތެރޭގައި ވެސް ދިރިއުޅެއެވެ. ޚާއްޞަކޮށް، ވާރޭ ވެހިގެން ތެމިފައި ހުންނަ ބިންގަޑުގައި ވަރަށް ފަސޭހަ ކަމާއެކު އާލާވެއެވެ. މިފަހަކަށް އައިސް ހޯދިފައިވާ ގޮތުގައި ޖަންގަލީގެ އިތުރުން ފަރުބަދަތައް އެކުލެވޭ ހަނަފަސް ސަހަރާގެ ބިންތަކާއި، ދޮންވެލީގެ އައްސޭރިފަށް ހިމެނޭ ހިސާބުތަކުން ވެސް ބަލި ފެނިފައިވެއެވެ.

ރިކެޓްސިޔާ ސޫސުގަމޫޝީ[އުނިއިތުރު ގެންނަވާ]

ރިކެޓްސިޔާ ސޫސުގަމޫޝީ(އިނގިރޭސި ބަހުން: Ricketssia Tsutsugamushi) އަކީ ބެކްޓީރިޔާ ގެ ސައިޒަށް ހުންނަ ރިކެޓްސިޔާ އާއިލާއަށް ނިސްބަތްވާ ޖަރާސީމެކެވެ. މައިކްރޮސްކޯޕެއްގެ ދަށުން ރިކެޓްސިޔާ ފެންނާނީ ދިގުކޮށް ( ސީދާ ދަނޑިކޮޅެއްގެ ސިފަަޔަށް ) ނުވަތަ ވަށް ( ވަށްބޯޅައެއްގެ ސިފަޔަށް ) އެއްޗެއްގެ ސިފަޔަށެވެ. ރިކެޓްސިޔާ ސޫސުގަމޫޝީ އެއެއްޗެއްގެ ހަށިގަނޑުގައި ދިރިއުޅޭ ސެއްޅި ނިސްބަތްވަނީ ލެޕްޓޯޓްރޮޕީޑިއަމް އަކަމޫޝީ، އަދި ލެޕްޓޯޓްރޮޕީޑިއަމް ޑެލިއެންސް ކިޔާ ވައްތަރަކަށެވެ. ސެއްޅީގެ ދިރިހުރުމުގެ ބުރުގައި 4 މަރުޙަލާއެއް ކަނޑަތުކުރެއެވެ. އެއީ ބިސް، ލާރވާ، ނީމްފް، އަދި ފުރިހަމަ ސެއްޅި އެވެ. ބަލި ޖައްސާ ޖަރާސީމް ސެއްޅީގެ މުޅި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ހުރެއެވެ. ނަމަވެސް އެންމެ ގިނައިން ހުންނަނީ ކުޅުއުފައްދާ ގޮށްތަކުގައެވެ. ސެއްޅި އޭގެ ކާނާ ހޯދުމަށް އިންސާނުންނާއި، އެހެނިހެން ޖަނަވާރުތަކުގައި ދަތްއަޅާ ހިނދު، މިބަލި ޖައްސާ ޖަރާސީމް އިންސާނުން ނުވަތަ އެޖަނަވާރެއްގެ ހަށިގަނޑުގެ ތެރެއަށް ދެއެވެ. މިބައްޔަށް ސޫސުގަމޫޝީ ބަލި (އިނގިރޭސި ބަހުން: tsutsugamushi disease)މިހެންވެސް ކިޔައި އުޅެއެވެ. ސޫސުގަމޫޝީ(އިނގިރޭސި ބަހުން: Tsutsugamushi) އަކީ ޖަޕާން ބަހުގައި ވަކި ދެލަފުޒެވެ. ސޫސުގަ(އިނގިރޭސި ބަހުން: Tsutsuga) މާނައަކީ ކުޑަ އަދި ނުރައްކާތެރި އެއްޗެއް މިއެވެ. މޫޝީ(އިނގިރޭސި ބަހުން: mushi) ގެ މާނައަކީ މަޚްލޫޤް ނުވަތަ ދިރޭއެއްޗެއް މިއެވެ.

ބަލީގެ ތާރީޚް އަދި އާންމު ހިސާބުތައް[އުނިއިތުރު ގެންނަވާ]

ސްކްރަބް ޓައިފަސް ފެތުރުމުގެ ފުރުޞަތު ވިއްސާރަ މޫސުމްގައި އިތުރުކަން ފާހަގަ ކުރެވެއެވެ. ބަލި އާންމުކޮށް ފެންނަނީ އިރުމަތީ އޭޝިޔާ ( ޖަޕާން، ފިލިޕީންސް، ކޮރެޔާ )، ދެކުނު އޭޝިޔާ ( އިންޑިޔާ، ސްރީލަންކާ، ދިވެހިރާއްޖެ ) އަދި އޮސްޓްރޭލިޔާގެ އުތުރު ހިސާބުތަކުންނެވެ. ދުނިޔެއިން ފުރަތަމަ މިބަލި ފެނިފައިވަނީ 1899 ވަނަ އަހަރު ޖަޕާނުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ވަރަށް ގިނަ މީހުން މިބަލީގައި މަރުވެގެން ގޮސްފައިވާކަން ރިކޯޑްތަކުން ދައްކައެވެ.

ދިވެހިރާއްޖޭގައި ސްކްރަބް ޓައިފަސް[އުނިއިތުރު ގެންނަވާ]

ސްކްރަބް ޓައިފަސް ގެ ހާލަތްތައް ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިގިރޭސީން ސ.ގަން ހިފައިގެން ތިބި ދުވަސްވަރު އެވެ. މިގޮތުން 1941 ވަނަ އަހަރު ސ.އަތޮޅު ގަމުގައި ތިބި އިގިރޭސީންގެ 42 މީހަކަށް މިބަލިޖެހިފައިވާ ކަމަށް ވެއެވެ. 1942 ވަނަ އަހަރު 582 މީހުންނަށް، 1943 ވަނަ އަހަރު 382 މީހުންނަށް، އަދި 1944 ގައި 92 މީހުންނަށް ސްކްރަބް ޓައިފަސް ޖެހިފައިވާ ކަމަށް އިންޓަނެޓްގެ ބައެއް ވެބްސައިޓްތައް ބުނެއެވެ. އެދުވަސްވަރު އިގިރޭސި ސިފައިންގެ ތެރޭގައި މަސައްކަތްކުރެއްވި ޑޮކްޓަރެއްކަމަށްވާ ޖޭއާރު އޫޑީ ތައްޔާރުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުގައި އެދުވަސްވަރު އައްޑު އަތޮޅުގައި އާދަޔާ ޚިލާފަށް މީދާ ގިނައެވެ. އަދި މިބަލި ޖައްސާ ސެއްޅި އުޅޭކަމަށް ފާހަގަކުރެވޭ ތަންތަން ހުރިކަމަށް ބަޔާންކޮށްފައި ވެއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިންޑިޔާގެ ޓީމަކުން ދެކުނު އޭޝިޔާގެ 23 ހިސާބެއް ބަލި ޖައްސާ ޖަރާސީމް އުފުލާ ސެއްޅިއުޅޭތޯ ބެލުމަށް ޗެކްކޮށްފައި ވެއެވެ. އެފަހަރު އައްޑު އަތޮޅުގެ ބައެއް ހިސާބުތައް ވެސް ބަލައިފައިވެއެވެ. އިގިރޭސީން ދިވެހިރާއްޖެ ދޫކޮށްދިޔަފަހުން ސްކްރަބް ޓައިފަސް ޖެހިގެން މީހަކު ފަރުވާ ހޯދައި، ނުވަތަ ދުނިޔެ ދޫކޮށް ދިޔަކަން އެނގޭކަން ނެތެވެ. އޭގެ ފަހުން 2002 ވަނަ އަހަރުގެ ހޫނު މޫސުމުގެ ތެރޭގައި ދިވެހިރާއްޖެއިން ސްކްރަބް ޓައިފަސްގެ ކޭސްތައް ފެންނަމުންދާ ކަމަށް ކަމާއި ބެހޭ ޞިއްޙީ ދާއިރާތަކުން ހާމަކޮށްފައި ވެއެވެ. 2002 ވަނަ އަހަރުގެ ޖުލައި- އޮގަސްޓް މަސް ހިސާބުގައި ގދ. ގައްދޫއިން ސްކްރަބް ޓައިފަސް ޖެހިގެން 3 މީހަކު މަރުވެފައިވާ ކަމަށް ވެއެވެ. އެއާއި ގުޅިގެން ތައިލޭންޑްގެ ބެންކޮކްގައި ހުންނަ އާރމްޑް ފޯރސަސް ރިސާރޗް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް ކިޔާ އިންސްޓިޓިއުޓެއްގެ ފަރާތުން ބަލިދެނެގަނެ، ބަލި ކޮންޓްރޯލް ކުރުމުގެ އެހީއަށް އެދިފައި ވެއެވެ. 2002 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިއިންސްޓިޓިއުޓަށް ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 31 މީހެއްގެ ސްޕެސިމެން ( ލޭގެ 4 ސާމްޕަލް، ސިރޮލޮޖިކް 28 ސާމްޕަލް ) ފޮނުވިފައި ވެއެވެ. ބަޔާންކުރެވުނު އިންސްޓިޓިއުޓުން ހާމަކޮށްފައިވާ ގޮތުގައި އެފަހަރު ފޮނުވުނު 28 ސިރޮލޮޖިކް ސާމްޕަލްގެ ތެރެއިން 14 ސާމްޕަލް ގެ ނަތީޖާ ދައްކާފައިވަނީ ބައްޔަށް ޕޮޒިޓިވްކޮށެވެ. އެއަށްފަހު 2002 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ( ހަވީރު ނޫސް 27 އޮކްޓޯބަރު 2002 ) މިއިންސްޓިޓިއުޓްގެ ކަމާބެހޭ 4 ތަޖުރިބާކާރަކު، ގދ. ގައްދޫގައި ބައްޔާއި ބެހޭ ދިރާސާތަކެއް ކޮށްފައި ވެއެވެ. އެޓީމްގެ އިސްވެރިއެއްގެ ގޮތުން ހުންނެވީ މޭޖަރ ޑޮކްޓަރ މައިކަލް ލުއިސް އެވެ. ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއިން އިސްމީހަކަށް ހުރީ ޑރ އަހުމަދު ރާޒީ އަދި ޑރ ޢަބުދުލް ޢަޒީޒް ޔޫސުފް އެވެ. 2002 ވަނަ އަހަރުގެ މެއި 28 ން 2003 ވަނަ އަހަރުގެ އެޕްރީލް 27 އަށް އިސްވެ ބަޔާންކުރެވުނު އިންސްޓިޓިއުޓާއި، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ކަމާބެހޭ ފަރާތްތައް ގުޅިގެން ހޯދި ހޯދުންތަކާއި ބެލިބެލުންތަކުން އެނގުނުގޮތުގައި ސްކްރަބް ޓައިފަސް ޖެހިފައިވާ 168 މީހަކު އެކި އަތޮޅުތަކުން ފާހަގަ ކުރެވުނެވެ. ނަމަވެސް ލެބޯޓަރީ ތަޙްލީލުތަކުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 38 މީހުންނެވެ. އޭގެ ތެރެއިން 10 މީހަކު ވަނީ މިބަލީގައި ދުނިޔެ ދޫކޮށް ގޮސްފައެވެ. ބަޔާންކުރެވުނު 168 މީހުން ތިބިކަމަށް ފާހަގަކުރެވިފައިވާ އަތޮޅު ތަކަކީ، ހއ، ހދ، ށ، ރ، ބ، ކ، އއ،އދ، ދ،ތ،ލ،ގއ،ގދ، ޏ،ސ، މިއަތޮޅުތަކެވެ. މަރުވި 10 މީހުން ހިމެނެނީ ހއ،ހދ،ށ، އއ، އަދި ގއ، މިއިން ކޮންމެ އަތޮޅަކުން އެކަކު، ރ.އަތޮޅުން 2 މީހުން ގދ.އަތޮޅު (ގައްދޫން) އިން 3 މީހުންނެވެ. މިރިޕޯޓް ބުނާގޮތުގައި ބަލިޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން އެންމެގިނައީ ގއ.އަތޮޅު ގައެވެ. އެއަތޮޅުގައި ބަލިޖެހިފައިވާކަމަށް ޝައްކުކުރެވޭ 76 މީހުން ތިބިކަމަށް ލިޔެފައި ވެއެވެ. އޭގެ ތެރެއިން 16 މީހުންގެ ޓެސްޓްތައް ދައްކާފައިވަނީ ބަލިހުރިކަމަށެވެ. ބަލިހުރިކަމަށް ފާހަގަކުރެވޭ މީހުން އެންމެ ގިނައީ ގއ.ގައްދޫގައެވެ. އެއީ 57 މީހުންނެވެ. އޭގެ ތެރެއިން 12 މީހަކު ބަލިހުރިކަމަށް ދެއްކިއިރު 3 މީހަކު ބަލީގައި ދުނިޔެދޫކޮށް ގޮސްފައި ވެއެވެ. އޭގެ ތެރެއިން 2 މީހުންނަކީ ކުޑަކުދިންނެވެ. 2005 ވަނަ އަހަރުގެ ޖުލައި ( ހަވީރު ނޫސް 13 ޖުލައި 2005 ) މަހުގެ ތެރޭގައި ސ.އަތޮޅު މީދޫ ޞިއްޙީ މަރުކަޒުން ސްކްރަބް ޓައިފަސް ޖެހިގެން 3 މީހަކު ފަރުވާހޯދަމުންދާ ވާހަކަ ހާމަކޮށްފައިވެއެވެ. އެރިޕޯޓްގައިވާގޮތުން ފަރުވާ ހޯދަމުން ދިޔައީ 44 އަހަރުގެ އަންހެނަކާއި ކުޑަ ދެކުދިންނެވެ. އަދި 2005 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސ.މީދޫން ސްކްރަބް ޓައިފަސް ޖެހިފައިވާ މީހުން މަދުމަދުން ފެންނަމުންދާ ކަމަށް ބުނެފައިވެއެވެ. ސްކްރަބް ޓައިފަސް ސ.މީދޫގައި އުޅޭކަން ފުރަތަމަ ފާހަގަ ކުރެވިފައިވަނީ 2004 ވަނަ އަހަރުގައެވެ. އަދި މިރިޕޯޓްގައި 2004 ވަނަ އަހަރު ވެސް ސ.މީދޫގައި ސްކްރަބް ޓައިފަސް ޖެހިގެން އަންހެނަކު މަރުވެފައިވާ ކަމަށް ލިޔެފައި ވެއެވެ.

ސްކްރަބް ޓައިފަސް ޖެހުމުން ފެނިދާނެ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ސްކްރަބް ޓައިފަސްގެ އަލާމާތްތައް ސެއްޅި ދަތްއެޅުމަށްފަހު ބަލި ޖައްސާ ޖަރާސީމް ހަށިގަނޑަށް ވަންނަތާ 12-10 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފެންނަށް ފަށާނެއެވެ.

  • ކުއްލިއަކަށް ހީކެރުވުމާއެކު، ހުންއައުން
  • ދާހިއްލުން،
  • ހަށިގަނޑުގެ އެކި ހިސާބުތަކުގައި ރިހުން،
  • އަދި ބޮލުގައި ރިހުން މެދުވެރި ކުރުވައެވެ.

އެހެނިހެން އަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • އެކި ހިސާބުތަކުގައި ގޮށްލުން،
  • ސެއްޅި ހަފައި ދަތްއެޅި ހިސާބުގައި ފޮޅެއް އުފެދި، އެފޮޅު ފެޅި ފާރުކޮޅަކަށް ބަދަލުވެ، ފަހުން އެތާގެ ޓިޝޫތައް މަރުވެދެއެވެ.

ފުރަތަމަ ހަފްތާގެ ތެރޭގައި ހަށިގަނޑުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މަތިވެގެންދެއެވެ. އާންމު ގޮތެއްގައި 40 ޑިގްރީއަށް ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށްދާ ކަމަށް ބުނެވެއެވެ. ހުންއަންނަތާ 5 ވަނަ ދުވަހު ހަށިގަނޑުގެ މެދުބައި ( މޭމަތި، ބަނޑު، ބުރަކަށި، އުނަގަނޑު ހިމެނޭ ހިސާބު ) ގައި ރަތްކުލަ އަކަށް ހުންނަ ބިހިތަކެއް ފާޅުވާން ފަށައެވެ. އެއަށްފަހު އަތް އަދި ފަޔަށް މިބިތައް ފެތުރިގެންދެއެވެ. މިބިހިތައް ދުވަސްކޮޅެއްގެ ތެރޭގައި ބޮޑުވެ ފޮޅުތަކަށް ބަދަލުވުން، ނުވަތަ ތިރިވެ، އޭގެ އަސަރު ގެއްލިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. ފުރަތަމަ ހަފްތާގެ ތެރޭގައި ކެއްސުން ހުރުމާއެކު ހުންއައުން ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ދެވަނަ ހަފްތާގެ ތެރޭގައި ފުއްޕާމެޔަށް އަސަރުކޮށް ނިއުމޯނިޔާގެ ހާލަތު މެދުވެރިކުރުވައެވެ.

ބަލީގެ ނުރައްކާތެރި ޙާލަތުގައި ލޭދަށަށްދިއުން، މޭތެޅުން ނުވަތަ ހިތުގެ ވިންދު އަވަސްވުން ކުރިމަތިވެއެވެ. ހޭވެރިކަން ގެއްލުން ނުވަތަ ހޭނެތި ޚަބަރު ހުސްވުމަކީ ވެސް ވެދާނެ ގޮތެކެވެ. ހުންކޮށި ބޮޑުވުން، އަދި ހިތުގެ ވަށައިގެންވާ މަޑުމަހުގެ ފަށަލަ ދުޅަވާ ފަަހަރުވެސް އާދެއެވެ. ބައެއް މީހުންނަށް ކާހިތްނުވުން، ތުރުތުރުއެޅުން، ކަރަށްފިތި ބާރުވެފައިހުރުން ( ކަރު ހަރުއެރުން ) ވާހަކަ ދައްކަން އުދަގޫވުން، އަދި ބީރުވުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. މިކަންތައްތައް މެދުވެރިވަނީ ބަލިޖެހޭތާ 2 ވަނަ ހަފްތާގެ ތެރޭގައެވެ.

ސްކްރަބް ޓައިފަސް އިން ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

  • މީދާ، ހިކަނދި ފަދަ ބަލި ޖައްސާ ޖަރާސީމް އުފުލާ ސެއްޅި ދިރިއުޅޭ ޖަނަވާރުތައް މަދުކޮށް ނައްތާލުމުގެ ޕްރޮގްރާމްތައް ހިންގުން
  • ދަނޑުފަދަ ތަންތަނުގައި މަސައްކަތްކުރާއިރު ރައްކާތެރިވުމުގެ ގޮތުން އަންގި، ބޫޓް ފަދަ ތަކެތި ބޭނުންކުރުން
  • ސެއްޅި ފަދަ ތަކެތި ގާތްވިޔަ ނުދިނުމަށްޓަކައި އުފައްދާފައި ހުންނަ ސްޕްރޭ އެތަކެތި އުޅޭ ހިސާބުތަކަށް ޖެހުން
  • ދަނޑުތަކާއި އެހެނިހެން ހިސާބުތަކުގައި ކުނިބުނި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުން: އެއީ މިފަދަ ތަންތަނަކީ މީދާ ފަސޭހައިން އާލާވާނެ ތަންތަނަށްވާތީ އެވެ.
  • ބިންގަނޑަށް ފަނިފަކުސަ މަރާ ސްޕްރޭކުރުން: މިގޮތަށް ހެދުމުން ސެއްޅީގެ ދިރިހުރުމުގެ ބުރުގައި ބިމުގައި ހޭދަކުރާ މަރުހަލާ ފަނާކޮށް ނެތިކޮށްލުމުގައި އެހީއަކަށް ވެއެވެ.