ސުލްޠާން ޙަސަން (ނުވަވަނަ)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލްޠާން ޙަސަން (ނުވަވަނަ) ސުލްޠާން ޙަސަން (ނުވަވަނަ) އަކީ މީލާދީން 1550 ން 1552 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 957 ން 959 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 957 ވަނަ އަހަރުއެވެ.

ސުލްޠާން ޙަސަން (ނުވަވަނަ) ސިރީ ދިރިކުސަ ލޯކަ މަހާރަދުންނަކީ ސުލްޠާން ކަޅު މުޙައްމަދު ނުވަތަ ކަޅު މުޙައްމަދު ރަސްގެފާނުންގެ ޢުމަރު މާފަތް ކިލެގެގެ ދަރިކަލެކެވެ.

މަސީހީ ދީން ޚިޔާރުކުރެއްވުން[އުނިއިތުރު ގެންނަވާ]

ރާއްޖޭގެ ތަޚްތުގައި ރަސްކަން ކުރައްވާތާ 2 އަހަރާއި 5 މަސް ދުވަސް ވުމަށްފަހު އޭނާ އިސްލާމްދީން ދޫކުރެއްވުމަށް ގަސްތުކުރައްވައި އެކަން ފާޅުކުރައްވައިފި އެވެ. އޭގެ ފަހުން ހިޖުރައިން 959 ވަނަ އަހަރު ދިވެހިރާއްޖެ ދޫކުރައްވައި ކޮއްޗޭ އަށް ވަޑައިގެންފިއެވެ. އަދި އެތަނަށް ވަޑައިގަތްތާ ގިނަ ދުވަސްތަކެއް ނުވެ،ޢީސާއީ ދީނަށް ވަދެވަޑައިގެންފި އެވެ. ކޮއްޗޭގައި 2 އަހަރު ހުންނެވުމަށްފަހު، ގޯވާއަށް ވަޑައިގެން ޢީސާއީ ދީނުގެ މާތް މަތިކޮޅެއްގެ އަންހެނަކާއި ކައިވެނި ބައްލަވައިގެންފި އެވެ.

ޕޯޗުގީޒުންގެ މެދުގައި ސުލްޠާން ޙަސަން (ނުވަވަނަ) މަޝްހޫރުވެފައިވަނީ ދިވެހިރާއްޖޭގެ ޢީސާއީ ރަސްގެފާނު މިނަމުންނެވެ. ދިވެހިރާއްޖެއާއި ބެހޭގޮތުން ޕިރާޑް ލިޔުއްވާފައިވާ ފޮތުގައި މިރަދުންގެ ވަރަށް ގިނަ ވާހަކަތައް ލިޔެފައި ވެއެވެ. ޕިރާޑް ލިޔުއްވާފައިވާ ގޮތުން ސުލްޠާން ޙަސަން (ނުވަވަނަ) ޢީސާއީ ދީނަށް ވެއްދެވީ ކޮއްޗޭގައި ހުންނެވި، އެދީނުގެ މަޝްހޫރު ފާދިރީ، ސެންޓް ފްރެއިންޝިސް، ސޭވިޔަރ އެވެ. އެއީ 14 ޖެނުއަރީ 1552މ ގައެވެ.

ޕޯޗުގީޒުން ދިވެހިރާއްޖެ ފޮނުއްވުން[އުނިއިތުރު ގެންނަވާ]

ސުލްޠާން ޙަސަން (ނުވަވަނަ) ގިނިކަންޏާ ޢީސާއީ ދީނަށް ވަދެވަޑައިގެން ހިތްޕުޅެއް ހަމައެއް ނުޖެހުނެވެ. އޭނާ ބޭނުންވީ ދިވެހިރާއްޖޭގެ އެންމެ ވެސް ޢީސާއީ ދީނަށް ވެއްދުމަށެވެ. ސަބަބަކީ އެގޮތުން ވެސް ދިވެހިރާއްޖޭގެ ރަސްކަން އަނެއްކާވެސް އަތުލެއްވުމަށް ހިތްޕުޅުގައި އުފެދިފައިވާ ވަރުގަދަ އެދުމެވެ. އަދި އެގޮތުން ޕޯޗުގީޒުންގެ ގުރާބެއް ސުލްޠާން ޙަސަން (ނުވަވަނަ) ދިވެހިރާއްޖެއަށް ފޮނުއްވެވިއެވެ. އެގުރާބުގެ ވެރީންނަށް އަންގަވާފައި އޮތީ ރާއްޖޭގެ ވަޒީރުންނާއި ކުރިއަށް ތިއްބެވި މީހުން ހައްޔަރުކޮށްގެން ކޮއްޗޭއަށް ގެނައުމަށެވެ. ނަމަވެސް އެގުރާބު ފޮނުވައިގެން އެއްވެސް ކާމިޔާބީއެއް ނުލިބުނެވެ. ދިވެހިރާއްޖޭގެ ރައްޔިތުން އިބްރާހީމް ފާށަނާ ކިލެގެ ދަރިކަލުން އަބޫބަކުރު އާއި، އަލްވަޒީރު ޢަބުދުއް ރަޙުމާން ގެ ޢަލީ އާއި، ދެކަލުންގެ ވެރިކަމުގެ ދަށުގައި ޕޯޗުގީޒުންނާއި ދިމާކޮށް، އެމީހުންގެ ގުރާބު ދިވެހިން އަތުލައިގަތުމާއެކު، އެގުރާބުގައިވާ އެންމެން ހިފައި ހައްޔަރުކޮށް، ނުވަތަ މަރާލުމެވެ.

ސުލްޠާން ޙަސަން (ނުވަވަނަ) ޕޯޗުގީޒުން ރާއްޖެ ފޮނުވައިގެން ލިބުނު ނާކާމިޔާބީ އަކުން ވެސް ފިލާވަޅެއް ނުލިބުނެވެ. ޕޯޗުގީޒުން ދެވަނަ ފަހަރަށް ގުރާބެއްގައި ދިވެހިރާއްޖެއަށް ފޮނުއްވައިފި އެވެ. އެފަހަރުވެސް ނަޞްރު ލިބުނީ ދިވެހިންނަށެވެ. ޕޯޗުގީޒުންގެ ގުރާބު ދިވެހިން އަތުލައި އޭގައިވާ އެންމެން މަރާ ހުސްކޮށްފިއެވެ.

ސުލްޠާން ޙަސަން (ނުވަވަނަ) ދިވެހިރާއްޖެ ދޫކުރެއްވިތާ 2 އަހަރެއްހައި ދުވަސް ވަންދެން ދިވެހިރާއްޖޭގެ ތަޚްތު ހުރީ ހުސްވެފައެވެ. އެދުވަސްވަރު ތަކުގެ ތެރޭގައި ދައުލަތުގެ ކަންތައްތައް ހިންގުމުގެ އިންތިޒާމެއް ނެތެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ކުރިން ހުންނެވީ:
ސުލްޠާން މުޙައްމަދު (ތިންވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން އަބޫބަކުރު (ދެވަނަ)