ސުލްޠާން ޙަސަން ޢިއްޒުއްދީން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ސުލްޠާން ޙަސަން ޢިއްޒުއްދީން އަކީ މީލާދީން 1757 ން 1766 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. ބައެއް ފޮތްތަކުގައި މިރަދުން ރަސްކަންކުރެއްވީ މީލާދީން 1759 ން 1767 އަށް ކަމަށް ވެސް ލިޔެފައި ވެއެވެ. އެއީ ހިޖުރީ ގޮތުން 1173 ން 1180 އަށެވެ.


ނަސަބު[އުނިއިތުރު ގެންނަވާ]

ސުލްޠާން ޙަސަން ޢިއްޒުއްދީންގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ބައްޕާފުޅަކީ ހުރާ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ކިލެގެފާނު އެވެ. މަންމާ ފުޅަކީ މުލީ އަލްޚަޠީބު މުޙައްމަދުގެ ދި އާމިނާ އެވެ. އަނބިކަބަލުންނަކީ ފެންފުށީ ކަކާ ތަކުރުފާނުގެ އާމިނާ ކަނބާ އެވެ. މިހާރާއި ޖެހެންދެން ދިވެހިރާއްޖޭގައި ރަސްކަން ކުރައްވަމުން ވަޑައިގަންނަވާ ޚާންދާނުގެ ފެސޭ އަސްލަކީ ސުލްޠާން ޙަސަން ޢިއްޒުއްދީން އެވެ. އާދެ! ދިވެހި ތާރީޚްގައި މިރަދުން މަޝްހޫރުވެފައިވަނީ ދޮން ބަންޑާރައިން ގެ ނަމުންނެވެ.


ސިފަތައް[އުނިއިތުރު ގެންނަވާ]

ސުލްޠާން ޙަސަން ޢިއްޒުއްދީން އަކީ ވަރަށް ރީތި، ހައިބަވަންތަ ދޮންބޭފުޅެކެވެ. ހިތްވަރުފުޅު ގަދަ، ވިސްނުންތެރި ފަހުލަވާނެކެވެ. ވަފާތެރި އިޚްލާޞްތެރި އިންސާނެކެވެ. އޭނާގެ ހިތްވަރުފުޅު ގަދަކަމުގެ އިތުރުހެކިތަކެއް ބޭނުންތޯ އެވެ. ބައިވެރިވެ ވަޑައިގެންނެވި ހަނގުރާމަ ތަކުގެ މައްޗަށް ނަޒަރު ހިންގާލާއިރު އޮޅުމެއްނެތި ސާބިތުވަމުންދަނީ ދޮންބަންޑާރައިންގެ ހިތްވަރުފުޅު ގަދަކަމާއި، ހަނގުރާމަ ވެރިކަމެވެ.

މުކައްރަމް މުޙައްމަދު ޢިމާދުއްދީން ގެ މައްޗަށާއި، އާމިނާ ރަނިކިލެގެ ފާނުގެ މައްޗަށާއި، އިބްރާހީމް ރަސްގެފާނުންގެ މުޙައްމަދު މަނިކުފާނުންގެ މައްޗަށް އޭނާ ބެހެއްޓި ވަފާތެރިކަމާއި، އޯގާތެރިކަން، އޮޅުމެއްނެތް ގޮތުގައި ސާބިތުކުރަނީ އޭނާގެ ދީލަތިކަމާއި، ވަފާތެރި ކަމެވެ. ތެދުވެރިކަމާއި، އިންސާނިއްޔަތު ކަމެވެ.

ދޮންބަންޑާރައިން ރަސްކަން ކުރައްވާތާ ދުވަސްކޮޅެއްވީތަނާ، އިބްރާހީމް ރަސްގެފާނުންގެ މުޙައްމަދު މަނިކުފާނުން، ހޮޅީންގެ އަތުން ސަލާމަތްވެ ވަޑައިގެން މާލެ ވަޑައިގެންފި އެވެ. މިދެންނެވުނު މުޙައްމަދު މަނިކުފާނުންނާއި މެދުވެސް، ދޮންބަންޑާރައިން ކަންތައް ގެންދެވީ ވަރަށް މާތްކޮށެވެ. ގެންގުޅުއްވީ ފުރިހަމަ ޢިއްޒަތާއި މަތިވެރި ދަރަޖައިގައެވެ. އެމަނިކުފާނު ވަޑައިގަތުމަށްފަހު، ޢިއްޒަތް ދޭ ތަންތަނަށްވެސް ނެރުއްވަނީ އެމަނިކުފާނު އެވެ.

ސުލްޠާން ޙަސަން ޢިއްޒުއްދީން އަކީ ޢަދުލުވެރި އިންޞާފަށް ލޯބިކުރެއްވި ޢިއްޒަތްތެރި ރަސްކަލެކެވެ. ރައްޔިތުންނަށް އޯގާތެރި، ދައުލަތުގެ ކަންތައްތައް ހެޔޮގޮތުގެ މަތީން، ހިންގި ވެރިއެކެވެ. އެމަނިކުފާނުންގެ ނަންފުޅު ދިވެހި ތާރީޚްގައި ލިޔެވިގެންވަނީ ފަނޑުވުމެއް ނެތް ހިތް ފަސޭހަ ފެހިކުލައިންނެވެ.

ހޮޅިންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުން[އުނިއިތުރު ގެންނަވާ]

ހޮޅިން ރާއްޖޭގެ ވެރިކަން ކުރާތާ 4 މަސް ދުވަސް ވީފަހުން، ދިވެހިރާއްޖެ ހޮޅިންގެ އަތްދަށުން ސަލާމަތްކުރެއްވީ ހުރާ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ކިލެގެފާނުންގެ މާތްދަރިކަލުން ޙަސަން މަނިކުފާނު އެވެ. ދިވެހިރާއްޖޭގެ ތާރީޚްގައި ފަޚްރުވެރިކަމާއި މަތިވެރި ދަރަޖަ ލިބިވަޑައިގެންފައިވާ ސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިން ނެވެ. މަލާބާރީން ނުވަތަ ހޮޅިންގެ އަތްދަށުން ދޮންބަންޑާރައިން ދިވެހިރާއްޖެ ސަލާމަތްކުރީ 3 ޖުމާދިލް އާޚިރާ 1166 ވަނައަށްވި އާދީއްތަ ވިލޭރޭ ގައެވެ. ދިވެހިރާއްޖޭގައި ހުރަވީ ދުވަސް ފާހަގަ ކުރަނީ ދޮންބަންޑާރައިން ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ސަލާމަތްކުރެއްވުމަށް ނިސްބަތްކޮށް އެދުވަސް ފާހަގަކޮށް ހަދާން އާކުރުމުގެ ގޮތުންނެވެ.

ރަސްކަމަށް އިސްވުން[އުނިއިތުރު ގެންނަވާ]

ދޮންބަންޑާރައިން ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމާއި ގުޅިގެން ދިވެހި ރަސްކަމުގެ ތަޚްތަށް އިސްވެ ދެއްވުމަށް މާލޭގައި އެވަގުތު ތިބި ބޮޑުން އެދި ވަޑައިގަތެވެ. ދޮންބަންޑާރައިން ރާއްޖެ ސަލާމަތްކުރެއްވީ ވެރިކަމުގެ ދަހިވެތި ކަމުގައި ކަމަށް ނުވާތީ އެކަން ގަބޫލު ފުޅު ނުކުރައްވައެވެ. ނަމަވެސް އެބޭފުޅުން ތަކުރާރުކޮށް ދަންނަވަމުން ގެންދަވާތީ ވާނޭ އުޒުރެއް ނެތިގެން ދޮންބަންޑާރައިން ދިވެހި ރަސްކަމުގެ ތަޚްތަށް އިސްވެ ވަޑައިގަތީ 15 ރަބީޢުލް އާޚިރު 1173 ވީ ބުރާސްފަތި ދުވަހުއެވެ. 13 އަހަރާއި 3 މަސް ދުވަހު ވެރިކަން ހިންގެވިއިރު ރަސްކަން ކުރެއްވީ 7 އަހަރާއި ދުވަހު އެވެ.

ހަނގުރާމައެއް[އުނިއިތުރު ގެންނަވާ]

ދޮންބަންޑާރައިންގެ ސިޔާސީ ހިންގުންތެރިކަމަށް ބަލާއިރު، އެމަނިކުފާނުގެ ސިޔާސީ ހިންގުންތެރިކަމުގެ އެންމެ އުޖާލާ ދަލީލެއް ކަމުގައި އަޅުގަނޑު ދެކެނީ ފަރަންސޭސިންނާއި، އެމަނިކުފާނާއި ދެމެދު ކުރެވުނު ހަރުދަނާ މުޢާހަދާ އެވެ.


ހަދާންތަކާއި ބިނާތައް[އުނިއިތުރު ގެންނަވާ]

މަލާބާރީން ނުވަތަ ހޮޅިންގެ އަތްދަށުން ދޮންބަންޑާރައިން ދިވެހިރާއްޖެ ސަލާމަތްކުރީ 3 ޖުމާދިލް އާޚިރާ 1166 ވަނައަށްވި އާދީއްތަ ވިލޭރޭ ގައެވެ. ދިވެހިރާއްޖޭގައި ހުރަވީ ދުވަސް ފާހަގަ ކުރަނީ ދޮންބަންޑާރައިން ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ސަލާމަތްކުރެއްވުމަށް ނިސްބަތްކޮށް އެދުވަސް ފާހަގަކޮށް ހަދާން އާކުރުމުގެ ގޮތުންނެވެ.

މާލޭގެ ހުޅަގުކޮޅުގައި އުތުރުން ދެކުނަށް އޮންނަ ޢިއްޒުއްދީން ހިނގުން ނިސްބަތްކުރެވެނީ އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން އަށެވެ. ހަމަ މިހެން އެމަގުގައި ހުންނަ ޢިއްޒުއްދީން މިސްކިތް ވެސް ނިސްބަތްކުރެވެނީ އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން އަށެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ސުލްޠާން ޙަސަން ޢިއްޒުއްދީން ނުހަނު ޢަދުލުވެރިކަމާއެކު 7 އަހަރު ވަންދެން ރަސްކަން ކުރެއްވުމަށްފަހު އަވަހާރަވީ 3 ރަމަޟާން 1180ހ ވީ ހޯމަ ދުވަހުގައެވެ. ބައެއް ލިޔުންތަކުގައި ހުރީ ދޮންބަންޑާރައިން އަވަހާރަވީ 2 ރަމަޟާން ގައި ކަމަށެވެ. ދޮންބަންޑާރައިން އަވަހާރަވީ އިބްރާހީމް ރަސްގެފާނުގެ މުޙައްމަދު މަނިކުފާނު (ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު) އާއި ރަސްކަން ޙަވާލު ކުރައްވާފައެވެ. އޭނާގެ އެންމެ ފަހު ބަސްފުޅަކީ .......... މަނިކުފާނާއި ދިވެހި ރަސްކަމާއި ޙަވާލެވެ. އަޅުގަނޑުގެ ކުދިންނާއި، މާތް ރަސްކަލާންގެއާއި، ވަކީލެވެ. މިއެވެ. އަލްޣާޒީ ޙަސަން ޢިއްޒުއްދީން ފަސްދާނު ލެވިފައިވަނީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު ރަސްގެފާނުގެ ގުއްބުގެ ތެރޭގައި ، ހުކުރު މިސްކިތުގައެވެ.

މާތް ރަސްކަލާންގެ ދޮންބަންޑާރައިންނަށް ރަހުމަތުން ރަހުމަތް ލައްވައި، އެރަދުންގެ ބަރަކާތުން އެންމެހައި ދިވެހިންގެ ހިތްތަކުގައި ޙުއްބުލް ވަޠަންގެ އަގު މާތް ރޫޙު އުފައްދަވާށި އެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ފަތްތޫރަ - އެޕްރީލް 1981 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ފަތްތޫރަ - ނޮވެމްބަރ 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
ކުރިން ހުންނެވީ:
ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ)
ދިވެހިރާއްޖޭގެ ރަދުން
1766 - 1757
ފަހުން ވަޑައިގަތީ:
ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު