ސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)
ވިކިޕީޑިއާ އިން
| ޙަސަން ނޫރައްދީން (ދެވަނަ) | |
|---|---|
| Sultan | |
| ވެރިކަން ކުރެއްވީ | Maldives: 1935 - 1943 |
| ވެރިކަމާއި ހަވާލުވީ | 20 August 1938 |
| ފުރިހަމަ ނަން | ހަސަން ނޫރައްދީނުލް އިސްކަންދަރު |
| އުފަންވީ | 21 April 1887 |
| Male | |
| އަވަހާރަވީ | 1967 |
| In Ehgamuge,Male` | |
| ކުރިން ހުންނެވީ | ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) |
| ފަހުން ހުންނެވީ | ސުލްޠާން ޢަބްދުލްމަޖީދުދީދީ |
| އަނބިން/އަބިކަނބަލުން | Kudhi baigey Didi |
| Issue | Prince Abdullah Nooraddine
Prince Mohamed Nooraddine Princess Aneesa Nooraddine |
| Royal anthem | Salaamathi |
| ބައްޕަ | Kalhu Bandaarain |
| މަންމަ | Zulaikhaa(dhandi kosheegey Didi) |
އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ 1935 އިން 1943 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ނަސަބު
އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)، ނުވަތަ ކުޑަ ބަންޑާރަ އިންގެ ދަރިކަލުންނެވެ. ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން އެމަނިއްޕުޅުގެ ޢާންމު ނަންފުޅަކީ އެއްގަމުގޭ މަނިއްޕުޅު އެވެ. ނުވަތަ މާޖެހިގަނޑުވަރު މަނިއްޕުޅު އެވެ.އާއިލީ ގޮތުން ބަލާއިރު އައްސުލްޠާން މުޙައްމަދު ޝަމުސުއްދީނާއި ވަރަށް ތިމާގެ ބޭފުޅެކެވެ. އެއީ މުޙައްމަދު ޝަމުސުއްދީންގެ ބޮޑުބޭބެ ޙަސަން ޢިއްޒުއްދީން އަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. މިރަދުންގެ މަންމާފުޅަކީ ދަނޑިކޮށީގެ ދީދީ ނުވަތަ ޒުލައިޚާ އެވެ.
އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 27 ރަޖަބު 1304ހ، 21 އެޕްރީލް 1887މ ގައެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ 17 ޛުލްޤައިދާ 1353ހ، 21 ފެބުރުއަރީ 1935މ ގައެވެ. މިރަދުންނަކީ ރަސްކަމުގެ އާދަކާދަތައް ހިފެހެއްޓެވި، އަދި ޝާހީ ޢާއިލާއަށް ކަމޭހިއްތެވި، މަޑުމައިތިރި އަޚްލާޤެއްގެ ބޭފުޅެކެވެ. ޞުލްޙައަށް ލޯބިކުރެއްވި ރަސްކަލެކެވެ.
[އުނިއިތުރު ގެންނަވާ] ރަސްކަމުގެ ދުވަސްވަރު
އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމަށް އިސްކުރެވުނީ އޭގެ ކުރިން ރަސްކަމުގައި ހުންނެވި ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ރަސްކަމުން ދުރުކުރުމާއި ގުޅިގެން 21 ފެބުރުއަރީ 1935 ވީ ބުރާސްފަތި ދުވަހުގައެވެ. ރަސްކަމަށް ކޮލިލެވުނީ 21 ޖުލައި 1938 ގައެވެ. އެއީ ހިޖުރައިން 22 ޖުމާދިލް އޫލާ 1357 ވީ ބުރާސްފަތި ދުވަހެވެ. އަދި ރަސްކަމަށް ކޮލިލުމާއި ގުޅިގެން އެރަދުންގެ ކޮލި ނަންފުޅަކީ ކުލަ ސުންދުރަ ކަންތިރި ބަވަނަ މަހާރަދުންނެވެ. ރާއްޖޭގައި ރަސްކަމުގެ އިއްޒަތް ފުރިހަމަ ކުރުމުގެ ގޮތުން އެންމެ ފަހުން ކޮލިލާފައިވަނީ މިރަދުންނަށެވެ.
އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމުގައި ހުންނެވީ ހަމައެކަނި ފަތްފަތްކޮޅުގައި ސޮއިކުރައްވާ ރަސްކަލެއްގެ ގޮތުގައެވެ. ހަގީގީ ބާރު އޮތީ ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އާއި، އޭނާގެ ދަރިކަލުން އަލްއަމީރު ޙަސަން ފަރީދު ދީދީގެ އަތްޕުޅުގައެވެ.
ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށުނީ މިރަދުންގެ ރަސްކަމުގައެވެ. ހަނގުރާމައިގެ ތެރޭގައި މިރަދުން ރަސްކަމުން އިސްތިއުފާ ދެއްވި އެވެ. އެއީ 2 ރަބީޢުލް އާޚިރު 1362ހ، 8 އެޕްރީލް 1943 ވީ ބުރާސްފަތި ދުވަހު ގައެވެ. ރަސްކަމުން އިސްތިއުފާ ދެއްވީ 8 އަހަރު ދުވަހު ރަސްކަން ކުރެއްވުމަށްފަހު ގައެވެ. މިރަދުންގެ ރަސްކަމުގައި ބޮޑު ވަޒީރަކަށް ހުންނެވީ އަލްއަމީރު މުޙައްމަދު ފަރީދު، ފަހުން ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް އެވެ.
[އުނިއިތުރު ގެންނަވާ] ހިނގި މުހިއްމު ކަންތައްތައް
އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އިގެ ރަސްކަމުގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ ވާރު ކެނޑުން، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިގިރޭސި އައްޑުއަތޮޅު ގަމަށް ފޭބުން، ރައްޔިތުންގެ ބޮޑު އިސްޓޯރު ހުޅުވުން ފަދަ ކަންތައްތައް ހިމެނެއެވެ. އެންމެ ފަހުން ބޮޑު ތިލަދުންމަތި އައީ ވެސް މިރަދުންގެ ރަސްކަމުގައެވެ.
އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ އިގިރޭސި ވިލާތުގެ ރާޖާގެ ފަރާތުން ދިވެހި ރަސްކަލަކަށް ފުރަތަމަ ކޭސީއެމްޖީ ލިބިވަޑައިގެންފައިނެވި ރަދުންނެވެ. އަދި މިރަދުންނަކީ ރަސްކަމުގެ އިއްޒަތް ފުރިހަމަ ކުރުމުގެ ގޮތުން އެންމެ ފަހުން ކޮލިލެވުނު ރަދުންނެވެ.މިރަދުން ރަސްކަމަށް ކޮލިލީ 20 އޮގަސްޓް 1938 ގައެވެ. ކޮލީ ނަންފުޅަކީ ކުލަ ސުންދުރަ ކަންތިރި ބަވަނަ މަހާރަދުންނެވެ. ނަމަވެސް ބައެއް ލިޔުންތަކުގައި ކޮލި ނަންފުޅަކީ ސިރީ ބަވަނާއްދީއްތަ މަހާރަދުން ކަމުގައި ލިޔެފައި ވެއެވެ.
[އުނިއިތުރު ގެންނަވާ] ފާހަގަކުރެވޭ ސިފަތައް
އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) އަކީ އިސްކޮޅުން މެދުމިނުގެ ގައިގެ ކުލަކޮޅު ވަރަށް ދޮން ބޭފުޅެކެވެ. އެރަދުންގެ ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ދުނިޔޭގައި ތިއްބެވި ބޭފުޅުންނަކީ އަލްއަމީރު މުޙައްމަދު ނޫރައްދީން، އަލްއަމީރާ އަނީސާ ނޫރައްދީން، އަލްއަމީރާ ޒަރީނާ ނޫރައްދީން، މިތިން ބޭފުޅުންނެވެ.
[އުނިއިތުރު ގެންނަވާ] އަވަހާރަވުން
އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމުން ވަކިވެ ވަޑައިގެން ހުންނަވަނިކޮށް، މިމަނިއްޕުޅު އަވަހާރަވީ 5 މުޙައްރަމް 1387ހ، 15 އެޕްރީލް 1967 ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ގަލޮޅު ގަބުރުސްތާން ގައެވެ.
[އުނިއިތުރު ގެންނަވާ] އިތުރު ފޮޓޯތައް
[އުނިއިތުރު ގެންނަވާ] ރިފަރެންސް
- ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖިލިސް
- އިންޓަނެޓް ބައެއް ވެބްސައިޓްތައް
- ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ-1 – 1981 - ދިވެހިނާދީ /ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
- ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
| ކުރިން ހުންނެވީ: ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) |
ދިވެހިރާއްޖޭގެ ރަދުން 1935 - 1943 |
ފަހުން ވަޑައިގަތީ: ސުލްޠާން ޢަބްދުލްމަޖީދުދީދީ |