ގޮނު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ގޮނު ނުވަތަ ގޮށް

ގޮނު ނުވަތަ ގޮށް(އިނގިރޭސި ބަހުން: Ostracion cubicus)ނުވަތަ (އިނގިރޭސި ބަހުން: Yellow boxfish) މަހަކީ ރާއްޖޭގެ ފަޅުފަޅާއި ރަށްރަށުގެ ބޭރުމަތީގައި އުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 40 ސެންޓި މީޓަރަށެވެ. ގޮނަކީ މާބާރަށް ދުވެއުޅޭ މަހެއް ނޫނެވެ. ގޮނުގެ މިބާވަތަކީ އޭގެ ޅަ އުމުރުގައި ރީނދޫ ކުލައިގެ ކަޅު ތިކިތަކެއް ޖަހާފައި ހުންނަ މަހެކެވެ. މިބާވަތުގެ ޅަމަސް ފަރުފަރުގެ ގާތަކުގެ ތެރޭގައި ނިވާވެެގެން އުޅުމަށްފަހު ބޮޑެތި ވުމުން ރަށްރަށާއި، ފަރުފަރުގެ ބޭރަށް ނިކުމެއުޅެއެވެ.

ގޮނު ނުވަތަ ގޮށް މަހަކީ ހަތަރު އަރިއަށް، ހަރު ފޮށިގަނޑެއްހެން ހުންނަ މަހަކަށް ވުމާއެކު، މިމަހުގެ ބަނޑު ތެރޭގައި ހުންނަ ބައިބައި ނަގައި ސާފުކޮށް، ހިއްކުމަށްފަހު ގޭތެރޭގެ ޒީނަތްތެރި ކުރުމަށް ފާރުގައި ހަރުކޮށް އުޅެއެވެ. މިއީ ރާއްޖެއިން ދިރޭމަސް ބޭރުކުރާ ފަރާތްތަކުން ހިފައިގެން ބޭރުކޮށް އުޅޭ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރި ބައިގައި ވެސް 9 މަޑުކަށި ހުރެއެވެ. ކަންފަތް ގަނޑުގައި 11 މަޑުކަށި ހުރެއެވެ. މަސް ބޮޑުވާވަރަކަށް މަހުގެ ބައްޓަން ދިގުވެއެވެ. ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މިބާވަތުގެ މަހުގެ ހަންގަނޑުގައި ނުރައްކާތެރި ވިހައެއް އެކުލެވެއެވެ. މިއީ ދިވެހިން އާންމުކޮށް ކައިއުޅޭ މަހެއް ނޫނެވެ.