ގަބުޅިފައްޓާ ރޮނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ގަބުޅިފައްޓާ ރޮނޑު

ގަބުޅިފައްޓާ ރޮނޑު(ސައިންޓިފިކް ނަން: Rhinecanthus rectangulus)ނުވަތަ (އިނގިރޭސި ބަހުން: REEF TRIGGERFISH)އަކީ ރާއްޖޭގެ ތިލަ ފަޅުތަކުގައި ގިނައިންއުޅޭ ގަބުޅި ރޮނޑާއި ވަރަށް ގުޅުންހުރި ރޮނޑެކެވެ. މިއީ ފަރުބޭރުން ދުވާލުކުރާ މަސްވެރިކަމުގައި ބޭނޭ ރޮނޑެކެވެ. މިއީ އާންމުކޮށް ކެއުމަށް ބޭނުންކޮށްއުޅޭ މަހެއް ނޫނެވެ. ނަމަވެސް ދިރޭމަހުގެ ގޮތުގައި ރާއްޖެއިން ބޭރުކުރާ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 25 ސެންޓިމީޓަރަށެވެ. މަހުގެ ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕާއި، ފެއްސާއި، މަހެވެ.

ގަބުޅިފައްޓާ ރޮނޑުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 23 އާއި 24 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 20 އާއި 21 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ލޮލުގެ ކުރީގައި އެއްވެސް ކަހަލަ އަޑިވުމެއް ނުހުރެއެވެ. މަހުގެ ނިގޫކޮޅުގައި އާންމު ގޮތެއްގައި ހުންނަނީ ކަށި ހުޅުނބުގެ 4 ނުވަތަ 5 ރޮނގެވެ. މަހުގައި ހުންނަނީ މުށިކުލައެކެވެ. މިކުލަ ބަނޑުދަށް ފަރާތުގައި ހުންނަނީ ތަންކޮޅެއް ފަނޑުކޮށެވެ. މަހުގެ ދެފަރާތުގައި ކަތިކޮށް ހުންނަ ކަޅުކުލައިގެ ފައްޓާއެއް ހުންނަ ކުރެހުމެއް ވެއެވެ. މަހުގެ ނިގޫކޮޅުގައި ކަޅުކުލައިގެ ތިނެސްކަން ކުރެހުމެއް ހުރެއެވެ. މަހުގެ ކަންފަތްގަނޑުގެ ބުޑުދަށް ހުންނަނީ އޮރެންޖް ކުލައިގައެވެ.

މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މިއީ ގަބުޅި ރޮނޑުގެ ބާވަތެއް ކަމުގައިވާތީ މަހުގެ ޚާއްޞަ ސިފަޔަށްބަލާ މިމަހަށް ގަބުޅިފައްޓާ ރޮނޑު ކިޔާފައިވަނީއެވެ.