ލޯބޮޑު ކަންނެލި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ލޯބޮޑު ކަންނެލި

ލޯބޮޑު ކަންނެލި (ސައިންޓިފިކް ނަން: Thunnus obesus)ނުވަތަ (އިނގިރޭސި ބަހުން: Bigeye tuna) އަކީ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން ވަރަށް ބޮޑުވާ މަހެކެވެ. މިއީ ހޫނު ކަނޑުތަކުގައި އުޅޭ މަހެކެވެ. މިއީ ރީނދޫ އުރަހަ ކަންނެއްޔާއި، އުޅުމުންނާއި، ބައްޓަމުން ވަރަށް އެއްގޮތް ކަންނެއްޔެކެވެ. ޚާއްޞަކޮށް މިދެބާވަތް ޅައިރު އޭގެ ބޭރު ފުށުން ފެންނަ ފާހަގަތަކަށް ބަލައިގެން ވަކިކުރުމަކީ އުދަގޫ ކަމެކެވެ. ނަމަވެސް މިދެބާވަތުގެ ބޮޑެތި މަސް ވަކިކުރަން ފަސޭހައެވެ. ސަބަބަކީ ރީނދޫ އުރަހަ ކަންނެލީގެ ބުރަކަށިމަތީގެ ދެވަނަ ކޮތަރިބަޔާއި، ބަނޑުދަށް ފަރާތު ކޮތަރިބައި، ލޯބޮޑު ކަންނެއްޔަށްވުރެ ދިގުވާނެތީ އެވެ. އަދި ލޯބޮޑު ކަންނެލީގެ ހަށިގަނޑުގެ ފަލަވެފައި، ނިސްބަތުން ލޯބޮޑުކަމަށް ދައްކާނެތީ އެވެ. މިކަންނެލި އެންމެ ބޮޑުވާމަކަށް ވަނީ 2.1 މީޓަރަށެވެ.

ލޯބޮޑު ކަންނެލީގެ ކުދިމަސް ރީނދޫ އުރަހަ ކަންނެއްޔާއެކު އެއް އިސްކޮޅުން އައިން ހަދައިގެން އުޅެއެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުން ބައެއް މޫސުމުގައި ލޯބޮޑު ކަންނެލި ބޭނޭކަމަށް ވެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ ކަޅު ނޫކުލަ އެވެ. ބަނޑުދަށް ފަރާތް ހުންނަނީ ހުދުކުލައެއްގައެވެ. މަހުގެ ކޮތަރިތައް ހުންނަނީ ރީނދޫ ކުލައެއްގައެވެ. މަހުގެ ކާނާއަކީ މަސްމަހާ މެއްސާއި، ކަކުނި ފާނޑުގެ ސޫތްޕާއި، ބޯވަ ދިލަ މަހެވެ.