ލޭގެ ޕްލާޒްމާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޕްލާޒްމާ ނުވަތަ (އިނގިރޭސި ބަހުން: Plasma) އަކީ ލޭގެ ސެލްތައް އެއެއްޗެއްގެ ތެރޭގައި ގެބިފައި ހުންނަ ދިޔަ ވަރެވެ. ނުވަތަ މިއީ ލޭގެ ދިޔާ ބައެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ ލޭގެ ސެލްތައް އޭގެ ތެރޭގައި ދައުރުވެ ދައުރުވެ ހުންނަ ކޯރެވެ. މުޅި ލޭގެ ވޮލިއުމްގެ 60-55 އިންސައްތަ އަކީ ޕްލާޒްމާ އެވެ. ޕްލާޒްމާ އަކީ ސާފު ރީނދޫ ކުލައަކަށް ހުންނަ ދިޔައެކެވެ.

ސެންޓްރިފިއުޖް ކުރުމުން ޕްލާޒްމާ ވަކިކުރެވިފައި

ޕްލާޒްމާގައި ހިމެނޭ މާއްދާތައް[އުނިއިތުރު ގެންނަވާ]

ޕްލާޒްމާގެ 90 އިންސައްތަ އަކީ ފެނެވެ. 10 އިންސައްތަ އަކީ އެހެނިހެން މާއްދާތަކެވެ. އެހެނިހެން މާއްދާތަކުގެ ތެރެއިން 7.1 އިންސައްތަ އަކީ ޕްލާޒްމާ ޕްރޮޓީން(Plasma protein) އެވެ. 2 އިންސައްތަ އަކީ ލިޕިޑް، ހޯރމޯން،ހަށި ދަމަނަތަކާއި، އެންޒައިމް، އަދި ތަފާތު ކާނާގެ މާއްދާތަކާއި، ހަށިގަނޑުން ބޭރުކުރަންޖެހޭ ބޭކާރު މާއްދާތަކެވެ. 0.9 އިންސައްތަ އަކީ ތަފާތު މައުދަންތަކެވެ. އޭގެ ތެރޭގައި ސޯޑިއަމް، ކެލްސިއަމް، ޕޮޓޭސިއަމް، ފޮސްފަރަސް،އަދި މެގްނީޒިއަމް އަދި މިނޫންަ މާއްދާތައް ހިމެނެއެވެ. މީގެ އިތުރުން ލޭގަނޑުވުމަށް އެހީވެދޭ ޕްރޮޓީން ( Clotting factors/ Clotting protein ) އާއި، އަލްބިއުމިން ވެސް ޕްލާޒްމާގެ ތެރޭގައި ހުރެއެވެ.

ލޭގައި ލިޕިޑްސް ( Lipids)އެކުލެވޭ މިންވަރު އިތުރުވާ ހާލަތްތަކުގަޔާއި، ގިނައަދަދަކަށް ފެޓް ހިމެނޭ ކާނާ ބޭނުންކުރާ ފަހަރުތަކުގައި ޕްލާޒްމާގެ ކުލަ ކިރުކުލައަށް ބަދަލުވެއެވެ.

ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލޭގެތެރޭގައި ދައުރުވަމުންދާއިރު އެކިއެކި ޓިޝޫތަކާއި، ސެލްތަކަށް ވާސިލްކޮށްދެއެވެ. ނުވަތަ ފަތުރާދެއެވެ. މިގޮތަށް ވާސިލްކޮށްދޭ ދިނުމުގައި އަބަދުވެސް އެމާއްދާތައް މަތީދަރަޖަ އަކަށް ހުރި ހިސާބުތަކުން މަދު އަދަދަކަށް އެކުލެވޭ ހިސާބުތަކަށް ގެންގޮސްދެއެވެ. ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ބޭރުކުރަނީ މިއާޚިލާފަށެވެ. މިފަދަ ބޭކާރު މާއްދާތައް އެއުފައްދާ ސެލްތަކުން ލޭގެތެރެއަށް އާދެއެވެ. އެއަށްފަހު ހަށިގަނޑުން އެމާއްދާތައް ބޭރުވަނީ ގުރުދާ ( Kidney)އާއި، ފުއްޕާމޭ( Lung ) ގެ ޒަރީޢާއިންނެވެ.

ޕްލާޒްމާ ޕްރޮޓީން[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕްލާޒްމާ ޕްރޮޓީން

ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 8-6ގްރާމާ ދެމެދުގެ މިންވަރަކަށް ޕްލާޒްމާ ޕްރޮޓީން ހުރެއެވެ. އެވްރެޖްގޮތެއްގައި ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 7ގްރާމެވެ.މީގެތެރެއިން 4ގްރާމް އަކީ އަލްބިއުމިންއެވެ. 2.7ގްރާމަކީ ގްލޯބިއުލިން ގެ ބާވަތްތަކެވެ. 0.3ގްރާމަކީ ފައިބްރިނަޖަން އެވެ. މިބަޔާންކުރެވުނު ޕްރޮޓީން ތަކަކީ އެކިއެކި ކަންކަމުގައި އޭގެ ދައުރު އަދާކުރާ މާއްދާތަކެވެ. މިސާލަކަށް އަލްބިއުމިން ޕްލާޒްމާގެ އޮންކޮޓިކް ޕްރެޝަރ ( Oncotic pressure ) ވަކި ވަރެއްގައި ހިފަހައްޓައެވެ. ގްލޯބިއުލިންތައް އޭގެ ދައުރު ހަށިގަނޑު ބަލިތަކުން ދިފާޢުކުރުމުގައި އަދާކުރެއެވެ. ފައިބްރިނަޖަން ލޭމަނާކުރުމުގައި ހަރަކާތްތެރިވެއެވެ. އެންޒައިމްތައް އެތެރޭގައި ހިގާ ކެމިކަލް ރިއެކްޝަންތަކުގައި ބައިވެރިވެއެވެ.

ޓިއުބަކަށް ލޭއެޅުމަށްފަހު ސެންޓްރިފިއުޖް ( Centrifuge )ކުރުމުން އޭގެ އެންމެ ތިރީގައި ހުންނާނީ ލޭގެ ރަތް ސެލް ތަކެވެ. މެދުގައި ހުންނާނީ ލޭގެ ހުދު ސެލް ތަކާއި، ޕްލޭޓްލިޓްތަކެވެ.އެންމެ މަތީގައި ރީދޫ ކުލައިގައި ހުންނާނީ ޕްލާޒްމާ އެވެ.

ޕްލާޒްމާ އަދި ސީރަމްގެ ތަފާތު[އުނިއިތުރު ގެންނަވާ]

ލޭގަނޑުވުމުގައި ޕްލާޒްމާގެ ތެރޭގައި ގަނޑުނުވެ ހުންނަ ދިޔާބަޔަށް ކިޔަނީ ސީރަމް ( Serum)އެވެ.ސީރަމްގައި ފައިބްރިނަޖަންއެއް ނުހުރެއެވެ. ފައިބްރިނަޖަން އަކީ ލޭގަނޑުވުމަށް އެހީވެދޭ އަސާސީ ޕްރޮޓީންއެވެ. ހަމަ މިހެން ފެކްޓާރ5، ފެކްޓާރ8 އެއް ވެސް ނުހުރެއެވެ. އެއީ މިމާއްދާތައް ލޭގަނޑުވުމުގެ ތެރޭގައި ބޭނުން ކުރެވިގެންދާތީއެވެ. އެހެންކަމުން ޕްލާޒްމާ ގަނޑުވިޔަސް ސީރަމް ގަނޑެއް ނުވާނެއެވެ. ސީރަމްގައި ސެރަޓޮނިން މަތީ ދަރަޖައަކަށް ހުރެއެވެ. ލޭގައި އެކިއެކި މާއްދާތައް ހުރި މިންވަރު ބެލުމަށް ސީރަމް ތަޙުލީލު ކުރެވެއެވެ.