ލޫޠުގެފާނު
ވިކިޕީޑިއާ އިން
ލޫޠުގެފާނަކީ ﷲ ގެ ރަސޫލުންގެ ތެރެއިން ރަސޫލެކެވެ. މި ކަލޭގެފާނު ފޮނުއްވުނީ ޞަދޫމް ބާގައިގެ މީހުންގެ ގާތަށެވެ. ލޫޠުގެފާނަކީ، އިބްރާހީމްގެފާނަށް ބޮޑުބޭބެވިދާޅުވާ ބޭކަލެކެވެ. ﷲގެ އެއްކައުވަންތަކަން ޤަބޫލުފުޅުކުރައްވަވާ، ބޮޑުބޭބޭފުޅު އިބްރާހީމްގެފާނާއިއެކު، ﷲގެ މަގަށް ދަޢުވަތު ދެއްވެވުމުގައި ސާބިތުކަމާއިއެކު މަސައްކަތްޕުޅުކުރެއްވިއެވެ. އިބްރާހީމްގެފާނުގެ އިޒްނަފުޅާއިއެކު، ލޫޠުގެފާނު ވަޒަންވެރިވެވަޑައިގަތީ ސަދޫމްގައެވެ. ﷲގެ ހަޟްރަތުން ނަބީކަމާއި ރަސޫލުކަމުގެ މަތިވެރި ނިޢުމަތް ލޫޠުގެފާނަށް މިންވަރުކޮށްދެއްވުމަށްފަހު، އެކަލޭގެފާނަށް ﷲގެ އަމުރުފުޅުއައީ، ސަދޫމްގެ މީހުންނަށް ﷲގެ މަގަށް ގޮވައިލެއްވުމަށެވެ. މަގުފޭރުމާ، ހެއްދެވިހާ ނުބައިކަމަކަށް އަރައިގަތުމާ، ފާޙިޝްޢަމަލުތަކަށް ތަރުޙީބުދިނުމުގެ ނުބައި އާދަ ދޫކޮށްލުމަށް ޤައުމުގެ މީހުންނަށް ނަޞޭހަތްތެރިވެވަޑައިގަތުމަށެވެ.
ކީރިތިޤުރުއާނުގެ އާޔަތްތަކުން ސާބިތުވާގޮތުގައި، އޭރު ސަދޫމްސަހަރުގެ މީހުންނަކީ، އެމީހުންގެކުރީން އިސްވެގޮސްފައިވާ އެއްވެސްބަޔަކު، ނުކުރާ، މުޅީން އައުވައްތަރެއްގެ ފާޙިޝްޢަމަލެއް ގެނެސްގަނެގެން އުޅުނު ބަޔެކެވެ. އެއީ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގުމެވެ.
މި ހަޑިހުތުރު އަދި މުޑުދާރު ޢަމަލުދޫކޮށްލައި، ތާހިރު ދިރިއުޅުމެއް ޚިޔާރުކުރުމަށް ތަކުރާރުކޮށް ލޫޠުގެފާނު އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް ގޮވައިލައްވައެވެ. ﷲގެ ޢަޛާބަށް ބިރުވެތިވުމަށް އިންޒާރުކުރައްވައެވެ. ނަމަވެސް ފާޙިޝްޢަމަލުތަކާއި، މަގުފޭރުންފަދަ ކަންކަމުގައި ޙައްދުފަހަނައަޅާފައިތިބި ސަދޫމްގެ އަހުލުވެރީންކުރެ ގިނަބަޔަކު ވަރަށް ބޮޑާކަމާއިއެކު އެމީހުން ލޫޠުގެފާނަށް ދަންނަވަނީ، ތިޔަ ދައްކަވަނީ ތެދުވާހަކަފުޅުތަކެއްނަމަ، ތިޔަ އިންޒާރުކުރައްވާ ވައްތަރުގެ ޢަޛާބެއް ނިކަން އަހަރެމެންގެމައްޗަށް ގެނަސްބަލާށޭއެވެ.
ސަދޫމްގެ އަހުލުވެރީންގެ ޢަމަލާއިބަސް މި ދަރަޖައަށް ނޭއްގާނީވުމުން، ﷲގެ އަމުރުފުޅަށް ތިން މަލާއިކަތްބޭކަލަކު ބިމަށް ފައިބާވަޑައިގަންނަވައެވެ. އަދި ބުރުސޫރަރީތި، އިންސާނުންތަކެއްގެ ސިފައިގާ ލޫޠުގެފާނުގެ އަރިހަށް އެބޭކަލުންވަޑައިގެން، އެރޭގެ މެންދަމުން އަލިވެ، ފަތިހާއި ކައިރިވުމުން، ލޫޠުގެފާނާއި އެކަލޭގެފާނަށް އީމާންވީ މީސްކޮޅާއިގެން ސަދޫމްސަހަރުން ފައިބާވަޑައިގަތުމަށް އަންގަވައެވެ. އަދި ފަސްއެނބުރި ނުބެއްލެވުމަށް ދަންނަވައެވެ.
ﷲގެ މަލާއިކަތުންގެ އަމުރުފުޅާއި އެއްގޮތަށް ލޫޠުގެފާނު ކަންތައްކުރެއްވުމާއިއެކު، އެރޭގެފަތިހުގެވަގުތުގައި، ސަދޫމްސަހަރުގެ ކާފިރުންތަކުގެމައްޗަށް ގިނިހިލައިގެ ވާރޭއެއް ﷲ ވެއްސެވިއެވެ. އަދި ﷲގެ އަމުރުފުޅަށް އެސަހަރު ބަންޑުންޖެހިގެންދެއެވެ. ސަދޫމްސަހަރުގެ ފާޙިޝްއަހުލުވެރީން ބަންޑުންޖެއްސެވިތަނުގައި މިއަދު އެއޮތީ ޑެޑްސީއެވެ. ކަނޑުގެ އެސަރަޙައްދުގައި ލޮނުގެ ނިސްބަތްމަތިކަމާއިއެކު، އަދިއަދަށްވެސް ދިރޭތަކެތި އާލާނުވާކަމުގައި ދިރާސާކުރާ ފަރާތްތަކުންބުނެއެވެ.
[އުނިއިތުރު ގެންނަވާ] ރިފަރެންސް
| ޤުރުއާނުގައި ނަންފުޅު އައިސްފައިވާ ނަބީން | ||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
| آدم | ادريس | نوح | هود | صالح | إبراهيم | لوط | اسماعيل | اسحاق | يعقوب | يوسف | أيوب | |
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
|
|
||||||||||||
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާގެފާނު | މުޙައްމަދުގެފާނު |
| شعيب | موسى | هارون | ذو الكفل | داود | سليمان | إلياس | اليسع | يونس | زكريا | يحيى | عيسى | محمد |
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާ މަސީހު | ބާރްޤަލީޠު |

