ތީމުގޭ މަހާ ކަލަމިންޖާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ތީމުގޭ މަހާކަލަމިންޖާ އަކީ ރާއްޖޭގެ ތާރީޚުން ނަންއެގިފައިވާ ފުރަތަމަ ރާޖާ އެވެ. މިރަދުންގެ މަތިފުށް އެނގޭކަން ނެތެވެ. މިރަދުންގެ މަތިފުށަށް ކިރިޔާވެސް އަލިއަޅުވާލާ ނުކުތާ އަކީ ޙަސަން ތާޖުއްދީން ގެ ތާރީޚްގައި މީނާގެ މައިފުށުގެ ބޮޑު ދައިތަ އަކީ މުލީ މާވާ ކިލެގެ އޭ ނަމަކަށްކިޔޭ ބޭކަނބަލެއްކަން ނަންގަނެވިފައިވާ ކަމެވެ.

މިރަދުންނަކީ ރާއްޖެއިން ބޭރުން އައި، އަދި ރާޖާއެއްގެ ދަރިކަނބަލަކާ އިނދެގެން އުޅޭ މީހެއް ކަމުގައި ދޫދޫ މަތިން ދެކެވެމުން އަޅުގަނޑުމެންނާއި ހަމައަށް ވާރުތަވެފައިވާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ކަމެއް ކުޅަ އެއްވެސް ތަޙްގީގަކުން ސާބިތެއް ނުވިއެވެ.

ތީމުގޭ މަހާކަލަމިންޖާ ބުދު ދީނަށް ރަސްކަންކުރައްވާތާ 12 އަހަރު ވީފަހުން އިސްލާމްދީންގެ ނޫރާނީ އުޖާލާކަމުން ދިވެހިރާއްޖެ އުޖާލާ ވެއްޖެއެވެ. ބުދު ދީނުގެ އޮޅުން ބޮޅުންތަކާއި ޖަހާލަތު، އިސްލާމްދީންގެ ހަމަތަކާއި ޢަދާލަތަށް ތަންދީފިއެވެ. ދިވެހިރާއްޖޭގެ ނިކަމެތި ރައްޔިތުންގެ ފައިތިލަތައް ފުރެދުމުގެ މަގުން ކެހި، ސީދާ ތެދު މަގުގައި ސާބިތު ވެއްޖެއެވެ.

ތާރީޚީ ގޮތުން މިރާޖާގެ ނަން ސާފުކޮށް އެނގޭކަން ނެތެވެ. އިބްނި ބަޠޫޠާ މިރާޖާއަށް ނަންދެއްވާފައިވަނީ ޝަނިިވިރާޒާ ގެ ނަމެވެ. މިނަން އޭނާ ދެކިލެއްވި ކަމުގައި ބުނުއްވަނީ މާލޭ ހުކުރު މިސްކިތުގައި ހަރުކޮށްފައި ހުރި ފިލައެއްގައި އޮއްވައެވެ. އޭގައި އޮންނަ ކަމަށް އޭނާ ލިޔުއްވާފައިވަނީ اسلم السلطان احمد شنورازة على يد ابي البركات البربري މިފަދައިންނެވެ. އެކަމަކު އެބުނުއްވާ ފިލާގަނޑު އަޅުގަނޑުމެން ބެލިއިރު އެރާޖާގެ ނަމަކީ އެއީ ކަމެއް އެފިލަޔަކު ލިޔެފައެއް ނެތެވެ. އެފިލާގަނޑުގައި ނަންގަނެވިފައިވާ ޝަނިވިރާޒާ އަކީ ސުލްޠާން ދަރުމަސް މުޙައްމަދު ބިން ޢަބުދުﷲ ގެ ވަޒީރެއްކަން އެފިލާގައިވާ ޢިބާރާތުން އޮޅުމެއް ނެތްގޮތުގައި އެނގެއެވެ.

މިރާޖާގެ ނަމެއް ކަމުގައި މީހުންގެ ދޫދޫ މަތިން ވާރުތަވަމުން އައިސް އަޅުގަނޑުމެންނަށް އިވިފައި އޮތް ނަމަކީ ކޮއިމަލާ' އެވެ. އެއީ މަލެއް ފަދަ ކޮއި އެވެ. މިރަދުންގެ ފަހަށް އިސްވެ ވަޑައިގެންނެވި މިޚާންދާންގެ 16 ރަދުންނަން ވެސް ނަންދީފައިވަނީ ކަލަމިންޖާ މިނަމުންނެވެ. މިބަހުގެ މާނައަކީ ދެފަރާތުގެ ރަސްމަތިފުށުގެ ލެއިން އުފެދިފައިވާ މީހާ އެވެ. މިހެންކަމުން އެރާޖާގެ ނަމެއް ކަމުގައި ވުމަށް އަޅުގަނޑުމެންނަށް އެންމެ އެކަށީގެންވާ ނަމަކީ މަހާ ކަލަމިންޖާ އެވެ. އެނަމަށް އަޅުގަނޑުމެން އިތުރުކޮށްފައިވާ ތީމުގޭ ( ޔަޢުނީ ރަސްގެތީމުގެ ) އަކީ ވެސް ހިސާބަކަށް ހަރުދަނާ ބިންގަލެއްގެ މައްޗަށް ބުރަވެ ތިބެ އިތުރުކުރި ނަމެކެވެ. އެހެނީ އެޚާންދާންގެ ފެށޭގެ އަކީ ތީމުގެ ކަމުގައި ދޫދޫމަތިން ރިވާވެފައި ވެއެވެ. އަދި ރާއްޖޭގައި ފުރަތަމަ ރަސްކަންކުރެއްވި ރަސްކަލުންނަކީ ތީމުގޭ ރަސްކަލުން ކަމުގެ އިޝާރާތެއް އެތެރޭކޮއިލު މިސްކިތު ލޯމާފާނު ގައި ވެސް ވެއެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ކުރިން ހުންނެވީ:
ކޮންބޭފުޅެއްކަންނޭނގޭ
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ބާރަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ