ތާރީޚުގެ ތެރެއިން ފަލަސްތީނާއި އިސްރާއީލު މައްސަލަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފަލަސްތީނުގެ ބިމުގެ މިލްކުވެރިކަމުގެ މައްސަލައަކީ ތާރީޚުގެ ގިނަ ސަފްހާތަކެއްގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ތާރީޚީ މައްސަލައެކެވެ. ފަލަސްތީނުގެ ބިމަށް އަތް ގަދަކުރުމުގެ ރޭވުންތައް ޔަހޫދިން އެންމެ ފުރަތަމަކޮށްފައިވަނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. މި ގޮތުން އޭރު ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅުނު މުއްސަނދި ޔަހޫދީންނާއި ޒަޔަނިސްޓުން ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ރޭވުންތައް ރާވާފައިވަނީ 1800ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ.

ސުވިޓްޒަލޭންޑްގައި 1897 ވަނަ އަހަރު ޒަޔަނިސްޓް މޫވްމަންޓެއް އުފައްދައި، އެ މޫވްމެންޓްގެ ފުރަތަމަ ބައްދަލުވުން އެގައުމުގައި ބޭއްވި އެވެ. މި ބައްދަލުވުމުގައި ޒަޔަނިސްޓުންގެ ބޮޑުންގެ މަޝްހޫރު ޕްރޮޓޮކޯލްތައް އިއުލާންކުރިއެވެ. މި ޕްރޮޓޮކޯލްގައި ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގެ ޕްލޭނާއި ދުނިޔެއަށް އަތްގަދަކޮށް ދުނިޔޭގެ ބޮޑެތި ގައުމުތައް ޒަޔަނިސްޓް ހަރަކާތުގެ ދަށަށް ގެނައުމުގެ އެޖެންޑާ އެފަރާތްތަކުން ރަސްމީކޮށް އިއުލާނުކުރި އެވެ. އޭރު ފަލަސްޠީނު އޮތީ އަރަބި ގިނަ ގައުމުތައް ފަދައިން އުސްމާނީ ޚިލާފަތުގެ ދަށުގައެވެ.

މިއަށް ފަހު 1914 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށިގެންދިޔަ މި ހަނގުރާމައިގައި އުސްމާނީ ޚިލާފަތް އޮތީ ޖަރުމަނުވިލާތާއި އިޓަލީވިލާތާ އެކުގަ އެވެ. 1918 ވަނަ އަހަރު ނިމިގެންދިޔަ ފުރަތަމަ ބޮޑު ހަނގުރާމައިގައި މި ބާރުތައް ބަލިވެގެން ދިއުމާއެކު އުސްމާނީ ޚިލާފަތުގެ ދަށުގައި ހުރި ބިންތައް ބެހިގެން ދިޔައީ ހަނގުރާމައިގައި ކާމިޔާބި ހޯދި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ މެދުގައެވެ. މިގޮތުން ފަލަސްޠީނުގެ ބިން ދިޔައީ އިނގިރޭސިންގެ ދަށަށެވެ.

ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު 1918 ވަނަ އަހަރުގެ އުފެދިގެން އައި ލީގް އޮފް ނޭޝަންސްއިން މެންޑޭޓް ނިޒާމްގެ ތެރެއިން ފަލަސްޠީނުގެ ބިމާއި ރައްޔިތުން ފައްކާކުރުމުގެ ބާރު އިނގިރޭސިންނަށް ލިބިގެން ދިޔައެވެ. ފަލަސްތީނުގެ ބިން އިނގިރޭސީންނާ މެންޑޭޓް ނިޒާމުގެ ދަށުން ލީގް އޮފް ނޭޝަންސް އިން ހަވާލުކުރީ ފަލަސްޠީނުގެ އާބާދީއަށް ނުވަތަ ޑިމޮގްރަފީއަށް އެއްވެސް ބަދަލެއް ނުގެނައުން ޝަރުތުކޮށްފައެވެ. އެހެން ނަމަވެސް ފުރަތަމަ ބޮޑު ހަނގުރާމައިގައި އިނގިރޭސިންނަށް ލިބުނު މާލީ ގެއްލުންތަކުގެ ސަބަބުން ފައިސާއަށް ބޭނުންވެފައި ތިބި ވަރުން، މުއްސަނދި ޔަހޫދީންގެ މުށުތެރެއަށް އިނގިރޭސި ދައުލަތް ދިޔައެވެ. މިއާއެކު މެންޑޭޓް ނިޒާމާ ޚިލާފަށް ޔަހޫދީން ފަލަސްޠީނުގެ ބިމަށް ހިޖްރަކޮށް ވަޒަންވެރިވުމުގެ ހުއްދަ ދީ އެކަމާބެހޭ މުއާހަދާއެއް އެކުލަވާލިއެވެ. މި މުއާހަދާއަށް ދީފައިވާ ނަމަކީ "ބެލްފޯ ޑެކްލަރޭޝަން" އެވެ.

މިއަށް ފަހު ވިލާތުގެ ގައުމުތަކުގެ ޔަހޫދީން ފަލަސްތީނުގެ ބިމަށް ހިޖުރަކުރުން އާދަޔާ ޚިލާފަށް އިތުރުކުރި އެވެ. އަދި އޭރު ފަލަސްޠީނުގައި އުޅެމުންދިޔަ ފަލަސްޠީނުގެ ރައްޔިތުންނާއި ފަލަސްތީނުގެ ބިމަށް ހިޖުރަކުރަމުން ދިޔަ ޔަހޫދީންނާ ދެމެދު ކުރިމަތިލުންތައް ހިނގަން ފެށި އެވެ. މިގޮތުން، 1917 ވަނަ އަހަރުން ފެށިގެން 1947 އަހަރާ ހަމައަށް މިފަދަ ހަމަނުޖެހުންތަކެއް ކުރިއަށް ދިޔައެވެ.

ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު 1945 ވަނަ އަހަރު އުފެދިގެން އައި އދ. ން 1947 ވަނަ އަހަރު ފަލަސްޠީނުގެ ބިންތައް ބެހުމަށް ނިންމި އެވެ. މި ގޮތުން ބިމުގެ 55 އިންސައްތަ ޔަހޫދީންނަށް އަދި ހުޅަނގު އައްސޭރިއާއި ޣައްޒާ ފަލަސްތީނަށް އަދި ގުދުސްއަކީ އދ.ގެ ޓްރަސްޓީޝިޕެއްގެ ދަށުގައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅިގެންދިޔައެވެ.

މިއާއެކު 1948ގައި ފަލަސްތީނުގައި ތިބި ވިލާތުގެ ގައުމުތަކުގެ ޔަހޫދީން ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ދައުލަތެއް އިއްލާންކުރިއެވެ. ޔަހޫދީ ދައުލަތް އިޢްލާން ކުރުމުގެ ތަންކޮޅެއް ކުރިން ޔަހުދީންގެ ދުއްތުރާތަކާ ގުޅިގެން ފަލަސްތީނުގެ ބިމުން އިނގިރޭސިން ފޭބި އެވެ.

ފަލަސްތީނުގެ ބިމަށް ވެރިވެގަތް ވިލާތުގެ ގައުމުތަކުގެ ޔަހޫދީން ފަލަސްތީނުގެ ބިމުގައި މިނިވަން ދައުލަތެއް އިޢްލާން ކުރުމާއެކު ޢަރަބި ގައުމުތަކުން ފަލަސްތީނު މިނިވަން ކުރުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރި އެވެ. މި ހަނގުރާމަ ކޮށްފައިވަނީ 1948 ވަނަ އަހަރާއި 1949 ދެމެދު އެވެ. އެހެން ނަމަވެސް މި ހަނގުރާމައިގައި ޢަރަބި ގައުމުތައް ނާކާމިޔާބީވެ ފަލަސްޠީނުގެ ބިމުގެ އިތުރު ބައިތައް އިސްރާއީލުން އަތްދަށުލައި ފަލަސްތީނުގެ ބިމުގެ 78 އިންސައްތަ ބިމަށް އިސްރާއީލުގެ ޔަހޫދީން ވެރިވެގަތެވެ.

ދެން ކުރީ 1967 ވަނަ އަހަރުގެ ހަނގުރާމަ އެވެ. މި ހަނގުރާމައަކީ ކުރިން ގެއްލުނު ފަލަސްޠީނުގެ ބިންތައް ހޯދުމަށް އިސްރާއީލާއި ޢަރަބި ގައުމުތަކާ ދެމެދު ކުރި މަޝްހޫރު ހަ ދުވަހުގެ ހަނގުރާމައިގައި ފަލަސްތީނުގައި އިސްރާއީލުގެ އަތްދަށަށް ނުގޮސް އޮތް ހަމައެކަނި ދެސަރަހައްދު ކަމަށްވާ ހުޅަނގު އައްސޭރިއާއި ޣައްޒާ އިސްރާއީލުން ހިފި އެވެ. މީގެ އިތުރުން މިސްރުގެ ސީނާގެ ބިމާއި ސޫރިޔާގެ ގޯލާންގެ ބިންތަކާއި އުރުދުންގެ ވާދީގެ ބައެއް ބިންތައް ވެސް އިސްރާއީލުން އަތްދަށުލި އެވެ.

ހުޅަނގު އައްސޭރިއާ ޣައްޒާއާއި މިސްރުގެ ސީނާއާއި ސޫރިޔާގެ ގޯލާން އާއި އުރުދުންގެ ވާދީގެ ބިންތަކުން އިސްރާއީލު ސިފައިން ފޭބުމަށް ގޮވާލައި ހަމަ އެ އަހަރު އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި އެވެ. ނަމަވެސް މިހާތަނަށް ވެސް މި ގަރާރަށް އަމަލުކޮށް ހިފާފައިވާ ބިންތަކުން ފޭބުމަށް އިސްރާއީލު ގެންދަނީ ދެކޮޅު ހަދަމުންނެވެ. އަދި ފާޅުގައި ގެންދަނީ އދ.ގެ ގަރާރުތަކަށް ގޮންޖަހައި ނުކިޔަމަންތެރިކަން ދައްކައި ހުޅަނގު އައްސޭރިއާއި ސޫރިޔާގެ ގޯލާންގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންނެވެ.

ފަލަސްތީނު މިނިވަން ކުރުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރުމަށް 1964 ވަނަ އަހަރު، ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)ގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުން ޖަމާއަތެއް އުފެއްދި އެވެ. މި ޖަމާއަތުގެ ބާނީއަކީ ފަލަސްތީނުގެ ކުރީގެ ޒަޢީމް ޔާސިރު އަރަފާތު އެވެ. އަދި އަރަފާތުގެ ލީޑަރޝިޕްގެ ދަށުން އުރުދުންއާއި ލުބްނާނުގެ ބިންތަކުގައި ފަލަސްތީނުގެ މުޖާހިދުން ތިބެގެން ޕީއެލްއޯ އިން އިސްރާއީލާ ދެކޮޅަށް މިނިވަން ކަމުގެ ޖިހާދެއް ކުރަންފެށި އެވެ. މިގޮތަށް 1964 ވަނަ އަހަރުން 1982 ވަނަ އަހަރަށް ޕީއެލްއޯއިން އިސްރާއީލާ ދެކޮޅަށް ފިދާޢީ ހަމަލާތައް ދެމުން ދިޔައެވެ.

ނަމަވެސް ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދު ހުއްޓުވައި ލުބްނާނުން ޕީއެލްއޯގެ މުޖާހިދުން ބޭރުކޮށްލުމަށްޓަކައި 1982 ވަނަ އަހަރު އިސްރާއީލުން ލުބުނާނަށް އަރައި ގަތުލުއާންމުތައް ހިންގަންފެށި އެވެ. މި ހަނގުރާމަ ނިމިގެންދިޔައީ ޕީއެލްއޯގެ މުޖާހިދުންގެ އަތުން ހަތިޔާރު ނިގުޅައިގަނެ އެމީހުން ލުބްނާނުން ބޭރުކޮށް އަރަބި ގައުމުތަކަށް އެމީހުން ބަހާލުމުގެ އެއްބަސްވުމެއް ގައި ސޮއިކުރުމަށް ޔާސިރު އަރަފާތަށް މަޖްބޫރުވެގެންނެވެ.

ޕީއެލްއޯގެ މުޖާހިދުން ލުބްނާނުން ފޭބީ ލުބުނާނުގެ ދެކުނުގައި އުޅެމުންދިޔަ ފަލަސްތީނުގެ ރެފިއުޖީންނަށް ރައްކާތެރިކަން ދިނުމުގެ ޒިންމާ އެމެރިކާފަދަ ބައިނަލްއަޤްވާމީ ބާރުތަކުން ދޭނެ ކަމުގެ ގެރެންޓީއާއެކު އެވެ. ނަމަވެސް ނަތީޖާއަކަށް ވެގެންދިޔައީ ލުބްނާނުގައިވާ ފަލަސްޠީނުގެ ރެފިއުޖީ ކޭންޕްތަކުގައި ދިރިއުޅެމުންދިޔަ ފަލަސްތީނުގެ ރެފިއުޖީންނާ ދެކޮޅަށް އިސްރާއީލުން ގަތުލުއާންމު ހިންގައި ފަލަސްތީނުގެ އާންމުންގެ ތިން ހާސް މީހުން ދެ ދުވަހުގެ ތެރޭގައި ޝަހީދުކޮށްލުމެވެ. ލުބްނާނުގެ ނަސާރާއިންނާ ގުޅިގެން އިސްރާއީލު ސިފައިން މި ޤަތުލްޢާންމު ހިނގާފައި ވަނީ ސަބްރާ ޝަތީރާ ރެފިއުޖީ އަވަށުގައެވެ. މި ގަތުލުއާންމުގެ އިސް މޭސްތިރއަކީ އިސްރާއީލުގެ ކުރީގެ ހަރުކަށި ބޮޑުވަޒީރެއް ކަމަށްވާ އެރިޔަލް ޝެރޯން އެވެ. މިއަށް ފަހު ދެން ހުޅުވިގެން ދިޔައީ ސުލްޙައިގެ ބާބެކެވެ.

ސުލްހައިގެ ވާހަކަތަކަށް މަގު ފަހިކުރުމުގެ ގޮތުން 1982 އިން 1993 ވަނަ އަހަރާ ދެމެދު ފަލަސްޠީނާ އިސްރާއީލާ ދެމެދު ނޯވޭ މެދުވެރިއަކަށްވެގެން ސިއްރު މަޝްވަރާތަކެއް ކުރިއަށް ދިޔައެވެ. މި މަޝްވަރާތަކުގެ ތެރެއިން ނިކުތް ނަތީޖާއަކީ އޮސްލޯ ގެ ސުލްހައިގެ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ދައުލަތަށް ފަލަސްޠީނުން އިޢުތިރާފްވި އެވެ. އަދި ފަލަސްތީނުން މިނިވަން ދައުލަތެއް އިއްލާންކުރި އެވެ. އަދި މި މުއްދަތުގެ ތެރޭގައި ފަލަސްތީނުގެ އެތެރެއިން (ޣައްޒާއާއި ހުޅަނގު އައްސޭރީން) ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ފަދަ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާޢަތްތައް އުފެދިގެން ދިޔައެވެ.

އޮސްލޯ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ވެރިކަމުގެ އަމިއްލަ އިދާރާއެއް އުފައްދައި މި އިދާރާގެ ރައީސަކަށް ޔާސިރު އަރަފާތު އިންތިޚާބުކުރި އެވެ. ފަލަސްތީނުގެ ވެރިކަމުގެ އަމިއްލަ އިދާރާއެއް އުފެއްދި ނަމަވެސް މިއީ އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުން ހިނގާގޮތަށް އޮންނަ ލޯކަލް ކައުންސިލެއް ފަދަ އިދާރާއެކެވެ. އެއަށްފަހު ފަލަސްތީނުގެ ވެރިކަމުގެ އިދާރާއާއި އިސްރާއީލާ ދެމެދު އެމެރިކާ މެދުވެރިއަކަށްވެގެން 20 އަހަރުވަންދެން ސުލްހައިގެ ވާހަކަތައް ކުރިޔަށްދިޔައެވެ. ނަމަވެސް ފަލަސްތީނުގެ ހިފާފައިވާ ބިންތައް ކަމަށް އދ. އިން ގަބޫލުކުރާ ހުޅަނގު އައްސޭރިއާއި ޣައްޒާއިން ފޭބުމަށް އިސްރާއީލުން ދެކޮޅުހެދި އެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފް ވުމަށް އިސްރާއީލުން ދެކޮޅުހެދި އެވެ. އަދި ހުޅަނގު އައްސޭރި އެއްކޮށް އަތްދަށުލުމަށްޓަކައި ޔަހޫދީ ން ވަޒަންވެރި ކުރުވުމުގެ މަޝްރޫޢު ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔައެވެ. މިގޮތަށް ގޮސް 2000 ވަނަ އަހަރުގެ ސުލްޙައިގެ ވާހަކަތައް ވެސް ނާކާމިޔާބުވުމުން ފަލަސްޠީނުގެ ރައްޔިތުން އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް އުތުރި އެރުމެއް ނުވަތަ އިންތިފާޟާއެއް ފެށީ އެވެ.

އިންތިފާޟާގައި އިސްރާއީލު ސިފައިންނާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ބޭނުންކުރި ހަތިޔާރަކީ އޮއްގަލެވެ. އޮއްގަލުގެ ޙަމަލާތަކަށް އިސްރާއީލުން ރައްދު ދެނީ ފައިޓަރު ޖެޓްތަކާއި ޓޭންކްތަކާއި ބޮޑުބަޑިންނެވެ. އިންތިފާޟާ ހުއްޓުވުމަށް ޔާސިރު އަރަފާތު ފަސްޖެހިވަޑައިގަތުމުން ހުޅަނގު އައްސޭރީގައި ހުންނަ ފަލަސްތީނުގެ ރިޔާސީ މަރުކަޒުގައި އިސްރާއީލުން ޔާސިރް އަރަފާތު ދެ އަހަރުވަން ދެން ޙިސާރުކުރި އެވެ. އަދި މި މުއްދަތުގައި އިސްރާއީލުން ސިއްރިޔާތުގައި އަރަފާތަށް ވިހަލިއެވެ. އިސްރާއީލުގެ ޙިސާރުގައި ހުންނަވަނިކޮށް 2004 ވަނަ އަހަރު އަރަފާތު އަވަހާރަވީ ވިހައިގެ ސަބަބުންކަން ކަމާބެހޭ މެޑިކަލް ތަހްގީގްތަކުން ވަނީ ކަށަވަރުވެފައެވެ.

އަރަފާތު ޝަހީދުކޮށްލުމަށް ފަހު 2005 ވަނަ އަހަރު ފަލަސްޠީނުގައި ބޭއްވި އާންމު އިންތިޚާބު ހަމާސް ޖަމާޢަތުން ކާމިޔާބު ކުރުމާއެކު ހަމާސްގެ ސަރުކާރެއް ފަލަސްތިނުގައި އުފެދިގެން ދިޔައެވެ. މިއާއެކު ޣައްޒާގައިތިބި އިސްރާއިލު ސިފައިން އެސަރަހައްދު ދޫކޮށް އަމިއްލައަށް ދިޔައެވެ. ނަމަވެސް ވަޔާއި ކަނޑުގެ މަގުން ހިސާރުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅި އެވެ. އަނެއްކޮޅުން ހުޅަނގުގެ ގައުމުތަކުން ހަމާސްގެ އިންތިޚާބީ ސަރުކާރުން ޤަބޫލުކުރަން ދެކޮޅު ހެދުމާއެކު ފަލަސްޠީނުގެ ރައީސް މަހްމޫދް އައްބާސް، ހަމާސްގެ ސަރުކާރު އުވާލެއްވީ އެވެ.

އައްބާސްގެ މި ނިންމުމާ މެދު ހިތް ހަމަނުޖެހި ހަމާސް ޖަމާޢަތުން ފަތަޙް ޖަމާޢަތާ އޮންނަ ގުޅުން ކަނޑާލައި، ޣައްޒާއަކީ ހަމާސް އިން ވެރިކަންކުރާ ސަރަހައްދެއްގެ ގޮތުގައި އެ ޖަމާއަތުން ކަނޑައެޅި އެވެ. މިއާ ވިދިގެން ދެން ފެނިގެންދިޔައީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިސާރުގެ އިތުރު ފިޔަވަޅުތައް އަޅައި ޣައްޒާ ޖަލަކަށް ހެދި ތަނެވެ. އެއީ 2006 ވަނަ އަހަރެވެ. އަދި ވަޔާއި އެއްގަމާއި ކަނޑުގެ މަގުން ޣައްޒާއަށް ވެދެ ނުކުތުން އެއްކޮށް ކޮންޓްރޯލްކޮށް އިސްރާއީލުގެ ހިސާރާއި ވަރުގަދަ އަޅުވެތި ކަމެއްގެ ދަށަށް ޣައްޒާ ގެންދިޔަ އެވެ. މިއަދާ ހަމައަށް ވެސް ޣައްޒާ އޮތީ އިސްރާއީލުގެ ހިސާރާއި އިސްތިޢުމާރުގެ ދަށުގައެވެ.

އިސްރާއީލުން 2008ގަ އާއި 2012ގައި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އުދުވާން ހިންގައި ގަތުލުއާންމުތައް ހިންގާފައިވެ އެވެ. އެގޮތުން އެންމެ ފަހުގެ ގަތުލުއާންމުތަކަކީ އިސްރާއީލުން މިހާރު ކުރިޔަށްގެންދާ ގަތުލުއާންމުތަކެވެ. ނަމަވެސް މީގެ ދެތިން މަސްކުރިން ހަމާސް އާއި ފަތަހު ޖަމާއަތް އެއްގަލަކަށް އަރައި ފަލަސްތީނުގައިވަނީ ގުޅިފައިވާ ސަރުކާރެއް އަނެއްކާވެސް އުފައްދައިފަ އެވެ. މި ސަރުކާރަށް ވެސް އިސްރާއީލުން ރުހުން ދީފައެއް ނުވެއެވެ. ނަމަވެސް ހަމާސްއާއި ފަތަހު ޖަމާއަތުގެ ދެމެދުގައި އަލުން ފިތުނަ އުފައްދައި އެ ދެ ޖަމާއަތް ދުޝްމަން ކުރުމުގައި އިސްރާއީލު ވަނީ ނާކާމިޔާބުވެފައެވެ.