ތަރި ރޮނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ތަރި ރޮނޑު

ތަރި ރޮނޑު (ސައިންޓިފިކް ނަން: Abalistes stellaris) އަކީ ރާއްޖޭގެ ފަރުފަޅު ތަކުގެ ބޭރުގައި ރޮނޑުގެ ބާވަތްތަކުގެ ތެރެއިން ވަރަށް ބޮޑުވާ ރޮނޑެކެވެ. މިބާވަތުގެ ރޮނޑު އާއްމު ގޮތެއްގައި އުޅެނީ އެހެނިހެން ގިނަ ރޮނޑުތަކަށްވުރެ ފުނުގައެވެ. މިބާވަތުގެ ރޮނޑު 100 މީޓަރުގެ ފުނުގައި ވެސް އުޅޭކަމަށް ވެއެވެ. އެންމެ ބޮޑުވާ ކަމަށްވަނީ ގާތްގަނޑަކަށް 60 ސެންޓި މީޓަރަށެވެ. މަހުގެ ކާނާއަކީ މޫދު އަޑީގައި އުޅޭ ކުދިކުދި ދިރުންތަކެވެ. މަހުގައި ވަރަށް ވަރުގަދަ ހުޅުނބު ތަކެއް ތަކެއް ހުރެއެވެ. މަހުގެ ލޮލުގެ ކުރިން ކުޑަކަޮށް އަޑިވެފައި އިންނަ ތަންކޮޅެއް ހުރެއެވެ. މިއަޑިވުމުގެ ދިގުމިން ގާތްގަނޑަކަށް ލޮލުގެ ފުޅާމިނާއި އެއްވަރު ވާނެއެވެ. މަހުގައި ހުންނަނީ އޫ ދަތްތަކެކެވެ. ދެދަތްޕިލައިގެ މެދުގައި ހުންނަ ދަތްޖޯޑް ބޮޑުވާނެއެވެ.

ތަރި ރޮނޑުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 25 އާއި 27 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 24 ނުވަތަ 25 މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ފެހިކުލައަށްދާ މުށިކުލައެކެވެ. މަހުގެ ބުރަކަށިމަތީގައި ހުދު ކުލައިގެ 3 ލައް ފާޅުކޮށް ފެންނަށް ހުރެއެވެ. މިލައްތައް މަސް ބޮޑުވުމުން ފިލައިދެއެވެ. މަހުގައި ފަނޑުނޫކުލައިގެ ތިކިތަކެއް ހުރެއެވެ. މަހުގެ ކަންފަތް ހުންނަނީ ރީނދޫ ކުލައިގައެވެ. މިމަހަށްކިޔާ ވަކިނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މަހަށް ކިޔާ ޢިލްމީ ނަމާ، އިގިރޭސި ނަމާ ގުޅޭގޮތަށް މަހުގައި ހުންނަ ޚާއްޞަ ސިފަތަކަށް ބަލާ ތަރި ރޮނޑު ކިޔާ ނަންދީފައިވަނީ އެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]