ދަތްފުކު ރޮނޑު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ދަތްފުކު ރޮނޑު

ދަތްފުކު ރޮނޑު (ސައިންޓިފިކް ނަން: Balistapus undulatus) އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި ވަރަށް ގިނައިން އުޅޭ ރޮނޑެކެވެ. ދުވާލު ކުދިބުޅިލައިގެން ފަރުމަތިން ވަރަށް ފަސޭހައިން ބޭނޭ މަހެކެވެ. ދަތްފުކު ރޮނޑަކީ ދިވެހިން ކައިއުޅޭ މަހެކެވެ. އަދި މިއީ ދިރޭ ކުދިމަހުގެ ވިޔަފާރީގައި ރާއްޖެއިން ގިނަ އަދަދަކަށް ބޭރުކުރެވޭ މަހެކެވެ. މިބާވަތުގެ ރޮނޑު 30 ސެންޓިމީޓަރަށް ބޮޑުވެއެވެ. ވަރަށް ގިނަ ތަފާތު އެއްޗެތި މިމަސް ކައިއުޅޭކަމަށް ފާހަގަ ކުރެވިފައި ވެއެވެ. އޭގެތެރޭގައި މޫދު އަޑީގައި ހުންނަ ގަލުފެއްސާއި، ތަފާތު ވައްތަރުގެ ހިޔަމައާއި، ކަކުންޏާއި، ކުދިމަސްމަހާއި، ބޮލީގެ ބާވަތްތަކާއި ކަށިބޯ ހިމެނެއެވެ.

ތަރި ރޮނޑުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 24 އާއި 28 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 20 އާއި 24 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ގިނަ ބާވަތްތަކުގެ ރޮނޑުތަކާ ޚިލާފަށް، މިބާވަތުގެ ލޮލުގެ ކުރިން އަޑިވެފައި އިންނަ ތަންކޮޅެއް ނުހުރެއެވެ. މަހުގެ ނިގޫކޮޅުގައި ތިން ކަށިން އުފެދި ކުރިއަށް ލެބިފައި ހުންނަ ދެބަޔަށް ހުންނަ ކަށިތަކެއް ހުރެއެވެ. ނިގޫފަތުގެ ކޮޅު ހުންނަނީ ކުޑަކޮށް ވައްކޮށެވެ. މަހުގެ ކުލައަކީ ގަދަ މުށިކުލައަކަށްދާ ގަދަ ފެހިކުލައެކެވެ. މަހުގައި ކައްޗަށް ހުންނަ ދޮން ނާރިނގު ކުލައިގެ ރޮނގުތަކެއް ވަރަށް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ އަނގައިގެ މަތިންނާއި، ދަށުން ފެށިގެން ނުލާއި އޮރެންޖް ކުލައިގެ ރޮނގުތަކެއް ކަންފަތުގެ ބުޑުދަށަށް ހުރެއެވެ. ނިގޫފަތާއި ކަންފަތުގެ ވެސް ކުލައަކީ ދޮންނާރިގު ކުލައެކެވެ. ބުރަކަށިމަތީ ހަރު ކޮތަރިބައިގެ މަތީ ކައިރިފަށް ހުންނަނީ ކަޅުކުލައިގައެވެ.