ފުށް ކޮލި

ވިކިޕީޑިއާ އިންވިކިޕީޑިއާ


ފުށް ކޮލި (ސައިންޓިފިކް ނަން: Arothron Immaculatus)ނުވަތަ (އިނގިރޭސި ބަހުން: Blackedged puffer) އަކީ ކޮލީގެ ވައްތަރެކެވެ. މިއީ އާންމުކޮށް ރާއްޖެއިން ފެންނަ ކޮލީގެ ވައްތަރެކެވެ. އާންމުކޮށް އުޅެނީ ދުނިޔޭގެ ހޫނު ހިސާބުތަކުގެ ތިލަ ފަޅު ތަކުގައެވެ. މިމަހުގެ ހަންގަނޑުގައި ރާޅުކަމެއް ހުރެއެވެ. އަދި އަނގައިގައި ގަދަޔަށް އުފެދިފައި ހުންނަ ދަތްތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސެންޓިމީޓަރަށެވެ.

ފުށް ކޮލީގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ނުވަތަ 10 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރި ބައިގައި ވެސް 9 ނުވަތަ 10 މަޑުކަށި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ މުށި ކުލައެވެ. އަދި ބަނޑުދަށް ފަރާތުގައި މިކުލަ ވަރަށް ފަނޑެވެ. މަހުގެ ނިގޫފަތުގެ މަތީ ކައިރި ފަށާއި ތިރީ ކައިރިފަށުގައި ހުންނަނީ ކަޅު ކުލައެވެ. މިއީ ފުށް ކޮލީގެ އެހެން ބާވަތެކޭ އެއްބީދައިން ފުއްޕާލުމުގެ ކުޅަދާނަކަން ލިބިފައިވާ މަހެކެވެ. މިގޮތުން މިބާޥަތުގެ މަސް ފުއްޕާލާކަމަށްވަނީ އެސޮރުމެން ޝިކާރާކުރާ އެހެހިހެން މަސްމަހާ މެހިން ރައްކާތެރިކަން ހޯދުމުގެ ގޮތުންނެވެ. މިއީ އާންމުކޮށް އިންސާނުން ކައިއުޅޭ މަހެއް ނޫނެވެ. ސަބަބަކީ މިމަހުގައި ވަރަށް ނުރައްކާތެރި ވިހައެއް އެކުލެވޭތީ އެވެ. މިވިހަ ހުންނަނީ މަހުގެ މޭގަނޑާޢި އެތެރެހަށިގައި ހުންނަ ބިހާއި އެހެނިހެން ގުނަވަންތަކުގައެވެ. ވަރަށް ފަރުވާލާއެކު މަސް ނުކަޑައިފިނަމަ ވިހައިގެ އަސަރު ހުންނަ މަސްގަނޑުން ވެސް އިންސާނުންނަށް ގެއްލުން ލިބިދާނެއެވެ. މިބާޥަތުގެ ކޮލި ކެވިގެން މީހުން މަރުވާކަމަށް ވެއެވެ.