ފިހުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފިހުން ނުވަތަ އެދުން (އިނގިރޭސި ބަހުން: Burn)އަކީ އަލިފާނުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ހަށިގަނޑުގެ ބައެއް ނުވަތަ ތަނެއް ފިހުން ނުވަތަ އަދައިގެން ދިއުމެވެ. އަލިފާނުގެ އިތުރުން، އެހެނިހެން ހޫނު ތަކެތި، ފިނި، އަލި، ރޭޑިއޭޝަން، ކަރަންޓް ނުވަތަ ކެމިކަލްގެ ސަބަބުން ވެސް އަނދައިގެން ހިގައިދާނެއެވެ.


ފިހުމުގެ ދަރަޖަތައް[އުނިއިތުރު ގެންނަވާ]

  • ފިހުން(ފުރަތަމަ ދަރަޖަ): ފުރަތަމަ ދަރަޖައިގެ ފިހުމުގައި އަނދާފައިވާ ހިސާބު ހުންނާނީ ރަތްކޮށެވެ. ވަރަށް ބޮޑަށް ތަދު އިހްސާސް ކުރެވޭނެ އެވެ. އަދި ކޮންމެވެސް ވަރަކަށް ދުޅަ އިހްސާސް ވުމަކީ ވެދާނެ ގޮތެކެވެ.
  • ފިހުން(ދެވަނަ ދަރަޖަ): ދެވަނަ ދަރަޖައިގެ ފިހުމުގައި ފިހިފައިވާ ހިސާބުގައި ފެންފޮޅު ނެގުމާއެކު އެތަން ރަތްވެ ދުޅަވާނެއެވެ.
  • ފިހުން(ތިންވަނަ ދަރަޖަ): ތިންވަނަ ދަރަޖައިގެ ފިހުމުގައި ހަމުގެ ހުރިހާ ފަށަލައެއް އަނދައި، އެހިސާބު ހުންނާނީ ކަޅުވެފައެވެ. ފަހަރެއްގައި ހަން ފަށަލަ ދިއުމުގެ ސަބަބުން މަސްގަނޑު ވެސް ފެންނަން ހުރެދާނެއެވެ. އެހާ ބޮޑަކަށް ތަދެއް އިހްސާސެއް ނުވާނެއެވެ.

އަވަސްފަރުވާ[އުނިއިތުރު ގެންނަވާ]

ހޮސްޕިޓަލާއި ހަމައަށް ދެވެންދެން ގިނައިރު ނަގާނަމަ:-

  • އަނދާފައިވާ ހިސާބުގެ ހެދުން ބާލުވައި، އެތަން ހާމަކުރާށެވެ. ނަމަވެސް އަނދާފައިވާ ހިސާބުގައި ހެދުން ތަތްލާފައިވާނަމަ އެބައި ނައްޓަން މަސައްކަތް ނުކުރާށެވެ. އަދި ފެންފޮޅު ތައް ނަގާފައިވާ އެފޮޅުތައް ފަޅާނުލާށެވެ.
  • އެއީ ފުރަތަމަ ނުވަތަ ދެވަނަ ދަރަޖައިގެ ފިހުމެއް ކަމުގައިވާނަމަ އެތަނަށް އާދައިގެ ފިނިމިނެއްގައި ހުރި ފެންއަޅައިގެން ފިނިކުރާށެވެ. ނަމަވެސް އައިސްކޮށްފައިވާ ފެނާއި ގަނޑުފެން ނާޅާށެވެ. އަދި ބަޓަރު ނުވަތަ ތެޔޮ ފަދަ ތަކެތި ނުއުގުޅާށެވެ.
  • ފުރަތަމަ ނުވަތަ ދެވަނަ ދަރަޖައިގެ ފިހުމެއް ނަމަ އެތަން ނިވާކުރުމުގެ ގޮތުން ސާފު ފޮތިކޮޅެއް ނުވަތަ ބެންޑޭޖެއް އޮޅާލާށެވެ.
  • އެހިސާބުގައިވާ ގުނަވަނެއްގައި ނުވަތަ ހަށިގަނޑުގެ ބައެއް ގައި ވަށައި ޖެހޭގޮތަށް އެއްވެސް އެއްޗެއް ވާނަމަ އަވަހަށް ނައްޓާލާށެވެ. މިސާލަކަށް އަނގޮޓި، އަތުކުރީ ގަނޑި، އުޅާ ފަދަ ތަކެތި ބޭލުމަކީ މުހިއްމު ކަމެކެވެ.

ޞިއްޙީ ފަރުވާދޭ ތަނަކަށް ގެންދަންޖެހޭ ހާލަތްތައް[އުނިއިތުރު ގެންނަވާ]

  • ދެވަނަ ނުވަތަ ތިންވަނަ ދަރަޖައިގެ ފިހުމެއް ނަމަ ހޮސްޕިޓަލަށް ކޮންމެހެން ގެންދަން ވާނެއެވެ.
  • ހަށިގަނޑުގެ ސާފޭސް އޭރިޔާ 10 އިންސައްތައަށްވުރެ ބޮޑަށް އަދާފައިވާނަމަ ހޮސްޕިޓަލަށް ކޮންމެހެން ގެންދަން ވާނެއެވެ. މިފަދަ ހާލަތުގައި ފޮތިކޮޅަކުން އެބައި ނިވާކުރަންވާނެއެވެ.
  • ހުޅުރޯވެ އަނދާފައިވާނަމަ، ކަރަންޓްގައި ޖެހި ފިހިފައިވާނަމަ، ކެމިކަލް މާއްދާއަކުން ފިހިފައިވާނަމަ، ހޮސްޕިޓަލަށް ކޮންމެހެން ގެންދަން ވާނެއެވެ.
  • އަނދާފައިވާ ތަންތަނުގެ ތެރޭގައި މޫނު، ބޯ، އަތްތިލަ، ކުރިމަތި ފަރާތް، ހިމެނޭނަމަ ހޮސްޕިޓަލަށް ކޮންމެހެން ގެންދަން ވާނެއެވެ