ފަށުވި ލިބާސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފަށުވި ލިބާސް

ފަށުވި ލިބާސް(ސައިންޓިފިކް ނަން: Acanthurus lineatus)ނުވަތަ (އިނގިރޭސި ބަހުން: Lined Surgeonfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ތިލަ ހިސާބުތަކުގައި ގިނައިންއުޅޭ ރީތި މަހެކެވެ. މިއީ ފަތިކޮށް ފުޅާކޮށް ހުންނަ މަހެކެވެ. މަހުގެ އަނގަ ކުޑަވެފައި ބޯކޮޅު ހުންނަނީ ވަށްކޮށެވެ. މިއީ ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫން ކަމުގައިވިޔަސް ފަޅުގައި ދާއަޅައިގެން ކުރާ ފަރުމަހުގެ މަސްވެރިކަމުގައި ހިފުނީމާ މަދުމަދުން ކައިއުޅެއެވެ. މަހުގެ ކާނާއަކީ ގަލުފެއްސާއި މޫދުފެއްސެވެ. މިބާވަތުގެ މަސް ކުދި އައިން ހަދައިގެން އަދި ޖޯޑްޖޯޑަށާއި އެކަހެރިކޮށް ވެސް އުޅޭތަން ފެނެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 9 ހަރުކައްޓާއެކު 27 އާއި 29 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 3 ހަރުކައްޓާއެކު 25 އާއި 28 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ހަނދުފަޅިބުރަށް ކަފިކޮށެވެ. މަހުގެ ދެފަރާތުން ނިގޫކޮޅުގައި ތޫނު ދެކަށި ހުރެއެވެ.

މަހުގެ ކަންފަތުން ފެށިގެން މަތީބަޔާއި ބުރަކަށިމަތީ ކޮތަރިބައިގައި ނުލާއި ރީނދޫ އަދި ކަޅުކުލައިގެ ރޮނގުތަކަކުން ކުރެހުން އަޅާފައި ހުރެއެވެ. މަހުގެ ބޮލުގައި ހުންނަ ރޮނގުތައް ހުންނަނީ ކަތިކޮށެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކުލައަކީ އަޅިކުލައެވެ. އަދި މިކޮތަރިބައިގެ ބުޑުދަށް ހުންނަނީ ރީނދޫ ކުލައިގައެވެ. އަދި ކައިރިފަށް ހުންނަނީ ނޫކުލައިގައެވެ. ނިގޫފަތުގެ ބޮޑުބައެއް ހުންނަނީ ކަޅުކުލައިގައެވެ. މިމަސް އެންމެ ބޮޑުވަނީ 38 ސެންޓި މީޓަރަށެވެ.