މުށި ރޮނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
މުށި ރޮނޑު

މުށި ރޮނޑު(ސައިންޓިފިކް ނަން: Scolopsis auratus)ނުވަތަ (އިނގިރޭސި ބަހުން: yellowstripe monocle bream)އަކީ ރާއްޖޭގެ ފަރުތަކުގެ ތިލަފަށުން ބޭރުގައި އުޅޭ ރޮނޑެކެވެ. މިއީ އާންމުކޮށް ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ ރޮނޑެއް ނޫނެވެ. މިބާވަތުގެ ރޮނޑު ވަރަށް ފުނުން ވެސް ފެނެއެވެ. މިގޮތުން 25 މީޓަރު އަޑީގައި މަޑު މުރަކަ ހުންނަ ސަރަހައްދު ތަކުގައި މިބާވަތުގެ ރޮނޑު އުޅޭކަމަށް ވެއެވެ. މިބާވަތުގެ ރޮނޑު 38 ސެންޓިމީޓަރަށް ބޮޑުވާކަމަށް ވެއެވެ. ރާއްޖޭގައި މިބާވަތުގެ ރޮނޑު މަސްވެރިކަމުގައި ބޭނިފައެއް ނުހުރެއެވެ. މުށި ރޮނޑުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 27 އާއި 31އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 24 އާއި 28 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ މުށިކުލަ އެވެ. މަހުގެ ތިރީ ތުންފަތުގެ ކުލައަކީ ރީނދޫ ކުލައެވެ. އަނގައިގެ ތިރީކައިރިން ފެށިގެން ރީނދޫ ކުލައިގެ ރޮނގެއް ކައްޗަށް މަހުގެ ބޮލުގައި ހުރެއެވެ. އަދި އަނގައިގެ ދަށުން މަހުގެ ދަށް ފަރާތުގައި ވެސް މިފަދައަށް ހުންނަ ރީނދޫ ރޮނގެއް ފާޅުކޮށް ފެންނަށް ހުރެއެވެ. މަހުގައި ހުންނަ ރީނދޫކުލައިގެ ރޮނގުތައް ބައެއް ފަހަރު ފަނޑު ރަތްކުލައެއްގައި ހުރެއެވެ. މަހުގެ ނިގޫފަތުގެ ކުލައަކީ ގަދަ މުށި ކުލައެވެ.

މިމަހަށްކިޔާ ވަކިނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މިމަހަށް ކިޔާ އިގިރޭސި ނަމާ ގުޅޭގޮތަށް މުށި ރޮނޑު ކިޔާފައިވަނީ އެވެ. މިރޮނޑު ކާނާގެ ގޮތުގައި ތަފާތު ގިނަ ބާވަތްތަކުގެ ދިރުންތައް ބޭނުން ކުރެއެވެ. އޭގެތެރޭގައި ހިޔަމައިގެ ވައްތަރުތަކާއި، ރިނދައްޔާއި، މަހާއި، ކަކުނި ފާނޑުގެ ސޫފި ހިމެނެއެވެ.