ވޮށިމަސް މިޔަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ވޮށިމަސް މިޔަރު

ވޮށިމަސް މިޔަރު(އިނގިރޭސި ބަހުން: Isurus oxyrinchus)ނުވަތަ (އިނގިރޭސި ބަހުން: shortfin mako shark) އަކީ ވޮށިމަހާއި ގާތްކުރާ ސިފަޔަކަށް ހުންނަ ނުލަފާ މިޔަރެކެވެ. މިމިޔަރުގެ އަނގައިގެ ދަތްތައް ހުންނާނީ ދެބަރިއަކަށް އެތުރިފައެވެ. ވޮށިމަސް މިޔަރަކީ އާދަޔާ ޚިލާފަށް ބާރުމިނެއްގައި ދަތުރުކުރާ ކޮޅަށް އޫކޮށް ހުންނަ ތުންގަނޑެއް ލިބިފައިވާ މިޔަރެކެވެ.މިމިޔަރުގެ ބޮޑު މިނުގައި އާއްމުކޮށް ހުންނަނީ 2 މީޓަރެވެ. އެންމެ ބޮޑުވާނީ 4 މީޓަރަށެވެ. މިމިޔަރު ވިހާ ކޮންމެ ފަހަރަކު 16-2 އާއި ދެމެދުގެ މިންވަރަކަށް ޅަމިޔަރު ވިހައެވެ.

ކާން ބޭނުންކުރާ މިޔަރު މަހުގެ ތެރެއިން އެންމެ މީރު މަހެއް ކަމުގައި ފާހަގަ ކުރެވިފައިވަނީ ވޮށިމަސް މިޔަރުގެ މަހެވެ. ވޮށިމަސް މިޔަރު ގިނައިން ހިފިފައި ހުންނަނީ ދަލުގައި ޖެހިގެންނާއި ލޭނު އަޅައިގެންނެވެ. ވޮށިމަސް މިޔަރުގެ ކާނާ އަކީ އައިން ހަދައިގެން އުޅޭ ލައްޓި ރާގޮނޑި ފަދަ މަސްމަހެވެ. އަދި ބައެއް ފަަހަރު ކަނޑު މަހުގެ ބާވަތްތަކާއި، ހިބަރުގެ ބާވަތްތަކަށް ހަމަލާދޭ ކަމަށް ވެއެވެ.

ވޮށިމަސް މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ނޫއަޅި ކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދުކުލައެވެ. ވޮށިމަސް މިޔަރުގެ އަނގަ ބޮޑުވެފައި ވަރަށް ވަރުގަދަ ދަތްތަކެއް އެގޮތް މިގޮތަށް ނުވަތަ ދެބަރިއަށް އެތުރިފައި ހުރެއެވެ. މިޔަރުގެ ބުރަކަށި މަތީގައިވާ ދެވަނަ އުރަހަ ފުރަތަމަ އުރަހައަށްވުރެ ވަރަށް ބޮޑު ތަން ކުޑައެވެ. މިމިޔަރުގެ ނިގޫފަތް ހުންނަނީ ހަނދުފަޅި ބުރަށް ކަފިކޮށެވެ. ކަންފަތުގެ އުރަހައިގެ ދިގުމިން ބޮލުގެ ދިގުމިނަށްވުރެ ކުރެވެ.