ވިޓަމިން ބީ9

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވިޓަމިން ބީ9 (އިނގިރޭސި ބަހުން: vitamin B9)ނުވަތަ ފޯލިކް އެސިޑް(އިނގިރޭސި ބަހުން: folic acid) އަކީ ވިޓަމިން ބީ ކޮމްޕްލެކްސްގައި ހިމެނޭ ވިޓަމިން އެކެވެ. ފޯލިކް މިނަން ނަގާފައިވަނީ ލެޓިން ބަހެއް ކަމުގައިވާ ފޮލިއޭޖް އިންނެވެ. އެއީ މިމާއްދާ އެންމެ ގިނައީ ފެހިކުލަ ގަދަ ފަތުގައި ކަމަށްވާތީ އެވެ. ފޯލިކް އެސިޑް އަކީ ލޭގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ދިރުކަމުގައިވާ ލޭގެ ރަތް ދިރު އުފައްދައިދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އަދި ވަކިން ޚާއްޞަކޮށް ބަލިވެ އިންނަ ދުވަސްވަރު ގައްޔާއި، ހަށިގަނޑު ހެދި ބޮޑުވަމުން އަންނަ ދުވަސްވަރުގައި ފޯލިކް އެސިޑްގެ ބޭނުން އިތުރަށް މުހިއްމު ވެގެންދެއެވެ. މީގެ އިތުރުން ހަށިގަނޑުގެ އެކި ބައިތަކުގައި ހިމެނޭ ތަފާތު ސެލިތަކުގެ އަސްލު ބިންގާ ކަމުގައިވާ ޑީއެންއޭ އުފެދުމަށް ވެސް ފޯލިކް އެސިޑް ގެ ބޭނުންތެރިކަން ބޮޑެވެ. ބަލިވެ އިންނަ ދުވަސްވަރު އެކަށޭނަ ވަރަކަށް ފޯލިކް އެސިޑް ނުލިބިއްޖެނަމަ، ދަރިފުޅުގެ ސެލިތައް ރަގަޅަށް އުފެދުމަށް ދަތިވެއެވެ. އެހެން ކަމުން ކުއްޖާ އުފަންވާއިރު ޢައިބު ހުންނަގޮތް ދިމާވެއެވެ. ވަކިން ޚާއްޞަކޮށް ނާރުތަކުގެ ޢައިބު ތަކަކީ ފޯލިކް އެސިޑް މަދުވުމުގެ ސަބަބުން ވަރަށް ގިނަ ފަހަރު ދިމާވާ މައްސަލަ އެކެވެ. ފޯލިކް އެސިޑް އަކީ މައިބަދަ އާއި ސިކުނޑި އުފެދުމުގައި އެންމެ އިސްރޯލެއްކުޅޭ އެއް ވިޓަމިނެވެ. ފޯލިކް އެސިޑް 4 މަސް ދުވަސް ވަންދެން، މޭގަނޑު އަދި އެހެން ސެލޯށި ތަކުގައި ކޮށާރުކުރެވިފައި ހުރެއެވެ. އަދި މަދުމަދުން ހަށިގަނޑަށް ބޭނުންވާ ވަރަށް ހަށިގަނޑުގެ އެކި ބައިތަކަށް ފޯރުވައިދެއެވެ. އެކަމަކު ކާބޯތަކެތީގައި ހުންނަ ފޯލިކް އެސިޑް ގެ ތެރެއިން ހަށިގަނޑަށް ނެގެނީ ހަމައެކަނި ½ ހާ އެތިކޮޅެކެވެ. ފޯލިކް އެސިޑް މަދުވުމުގެ ސަބަބުން ބޭރަށްހިންގުން، ބަރުދަން ލުއިވުން، ވަރުދެރަވުން، ބޮލުގައި ރިހުން، އަނގަފާރުވުން ފަދަ ގޮތްތައް ދިމާވެއެވެ. ފޯލިކް އެސިޑް ހިމެނޭ ކާބޯތަކެއްޗަކީ ބޯވެލި ފަދަ ފެހިކުލަ ގަދަ ފަތް، ގެރިމަސް އަދި ކަމީރު އެވެ. ގޮވާމުގެ ބާވަތްތަކުގައި ވެސް މިބައި ހިމެނެއެވެ. ފޯލިކް އެސިޑް އަކީ ފެނުކެއްކުމުންނާއި، ކެއްކުމަށްފަހު މަތިނުޖަހާ ގިނައިރު ބެހެއްޓުމުން ހަލާކުވެދާ އެއްޗެކެވެ. އެހެންކަމުން ކައްކާ މީހުން މިކަމަށް ފަރުވާތެރި ވާންޖެހޭނެއެވެ. ފޯލިކް އެސިޑް ގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު ) ކަމަށް ބަލަނީ ފިރިހެނަކަށް 200 މައިކްރޯގްރާމް އެވެ. އަދި އަންހެނަކަށް ނަމަ 180 މައިކްރޯގްރާމް އެވެ. މާބަނޑު ދުވަސްވަރު 300 އާއި 400 މައިކްރޯގްރާމް އާއި ދެމެދުގެ މިންވަރަކަށް ފޯލިކް އެސިޑް ބޭނުންވެއެވެ. ފޯލިކް އެސިޑް އަކީ ދަރިން އުފެދުމުގައި ދިމާވާ ޢައިބުތަކުން ދުރުހެލިވުމަށާއި، ލޭމަދުވުމަށް ފަރުވާ ދިނުމަށާއި، ހިތުގެ ބަލިތަކުން ސަލާމަތްވުމަށް ފަރުވާއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ.


މިއީ މާބަނޑު ދުވަސްވަރު ބޭނުންކުރާ ކާނާގައި ހިމަނަންޖެހޭ އެއްމެ މުހިއްމު އެއްމާއްދާއެވެ. ބީވިޓަމިންގެ ތެރޭގައި ހިމެނޭ ފޮލިކް އެސިޑަކީ ކުޑަދަރިފުޅުގެ ސްޕައިނަލް ކޯޑްއާއި، ސިކުނޑިއާއި، އޭގެ ވަށައިގެންވާ ފަށަލަތަކުގައި އުފެދޭ އައިބުތަކުން ސަލާމަތްކޮށް ދިނުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ހަމަމިހެން އުފެދުމުގައި ހުންނަ ހިތުގެ ބަލިތަކާއި، އެހެނިހެން އައިބުތަކުން ސަލާމަތްކޮށްދިނުމުގައި ވެސް ފޮލިކް އެސިޑް މުހިއްމު ދައުރެއް އަދާކުރެއެވެ. ބަލިވެއިނުމުގެ ކުރިންނާއި، ބަލިވެއިނުމުގެ ފަހުން ވެސް ފުރަތަމަ 3މަހުގެ ތެރޭގައި 400މައިކްރޯގްރާމްގެ ފޮލިކް އެސިޑް ކޮންމެ ދުވަހަކު ނަގާނަމަ މިފަދަ އައިބުތައް ކުރިމަތިވުން ކުޑަކޮށްދެއެވެ.

ހަމަމިހެން ދަރިފުޅުގެ ބަރުދަން ލުއިވުމާއި، ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން، އަދި ބައިގެން ދިއުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެސް ގާތްކަމެކެވެ. އާންމުގޮތެއްގައި މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ސަޕްލިމެންޓްސް ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއެވެ.

ފޮލިކް އެސިޑް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ސްޕިނެޗް ފަދަ ފަތްޕިލާވެލީގެ ބާވަތްތަކާއި، ތަރުކާރީ، ބީންސް، ހުތްމޭވާ، ޕާން، ފުށް،ހަނޑޫ، ޕާސްޓާ، ފަޅޯ،ގެރިމޭ، ކުކުޅު،ކުކުޅުބިހުގެ ގޮބޮޅި ހިމެނެއެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003