އޮޅުފަތި މިޔަރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
އޮޅުފަތި މިޔަރު

އޮޅުފަތި މިޔަރު (އިނގިރޭސި ބަހުން: Triaenodon obesus)ނުވަތަ (އިނގިރޭސި ބަހުން: Whitetip reef shark)އަކީ މިޔަރުގެ ބާވަތެެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކާއި، ކަނޑުތަކުގައި އެންމެ ގިނައިން އުޅޭ އެއްބާވަތުގެ މިޔަރެވެ. މިއީ ފަރުފަޅުތަކަށް މޫދަށް އެރި އުޅޭމީހުންނަށް ގިނައިން ފެންނަ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިޔަރުގެ ތުންކުރުވެފައި ކޮޅު ހުންނާނީ ވަރަށް ވަށްކޮށެވެ. މިމިޔަރުގެ ދަތްތައް ހުންނާނީ ކޮޅަށް އޫކޮށް ކައިރިފަށް އޮމާން ކޮށެވެ. 2.1މީޓަރަށް މިމިޔަރު ބޮޑުވާކަމަށް ވެއެވެ. ނަމަވެސް ގިނައިން ފެނިފައި ހުންނަނީ 1.6 މީޓަރަށްވުރެ ކުދި މިޔަރެވެ. މިއީ ވަރަށް ތިލަ ހިސާބުތަކުގައި އުޅޭ މިޔަރެއް ކަމަށް ވިޔަސް ގާތްގަނޑަކަށް 330 މީޓަރުގެ ފުންމިނުގައި ވެސް މިމިޔަރު އުޅޭކަމަށް ވެއެވެ. މިމިޔަރު ވިހާ ކޮންމެ ފަހަރަކު 5-1އާއި ދެމެދުގެ ޢަދަދަކަށް ޅަމިޔަރު ވިހައެވެ. ވިހާ ޅަމިޔަރުގެ ދިގުމިނުގައި 62-50 ސެންޓިމީޓަރާއި ދެމެދުގެ ދިގުމިން ހުރެއެވެ.

އޮޅުފަތި މިޔަރު ކާނާގެ ގޮތުގައި ގިނައިން ކައިއުޅެނީ އެކިބާވަތުގެ ފަރު މަހާއި، އިއްސާއި، ބޯވައާއި، ކަކުންޏެވެ. މިއީ މޫދަށް އެރި އުޅޭމީހުންނަށް ނުރައްކާތެރި ޙަމަލާދޭ މިޔަރެއް ނޫނެވެ. ނަމަވެސް އެންމަހުގެ ފިލި ވަހަށް އައިސް ޙަމަލާދޭ ކަމަށް ވެއެވެ. މިމިޔަރުގެ މަތީބައިގެ ކުލައަކީ އަޅިމުށި ކުލައެވެ. ބައެއް މިޔަރުގައި ކަޅު ކުލައިގެ ތިކިތަކެއް ދެއަރި މަތީގައި ހުރެދާނެއެވެ. މިޔަރުގެ ބުރަކަށި މަތީގެ ފުރަތަމަ އުރަހައިގެ ކޮޅު ގައްޔާއި، ނިގޫފަތުގެ މަތީބައިގެ ކޮޅުގައި ފާހަގަ ކުރެވޭ ފަދަ ހުދުކުލައިގެ ދެލައް ހުރެއެވެ.