އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ( މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ) ގެ ނޮދަން އޭރިއާއަކީ ދިވެހި ސިފައިންގެ ޚިދުމަތް ރާއްޖޭގައި ދިނުމަށް ޤާއިމުކޮށްފައިވާ ހަތަރު އޭރިއާ ކޮމާންޑްގެ ތެރެއިން ރާއްޖޭގެ އުތުރުގައި އޮންނަ އޭރިއާ ކޮމާންޑެވެ. މި އޭރިއާ ކޮމާންޑް އުފެދުނީ 3 ޑިސެމްބަރ 2009 އެވެ. ނޮދަން އޭރިއާ ރަސްމީކޮށް އިފްތިތާޙް ކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ އިން ޗީފް އަލްފާޟިލް މުޙައްމަދު ނަޝީދެވެ.

ނޮދަން އޭރިއާގެ ހެޑްކްއޯޓާޒްއަކީ ހދ. ހަނިމާދޫއެވެ. އެހެންނަމަވެސް ވަގުތީ ގޮތުން އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ހެޑްކްއޯޓާޒް ޤާއިމުކޮށް ހިންގަމުންދަނީ ޅ. މާފިލާފުށީގައެވެ. ނޮދަން އޭރިއާގައި 5 ޕޯސް ޤާއިމުކޮށްފައިވެއެވެ. އެއީ ހެޑްކްއޯޓާޒް ވަގުތީ ގޮތުން ހިންގަމުންދާ ޅ. މަޑިވަރު ޕޯސްޓާއި، ޅ. މާފިލާފުށީ ޕޯސްޓާއި، ހދ. ހަނިމާދޫ ޕޯސްޓާއި، ހދ. ކުޅުދުއްފުށީ ޕޯސްޓާއި، ހއ. އުލިގަމް ޕޯސްޓެވެ. ރ. މީދޫގައި ނޮދަން އޭރިއާގެ ޕޯސްޓެއް ޤާއިމު ކުރުމަށް ސަރުކާރުންވަނީ އެކަމަށް ޚާއްޞަ ބިމެއް ހަމަޖައްސަވައި ދެއްވާފައެވެ.

ނޮދަން އޭރިއާގައި ޖުމުލަ 7 އަތޮޅު ހިމެނެއެވެ. އެއީ ރާއްޖޭގެ އެންމެ އުތުރުގައިވާ 7 އަތޮޅު ކަމަށްވާ ހއ (ތިލަދުންމަތީ އުތުރުބުރި)، ހދ (ތިލަދުންމަތީ ދެކުނުބުރި)، ށ(މިލަދުންމަޑުލު އުތުރުބުރި)، ނ(މިލަދުންމަޑުލު ދެކުނުބުރި)، ރ(މާޅޮސްމަޑުލު އުތުރުބުރި)، ބ (މާޅޮސްމަޑުލު ދެކުނުބުރި) އަދި ޅ.(ފާދިއްޕޮޅު) އަތޮޅެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ނިސްބަތްވާ 7 އަތޮޅުގެ އެންމެ އުތުރުގައިވާ ތިން އަތޮޅު ހިމެނެނީ މަތިއުތުރު ސަރަޙައްދުގައެވެ. އަނެއް 4 އަތޮޅު ހިމެނެނީ ރާއްޖޭގެ އުތުރު ސަރަޙައްދުގައެވެ.

ނޮދަން އޭރިއާގެ ކޮމާންޑަރަކީ ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުހައްމަދެވެ. ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރަކީ މޭޖަރ އަޙްމަދު ޖިހާދެވެ. ކޮމާންޑް ސާރޖަންޓް މޭޖަރ އަކީ ވއ.2 ޢަބްދުﷲ ސަޢީދެވެ.

ނޮދަން އޭރިއާ އޮޕަރޭޝަން ހާލަތްތަކުގައި މަސައްކަތްކުރުމަށް ތިން ކޮމްޕޯނަންޓް ވަނީ ޤާއިމުވެފައެވެ. އެއީ މެރިންކޯ ކޮމްޕޯނަންޓް އާއި ކޯސްޓްގާޑް ސްކޮޑްރަން އަދި ސާރވިސް ސަޕޯޓް ކޮމްޕޯނަންޓެވެ. މި ތިން ކޮމްޕޯނަންޓްގެ އިދާރީ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދަނީ ނޮދަން އޭރިއާގެ ހެޑްކްއޯޓާޒް އިންނެވެ. މެރިންކޯ ކޮމްޕޯނަންޓްގެ ގޮތުގައި ނޮދަން އޭރިއާއާ އެޓޭޗްކުރެވިފައިވަނީ މެރީންސް ޑިޕްލޮއިމަންޓް ޔުނިޓް 6 އެވެ. އެމްޑީޔޫ 6 ގެ ޕީއެލް އަކީ ލެފްޓަނަންޓް އަޙްމަދު ޝަފީޤެވެ. ކޯސްޓްގާޑް ސްކޮޑްރަންގެ ކޮމާންޑަރަކީ ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ އަޙްމަދު ޖިހާދެވެ. ނޮދަން އޭރިއާގެ ސާވިސް ސަޕޯޓް ކޮމްޕޯނަންޓަށް ހަމަޖެއްސެވި ކޮމާންޑަރ ފަސްޓްލެފްޓިނަންޓް ޢަބްދުﷲ މުނާޒް ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކުވަނީ ރިޓަޔަރ ކުރައްވާފައެވެ.

ނޮދަން އޭރިއާގެ ހެޑްކްއޯޓަރޒްގައި ސްޓާފް އޮފިސަރުންގެ ގޮތުގައި މިވަގުތު 3 އޮފިސަރަކު މަސައްކަތް ކުރައްވައެވެ. އެއީ ލެފްޓިނަންޓް މުޙައްމަދު ފަރީމް އާއި ލެފްޓިނަންޓް އިސްމާޢީލް ޝަފީޤް އާއި ލެފްޓިނަންޓް މުޙައްމަދު ނަޒީމެވެ. ލެފްޓިނަންޓް މުޙައްމަދު ފަރީމަކީ ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ އަދި ހއ. އުލިގަމް ޕޯސްޓްގެ އޮފިސަރ އިންޗާޖެވެ. ލެފްޓިނަންޓް އިސްމާޢީލް ޝަފީޤް އަކީ އޮޕަރޭޝަން އޮފިސަރެވެ. ލެފްޓިނަންޓް މުޙައްމަދު ނަޒީމަކީ އެޑްމިނިސްޓްރޭޝަން އޮފިސަރެވެ.

އަހަރީ ދުވަސް[އުނިއިތުރު ގެންނަވާ]

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އަހަރީ ދުވަހަކީ ސެޕްޓެންބަރުމަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ނިސްބަތްވަނީ އާރުއެޗްކިޔު ޅ. މަޑިވަރާއި، އާރުއެޗްކިޔު ހދ. ކުޅުދުއްފުށި އިފްތިތާހުކުރެވުނު ދުވަސްކަމުގައިވާ 2001 ސެޕްޓެންބަރު 01 ވަނަ ދުވަހަށެވެ.

ނޮދަން އޭރިއާ ކޮމާންޑާ ގުޅޭ މުހިންމު ތާރީޚުތައް[އުނިއިތުރު ގެންނަވާ]

1. 06 އޮކްޓޫބަރު 1993: އެންއެސްއެސް ކުޅުދުއްފުށި ހުޅުވުން

2. 29 ޑިސެންބަރު 1995: އެންއެސްއެސް ހަނިމާދޫ ހުޅުވުން

3. 29 ޑިސެންބަރު 1995: އެންއެސްއެސް ފެލިވަރު ހުޅުވުން

4. 13 އޯގަސްޓް 1999: އެންއެސްއެސް އުލިގަން ހުޅުވުން

5. 01 ސެޕްޓެންބަރު 2000: އެންއެސްއެސް މަޑިވަރު (ކޯސްޓްގާޑުގެ ދަށަށް މަޑިވަރު ބަދަލުކުރެއްވި)

6. 01 ސެޕްޓެންބަރު 2001 ރީޖަނަލް ހެޑްކްއޯޓަރޒް – ޅ. މަޑިވަރު ހުޅުވުން

7. 01 ސެޕްޓެންބަރު 2001: ރީޖަނަރަލް ހެޑްކްއޯޓަރޒް – ހދ. ކުޅުދުއްފުށި ހުޅުވުން

8. 03 ޑިސެންބަރު 2009: އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް / ޅ. މަޑިވަރު ވަގުތީގޮތުން އިފްތިތާޙުކޮށްދެއްވި.