Jump to content

އޫރު ރޯގާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އޫރު ރޯގާ (އިނގިރޭސި ބަހުން: Swine Influenza)އަކީ ވައިރަސް ގެ ޒަރީޢާއިން ޖެހޭ ބައްޔެކެވެ. މިއީ އާންމު ގޮތެއްގައި އޫރުގެ ގައިގައި ހުންނަ އިންފުލެއެންޒާ ވައިރަސްގެ ވައްތަރަކުން ޖެހޭ ބައްޔެކެވެ. މިވައިރަސް އަށް އާންމުކޮށްކިޔަނީ ސްވައިން އިންފުލުއެންޒާ ވައިރަސް(އިނގިރޭސި ބަހުން: swine influenza virus) އެވެ. އޫރުގެ މެދުގައި މިބަލި އާންމު ނަމަވެސް އިންސާނުންނަށް މިބަލި ޖެހެނީ ވަރަށް މަދުންނެވެ.

އޫރު ރޯގާ ޖައްސާ ވައިރަސް

އޫރު ރޯގާ އަކީ އޫރުގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. ބަލި ޖައްސާ ވައިރަސްގެ ނަމަކީ އިންފުލުއެންޒާ ވައިރަސް އޭ އެވެ. އިންސާނުންނާއި ޖަނަވާރުންނަށް ބަލި ޖައްސާ ތަފާތު ވައިރަސް ތަކުގެ ސަބަބުން އޫރަށް ވެސް ރޯގާ ޖެހެއެވެ. ނަތީޖާއަކަށްވަނީ ވައިރަސް އޭގެ ވިރާސީ ބަހާ ނުވަތަ ޖީން ބަދަލުކޮށް އާސިފައެއްގައި ނިކުތުމެވެ. އަދި އަލަށް ނިކުމެގެން އަންނަ ނުވަތަ އުފެދިގެން އަންނަ ވައިރަސް އަކީ އިންސާނުންނާއި އޫރަށް ވެސް ބަލި ޖައްސާ އެއްޗަކަށް ވުމެވެ. އޫރު ރޯގާ އަކީ އިންފުލުއެންޒާ ވައިރަސް އޭ ގެ ޖީން ބަދަލުވެފައިވާ ވައިރަސް އެއް ކަމުގައިވާ ސްވައިން އެޗް1 އެން1 ގެ ސަބަބުން ފެތުރިގެން އުޅޭ ރޯގާ އެކެވެ. މިއީ އޫރުތަކަށް ރޯގާ ޖައްސާ ވައިރަސް، ދޫނިތަކަށް ރޯގާ ޖައްސާ ވައިރަސް އަދި އިންސާނުންނަށް ރޯގާ ޖައްސާ ވައިރަސް އާއި މަސްހުނިވެގެން އުފެދިފައިވާ ވައިރަހެކެވެ.

އިންފުލުއެންޒާ ވައިރަސް އޭ

[އުނިއިތުރު ގެންނަވާ]

އިންފުލުއެންޒާ ވައިރަސް އޭ ގެ ތަފާތު ވައްތަރު(ސްޓްރެއިން) ތައް ހުރެއެވެ. މިވައްތަރުތައް ކަނޑައަޅަނީ ވައިރަހުގެ ބޭރު ސަތަހައިގައި ހުންނަ ދެއެންޓިޖެން ނުވަތަ ދެ ޕްރޮޓީން އިންނެވެ. މިގޮތުން ހިމެނޭ ދެ އެންޓިޖެން އަކީ ހީމްއެގުލޫޓިނިން(H) އަދި ނިއުރަމިނިޑޭސް(N) އެވެ. މިގޮތުން އޫރު ރޯގާ ޖައްސާ ސްޓްރެއިން އަކީ H1N1އެވެ. އަދި މިވައިރަސްގެ އެހެން ސްޓްރެއިން އެއް ކަމުގައިވާ H5N1 އަކީ ދޫނި ރޯގާ ޖައްސާ ވައިރަސް އެވެ. އިންފުލުއެންޒާ އޭ ވައިރަސްގެ ސަތަހައިގައި ހިމެނޭ މިދެންނެވި ދެ ޕްރޮޓީން އަށް ބަލާއިރު ތަފާތު 16 ވައްތަރެއްގެ ހީމްއެގުލޫޓިނިން ހުންނަ ކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި 9 ވައްތަރެއްގެ ނިއުރަމިނިޑޭސް ހުންނަކަން ފާހަގަ ކުރެވިފައެވެ. އެހެން ކަމުން ސްޓްރެއިން އަށް ނަންދެވިފައިވަނީ މި ހީމްއެގުލޫޓިނިން އަދި ނިއުރަމިނިޑޭސްގެ ނަންބަރާއި ގުޅުވައިގެންނެވެ.

އިންފުލުއެންޒާ އެޗް 1 އެން 1 ގެ ތާރީޚް ފެށިގެން އަންނަނީ 1918 ވަނަ އަހަރު ސްޕޭން އިން ފެންމަތިވެގެން އައި ސްޕޭން ރޯގާ އާ ހިސާބުންނެވެ. ދުނިޔޭގެ އާބާދީގެ 500 މިލިޔަން މީހުންނަށް މިބަލިޖެހި، 50 މިލިޔަން މީހުން ދުނިޔެ ދޫކުރި މިރޯގާ ގެ އަސްލަކީ އިންފުލުއެންޒާ ވައިރަސް އޭގެ އެޗް1 އެން1 ސްޓްރެއިންކަން ހޯދުނީ އޭގެ 12 އަހަރު ފަހުން 1930 ވަނަ އަހަރު ގައެވެ. 1976 ގެ ފެބުރުއަރީގައި އެމެރިކާގެ ފޯޓްޑިކްސް ގައި ސިފައިންގެ 240 މީހުންނަށް ސްވައިން ފުލޫ ޖެހިފައިވެއެވެ. ފުރަތަމަ ބަލިޖެހުނު މީހާއަށް ވަރުބަލިވުމާއި، ގައިން ބާރުދޫވުން ކުރިމަތިވެ، ޖެހިގެން އައިދުވަހު އޭނާ ދުނިޔެ ދޫކުރިއެވެ. ބަލި ފެތުރިދާނެ ކަމުގެ ބިރަށް ސްވައިންފުލޫ ވެކްސިންގެ ނަމުގައި ވެކްސިނެއް އުފައްދައި، ވެކްސިން ދޭން ފެށުނެވެ. 1976 ގެ އޮކްޓޯބަރު މަހާއި ހަމައަށް 40 މިލިޔަން މީހުންނަށް ވެކްސިން ދެވުނެވެ. އޭގެ ތެރެއިން 500 ވަރަކަށް މީހުންނަށް ވާގިނެތުމުގެ ވައްތަރެއް ކަމުގައިވާ ގިލައިން ބެރީ ސިންޑްރޯމް ޖެހުނުކަން ފާހަގަ ކުރެވުނެވެ. އަދި 25 މީހުންނަށް ނިއުމޯނިޔާ ޖެހިގެން މަރުވެދިޔައެވެ. ބުނެވޭގޮތުގައި މިވެކްސިނާއި ގުޅިގެން މީހުން މަރުވާންދިމާވީ ވެކްސިން އުފެއްދުމުގެ ބޭނުންކުރި ފޯމަލީން ގެ ސަބަބުން ކަމަށް ބުނެވެއެވެ. މިފަހަރު ކުރިމަތިވެގެން މިއުޅޭ ސްވައިން ފުލޫ ފެށިގެން އައީ 18 މާރޗް 2009 ގައި މެކްސިކޯ އިންނެވެ. އޭގެ ފަހުން ދުނިޔޭގެ އެކި ގައުމުތަކުން މަދުމަދުން ފެންނަށް ފަށާފައި ވެއެވެ. މިހާރު 15 މެއި 2009 ގެ ނިޔަލަށް ދުނިޔޭގެ ތަފާތު ގައުމުތަކުން 7520 މީހުންނަށް މިބަލިޖެހި، 71 މީހުން ދުނިޔެ ދޫކޮށްފައިވެއެވެ.

  • ކެއްސައި ކިނބި އަޅާ ހެދުމުގެ ތެރޭގައި އަނގަޔާއި ނޭފަތުން ބޭރުވެގެންދާ ތަކެތި، ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ވާޞިލްވުމުން
  • ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި އެއްޗެއްގައި އަތްލުމަށްފަހު އެއަތްނުދޮވެ، އަނގަޔަށް ނުވަތަ ނޭފަތަށްލުން. ނުވަތަ ލޮލުގައި އަތްލުން

ސްވައިން ފުލޫ ޖެހިފައިވާ މީހެއްގެ ކިބައިން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބަލީގެ އަލާމާތްތައް ފެނުމުގެ އެއްދުވަސް ކުރިން ފެށިގެން ގޮސް އަލާމާތްތައް ފެނުމަށްފަހު އަންނަ 7 ދުވަހުގެ ތެރޭގައެވެ. ކުޑަކުދިންނަށް މިމުއްދަތު 10 ދުވަހަށް ދިގުލައި ދިއުމަކީ ވެދާނެ ގޮތެކެވެ. އޫރު ރޯގާ އަކީ އާންމުކޮށް އިންސާނުންނަށް ޖެހޭ ބައްޔެއްނޫނެވެ. ފާއިތުވި ދުވަސްތަކުގައި މިބަލި ޖެހިފައިވަނީ ކައިރިން އޫރާ މުޢާމަލާތްކުރާ މީހުންނަށެވެ. މިސާލަކަށް އޫރުގެންގުޅެ ބޮޑުކުރާ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށެވެ. އަދި އެފަދަ މީހުންގެ ކިބައިން އެހެން މީހުންނަށް މިރޯގާ ވާޞިލްވެފައިވަނީ ވަރަށް މަދުންނެވެ. ނަމަވެސް މިހާރު ކުރިމަތިވެގެން މިއުޅޭ ރޯގާ އަކީ އިންސާނުންގެ އެކަކުގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއްކަން ވަނީ ކަށަވަރުވެފައެވެ. އޫރު ރޯގާ ފެތުރިގެންދިއުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ މިފަދަ ވައިރަސް އަށް ކުރިން ހުށަހެޅިފައިނެތް މީހުންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި މިފަދަ ރޯގާއަކުން ސަލާމަތްވުމުގެ ބާރު ނުހުންނާނެތީ އެވެ.

އޫރު ރޯގާ ޖެހުމުން ހަށިގަނޑަށްކުރާ އަސަރު ދައްކައިދޭ ފޮޓޯއެއް

އިންސާނުންނާއި އޫރު ރޯގާ

[އުނިއިތުރު ގެންނަވާ]

އޫރު ރޯގާއަކީ، ޢާއްމު ގޮތެއްގައި އިންސާނުންނަށް ޖެހޭ ބައްޔެއް ނޫނެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި އެ ރޯގާ އިންސާނުންނަށް ޖެހިދާނެއެވެ. ޚާއްޞަކޮށް، ކާރިން އޫރާ މުޢާމަލާތްކުރާ މީހުންނަށެވެ. އިންސާނުންނަށް އެ ރޯގާ ޖެހުމަށްފަހު، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަމުންދާކަން ކަށަވަރުވެފައި ވެއެވެ.

އިންސާނުންނަށް ޖެހޭ އާދައިގެ ރޯގާ ފަދައިން ކެއްސުމާއި ކިނބިހި އެޅުމުގެ ޒަރީއާއިން އޫރު ރޯގާ ވެސް ފެތުރެއެވެ. (ކެއްސާއިރުގައްޔާއި ކިނބިހި އަޅާއިރު، ރުމާލަކުން ނުވަތަ ޓިޝޫއަކުން އަނގަމައްޗާއި ނޭފަތް ނިވާކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.)

އިންސާނުންގެ މެދުގައި އޫރު ރޯގާ މިހާރު ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ރޯގާގެ ވައްތަރު

[އުނިއިތުރު ގެންނަވާ]

ޑަބުލިއު އެޗް އޯ އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އޫރު ރޯގާ ޖެހިފައިވާ ބައެއް މީހުންނަށް ބަލިޖައްސާފައިވަނީ، ކުރިން އެނގިފައިވާ އޫރު ރޯގާގެ ވައިރަހުގެ ނަކަލެއް ނޫނެވެ.

ޢާއްމު ގޮތެއްގައި އިންސާނުންނަށް ރޯގާ ޖައްސަނީ، H1N1 ގެ ނަމުން ނަންދެވިފައިވާ ވައްތަރުގެ ވައިރަހެވެ. ނަމަވެސް، މިހާރު އޫރު ރޯގާ ޖައްސައިގެން މިއުޅޭ ވައިރަހުގެ ނަކަލަކީ، އިންސާނުންނާއި ދޫންޏާއި އޫރަށް ރޯގާ ޖައްސާ ވައިރަހުގެ ޖީންތައް އެކުވެފައިވާ ނަކަލެކެވެ.

ރޯގާ ޖައްސާ ވައިރަސްތަކަކީ، އޭގައިވާ ޖީންތައް އެއް ވައްތަރުގެ ވައިރަހުން އަނެއް ވައްތަރުގެ ވައިރަހަށް ފޮނުވުމުގެ ޤާބިލިއްޔަތު ލިބިފައިވާ އެއްޗެކެވެ. ލަފާކުރެވޭ ގޮތުގައި، އަލަށް މި އުފެދުނު ނަކަލު އުފެދިފައިވަނީ، ރޯގާގެ އެތައް ވައްތަރެއްގެ ވައިރަސް އެކައްޗަށް ޖެހުމުން އޭގެ ކިބައިންނެވެ.


އަލާމާތްތައް

[އުނިއިތުރު ގެންނަވާ]

އޫރު ރޯގާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ބޮލުގައި ރިހުން، ބޯއެނބުރުން، ނޭވާލާން އުދަގޫވުން، ކާހިތް ކެނޑުން ފަދަ ކަންތައްތައް ހިމެނެއެވެ. އޫރު ރޯގާއަކީ، އޫރުގެ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެކެވެ. އޫރުތަކަކަށް މި ބަލި ޖެހުމުން، އެތަކެތީގެ ބަލި ޙާލު ވަރަށް ބޮޑުވެއެވެ. ނަމަވެސް ވަރަށް ނާދިރު ޙާލަތެއްގައި މެނުވީ މަރެއް ނުވެއެވެ. ޢާއްމު ގޮތެއްގައި މި ބަލި ފެތުރެނީ ޚަރީފު މޫސުމާއި ފިނި މޫސުމުގައެވެ. ނަމަވެސް، އެ ދެ މޫސުމް ނޫން ދުވަސްތަކެއްގައި ވެސް މި ބަލި ފެތުރުމަކީ ވެދާނެ ކަމެކެވެ.

އޫރު ރޯގާގެ އެތައް ވައްތަރެއް ވެއެވެ. އިންސާނުންނަށް ޖެހޭ ރޯގާގެ ވައިރަހެކޭ އެއްފަދައިން، އޫރު ރޯގާގެ ވައިރަހަކީ ވެސް ދާއިމީ ގޮތެއްގައި އޭގެ ޖެނެޓިކް ޗާޓު ބަދަލުކުރަމުން ގެންދާ އެއްޗެކެވެ.


އޫރު ރޯގާއާއި ގުޅިގެން ކުރިމަތިވާ އުދަގޫތަކަކީ އާންމުކޮށް ކުރިމަތިވާ އަރިދަފުސް ރޯގާ އާއި ވަރަށް އެއްގޮތް އުދަގޫތަކެކެވެ.

  • އާންމު އަލާމާތްތަކުގެތެރޭގައި ގަދަޔަށް ހުންއައުން (38އަށް ޑިގްރީއަށްވުރެމަތި)،ހީކެރުވުން، ވަރުބަލިވުން، ކެއްސުން، ކަރުގައި ރިހުން، ބޮލުގައި ރިހުން، ގައިގައި ރިހުން، އަދި ކާހިތްނުވުން ފަދަ ކަންތައްތައް ހިމެނެއެވެ.
  • ބައެއް ފަހަރު ފެންނަ އަލާމާތްތަކުގެ ތެރޭގައި، ނޭފަތުން ފެންއައުން، ކިނބިހިއެޅުން، ކަރުތެރެ ފާރުވުން، މޭނުބައިކުރުން، ހޮނޑުލެވުން، އަދި ބޭރަށްހިންގުން ފަދަ އުދަގޫތައް ހިމެނެއެވެ.
  • ބޮޑެތި މީހުންނަށް ފެނިދާނެ ނުރައްކަލުގެ ނިޝާންތަކުގެ ތެރޭގައި ނޭވާލާން އުދަގޫވުން ނުވަތަ ނޭވާކުރުވުން، މޭމައްޗާއި ބަނޑަށް ތަދުވުން ނުވަތަ ވާންވުން، ކުއްލިއަކަށް އަބުރައިގަތުން، އަދި ހާސްވެ ވާނުވާ ނޭގުން ފަދަ ކަންތައްތައް ހިމެނެއެވެ.
  • ކުޑަކުދިންގެ ފަރާތުން ފެނިދާނެ ނުރައްކަލުގެ ނިޝާން ތަކުގެ ތެރޭގައި މާއަވަސް އަވަހަށް ނޭވާލުން، ނުވަތަ ނޭވާލާން އުދަގޫވުން، ހަމުގެ ކުލަ އަޅި ނޫކުލައަކަށް ބަދަލުވުން، އެކަށީގެންވާ މިންވަރަށް ދިޔާތަކެތި ނުބުއިން، ނިދިބުރަވުން ނުވަތަ ހިމޭނުން އޮތުން، އަރިދަފުސް ރޯގާގެ އުދަގޫތައް ރަގަޅުވެފައި، އަލުން ހުންއައުމާއެކު އިހުނަށްވުރެ ބޮޑަށް ކެއްސުމާއެކު އުދަގޫތައް އެނބުރިއައުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި އެންމެ ނުރައްކާތެރި ޙާލަތުގައި މޭގައި އަރިދަފުސް ހިފައި، ނޭވާލުމަށް ނުކުޅެދި، މަރުވެދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.
  • ސްވައިން ފުލޫ ޖެހިގެން މަރުވާން ދިމާވަނީ ނޭވާލާން ދަތިވެ ނޭވާލުން ފޭލްވެގެން ދިއުމުންނެވެ. މިގޮތަށް ދިމާވަނީ މިރޯގާގެ ސަބަބުން ފުއްޕާމޭގައި އަރިދަފުސް އަށަގަނެ، ފެންހަރުލާގޮތްވެ، ފުއްޕާމޭގެ މަސައްކަތަށް ބުރޫއެރުމުންނެވެ. މާނައަކީ ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން ފޯރުކޮށް ނުދެވުމާއި، ހަށިގަނޑުން ކާބަންޑައި އޮކްސައިޑް ބޭރުނުކުރެވުމުން ނޭވާލާން އުދަގޫވެ، ނޭވާލުން ފޭލްވެގެން ދަނީ އެވެ.

ނުރައްކާތެރިކަމުގެ މިންވަރު

[އުނިއިތުރު ގެންނަވާ]

އޫރު ރޯގާ ޖެހުމުން ފެންނަ އަލާމާތްތަކަކީ، އިންސާނުންނަށް ޖެހޭ އާދައިގެ ރޯގާގެ އަލާމާތްތަކެވެ. އޭގެތެރޭގައި ހުންއައުމާއި ކެއްސުމާއި ކަރުތެރެއަށާއި ހުޅުތަކަށް ތަދުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ދުނިޔޭގެ ޤައުމުތަކުން ފެނިފައިވާ އޫރު ރޯގާ ޖެހިފައިވާ ގިނަ މީހުންގެ ޙާލަތު ފެންނަނީ އާދައިގެ ގޮތަކަށެވެ. މިއިން އިސްތިސްނާ ވެފައިވަނީ މެކްސިކޯ އެވެ. އެ ޤައުމުގައި އޫރު ރޯގާ ޖެހުނު އެތައް ބަޔަކު ވަނީ މަރުވެފައެވެ.


ބައްޔާއި މެދު ކަންބޮޑުވުން

[އުނިއިތުރު ގެންނަވާ]
އޫރު ރޯގާ ޖައްސާ ވައިރަސް އުފެދިގެން އައިސްފައިވާގޮތް

ގައިންގަޔަށް އަރާ ބައްޔެއް ޖައްސާ ވައިރަހެއް މިޒަމާނުގައި ހަމަ ފާޅުވުމާއެކު، އެއަށް ފާރަލައި ބެލުމަކީ ކުރާ ކަމެކެވެ. މިކަން މިހެންކުރަނީ، އެވައިރަހުގެ ސަބަބުން ބޮޑު ވަބާއެއް ފެތުރިދާނެކަމުގެ ބިރު އޮންނާތީއެވެ.

މެކްސިކޯ އާއި އެމެރިކާގައި އޫރު ރޯގާ ޖެހުނު މީހުންގެ ސަބަބުން، މުޅި ދުނިޔެއަށް އެ ނުރައްކާތެރި ވަބާ ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު، ޑަބުލިއު އެޗް އޯ އިންވަނީ ދީފައެވެ. އެ ފަރާތުން ބުނާ ގޮތުގައި، ބަލި ފެތުރެމުން ދާގޮތާއި ޙާލަތު ވަނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ.

ނަމަވެސް އޫރު ރޯގާ ފެތުރެމުންދާ ގޮތް، ބަލައި ވަކި ގޮތެއް ކަނޑައެޅުމަށް އަދި މާ އަވަސް ކަމަށް ޑަބުލިއު އެޗް އޯ އިން އިޝާރަތްކުރެއެވެ.

އޫރު ރޯގާ ފަދަ ވަބާއެއް ފެތުރުމުން ނުކުންނާނެ ހިތި ނަތީޖާ ބަޔާންކުރާކަށް ނޭގެއެވެ. ނަމަވެސް، ކަމާބެހޭ މާހިރުން ބުނާ ގޮތުގައި އޫރު ރޯގާ ފެތުރިއްޖެނަމަ، ދުނިޔޭގެ އާބާދީން އެތައް މިލިޔަން މީހުން މަރުވާނެއެވެ.

1918 ވަނަ އަހަރު، ސްޕެއިންގައި ފެތުރުނު ރޯގާއަކީ، H1N1 ގެ ވައިރަހަކުން ފެތުރުނު ރޯގާއެކެވެ. އެ ރޯގާ ޖެހިގެން އެތައް މިލިޔަން މީހުން މަރުވެފައި ވެއެވެ.

މެކްސިކޯއިން ފެނުނު އޫރު ރޯގާ ޖެހުނު މީހުންނާ ޚިލާފަށް، އެމެރިކާއިން ފެނުނު، އޫރު ރޯގާގެ ޙާލަތްތަކުގެ ނުރައްކާތެރިކަން ކުޑައެވެ. މިކަމަކީ، ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. މެކްސިކޯގައި އޫރު ރޯގާ ޖެހުނު މީހުންގެ ޙާލަތު ނުރައްކާތެރިވެގެން ދިޔައީ، ޖޯގުރަފީ ގޮތުން ކުރިމަތިވި ސަބަބުތަކަކާ ހެދި ކަމަށް ލަފާކުރެވެއެވެ. ނުވަތަ، އޫރު ރޯގާގެ ވައިރަހާއެކު ބަލި މީހުންނަށް ޖެހުނު އެހެން ވައިރަހެއްގެ ސަބުން ކަމަށް ވެސް ބެލެވެއެވެ.

މެކްސިކޯގައި އޫރު ރޯގާ ޖެހުނު މީހުން ފަރުވާ ހޯދާފައިވަނީ، ބަލި ޙާލަތު މާ ބޮޑުވި ފަހުންނެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ވަނީ، ބަލި ޖެހުމާއެކު ފަރުވާ ދެވިފައެވެ. މިއީ ވެސް މިކަމުގައި، މެކްސިކޯއާ އެހެން ޤައުތަކާ ދެމެދުގައި ހުރި ތަފާތެކެވެ.

ސްވައިން ފްލޫ ދެނެގަތުމަށް ފުރަތަމަ ކުރެވޭ ކަމަކީ އަރިދަފުސް ނުވަތަ އަނގަޔާއި ނޭފަތުން ބޭރުވާ ދިޔަ ނަގައިގެން ، ނުވަތަ އަނގަ ނުވަތަ ނޭފަތުން ސްވެބެއް(އަރިދަފުސްކޮޅެއް) ފަދަ އެއްޗެއްނަގައިގެން އޭގައި ހުރީ ކޮންކަހަލަ ވައިރަހެއްތޯ ބަލަނީ އެވެ. އެއީ އިންފުލުއެންޒާ ވައިރަސް އޭ ނޫނީ ބީ ނޫނީ ސީ ތޯ ދެނެގަންނަނީ އެވެ. މިސްވެބްގެ އެހީގައި ވައިރަސްގެ ވައްތަރު ދެނެގަންނަނީ ވައިރަސް ކަލްޗަރ ކޮށްގެންނެވެ. އިންފުލުއެންޒާ ވައިރަސް އޭކަން ޔަގީންވުމުން ދެން ބަލަނީ އޭގެ ސްޓްރެއިން ދެނެގަނެވޭތޯ އެވެ. އެގޮތުން އޭގެ ސްޓްރެއިން ދެނެގަތުމަށް ހެދޭ ޓެސްޓަކީ ރިއަލް ޓައިމް ނުވަތަ ރިވާސް ޓްރާންކްރިޕްޝަން ޕޮލިމަރޭސް ޗެއިން ރިއެކްޝަން ކިޔާ ޓެސްޓެކެވެ. މިއީ ރޯގާޖެހިފައިވާކަން ޔަގީންކޮށްދޭނެ ޓެސްޓެކެވެ. މީގެ އިތުރުން މޭގެ އެކްސްރޭ ނަގައިގެން ނިއުމޯނިޔާގެ އަލާމާތްތައް ހުރިތޯ ބަލައެވެ. ކުރިން ބުނެވުނު ރިވާސް ޓްރާންސްކްރިޕްޝަން ޕޮލިމަރޭސް ޗެއިން ރިއެކްޝަން ޓެސްޓް ޕޮޒިޓިވް ވުމުގެ މާނައަކީ ސްވައިން ފުލޫ ޖެހިފައިވުމެވެ. ނަމަވެސް ބަލީގެ ނުރައްކާތެރިކަމާއި އެހުރި ދަރަޖަ މިޓެސްޓަކުން އަންގައެއް ނުދެއެވެ.


އެމެރިކާގެ ކަމާ ބެހޭ ފަރާތަކުން ބުނާ ގޮތުގައި، ރޯގާއަށް ފަރުވާދޭ ދެ ބޭހެއް ވެއެވެ. އެއީ، ޓެމީފްލޫ އާއި ރެލެންޒާ އެވެ. މި ދެ ބޭހުން، އޫރު ރޯގާއަށް ފަރުވާ ލިއްބައިދޭކަން މިހާރު ވަނީ އެނގިފައެވެ.

އަދި މި ދެ ބޭހަކީ، އޫރު ރޯގާ ގައިން ގަޔަށް އެރުމުގެ މިންވަރު ކުޑަކޮށްދޭ އެއްޗެއް ކަން ވެސް ވަނީ އެނގިފައެވެ. އަރިދަފުސް ރޯގާ ޖައްސާ ވައިރަސް އަކީ އޭގެ ޒާތުގައި އަވަސް އަވަހަށް ބަދަލުވާ އެއްޗަކަށްވުމުން ކުރިން އުފައްދާފައި ހުންނަ ވެކްސިންތަކުން (އިންފުލުއެންޒާ ވެކްސިން) މިހާރު ފެށިގެން މިއުޅޭ އޫރު ރޯގާ ޖައްސާ ވައިރަސް އަށް އަސަރު ނުކުރުމަކީ ވެދާނެ ގޮތެކެވެ. މިވައިރަސް އަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އާންމު ގޮތެއްގައި ދެވެނީ އުދަގޫތައް ކުޑަކުރުމަށް ދެވޭ ފަރުވާ އެކެވެ. އެއީ ޕެނަޑޯލް ފަދަ ބޭސް ތަކެވެ. އެމެރިކާގެ ކަމާ ބެހޭ ފަރާތަކުން ބުނާ ގޮތުގައި، ރޯގާއަށް ފަރުވާދޭ ދެ ބޭހެއް ވެއެވެ. އެއީ، ޓެމީފްލޫ އާއި ރެލެންޒާ އެވެ. މި ދެ ބޭހުން، އޫރު ރޯގާއަށް ފަރުވާ ލިއްބައިދޭކަން މިހާރު ވަނީ އެނގިފައެވެ.އަދި މި ދެ ބޭހަކީ، އޫރު ރޯގާ ގައިން ގަޔަށް އެރުމުގެ މިންވަރު ކުޑަކޮށްދޭ އެއްޗެއް ކަން ވެސް ވަނީ އެނގިފައެވެ. ބަޔާންކުރެވުނު ދެބޭހުގެ ސަބަބުން ރޯގާގެ ވައިރަސް ހަށިގަނޑުގެ ހިސާބުތަކަށް ފެތުރިގެންދިއުން ކުޑަކޮށްދެއެވެ. ފާހަގަކުރެވިފައިވާ ގޮތުގައި މިދެބޭހުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ރޯގާގެ އުދަގޫތައް ކުރިމަތިވާތާ 48 ގަޑިއިރުގެ ތެރޭގައި ބޭނުންކޮށްފިނަމަ އެވެ. އަދި މިބޭހުގެ ސަބަބުން ރޯގާ ނުރައްކާތެރި ހާލަތަކަށް ބަދަލުވުން ކުޑަކޮށްދެއެވެ. ކުރިން ބޭނުންކުރެވެމުން އައި ބައެއް ބޭސްތަކުގެ ތެރޭގައި ހިމެނޭ އެމެންޓެޑިން އަދި ރިމެންޓެޑިން ފަދަ ބޭސްތަކަށް މިވައިރަހަކީ ނުގުޑާ އެއްޗަކަށްވަނީ ވެފައެވެ. މާނައަކީ އެފަދަ ބޭހުން ފަރުވާކުރިއަސް ބައްޔަށް މާބޮޑު ޝިފާއެއް ނުލިބެއެވެ.

ދުރާލާ ރައްކާތެރިވުމުގެ ގޮތުން ބޭސް ދޭންޖެހޭ ނުވަތަ ބޭނުންކުރެވިދާނެ ފަރާތްތައް

[އުނިއިތުރު ގެންނަވާ]
  • ބަލިޖެހިފައިވާ މީހަކާއި އެއްގޭގައި އުޅޭމީހުން: މިފަދަ މީހުންނަކީ ގިނަފަހަރު އެމީހަކާއި ގައިގޯޅިވެ އުޅޭ މީހަކަށް ވުމުގެ ފުރުޞަތު ބޮޑުވާނެއެވެ.
  • ބަލިޖެހިފައިވާ މީހާގެ ގޭބިސީގައި އުޅޭ ސްކޫލް ކުދިން
  • ބަލިފެތުރިފައިވާ ހިސާބަކަށް ދަތުރުކުރާ މީހުން
  • ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން

ޓެމިފްލޫ :- (އޮސެލްޓަމިވިރް)

[އުނިއިތުރު ގެންނަވާ]
  • ޓެމިފްލޫ އަކީ އެންޓިވައިރަލް ގުޅަ ބޭހެކެވެ. އަދި ދިޔާކޮށް ވެސް މިބޭސް ލިބެން ހުރެއެވެ. ސްވައިން ފުލޫ އިން ރައްކާތެރިވުމަށާއި، އެއަށް ފަރުވާގެ ގޮތުގައި ޓެމިފްލޫ ބޭނުން ކުރެވެއެވެ.
  • ޓެމިފްލޫ އިން ކުރިމަތިވާ މައިގަނޑު ނުރަގަޅު އަސަރުތައް ނުވަތަ ސައިޑް އިފެކްޓްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮނޑުލެވުން، އަދި ބޭރަށް ހިންގުން ހިމެނެއެވެ.

ރިލެންޒާ:- (ޒެނަމިވިރް)

[އުނިއިތުރު ގެންނަވާ]
  • ރިލެންޒާ އަކީ އަނގައިން ދަމާ އިންހޭލަރ އެވެ. ސްވައިން ފުލޫ އިން ރައްކާތެރިވުމަށް އުމުރުން 5 އަހަރުން މަތީގެ ކުދިންނާއި މީހުންނަށް އަދި ސްވައިން ފުލޫ އަށް ފަރުވާކުރުމަށް އުމުރުން 7 އަހަރުން މަތީގެ ކުދިންނާއި މީހުންނަށް މި އިންހޭލަރ ބޭނުން ކުރެވެއެވެ.
  • ނޭވާހިއްލާ ބަލި އަދި ފުއްޕާމޭގެ ބަލިތައް ހުންނަމީހުންނަށް ފަރުވާކުރުމަށް ރިލެންޒާ ބޭނުންކުރުން އެދެވިގެންނެއް ނުވެއެވެ.


ބަލި ކޮންޓްރޯލްކުރުން

[އުނިއިތުރު ގެންނަވާ]

މިހާރުވަނީ، އޫރު ރޯގާ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރެން ފަށާފައެވެ. ކަމާބެހޭ ގިނަ ތަޖުރިބާކާރުން ދެކޭ ގޮތުގައި، އެ ރޯގާ ކޮންޓްރޯލް ކުރުން މިހާރު ވާނީ، ދަތި އުނދަގޫ ކަމަކަށެވެ. އެހެނީ، މިހާރު ދުނިޔޭގެ ވަށައިގެން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ދަތުރުފަތުރު ކުރެއެވެ. (އެމީހުންނާއެކު ދުނިޔޭގެ ކަންކޮޅުތަކަށް ބަލި ފެތުރެމުން ދާނެއެވެ.)

ރައްކާތެރިވުން

[އުނިއިތުރު ގެންނަވާ]
  • ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން : އެގޮތުން ރުމާލަކުން ނުވަތަ ޓިޝޫ އަކުން އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރެވިދާނެއެވެ. މިއީ ބަލި ކައިރީގައި ތިބޭމީހުންގެ ހަށިގަނޑަށް ފެތުރުން ކުޑަކުރެވޭނެ ގޮތެކެވެ. އަނގަޔާއި ނޭފަތް ނިވާކުރުމަށް ފޮތި ރުމާލަށްވުރެ ރުބޮޑަށް ބޭނުންކުރަން ރަގަޅީ ޓިޝޫ ފަދަ އެއްޗެކެވެ. އެއީ ބޭނުންކޮށް ނިމުމުން ފަސޭހައިން ނައްތާލެވޭނެތީއެވެ.އަދި އެފަދަ އެއްޗެއް ބޭނުންކުރާނީ އެންމެ ފަހަރަކު ކަމަށްވާތީ އެވެ. ރުމާލެއް ޓިޝޫ އެއް އެއްޗެއް ނެތްނަމަ އަތް އަޅައިގެން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ޙާލަތުގައި ވަގުތުން އަތްދޮވެ ސާފުކުރަން ޖެހޭނެއެވެ.
  • ދެއަތްތިލަދޮވެ ސާފުކޮށް ބެހެއްޓުން: ސައިބޯނި ނުވަތަ އެނޫނަސް އެންޓި ސެޕްޓިކް ލިކުއިޑެއް ބޭނުންކޮށްގެން އަތްދޮވެ ހެދުމަކީ އަތުގައި ހަރުލައި ތަތްވެފައި ހުންނަ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމްތައް ނެތިކޮށްލާނެ ކަމެކެވެ. އަތަށް ފެންކޮޅެއް އަޅައިލުމުން އަތްދޮވެވުނީ ކަމަށް ބަލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެންމެ މަދުވެގެން 20 ސިކުންތު ވަންދެން ފެންއަޅައި ސައިބޯނި ލައިގެން އަތްދޮންނަށް ވާނެއެވެ.
  • ލޯ،އަނގަ، ނޭފަތް ފަދަ ތަންތަނަށް އަތްނުލުން: އާންމު ގޮތެއްގައި ތަފާތު ޖަރާސީމްތައް ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމްއާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލުމަށްފަހު، އަތްނުދޮވެ، އެއަތް ނޭފަތް ނުވަތަ ލޯ ނުވަތަ އަނގަޔަށް ލުމުންނެވެ.
  • ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން : ބަލިޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޖަރާސީމް ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވާޞިލްވާގޮތް ވެއެވެ. އެގޮތުން އެފަދަ މީހުންނާއި ސަލާމް ކުރުމާއި، މާގިނައިރު އެކުގައި ވާހަކަ ދައްކަން ހޭދަކުރުމަކީ ވެސް ބަލި ސަލާމަތުން ހުރި މީހާގެ ގަޔަށް ނަގުލުވެދާނެ ކަމެކެވެ. ގައިގޯޅިވެއުޅުން ނުވަތަ ބަލިމީހާގެ ކައިރީގައި އުޅުން ކަމުގައި ބެލެވެނީ ބަލިމީހާ އާއި 6 ފޫޓްގެ ކައިރި އިމެއްގެ ތެރޭގައި ހޭދަކުރާނަމަ އެވެ.
  • ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން: ބަލިވެއްޖެނަމަ ދެންތިބި މީހުންގެ ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވެއުޅޭތަންތަނަށް ނުދިއުން ބުއްދިވެރިއެވެ. މިސާލަކަށް މަސައްކަތްކުރަން އޮފީހަށް ދިއުން، ސުކޫލަށްދިއުން، ފަދަ ކަންތައްތައް ދެތިން ދުވަސްވަންދެން ހުއްޓާލެވިދާނެއެވެ. އެހެން ކަމުން މަޖުބޫރު ޙާލަތެއްގައި ނޫނީ ބޭރަށް ނުދާށެވެ. ބަލިވެއްޖެނަމަ މަދުވެގެން 7 ދުވަސް ވަންދެން ގޭގައި މަޑުކުރުން ބުއްދިވެރިއެވެ. ސަބަބަކީ މިރޯގާ ގައިން ގަޔަށް އަރަނީ ބަލީގެ އަލާމާތްތައް ފެނުމުގެ އެއްދުވަސް ކުރިން ފެށިގެން އަލާމާތްތައް ފެނުމަށްފަހު އަންނަ 7 ދުވަހުގެ ތެރޭގައި ކަމަށްވާތީ އެވެ.
  • ޞިއްޙީ ރަގަޅު އެހެނިހެން އާދަތައް ހިފެހެއްޓުން: މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުން، ކަސްރަތުކުރުން، ނިދިހަމަކުރުން، ހާސްކަމާއި ފިކުރުތަކާއި ދުރުހެލިވުން، ފައިދާހުރި ކާނާ ބޭނުންކުރުން ގިނައިން ދިޔާތަކެތި ބުއިން ފަދަ ކަންތައްތަކަކީ ތަފާތު ރޯގާތަކުން މީހާ ދުރުކޮށްދޭނޭ ކަންކަމެވެ.