އިޓައިޕޫ ޑޭމު

ވިކިޕީޑިއާ އިންވިކިޕީޑިއާ

އިޓައިޕޫ ޑޭމު އޭ ކިޔޭ ފެނުން ކަރަންޓް އުފައްދައިދޭ ޕްލާންޓް އަކީ އެދާއިރާގައި އެންމެ ބޮޑު އެންމެ ކާމިޔާބު އެއް މަސައްކަތެވެ. މިތަން ހެދުނީ 1971ން 1991ގެ ނިޔަލަށް ބްރެޒިލް އާއި ޕަރަގުއޭ ގުޅިގެންނެވެ. މިޑޭމު ހެދިފައިވަނީ ބްރެޒިލް އާއި ޕަރަގުއޭ ގުޅުވުމަށް ޕަރާނާ ކޯރު ހުރަސްކޮށް ލެވިފައިވާ ފާލަމުގެ 14 ކިލޯ މީޓަރު އުތުރުގައެވެ.

އިޓައިޕޫ ޑޭމު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 22 ޖުލައި 1966ގައެވެ. ބްރެޒިލްގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ޚާރިޖީ ވަޒީރު ގްރޭސީ މެގަލްހީޒް އެވެ. ޕަރަގުއޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ޚާރިޖީ ވަޒީރު ސެޕީނާ ޕޭސްޓަރ އެވެ. މިތަން ހެދުމުގެ މަސައްކަތް ފެށިފައިވަނީ 1971 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

އިޓައިޕޫ ޑޭމު.

26 އޭޕްރީލް 1973 ގައި އިޓައިޕޫ ގެ ފެނުން ކަރަންޓް އުފައްދައިދޭ ޕްލާންޓް ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނެވެ. އަދި މިތަން ބިނާކުރުމަށް 17 މެއި 1974 ގައި އިޓައިޕޫ ބައިނޭޝަނަލް އެންޓިޓީ އުފެއްދުނެވެ. އަދި މިޕްލާންޓް ހެދުމުގެ މަސައްކަތް 1975 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުނެވެ. 5 މެއި 1984 ގައި މިޕްލާންޓުން ފުރަތަމަ ފަހަރަށް ކަރަންޓް އުފައްދަން ފެށުނެވެ.

އިޓައިޕޫ ޑޭމު ގެ ދިގުމިނުގައި 7744 މީޓަރު ހުރެއެވެ. އަދި އުސްމިނުގައި 225 މީޓަރު ހުރެއެވެ. އިންޖީނު ބިނާކުރެވިފައިވަނީ މައި ޑޭމުގެ އެންމެ މަތީގައެވެ. މިތަނުން ކަރަންޓް އުފައްދައިދޭ މިންވަރަކީ 12600 މެގަވޯޓް އެވެ. މިބައި އުފައްދަނީ ތަފާތު 18 ޖެނެރޭޓިންގ ޔުނިޓް އިންނެވެ. 15 ޔުނިޓް އިންނަނީ މައި އިންޖީނުގޭގައި ބެހެއްޓިފައެވެ. އަނެއް 3 ޔުނިޓް އިންނަނީ ޑައިވާޜަން ޗެނަލް ގައި ބެހެއްޓިފައެވެ. އަދި ދާދި ފަހުން ވަނީ އިތުރު 2 ޖެނެރޭޓިންގ ޔުނިޓް ބެހެއްޓިފައެވެ.

ޑޭމު ފުރުމުން ފެން ބޭރުކުރާ އާރު ހުންނަނީ ކޯރުގެ ކަނާތު އައްސޭރި ފަށުގައެވެ. އޭގައި ވަކި ވަކި 14 ދޮރާށި ވެއެވެ. މިތަނުން ސިކުންތަކު 62200 ކޮޑި މީޓަރުގެ ފެން ފޮނުވައިދެއެވެ. ކޯރުގެ ވާތު އައްސޭރި ފަށުގައިވަނީ ރޮކް ފިލް ޑޭމް އެވެ. މިތަންވަނީ އެއްކޮޅުން މައި ޑޭމު އާއި ގުޅިފައެވެ. އަނެއް ކޮޅުން އާތް ފިލް ޑޭމް އާއި ގުޅިފައެވެ.

މައި ޑޭމު އަދި އިންޖީނުގެ ބިނާކުރުމަށްޓަކައި ކޯރުވަނީ ވާތު އައްސޭރި ފަށުގައި ޑައިވާޜަން ޗެނަލް އިން ޑައިވާރޓް ކުރެވިފައެވެ. މިޑޭމު ހެދުމަށް ބޭނުންކުރެވުނު ދަނގަޑާއި އެކަތައިން 380 އޭފެލް ޓަވަރު ހެދިދާނެ ކަމަށް ވެއެވެ. އަދި ބޭނުން ކުރެވުނު ކޮންކްރީޓް އިގިރޭސި ވިލާތާއި ފަރަންސޭސި ވިލާތް ގުޅުވުމަށް ހެދުނު ޗެނަލް ޓަނެލްގައި ބޭނުން ކުރެވުނު ވަރަށްވުރެ 15 ގުނަ އިތުރުކަމުގައި ބުނެވެއެވެ.

1995 ވަނަ އަހަރު ނެރެފައިވާ މަޢުލޫމާތުތަކެއް ބުނާގޮތުން އިޓައިޕޫ ޑޭމު އިން އެކަނިވެސް ޕަރަގުއޭގެ 78 އިންސައްތަ، އަދި ބްރެޒިލްގެ 25 އިންސައްތަ ޙިއްޞާ ކުރެއެވެ. ބްރެޒިލްގެ ފޯޒް ޑޫ އިގްއެކޫ ގައި ހުންނަ ޕަވަރ ޕްލާންޓް އަކީ މިހާރު ކޮންމެ އަހަރަކުވެސް ފަތުރުވެރިން ޒިޔާރަތް ކުރާ ތަނަކަށް ވަނީ ވެފައެވެ.