އިލޮޅި ބޯދި

ވިކިޕީޑިއާ އިންވިކިޕީޑިއާ
އިލޮޅި ބޯދި

އިލޮޅި ބޯދި(ސައިންޓިފިކް ނަން: Pseudamia gelatinosa)ނުވަތަ (އިނގިރޭސި ބަހުން: Gelatinous cardinalfish)އަކީ ރާއްޖޭގ ފަރުފަޅުތަކުގެ ބޭރުން ފުން ސަރަހައްދު ތަކުގައި އުޅޭ ބޯދީގެ ބާވަތެކެވެ. މިބޯދި އާންމުކޮށް އުޅެނީ 40 މީޓަރުގެ ފުންމިން ހުންނަ މަޑުމައިތިރި ހިސާބުތަކުގައި ހެދިފައި ގާތަކުގެ ނިވަލުގައެވެ. މިއީ އާއްމުކޮށް މަސްވެރިން ދަމާ އެމުގެ ތެރޭގައި ހިމެނޭ ބާވަތެއް ނޫނެވެ. ދުވާލުގެ ވަގުތުތަކުގައި މިބާވަތުގެ މަސް އަޑީގައި ފީނާއުޅޭ މީހުންނަށް ވެސް ނުފެނެއެވެ. އަލިއެޅުމުން މިމަހުން ދިހުންކުލަ އަރައެވެ. މަހުގެ މުޅި ހަށިގަނޑުގައި ކަޅުކުލައިގެ ކުދިކުދި ތިކިތަކެއް މަހުގެ ދިގަށް ބައިބަޔަށް ހުރެއެވެ. ނިގޫފަތުގެ ކުލައަކީ ކަޅުކުލައެވެ. ނިގުލުގެ ކުރިން މަހުގެ ފަހަތުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 6 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 8 ނުވަތަ 9 މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 15 އާއި 17 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތް ނިސްބަތުން ބޮޑެވެ. އަދި ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މިއީ ހިމަކޮށް އިލޮޅިކޮށް ދިގުކޮށް ހުންނަ މަހެކެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ނެތުމާއެކު މަހުގެ އާންމު ސިފައަށް ވިސްނާ އިލޮޅި ބޯދި ކިޔާފައި ވަނީއެވެ.