ޙަބުޝްކަރަ
ވިކިޕީޑިއާ އިން
ފެޑެރަލް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް އިތިޔޯޕިޔާ ނުވަތަ އިތިޔޯޕިޔާ އަކީ އެފްރިކާ ބައްރަށް ނިސްބަތްވާ “ބިންބަންދު”ނުވަތަ ލޭންޑްލޮކް ޤައުމެެކެވެ. ކުރީގައި ދިވެހި ބަހުން އިތިޔޯޕިޔާއަށް ކިޔަމުން އައި ނަމަކީ “ޙަބުޝްކަރަ” މިނަމެވެ. އިތިޔޯޕިޔާއަކީ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި މިއީ އެފްރިކާ ބައްރުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމު ވެސްމެއެވެ. އިންސާނުން ދިރިއުޅެން ފެށި ކަމުގެ އެންމެ ކުރީގެ ނިޝާންތައް ފެނިފައިވާ އެއް ޤައުމަކީ ވެސް އިތިޔޯޕިޔާއެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
އިތިޔޯޕިޔާގެ ރަސްމީ ބަހަކީ އަމްހަރީ ބަހެވެ. އެންމެ ބޮޑު ޝަހަރަކީ އެޑިސްއަބާބާއެވެ. ވެރިކަން ކުރަނީ ވެސް އެޑިސްއަބާބާގައެވެ. އިތިޔޯޕިޔާއަކީ ފެޑެރަލް ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. އިތިޔޯޕިޔާގެ އާބާދީއަކީ 79 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 1.1 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ et. އެވެ. ކޯލިން ކޯޑަކީ +251 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އިތިޔޯޕިޔަން ބިރްއެވެ.
[އުނިއިތުރު ގެންނަވާ] ނަން
“އިތިޔޯޕިޔާ” އަށް މި ނަން ކިޔާފައިވަނީ ވަރަށް ކުރީންކަން އެނގިފައިވެއެވެ. ބައިބަލްގައި ވެސް އިތިޔޯޕިޔާގެ ވާހަކަ އައިސްފައިވާ ކަމަށްވެއެވެ. އެއީ އާދަމުގެފާނާއި ޙައްވާގެފާނު ދިރިއުޅުއްވިތަނުގެ ގޮތުގައެވެ. ބައެއް ޢިލްމުވެރިން ޤަބޫލުކުރައްވާފައިވާ ގޮތުގައި އިތިޔޯޕިޔާގެ ނަން އައިސްފައިވަނީ ޔޫނާނީ ބަހުންނެވެ. އޭގެ މާނައަކީ “މޫނު އަނދާފައިވާ” ކަމަށް ވެސް އެބޭފުޅުން ވިދާޅުވެއެވެ. އެހެން ނަމަވެސް 15 ޤަރުނުގެ ލިޔުމެއް ބުނާ ގޮތުން އިތިޔޯޕިޔާގެ ނަން ނެގިފައިވަނީ ނޫޙުގެފާނުގެ ދަރިކަލުން ޙާމްގެފާނުގެ ދަރިކަލުން ކޫޝްގެ ދަރިކަލެއް ކަމުގައިވި އިއްތްޔާބީގެ ނަމުންނެވެ. އަދި މި ނަމުގެ މާނައަކީ “ލޭންޑް އޮފް ހަޔަރ ޕީސް” ކަމުގައި ވެސް ބައެއް މީހުން ބުނެއެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
އިތިޔޯޕިޔާގެ އުތުރުގައި އޮތީ އެރިއްތްރިޔާއެވެ. ހުޅަނގުގައި އޮތީ ސޫދާނެވެ. ދެކުނުގައި އޮތީ ކެންޔާއެވެ. އިރުމަތީގައި އޮތީ ސޯމާލިޔާއެވެ. އިރުއުތުރުގައި އޮތީ ޖިބުތީއެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
އިތިޔޯޕިޔާއަކީ ދުނިޔޭގައި އިންސާނުން އެންމެ ފުރަތަމަ ވަޒަންވެރިވެގެން އުޅުނު އެއް ތަނުގެ ގޮތުގައި ބެލިފައިވާ ތަނެކެވެ. މި ޒަމާނުގެ ޢިލްމީ ހޯދުންތަކުން ވެސް މިކަމަށް ވަނީ އެކަށީގެންވާ ވަރަށް ހެކި ލިބިފައެވެ. އިތިޔޯޕިޔާގައި ޝާހީ ޚާންދާނެއްގެ ތާރީޚުގެ ފެށުމެއް ކަމުގައި ބެލިފައި އޮތީ 1000 މ.ކ ގައި ވެރިކަން ކުރެއްވި މެނެލިކް 1 އާ ހިސާބުންނެވެ. މި ދުވަސްވަރުން ފެށިގެން 4 ވަނަ ޤަރުނުގައި ވެރިކަންކުރި ޔަކްސޫމީންގެ ވެރިކަމާ ހިސާބަށް ވެސް އިތިޔޯޕިޔާ ފާހަގަ ކުރެވިފައިވަނީ ހަރުދަނާ ގޮތެއްގައި ވެރިކަން ހިންގަމުން އައިތަނެއްގެ ގޮތުގައެވެ. އިސްލާމްދީނާގެން މުޙައްމަދުގެފާނު ވަޑައިގެންނެވި ދުވަސްވަރު ޙަބުޝްކަރައިގެ ވެރިކަމުގައި ހުންނެވީ ވަރަށް ޞާލިޙު ނަޖާޝީ ރަސްކަލެކެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
އާބާދީގައި 79 މިލިޔަން މީހުން ތިބި އިތިޔޯޕިޔާއަކީ އެފްރިކާ ބައްރުގައި އޮތް ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 1983 ވަނަ އަހަރުގައި އިތިޔޯޕިޔާގެ އާބާދީގައި ތިބީ 33.5 މިލިޔަން މީހުންނެވެ. 2006 ވަނަ އަހަރާ ހަމަޔަށް އައި އިރު އިތިޔޯޕިޔާގެ އާބާދީގައި ތިބީ 75.1 މިލިޔަން މީހުންނެވެ. 2009 ވަނަ އަހަރާ ހަމަޔަށް އައި އިރު އިތިޔޯޕިޔާގެ އާބާދީ ވަނީ 79 މިލިޔަނަށް އިތުރުވެފައެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
2007 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ބުނާ ގޮތުން އިތިޔޯޕިޔާގެ 62% މީހުންނަކީ ނަޞާރާއިންނެވެ. މުސްލިމުންނަކީ 33% އެވެ. އިތިޔޯޕިޔާގައި ކޮންމެވެސް ވަރަކަށް ޔަހޫދީން ވެސް އުޅެއެވެ. މިއީ ޔަހޫދީންގެ ގެއްލުނު ޤަބީލާތަކަށް ނިސްބަތްވާ މީހުން ކަމުގައި އިސްރާއީލުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. ވަރަށް ތަފާތު ބާވަތްބާވަތުގެ މީރު ކާ އެއްޗެހި އިތިޔޯޕިޔާ މީހުން ތައްޔާރު ކުރެއެވެ. މީގެ ތެރެއިން ގިނަ އެއްޗެއްސަކީ ވަރަށް ބޯދާ ހުނަރުތަކެއް ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާއެވެ. އިތިޔޯޕިޔާއަކީ ސަގާފީ ކުޅިވަރުތަކާއި އެކި ބާވަތްބާވަތުގެ މިއުޒިކުތަކަށް ވަރަށް ބޮޑު ތަރުޙީބެއްދޭ ރައްޔިތަކު ދިރިއުޅޭ ޤައުމެކެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
އިޤްތިޞާދީ ގޮތުން ބަލާއިރު އިތިޔޯޕިޔާއަކީ މާ ވަރުގަދަ އިޤްތިޞާދެއް އޮތް ޤައުމެއް ނޫނެވެ. ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިތިޔޯޕިޔާގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 898 ޑޮލަރެވެ.