އިބްރާހީމްގެފާނު
ވިކިޕީޑިއާ އިން
އިބްރާހީމްގެފާނަކީ ﷲ ގެ ރަސޫލު ބޭކަލުން ކުރެ އެއް ބޭކަލެކެވެ. މި ކަލޭގެފާނަކީ ﷲ ގެ ޚަލީލެވެ. އިބްރާހީމްގެފާނު އުފަންވެވަޑައިގަތީ، ތަރިއަށްއަޅުކަންކުރުމާ، ބުދަށްއަޅުކަންކުރުމާ، ނޭއްގާނީ ޢަމަލުތަކުން ފުރިފައިވާ ފަސްގަނޑަކަށެވެ. ﷲގެ ހެޔޮ ރަޙްމަތްފުޅުން އެންމެ ތުއްޕުޅު އިރުއްސުރެވެސް، ކަންކަމުގެ ހަޤީޤަތާއިމެދު ވިސްނާ، ފިކުރުކުރެއްވުމުގެ ޙިކްމަތް އިބްރާހީމްގެފާނަށް ދެއްވިއެވެ. ޙައްޤުމަގު ހޯއްދެވުންއެދި މި މޭރުމުން އެކަލޭގެފާނު ފިކުރުކުރެއްވުމުގެ ނަތީޖާއަކީ، އިރުހަނދާ ތަރިތަކާ އަދި ވަށައިގެންމިވާ އެންމެހާތަކެއްޗެއް ނެތުމުގެތެރެއިން އުފެއްދެވި ޚާލިޤްވަންތަ ފަރާތެއް ވާނެކަން ކަށަވަރުކުރެއްވުމެވެ. ﷲގެ ޙަޟްރަތުން ޙައްޤުމަގު އެކަލޭގެފާނަށް އިލްހާމުވުމެވެ.
ޙައްޤުމަގު ކަށަވަރުވެވަޑައިގަތުމާއިއެކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަޢުވަތާއިގެން ނުކުމެވެވަޑައިގަތެވެ. ޤައުމުގެ މީހުން އަޅުކަންކުރަން ގެންގުޅޭ ބުދުތަކުގެ ނުކުޅެދުންތެރިކަން ދެއްކެވުމުގެގޮތުން ބުދުކޯލަށް ވަންނަވާ، އޭގެތެރެއިން ބޮޑުބުދުނޫން ހުރިހާބުދެއް މުގުރައްވަވާ، ބޮޑުބުދުގެ ކަރުގައި ކޯރާޑިއެޅުއްވިއެވެ. މިފަދަ އިހާނެތިގޮތް މި އިލާހުންތަކަށް ހެދީ ކާކުތޯ ޤައުމުގެމީހުން ސުވާލުކުރުމުން، އިބްރާހީމްގެފާނު ޖަވާބުދެއްވަނީ އެކަމާއިމެދު ކަރުގައި ކޯރާޑިއަޅުވައިގެންހުރި ބޮޑުބުދާއި ސުވާލުކުރުމަށެވެ. އެހިސާބުން ޤައުމުގެމީހުންގެ ދޫ ބަންދުވެ، އެމީހުންގެ ނުކުޅެދުންތެރިކަން އަމިއްލައަށް އިޙްސާސްވެ، ބަދަލުހިފުމުގެގޮތުން އިބްރާހީމްގެފާނު އަލިފާންގަނޑަކަށް އެއްލާލާ އަންދާލަން ކަނޑައެޅިއެވެ. ޤައުމުގެ އެންމެތަކުންގެ ޙާޒިރުގައި އިބްރާހީމްގެފާނު އަލިފާންގަނޑަށް އެއްލާލިހިނދު ވީކިހިނެއްތޯއެވެ؟ ﷲގެ ގަދަކީރިތިވަންތަކަމުގެ ސަބަބުން، އެއަލިފާންގަނޑަކީ، އިބްރާހީމްގެފާނުގެމައްޗަށް ފިނިއެއްޗެއްކަމުގައިލެއްވީއެވެ.
އިބްރާހީމްގެފާނުގެ އަޅުވެރިކަމާއި ތަޤްވާވެރިކަމާއި އީމާންތެރިކަމަށްޓަކައި، ﷲ އުފެއްދެވި އެންމެހާ މަޚްލޫޤުންކުރެ އެކަލާނގެ މިތުރެއްކަމުގައި ޚިޔާރުކުރެއްވީ އިބްރާހީމްގެފާނެވެ. ﷲގެ ޙަޟްރަތުން އެކަލޭގެފާނާއި ކުރިމަތިކުރެއްވި އެތައް އެތައް އިމްތިޙާނަކުން، އެކަލޭގެފާނުގެ އީމާންތެރިކަމާއި، ކިޔަމަންތެރިކަމާ، ކެތްތެރިކަން ހާމަވެގެންދެއެވެ. މީގެތެރެއިން އެއްކަމަކީ، ދަރީންގެ ނިޢުމަތުން މަޙުރޫމުވެވަޑައިގެން އެކަނިވެރިގޮތެއްގައި ދިގު ޢުމުރުފުޅެއް ހޭދަކުރައްވަންޖެހިވަޑައިގަތުމެވެ. ކެތްތެރިކަމާއިއެކު އެތައް ޒަމާނަކު އެކަމަށް އެދިވަޑައިގެން ދުޢާފުޅު ކުރެއްްވުމަށްފަހު، ޢުމުރުފުޅުން 86 އަހަރުފުޅުގައި އިސްމާޢީލްގެފާނު ލިބިވަޑައިގަތެވެ. އެފަދަ އުފާފުޅު ލިބިވަޑައިގަތްތަނާ، މައްކާގެ ހަނަފަސް ބިމަށް އިސްމާޢީލްގެފާނާއި، އަނބިކަނބަލުން ހާޖަރް ދޫކޮށްލައްވައި، އެނބުރިވަޑައިގަތުމަށް ﷲ އަމުރުކުރެއްވުމުން އެއަމުރުފުޅަށް ކިޔަމަންތެރިކަމާއިއެކު އިޖާބަދެއްވައެވެ. އިސްމާޢީލްގެފާނު އެންމެ ޅަނދޮޅުފުޅު ޢުމުރުގައި، އެކަލޭގެފާނު ޤުރުބާންކުރެއްވުމަށްވެސް ﷲއަމުރުކުރައްވައެވެ. ﷲގެ އެއަމުުފުޅު ތަންފީޒުކުރެއްވުމަށް އިބްރާހީމްގެފާނު ކިޔަމަންތެރިކަމާއިއެކު ތައްޔާރުވެވަޑައިގަތްހިނދުން، ﷲގެ އަމުރުފުޅު ލުއިކޮށްދެއްވިއެވެ. އިސްމާޢީލްގެފާނެކޭ އެއްފަދައިން، އަނބިކަނބަލުން ސާރާގެ ފަރާތްޕުޅުން އިސްޙާޤްގެފާނުވެސް އިބްރާހީމްގެފާނަށް ދަރިކަލެއްގެގޮތުގައި ﷲ މިންވަރުކުރެއްވިއެވެ.
އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނަށް ﷲދެއްވެވި އެންމެބޮޑު ޝަރަފަކީ، ބިންމަތީގައިވާ ﷲގެ ގެފުޅު، ކަޢުބާ، މައްކާގެ ބިމުގައި ބިނާކުރެއްވުމަށް އެދެބަފައިކަލުންނަށް އަމުރުކުރެއްވުމެވެ. އަދިއަދަށްވެސް ކަޢުބާ އެހުރީ އިބްރާހީމްގެފާނުގެ ދެބަފައިކަލުން އެޅުއްވި ބިންގަލުގެ މަތީގައެވެ. އަދި ގެފުޅުގެ އަރިހަށް ޙައްޖަށްގޮސް އަދާކުރެވޭ ގިނަ އަޅުކަންތަކަކީ، އިބްރާހީމްގެފާނުގެ ޙަޔާތްޕުޅާއި ގުޅިފައިވާ ޒިކްރާތަކެވެ.
[އުނިއިތުރު ގެންނަވާ] ރިފަރެންސް
| ޤުރުއާނުގައި ނަންފުޅު އައިސްފައިވާ ނަބީން | ||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
| آدم | ادريس | نوح | هود | صالح | إبراهيم | لوط | اسماعيل | اسحاق | يعقوب | يوسف | أيوب | |
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
|
|
||||||||||||
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާގެފާނު | މުޙައްމަދުގެފާނު |
| شعيب | موسى | هارون | ذو الكفل | داود | سليمان | إلياس | اليسع | يونس | زكريا | يحيى | عيسى | محمد |
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާ މަސީހު | ބާރްޤަލީޠު |

