Jump to content

އިބްރާހިމް އަހުމަދުދީދީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އިބްރާހިމް އަހުމަދުދީދީ (27 އޮކްޓޫބަރ 1932/ 27 ޖުމާދިލްއާޚިރާ 1351) އާންމު ނަމުން ނަމަ އިބްރާހިމް ދީދީ ނުވަތަ ސޭފުގޭ އިބްރާހިމް ދީދީ އަކީ އައްޑު އަތޮޅު މީދޫއަށް އުފަން ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެކެވެ. އޭނާ ޚާއްޞަ ވެވަޑައިގެންފައިވަނީ އައްޑު އަތޮޅުގެ ޤަދީމީ އަދި ފަހުގެ ތާރީޚާއި ދަރިފަސްކޮޅު (ނަސަބުގެ އިލްމު ނުވަތަ ޖިނިއޮލޮޖީ) ދިރާސާ ކުރެއްވުމަށެވެ. އޭނާ ވަނީ މީދޫގެ ކޯގަންނާއި އަދި މިނޫނަސް އެހެނިހެން ތާރީޚީ މިސްކިތްތަކާއި ނަސަބު އެކުލެވޭހެން މީދޫގެ ދަރިކޮޅުފޮތެއް ލިޔެފައެވެ. އިބްރާހިމްދީދީ އަކީ ރަށުގެ ދުވަސްވީ މީހުންގެ ތެރެއިން ވަރަށް ހީވާގި ކަމާއި އެކު ތާރީޚަށް ހިދުމަތް ކުރައްވާ ބޭފުޅެކެވެ. މިވަގުތު ވަޒިފާ އަދާ ކުރައްވަމުން ނުގެންދެވި ނަމަވެސް، ތާރީޚަށް ބަހައްޓަވާ ޝައުގުވެރިކަން ދޫކޮށެއް ނުލައްވައެވެ.

ދިރިއުޅުމުގެ ކުރީކޮޅު

[އުނިއިތުރު ގެންނަވާ]

އިބްރާހިމްދީދީ އުފަންވެވަޑައިގަތީ މީލާދީ ސަނަތުން 1932 ވަނަ އަހަރުގެ އޮކްޓޫބަރ މަހު 27 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑުއަތޮޅު މީދޫއަށެވެ. އެއީ ހިޖުރީ ގޮތުންނަމަ 1351 ވަނައަހަރު ޖުމާދިލްއާޚިރާ މަހު 27 ވަނަ ދުވަހެވެ. އިބްރާހިމްދީދީ އަކީ މީދޫ ގަނޑުވަރު އަހައްމާއިދީ، ފާތުމާ މަނިކުފާނާއި ކާވެނި ބައްލަވައިގެން ލިބިވަޑައިގަތް ހަސަންދީދީ، ބޮނޑައްބީގެ ދިޔަގެ އާމިނާ މަނިކުފާނާއި ކާވެނި ބައްލަވައިގެން ލިބިވަޑައިގަތް އަހުމަދުދީދީ، ހައްވާ ރަނިއަގެ ދިޔައާއި (އައިޝާފާނާއި) ކާވެނިބައްލަވައިގެން ލިބިވަޑައިގަތް ބޭކަލެކެވެ. ގަނޑުވަރު އަހައްމާއިދީ ކާވެނި ބައްލަވައިގަތް ފާތުމާ މަނިކުފާނު އާއިލީ ގޮތުން ގުޅިވަޑައިގެންފައި ވަނީ ދިހަވަނަ ހަސަން ރަސްގެފާނުންގެ އިބްރާހިމް މަނިކުފާނުންގެ ހަސަން މަނިކުފާނުންގެ މުހުއްމަދު މަނިކުފާނުންގެ ރަހާގެ ހުސެން މަނިކުފާނާއިއެވެ. އެހެންކަމުން އިބްރަހިމްދީދީއަކީ އާއިލީގޮތުން، އިސްދޫ ދަރިކޮޅާއި ދިޔަމިގިލީ ދަރިކޮޅާއި ގުޅިފައިވާ ބޭފުޅެކެވެ. އިސްދޫ ދަރިކޮޅާއި ގުޅިފައިވަނީ ގަނޑުވަރު އަހުމަދުދީދީގެ މަންމާފުޅުގެ (ކިލެގެފާނުންގެ އާއިޝާފާނު) ފަރާތުންނެވެ. އެއީ ހާޖީ ބަންޑާރައިންގެ ކިލެގެފާނުންގެ އާއިޝާ ދީދއެވެ. އެހެންކަމުން އިބްރާހީމް ދީދީ އަދި އިބްރާހީމް ދީދީގެ ދަރިން ވަނީ ދިވެހި ޝާހީ އާއިލާ މީހުންނަށެވެ. އިބްރާހިމްދީދީގެ އާއިލާއަކީ މީދޫގެ ދަރިކޮޅު ފޮތުން އެނގޭގޮތުން މީދޫގެ މޫލަވެރި ދަރިކޮޅެވެ. އެއީ ހެނެއިކަމަނާރު ދޮންޔޫސުފުގެ، އުމަރުތަކުރުގެ، ހަސަން މަނިކާގެ، މުހައްމަދު ހަތީބު މަނިކާގެ ފާތުމާބީގެ ހައްވާބީގެ އާއިޝާފާނުން (ހައްވާ ރަނިޔަގެ ދިޔަ)ނަކީ އިބްރާހިމްދީދީގެ މަންމާފުޅު ކަމަށްވީތީއެވެ. އިބްރާހިމްދީދީއަކީ މީދޫގެ ޝަރަފުވެރި އާއިލާއަކަށް ނިސްބަތް ވެވަޑައިގަންނަވާ ބޭކަލެކެވެ. އޭނާއަކީ މިދެންނެވި ގަނޑުވަރު އަހައްމާއިދީގެ ހަސަން ދީދީގެ އަހައްމާއިދީ އާއި ހައްވާ ރަނިޔަގެ ދިޔަ އަށް ލިބިވަޑައިގަތް ހަތަރު ކުދިންގެ ތެރެއިން ދެވަނަ ބޭފުޅާއެވެ.

އިބްރާހިމް ދީދީއަކީ ސީދާ މިވެނި ސުކޫލަކުން ތައުލީމު ހާސިލް ކުރެއްވި ބޭކަލެކޭ ދެންނެވެން ނެތެވެ. އެހެނީ އެއީ ވަރަށް އިހު ކަމަށްވެފައި އެއިރަކު މީދޫގައި ނަންދެވިގެން ހިނގާ ސުކޫލެއް ނެތުމުންނެވެ. އޭނާ އަކީ 'އަރިހަށް' ގޮސްގެން ކިޔަވާ ވިދާޅުވި ބޭފުޅެކެވެ. ރަށުގައި ދީނީ ތަފާތު ދުވަސް ދުވަހުގައި ކުރީސަފުގައި ހަރަކާތްތެރި ވެލެއްވިމެއެވެ. ނަސަބުގެ ތާރީޚު ދިރާސާ ކުރައްވަން ފެއްޓެވީކީ އެދާއިރާއަކުން ވަކި ހާއްސަ ތައުލީމެއް ހޯއްދަވައިގެނެއް ނޫނެވެ. ދަރިކޮޅުފޮތް އޭނާއަށް ވާރުތަވުމުން (މިއީ އާއިލާ ތެރޭގައި ގެންގުޅެމުން އައި ފޮތެއް) އެކަމަށް ޝައުޤު އުފެދި އަދި ޒިންމާ އަދާ ކުރެއްވުމުގެ ގޮތުން ފެއްޓެވީއެވެ. އޭނާ ދަރިކޮޅު ދިރާސާ ކުރައްވާ ސަބަބު، އޭނާ ލިޔުއްވި ފޮތުގެ މުޤައްދިމާއިން ވަރަށް ރަގަޅަށް ދޭހަވެއެވެ.

"ހަމަކަށަވަރުން އިލްމީ ފަންނުތަކުގެ ތެރެއިން ނަސަބުގެ އިލްމަކީ އުނގެނި ދަސްކުރުން ބޭނުން ބޮޑުވެގެންވާ އިލްމެކެވެ. އެއީ އާއިލީ ގޮތުން ތިމާ ގުޅިފައިވާ ދަރިފަސްކޮޅު ދެނެގަތުމަށްޓަކައެވެ. އަދި އާއިލީ ގުޅުމުގެ ސަބަބުން ތިމާ ޒިންމާދާރުވެ އަދާ ކުރަންޖެހޭ މަސްއޫލިއްޔަތު ތަކެއްވާ ކަމަށްޓަކައެވެ. އަދި ދީނީ ގޮތުންނާއި ދުނިޔަވީގޮތުން ތިމާއާއި ތިމާގެ އަޚުންނާއި އުޚުތުންގެ މެދުގައި ހުންނަންޖެހޭ އިޖްތިމާއީ ގުޅުން ހަޔާތުގެ މައިދާނުގައި ބަހައްޓާންވީ މިންވަރު ހާމަވެ އަލި ވުމައްޓަކައެވެ." މުޤައްދިމާ، އަލް އަންސާބު ފީ ޤަދީމިލް މީދުވިއްޔި، އިބްރާހިމްދީދީ/ 30 މާރޗް 2001/ 5 ސަފަރު 1422

އަދާކުރެއްވި ވަޒީފާ

[އުނިއިތުރު ގެންނަވާ]

އިބްރާހިމްދީދީއަކީ ތަފާތު އެކި މިސްކިތް ތަކުގައި މުދިން ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން މިދޫ ލޮނޑިކެޑެ މިސްކިތާއި ކޯގަންނު ކޯގަންނު މިސްކިތް ފާހަނގަ ކުރެވެއެވެ. އޭނާއަކީ މީދޫ ކޯގަންނު މެދު ޒިޔާރަތުގެ ޒިންމާދާރު ބެލެނިވެރިޔާއެވެ. ސަރުކާރުގެ އާގަވާއިދުގެ ދަށުން 65 އަހަރު ވެފައިވާ މީހުން މަގާމުން ދުރުކުރުމުގެ ސިޔާސަތު އެކުލަވާލުމުން، ކޯގަންނު މިސްކިތުގެ މުދިންކަމުން ވަކިވީއެވެ. މިގޮތުން ވަރަށް ގިނަމުދިމުން ވަކިކުރެވުނެވެ. މިއީ ކޯގަންނު ގަބުރުސްތާނުގައި އެތަކެއް ދުވަސް ވަންދެން ޒިންމާދާރުކަމާއެކު ބެލެހެއްޓެވި ބޭފުޅުންނަށް ލީބުނު އުނިކަމެކެވެ. އެހެންނަމަވެސް އިބްރާހިމްދީދީ މެދު ޒިޔާރަތުގެ ބެލެނިވެރިކަމުން ދުރުކުރެވިފައި ނުވެއެވެ.

އިލްމީ މަސައްކަތް

[އުނިއިތުރު ގެންނަވާ]

ދިރާސާކުރުމުގެ ރޮނގުން

[އުނިއިތުރު ގެންނަވާ]

އިބްރާހިމްދީދީ ވަނީ ކޯގަންނުގެ މަހާނަގާތަކުގައި ކަނޑާނެގިފައިވާ ލިޔުންތައް ބޭނުން ކުރައްވައިގެން ފުރަތަމަ ފަހަރަށް މަހާނަތަކުގައި ވަޅުލެވިފައިވާ މީހުން ހޯދައި މައުލޫމާތު ރައްކާކުރައްވަން ފައްޓަވާފައެވެ. އޭނާވަނީ ދިރާސާ ދަތުރު ތަކެއްވެސް ކުރައްވާފައެވެ. އެގޮތުން އައްޑޫގެ ހުރިހާ ރަށަކަށް ދަތުރުކުރައްވާ އެރަށެއްގެ އާއިލާވަނީ ތަފްޞީލީ ގޮތެއްގައި ލިޔުއްވިއެވެ. އެކިއެކި އާޘާރީ ލިޔުންތައް ބައްލަވައި އެއިގެ ސައްހަކަމާއި މެދު ލިޔުއްވައި ހެއްދެވިމެއެވެ. އެގޮތުން މީދޫއިން ފެނުނު، ކުރީގެ ލިޔުމެއްކަމުގައި މީހުން ކިޔައި އުޅުނު ނަސަބުގެ ވާހަކަ ހިމެނޭ ގަނޑުތަކެއްގެ ސައްހަ ކަމާއިމެދު ޝައްކުވާކަމުގައި ލިޔުއްވިއެވެ.

އެހެނިހެން ދާއިރާތައް

[އުނިއިތުރު ގެންނަވާ]

އޭނަވަނީ އެކި އެކި މީހުންގެ ދިރާސާތަކުގައި މައުލޫމާތު ފޯރުކޮށްދެއްވާފައެވެ. ކުރީ ޒަމާނުގައި މީހުން އިލްމު ބޮޑު ފޮއްޓައްލައިގެން ފޮރުވައިގެން އުޅުނު ޒަމާނުގައިވެސް އިބްރާހިމްދީދީ މަސައްކަތް ކުރެއްވީ އެނގިވަޑައިގަންނަވާ މައުލޫމާތު މީހުންނަށް ފޯރު ކޮށްދެއްވާށެވެ. އެގޮތުން ޑރ. ޝީމާ ސައީދުގެ ޕީ.އެޗް.ޑީ ދިރާސާގައި ރަށުގެ މޫލިވެރިންނާއި އަދި އިޖްތިމާއީ ކަންކަމާއި ބެހޭގޮތުން މައުލޫމާތުދެއްވިއެވެ. އަދި ނަވާރަ ސަތޭކައިގެ ފަހުކޮޅު އަލްއުސްތާޒު މުހުއްމަދު އިބްރާހިމް ލުތުފީ މީދުއަށް ކުރެއްވި ދަތުރުފުޅެއްގައި އޭނާއާއި ބައިވެރިވެ ވަޑައިގެން މައުލޫމާތު ބަދަލު ކުރެއްވިއެވެ. އިބްރާހިމްދީދީ ވަނީ ދިވެހިރާއްޖޭގެ ދިވެހި ބަހާއި ތާރީޚަށް ހިދުމަތް ކުރާ ޤައުމީ މަރުކަޒުގެ ބޭކަލުންނާއެކީވެސް މިމައުލޫމާތުތައް ބަދަލު ކުރައްވާފައެވެ. އެގޮތުން ނަސީމާ އަހުމަދު ކަލޭގެފާނަކީ ފާހަނގަ ކުރެވޭ ބޭކަނބަލެކެވެ.

ލިޔުއްވި ފޮތްތައް

[އުނިއިތުރު ގެންނަވާ]

އިބްރާހިމްދީދީގެ ފޮތްތަށް އަދި މިހާތަނަށް ޗާޕު ކުރެވިފައިނެތެވެ. ހުރިހާ ފޮތެއްވެސް ވަނީ އަތުންލިޔެވިފައެވެ. މިތަކެތި ޗާޕު ކުރުމަށާއި އިނގިރޭސިބަހުން ލިޔުމަށް ދަނީ މަސައްކަތްކުރެވެމުންނެވެ. އޭނާގެ އެންމެ ފާހަނގަ ކޮށްލެވޭ ފޮތަކީ މީދޫގެ ދަރިކޮޅުފޮތް ބާވެ ހަސް ނެތިފައި ވަނިކޮށް އަލުން ލިޔެ އެއިގެ ކުށްފިލުވައި ތަފްޞީލީ ދިރާސާއެއްކުރެއްވައި 'އަލް އަންސާބު ފީ ޤަދީމިލް މީދުވިއްޔި' މިފޮތް ލިޔުއްވުމެވެ. މިފޮތުގައި ތަފާތު އެތަކެއް ވާހަކައެއްވެއެވެ. އެގޮތުން ކޯގަންނާއި މިދޫ އަދި ހުޅުދޫގެ މޫލަވެރިންނާއި، އާބާދު ކުރި މީހުންނާއި، ފަޅުވި ވާހަކައާއި، އާއިލާތަކުގެ ވާހަކަ ވަރަށް ތަފްޞީލުކޮށް ލިޔުއްވިއެވެ. އޭނާވަނީ ގަމާއި، ހިތަދޫއާއި، އަދި ހުޅުދޫގެ ދަރިކޮޅުތަކުގެ ވާހަކަ ލިޔުއްވާފައެވެ. އަދި ކޯގަންނު ގަބުރުސްތާނުގެ މިސްކިތްތަކުގެ މޫލަވެރިންނާއި ހުޅުދޫގެ ޤަދީމީ ތާރީޚުވަނީ ފުރިހަމައަށް ލިޔުއްވާފައެވެ.

އަމިއްލަ ދިރިއުޅުއްވުން

[އުނިއިތުރު ގެންނަވާ]

އިބްރާހިމްދިދީ ވަނީ އައްޑުއަތޮޅު ފޭދޫގެ ބޭކަނބަލަކާއި ކާވެނި ބައްލަވައިގެންފައެވެ. އެފަރާތަކުން ދަރިއަކު ނެތެވެ. ދެން ކާވެނި ބެއްލެވީ ސޭފުގޭ ފާތުމާދީދީ (ފާތުމަތު ޝަރީފާ) އާއިއެވެ. އޭނާވެސް އާއިލީގޮތުން ގުޅިވަޑައިގެންފައިވަނީ ގަނޑުވަރު އަހައްމާއިދީއާއިއެވެ. ފާތުމާއިދީއަކީ ސޭފުގޭ ދައިތާގެ، ސޭފުގޭ އަލިދީދީގެ، ސޭފުގެ ރެކި ދިދީގެ (ސޭފުގެ އިބްރާހިމްދީދީ) ފާތުމާދީދީއެވެ. މަންމާއަކީ ދޮންއާބުގޭ ހައްވާދީދީގެ މަރިޔަމްދީދީއެވެ. އިބްރާހިމްދީދީއަށް މިބަނޑުން 8 ކުދި ލިބިފައިވެއެވެ. އެއީ 3 އަންހެން ކުދިންނާއި 5 ފިރިހެންކުދިންނެވެ. ދިރިއުޅުއްވަނީ ސޭފުގޭގައެވެ. މިގެއަށް އެނަންދެވުނީ އެގޭގައި އިހުގައި ޝެއިޚަކު އުޅުއްވީމަޔޯލައެވެ. އެގެއިގެ އަސްލު ނަމަކީ ޝެއިޚުގެއެވެ.

  • މުގައްދިމާ: އަލް އަންސާބު ފީ ޤަދީމިލް މީދުވިއްޔި
  • ޕީ.އެޗް.ޑީ ތީސިސް: ޑ.ރ. ޝީމާ ސައީދު/ އަ މޯލްޑިވިއަން ވޭއިސް އޮފް ނޯއިންގ/ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާ/2003
  • މީދޫގެ ދަރިކޮޅުތައް: އިބްރާހިމް ދީދީ/ އަލް އަންސާބު ފީ ޤަދީމިލް މީދުވިއްޔި

އިތުރަށް ވިދާޅުވުމަށް

[އުނިއިތުރު ގެންނަވާ]