އާފަލް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ގަސްގަހާ ގެހި ބެހިފައިވާ ޢާއިލާ ތަކުގެ ތެރެއިން އާފަލު ގަސް ނިސްބަތްވަނީ ރޮޒޭސިއީ އޭ ކިޔޭ ޢާއިލާގެ މެލަސް އޭ ކިޔޭ ޖީނަސް އަށެވެ. ދުނިޔޭގައި އެންމެ ގިނަ ހައްދާ މޭވާގެ އެއްބާވަތަކީ އާފަލެވެ. އާއްމު ގޮތެއްގައި އާފަލު ގަސް ހެދެނީ 12-5 މީޓަރާއި ދެމެދުގެ އުސްމިނަކަށެވެ.

އާފަލެއް

އާފަލުގެ ވައްތަރުތައް[އުނިއިތުރު ގެންނަވާ]

އާފަލުގެ ތަފާތު 7500 އަށްވުރެ ގިނަ ވައްތަރު ހުންނަ ކަން ފާހަގަ ވެފައި ވެއެވެ. ޢާންމު ގޮތެއްގައި ހުރިހާ ބާވަތެއްގެ އާފަލު ވެސް ހެދެނީ މާފިނި ނޫން އަދި މާ ހޫނު ވެސް ނޫން ތަންތަނުގައެވެ. އާފަލުގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު ވައްތަރު ތަކަކީ ފެހި އާފަލް، ރަތް އާފަލް، އޮރެންޖް އާފަލް، ރީދޫ އާފަލް، ރަން އާފަލް އަދި ރަންގު އާފަލެވެ. އާފަލްގެ ތެރޭގައި ހުހަށް މީރު މޭވާއެއްގެ ގޮތުގައި ބޭނުންކުރާއި އާފަލާއި، ކައްކައިގެން ބޭނުންކުރާ އާފަލް ހިމެނެއެވެ.


އާފަލުގެ ވިޔަފާރިއާއި އެއިން ކުރާ ބޭނުންތައް[އުނިއިތުރު ގެންނަވާ]

2005ގެ ތަފާސް ހިސާބު ތައް ދައްކާގޮތުން މުޅި ދުނިޔޭގައި ގާތްގަނޑަށް 55 މިލިއަން ޓަނުގެ އާފަލް އުފައްދާފައި ވެއެވެ. ދުނިޔޭގައި އާފަލު އެންމެ ގިނައިން އުފައްދާ ގައުމު ތަކުގެ ތެރޭގައި ޗައިނާ، އެމެރިކާ، ފްރާންސް، ތުރުކީ، އިޓަލީ، އިރާން، އޮސްޓްރޭލިޔާ އަދި ސައުތު އެފްރިކާ ފަދަ ގައުމުތައް ހިމެނެއެވެ.

އެމެރިކާގައި ވިއްކާ އާފަލުގެ 60 އިންސައްތަ ހައްދަނީ ވޮޝިންގޓަން ސިޓީގައެވެ. އާފަލު ދަޅުގައި ބަންދު ކޮށްގެންނާއި، ޖޫސް ތައްޔާރު ކޮށްގެން ވެސް ވިއްކައެވެ. މީގެ އިތުރުން ތަފާތު ފޮނި ކާތަކެތީގެ ބާވަތްތައް ހެދުމުގައި ވެސް އާފަލު ބޭނުންކުރެއެވެ. މިގޮތުން ސަލަޑާއި، ކޭކު،ބަޓަރު، ސޯސް، ޖެލީ އަދި ޕައި، ޕުޑިންގ ފަދަ ކާތަކެތި ތައްޔާރު ކުރުމުގައި އާފަލު ހިމަނައެވެ.


އާފަލުގެ ޞިއްޙީ ފައިދާ[އުނިއިތުރު ގެންނަވާ]

އާފަލެއް

އާފަލުން ލިއްބައިދޭ ޞިއްޙީ ފައިދާތަކަށް ބަލާއިރު، ލޭގެ ޕްރެޝަރު ދަށްކުރުން، ލޭގައި ކޮލެސްޓީރޯލް ހިމެނޭ މިންވަރު ދަށްކުރުން، އަރިދަފުސް ރޯގާޖެހޭ މިންވަރު ކުޑަކުރުން، ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށްކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

އާފަލުގައި ހިމެނޭ ޕެކްޓިން އަކީ ފަސޭހަ ކަމާއެކު ފެނަށް ގިރިގެންދާ ފައިބަރުގެ ބާވަތެކެވެ. މިމާއްދާ އާފަލުގައި ހިމެނޭ އެހެން މާއްދާތަކާއި ގުޅިގެން ލޭގައި ހިމެނޭ ކޮލެސްޓީރޯލްގެ ބައި ނެތިކޮށް މަދުކޮށްލުމުގައި ދައުރެއް އަދާކުރެއެވެ.

ފްރާންސްގެ އިންސްޓިޓިއުޓަކުން ދިރާސާ އެއް ހެދުމަށްޓަކައި މެދުޢުމުރުގެ ޞިއްޙަތު ސަލާމަތުން ތިބި 30 މީހުންނަށް އެއްމަސް ވަންދެން 2-3 އާފަލު ކާންދެވުނެވެ. މަހެއްގެ ފަހުން ބެލުނު ނަތީޖާ ތަކުން އެގުނު ގޮތުގައި ދިރާސާގައި ބައިވެރިވި 80 އިންސައްތަ މީހުންގެ ލޭގެ ކޮލެސްޓީރޯލްގެ މިންވަރު ހުރީ ދަށްވެފައެވެ.

ޢާންމުކޮށް އާފަލް ފަދަ މޭވާގެ ބާވަތްތައް ކާނަމަ ބަލިތަކާއި ދުރުކޮށްދެއެވެ. ބައެއް ވައްތަރުގެ އާފަލުގެ ވަހަކީ އެރޯމާ ތެރަޕީގެ ދުނިޔޭގައި އެވަހުގެ ސަބަބުން ހަމަޖެހުމާއި މަޑުމައިތިރިކަން ހޯދުމަށް ބޭނުންކުރެވޭ އެއްޗެކެވެ.

އާފަލުގައި ހިމެނޭ އެސިޑްގެ 90 އިންސައްތަ އަކީ މަލިކް އެސިޑެވެ. ތަބީޢީ ހަކުރުގެ ގޮތުގައި ގުނޭ ސަކްރޯޒް، އަދި ފަރަކްޓޯޒް ވެސް ގިނަ ޢަދަދަކަށް އާފަލްގައި ހުރެއެވެ. މިބުނި ތަބީޢީ ހަކުރުގެ މާއްދާތަކަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗަކަށް ނުވާތީ، އާފަލް ވެފައިވަނީ ހަކުރު ބަލީގެ އަހުލުވެރިންނަށް ފައިދާހުރި ކާނާއެއް ކަމުގައެވެ. މީގެ އިތުރުން ސިޓްރިކް އެސިޑް، އަދި ޓާރޓެރިކް އެސިޑްވެސް އެކުލެވިގެން ވެއެވެ.

ފައިބަރު ގިނަ ޢަދަދަކަށް އެކުލެވޭތީ ބަނޑު ހިކުމުން ވެސް އާފަލު ބޭނުންކޮށް އުޅެއެވެ. ފްލޭވޮނޮއިޑް އަދި ވެސް އިތުރު އެންޓި އޮކްސިޑެންޓްތައް އެކުލެވުމުގެ ސަބަބުން ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކުން މިންޖުވުމުގައި އާފަލު އެހީއަކަށް ވެއެވެ. އަދި ފެނުގެ ބައިވެސް އާފަލުގައި މަތިކަމަށްވާތީ ހުންގަދަވުމުން އާފަލު ބޭނުންކޮށްފިނަމަ ހުންތިރިވެގެން ދިއުމަށް އެހީތެރި ވެދެއެވެ.