އަސްދާނު ބިބީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަސްދާނު ބިބީ

އަސްދާނު ބިބީ (ސައިންޓިފިކް ނަން: Chaetodon falcula)ނުވަތަ (އިނގިރޭސި ބަހުން: Blackwedged butterflyfish)އަކީ ރާއްޖޭގެ ފަރުފަޅުގެ ބޭރުގައި ގިނައިން އުޅޭ ބިބީ އާއިލާގެ މަހެކެވެ. މިމަސް އާންމުކޮށް ފެނިފައި ހުންނަނީ ޖޯޑްޖޯޑަށް ކަމަށްވިޔަސް، ކުދިއައިން ހަދައިގެން ވެސް އުޅެއެވެ. މިއީ ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނަސް، ދިރޭމަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ ބިބީތައް ރާއްޖޭގެ ފަރުފަޅުގެ ބޭރަށް ފީނައިގެން ގިނަ އަދަދަކަށް ހިފާގެން ދިރުވައި ގެންގުޅެން ފެށިއެވެ.

މިމަހަށް އަސްދާނު ބިބީގެ ނަމުން ނަންދެވިފައިވަނީ މަހަށް އިގިރޭސި ބަހުން ކިޔާއުޅޭ ނަމާ އެެއްގޮތްވާގޮތަށް، މަހުގައި އެސިފައެއް އެންމެ ފާޅުކޮށް ފެންނަން ހުރި ސިފައެއް ކަމުގައިވާ މަހުގެ ބުރަކަށިމަތީގައި މަހުގެ ދެފަރާތަށް ވާގޮތަށް، އަސްދާނެއް ގޮތަށް ހުންނަ، ކަޅުކުލައިގެ ދެލައް ހުރުމުގެ ސަބަބުންނެވެ.

މަހުގެ މަތީ ކޮތަރިބައިގައި 12 ހަރުކަށި އަދި 23 އާއި 25 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު، 20 ނުވަތަ 21 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 15 މަޑުކަށި ހުރެއެވެ.

މަހުގެ ކުރީކޮޅު ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދުކުލައެވެ. ބުރަކަށިމައްޗާއި މަހުގެ ފަހަތުކޮޅުގެ ކުލައަކީ ރީނދޫ ކުލައެވެ. ނިގޫފަތުގެ ބުޑުދަށުގައި މަހުގެ ހުރަހަށް ކަޅުކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. އަދި މަހުގެ ބޮލުގައި ލޯ ހުރަސްކޮށް ކަޅުކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. ހަމަ އެހެންމެ މަހުގެ ހުރަހަށް ވާގޮތަށް، އަޅި ކުލައިގެ ރޮނގުތަކެއް ދެފަރާތުގައި ހުރެއެވެ. އަސްދާނު ބިބީ ގާތްގަނޑަކަށް 20 ސމ ބޮޑުވާ ކަމަށް ވެއެވެ.