އަލްއަމީރު މުޙަންމަދު ފަރީދު ދީދީ

ވިކިޕީޑިއާ އިން

ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް

ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް އަކީ ދިވެހިރާއްޖޭގެ އެންމެ ފަހު ރަދުންނެވެ. އަދި އޮކްޓޯބަރ 1933 ން 25 ޖޫން 1942 އަށް ރައްޔިތުންގެ މަޖިލީހުގެ ރާއީސް ކަން ކުރެއްވި ބޭފުޅާއެވެ.

މުޙައްމަދު ފަރީދު ދީދީ އަކީ ހުރާގޭ ދަރިކޮޅުގެ ރަސްކަމާއި ވެރިކަން ދެކަފިވެގެން އައިސް އެސިލްސިލާ ނިމޭތަން ގުޅުވައިދޭ ބޮޅެވެ. ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް އަކީ ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި ރަދުންނެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] ނަސަބު

މިރަދުންނަކީ ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދޮށީ ދަރިކަލުންނެވެ. މަންމާފުޅަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީން ގެ ދޮންގޮމާ އަލްއަމީރާ ޢާއިޝާ އެވެ. މުޙައްމަދު ފަރީދު ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 24 ޞަފަރު 1319ހ، 13 ޖުލައި 1901 ގައި ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގައެވެ. ބައެއް ލިޔުންތަކުގައި ވަނީ 12 ޖޫން 1901މ ގައެވެ.

މުޙައްމަދު ފަރީދު ދީދީ 5 ބޭކަނބަލުންނާއި ކައިވެނި ބައްލަވައިގަތެވެ. ލިބިވަޑައިގެންނެވި ބޭފުޅުން ބޮޑުނުވެ އަވަހާރަވީ އެވެ. އޭނާގެ މުޅި ޙަޔާތްޕުޅު ހިމެނިގެންދިޔައީ ރާއްޖެއަށް ކުރިމަތިވި ކޮންމެ ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި އަމާން ކަމާއެކު ރައްޔިތުންގެ ޙިމާޔަތް ލިބިގެންދިޔަ، އިތުބާރު ދެވިގެންވާ ޚާއްޞަ ބޭފުޅެއްގެ ގޮތުގައެވެ.

[އުނިއިތުރު ގެންނަވާ] ތަޢުލީމް ޙާޞިލްކުރެއްވުން

އުމުރުފުޅުގެ ޅަދުވަސްތައް ހޭދަކުރެއްވީ އޭނާގެ ބައްޕަގެ ބެއްލެވުމުގެ ދަށުން ގަނޑުވަރުގެ ތެރޭގައެވެ. މާލެއިން އިބްތިދާއީ ތަޢުލީމް ޙާޞިލް ކުރެއްވުމަށްފަހު، ރާއްޖެއިން ބޭރަށްވަޑައިގެން، ސިލޯނުގެ ރޮޔަލް ކޮލެޖް އަށް ވެދެވަޑައިގެން އެތަނުން އިގިރޭސި ތަޢުލީމު ޙާޞިލް ކުރެއްވި އެވެ. އިގިރޭސި، ސިންހަޅަ، އަދި ތަމަޅަ ބަސް ރަގަޅަށް ދެނެވަޑައިގަނެއެވެ.

އަލްއަމީރު މުޙައްމަދު ފަރީދުދީދީ ތަޢުލީމް ޙާޞިލް ކުރެއްވުމަށް ސިލޯނަށް ވަޑައިގަތުމަށް މާލެއިން ފުރާވަޑައިގަތީ 24 ޖުމާދިލް އޫލާ 1331ހ ގައެވެ. ސިލޯނުގެ ރޮޔަލް ކޮލެޖް ގައި ތަޢުލީމް ޙާޞިލްކޮށް ނިންމުމަށްފަހު އެނބުރި މާލެ ވަޑައިގަތީ 24 ޖުމާދިލް އޫލާ 1338ހ ގައެވެ. އެހެންކަމުން ރޮޔަލް ކޮލެޖްގައި އެމަނިކުފާނު އުޅުއްވާފައިވަނީ 7 އަހަރު ވަންދެނެވެ.

[އުނިއިތުރު ގެންނަވާ] ގައުމީ ޚިދުމަތް

މުޙައްމަދު ފަރީދު ދީދީ ދައުލަތަށް ޚިދުމަތްކުރައްވަން ފެއްޓެވީ ސިފައިންގެ ވެރިޔާކަމުންނެވެ. ދެން ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލެވުމަށް އޭރުގެ ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ޚިޔާރުކުރެއްވި މަޖުލީހުގެ މެންބަރަކަށް ޢައްޔަން ކުރެވުނެވެ. އެގާނޫނޫ އަސާސީ އެކަށައެޅި، ދުސްތޫރީ ޙުކޫމަތު އިޢްލާނު ކުރެވުނު ދުވަހުން ފެށިގެން، މުޙައްމަދު ފަރީދު އަކީ ރައްޔިތުން މަޖުލީހުގެ ރައީސް އަދި ވަޒީރުލް އަޢުޒަމް އެވެ. އަދި ސިފައިންގެ ވެރިޔާ ކަމާއި، ވަޒީރުލް ޢަސްކަރިއްޔާކަން ވެސް ކުރެއްވި އެވެ. ބޮޑުވަޒީރު ކަމުގެ ހުވާ އޭނާ ކުރެއްވީ 16 ޑިސެމްބަރ 1932 ވީ ހުކުރު ދުވަހުގައެވެ. އެއީ 17 ޝައުބާން 1351 ގައެވެ.

މުޙައްމަދު ފަރީދު ދީދީގެ ފަހުން ތަޚްތުގައި އިންނެވި ރަދުންކަމުގައިވާ އައްސުލްޠާން ޙަސަން ނޫރައްދީންގެ ރަސްކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، މުޙައްމަދު ފަރީދު ވަޒީރުލް އަޢުޒަމް ކަމުން ވެސް އިސްތިއުފާ ދެއްވެވިއެވެ. އެއީ 2 ރަބީޢުލް އައްވަލް 1362ހ، 8 އެޕްރީލް 1943މ ގައެވެ.

އައްސުލްޠާން ޙަސަން ނޫރައްދީންގެ ރަސްކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، ތަޚުތު ހުސްވުމުގެ ސަބަބުން ހޮވުނު ވަލީ ކޮމެޓީގެ ތެރޭގައި ވެސް މުޙައްމަދު ފަރީދު ދީދީ ހިމެނިވަޑައިގަތެވެ. މިގޮތުގައި ހުންނަވަނިކޮށް ދިވެހި ރަސްކަން ޖުމުހޫރިއްޔަތަކަށް ބަދަލުވެ، އަދި އިންގިލާބަކުން އެ ޖުމުހޫރިއްޔާ އުވާލެވި، އަލުން އިޢާދަކުރެވުނު ރަސްކަމުގެ ތަޚުތަށް އެއްވެސް ފަރާތެއްގެ ނުފޫޒަކާއި ނުލައި އިންތިޚާބުވެ ހޮވިގެންދިޔައީ މުޙައްމަދު ފަރީދު މަނިއްޕުޅު އެވެ. އޭރު އެއީ ކިލެގެ ކަމަށް ކޮލިލެވިގެންވި، ސުމުއްވުލް އަމީރު މުޙައްމަދު ފަރީދު ފާށަނާ ކިލެގެފާނު އެވެ. ރަސްކަމަށް އިސްވެ ވަޑައިގަތީ 1 ރަޖަބު 1373ހ، 7 މާރޗް 1954 ގައެވެ. ފުރަތަމަ ބޮޑުވަޒީރަކީ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އެވެ. ދެވަނަ ބޮޑު ވަޒީރަކީ އަލްފާޟިލް އިބްރާހީމް ނާޞިރު އެވެ. މުޙައްމަދު ފަރީދު ދީދީ އަށް ފާށަނާ ކިލެގެކަމަށް ކޮލިލެވުނީ 10 ޖުމާދިލް އޫލާ 1365 ގައެވެ.

މުޙައްމަދު ފަރީދު ދީދީ އަކީ ތާރީޚީ ގޮތުން ބަލާއިރު ދިވެހި ރަސްކަމުގެ ތަޚުތުގައި އެންމެ ފަހުން ރެދަލިކުރެވުނު ރަސްކަލުންނެވެ. މިރަދުންގެ ރަސްކަމުގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުން، އަދި އެކަމާއި ގުޅިގެން އެކުވެރި ދައުލަތް ތަކުގެ މެންބަރަކަށް ދިވެހިރާއްޖެ ވެގެން ދިއުން ހިމެނެއެވެ. އަދި ރާއްޖޭގެ ތަޢުލީމަށް އެކަށީގެންވާ އެދެވޭ ބަދަލުތަކެއް އައުމެވެ. ދެވަނަ ފަހަރަށް އިގިރޭސިން އައްޑު އަތޮޅު ގަމުގައި ދިފާޢީ މަރުކަޒެއް ހަދައި އެތަނަށް ފޭބިއެވެ. އަދި މިރަސްކަމުގައި އައްޑު އަތޮޅާއި، ހުވަދު އަތޮޅާއި، ފުވައްމުލަކުގައި ވަރަށް ބޮޑު ސިޔާސީ ހަމަނުޖެހުމެއް ހިނގިއެވެ.

މުޙައްމަދު ފަރީދު ދީދީ އަކީ ދިވެހިންގެ ތެރެއިން ފާނޑުވެރިކަމުގެ މާހިރެކެވެ. މިއުޒިކުގެ ކަންކަމުގައި ފާހަގަކުރެވޭ ދިވެއްސެކެވެ. ބަގީޗާ ހެއްދެވުމަށް ޝައުގުހުރި އަދި އެޢިލްމުގެ އުސްތާޛެކެވެ. ކްރިކެޓާއި ފުޓުބޯޅައިގެ ހަރަކާތްތައް ހިންގެވި ފަރާތެކެވެ.

[އުނިއިތުރު ގެންނަވާ] ރަސްކަމުގެ ފެށުން

ދިވެހިރާއްޖޭގެ ފުރަތަމަ ދިވެހި ޖުމުހޫރިއްޔާ އުވުނު ދުވަހަކީ 11 ޛުލްޙައްޖާ 1372 ގައެވެ. ފުރަތަމަ ޖުމުހޫރިއްޔާ އުވިގެން ދިޔައީ މާލޭ ގުޅަކުޅޭ ފަސްގަނޑުގައި މާލޭގެ ރައްޔިތުން އެއްވެ، ހިންގި ހަމަނުޖެހުމެއް ފަހުގައެވެ. އެދުވަހު ހުކުރުގެ ފަހުގައި ހިނގި ހާދިސާއަށް ފަހު އިރުއޮއްސުނުއިރު ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގައެއް ދިރުމެއް ނެތެވެ. އެކަން އުވި ހިގައްޖެއެވެ. ހަމަ އެދުވަހު ދިވެހި ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އުފުއްލެވީ އެއްގަމުގޭ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އާއި، ވެލާނާގެ އަލްފާޟިލް އިބްރާހީމް މުޙައްމަދު ދީދީ އެވެ. މިދެބޭފުޅުން އެކަމަށް އިސްކުރީ ވެސް އެދުވަހު އެދުވަހު ގުޅަކުޅޭ ފަސްގަނޑުގައި އެއްވި އެއްވުމުގެ ތެރޭގައެވެ. އެއަށްފަހު 1 ރަޖަބު 1373 ގައި އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް ގެ ނަމުގައި ރަސްކަމަށް އިސްވަންދެން ދިވެހި ރަސްކަމުގެ ތަޚްތު އޮތީ ހުސްކޮށެވެ.

ކުރިން ބަޔާންކުރެވުނު މުއްދަތުގައި ބަޔާންކުރެވިފައިވާ ދެބޭފުޅުން ދިވެހި ދައުލަތް ހިންގެވީ މާލޭގެ ހަތަރު އަވަށުގެ ބޭފުޅުން ހިމެނޭ ގޮތަށް ޚިޔާރުކުރެވިފައިވާ މަޝްވަރާ މަޖުލިސް ކަމުގައިވާ އިންގިލާބު ކޮމިޓީ ގެ ލަފާގެ މަތިންނެވެ. އެއަށްފަހު އެކޮމިޓީން އާގާނޫނު އަސާސީއެއް ތައްޔާރުކުރައްވައި ފާސްކުރެއްވުމަށްފަހު، ރާއްޖޭގެ ތަޚްތަށް ކުރިން ދެންނެވުނު ފަދައިން އިންތިޚާބުވީ ސުމުއްވުލް އަމީރު މުޙައްމަދު ފަރީދުލް އައްވަލް އެވެ. ( މިއީ އިބްރާހީމް ޝިހާބް ލިޔުއްވި ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް ރަސްކަން މިފޮތުގައި ބަޔާންކުރައްވާފައިވާ ގޮތެވެ. )


[އުނިއިތުރު ގެންނަވާ] އަވަހާރަވުން

1968 ވަނަ އަހަރާއި ހަމައަށް ރަސްކަމުގައި ހުންނަވަނިކޮށް އަލުން ދެވަނަ ފަހަރަށް ޖުމުހޫރީ ވެރިކަމަކަށް ހަމަޖެހުމާއެކު، އެރަސްކަމުން ވަކިވެވަޑައިގަތުމަށް ދިމާވީ އެވެ. ތަޚުތުން ވަކިވެވަޑައިގަތުމަށް ފަހުވެސް ރައްޔިތުންގެ ލޯތްބާއި ގަދަރު ލިބިވަޑައިގެން ދެމިހުންނަވައި ދުވަސްތައް ހޭދަކުރެއްވުމަށްފަހު، އަވަހާރަވީ 27 މެއި 1969 ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ގަލޮޅު ގަބުރުސްތާން ގައެވެ.

[އުނިއިތުރު ގެންނަވާ] ރިފަރެންސް

  • ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖިލިސް
  • އިންޓަނެޓް ބައެއް ވެބްސައިޓްތައް
  • ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ-1 – 1981 - ދިވެހިނާދީ /ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
  • ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
ކުރިން ހުންނެވީ:
މުޙައްމަދު އަމީން ދީދީ
ދިވެހިރާއްޖޭގެ ރަދުން
March 6, 1954–1968
ފަހުން ވަޑައިގަތީ:
އިބްރާހިމް ނާޞިރު
އެހެން ބަސްބަހުން