އަނދުން މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަނދުން މަސް

އަނދުން މަސް(ސައިންޓިފިކް ނަން: Seriola rivoliana)ނުވަތަ (އިނގިރޭސި ބަހުން: Almaco jack)އަކީ ހަނދީގެ އާއިލާގެ މަހެކެވެ. ނަމަވެސް މިއާއިލާގެ ގިނަ މަސްމަހުގައި ހުންނަ ކުރަގަނޑެއް މިމަހަކު ނުހުރެއެވެ. މިއީ އެތެރެވެރީ ގައްޔާއި، ބޭރުކަނޑުތަކުގައި 30 އާއި 160 މީޓަރާއި ދެމެދުގެ ފުންމިނުގައި އުޅޭ ފަތިކޮށް ހުންނަ މަހެކެވެ. މިބާވަތުގެ މަސް މާކަނޑުގައި އޮޔާދާ އެތިއެތިގަނޑުގެ ނިވަލުގައި ތިބެގެން ދަތުރުކޮށް އުޅެއެވެ. ނަނު ފައްތައިގެން ކުރާ ކެޔޮޅުކަމުގައި މަދުމަދުން މިމަސް ބޭނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މީރު މަހެކެވެ. މަހުގެ އަނގައިގެ މަތީ ތަލީ މަތީ ގައްޔާއި، ތިރީ ތަލީގައި ފާޅުކޮށް ހުންނަ ކުދިކުދި ދަތްބަރިއެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ކުރީކޮޅުގެ ކަށިތައް ފަހަތުބައިގައި ހުންނަ މަޑުކަށިތަކަށްވުރެ ކުރެވެ.

މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި 7 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރު ކައްޓާއެކު 27 އާއި 33 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 18 އާއި 22 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ވަރަށް މަޑު މުށި ކުލައެކެވެ. މަހުގެ ލޮލުގެ މަތީ ކައިރިން ފެށިގެން ބުރަކަށިމަތީ ކޮތަރިބައި ފެށިފައިވާ ހިސާބަށް ދަމާލެވިފައި ހުންނަ ކޫރެއް ހުރެއެވެ. މިމަހަށް އަނދުން މަހޭ ކިޔަނީ މިކޫރުގެ ސަބަބުން ކަމަށް ބެެލެވެއެވެ. މިފާހަގަ ބޮޑަށް ހުންނަނީ ޅަ މަހުގައެވެ. މަހުގެ ކަންފަތް ގަނޑު ހުންނަނީ ކޮތަރިބައިތަކަށްވުރެ ކަޅުކޮށްނެވެ.