ކޯފުއްޕި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ކޯފުއްޕި (އިނގިރޭސި ބަހުން: Mumps) އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޯފުއްޕި ޖެހުމުން ކަންފަތް އާއި ކޯކަށިގަނޑު އާއި ދެމެދުގައި އިންނަ ޕެރޮޓިޑް ގްލޭންޑް އޭ ކިޔާ ކުޅު ބޭރުކުރާ ގޮށެއް ދުޅަވެގެން ދެއެވެ. އާންމު ގޮތެއްގައި ކޯފުއްޕި ޖެހެނޭ 15 -5 އަހަރާއި ދެމެދުގެ ކުޑަކުދިންނަކަށް ފާހަގަ ކުރެވެއެވެ. އަދި ފިރިހެން ކުދިންނަށް ކޯފުއްޕި ޖެހޭ މިންވަރު އިތުރުކަން ފާހަގަ ކުރެވެއެވެ. ކޯފުއްޕި ޖެހެނީ ބަލިޖެހިފައިވާ މީހާ، ކެއްސުން، ކިނބިހިއެޅުން، ކަންތައް ކުރުމުގެ ތެރޭގައި ކައިރީގައި ހުންނަ މީހާގެ ހަށިގަނޑަށް އަނގަޔާއި ނޭފަތުގެ ޒަރީޢާއިން ވައިރަސް ވާޞިލްވުމުންނެވެ. ވައިރަސް ހުރި ކުޅާއި ތަޣައްޔަރުވެފައިވާ ރުމާ، ޓިޝޫ، ފެންބޯތަށި ފަދަ ތަކެތީގެ ސަބަބުން، ފެތުރެއެވެ.

ކޯފުއްޕި އަކީ ވައިރަހެއްގެ ޒަރީޢާޢިން ފެތުރޭ އާންމުކޮށް ކުޅު އުފައްދާ ގްލޭންޑް އަށް ޖެހޭ ބައްޔެކެވެ. މިބަލި އާންމުކޮށް ޖެހެނީ ކުޑަކުދިންނަށެވެ.


ބަލިޖެހޭގޮތް[އުނިއިތުރު ގެންނަވާ]

މިބަލި ޖެހެނީ ބަލިޖެހިފައިވާ މީހަކު، ވާހަކަ ދައްކާއިރު ގަޔާއި، ކެއްސާ ކިނބިހިއަޅާ ހެދުމުގެ ތެރޭގައި ބުރާ ކުޅުގައި ހުންނަ ޖަރާސީމު އަނެކާގެ ނޭފަތަށް ނުވަތަ އަނގަޔަށް ވަނުމުންނެވެ. ބަލިޖެހުނީއްސުރެ ފަށައިގެން ބަލި ރަގަޅު ވަންދެން މިބަލި ގައިން ގަޔަށް އަރައެވެ. ނަމަވެސް ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ބަލި ޖެހޭތާ ގާތްގަނޑަކަށް 1ހަފްތާ ފަހުންނެވެ. އަދި އަލާމާތްތައް ފެންނަން ފަށާތާ ހަފްތާއެއްހާ ދުވަސް ފަހުން ބަލި ރަގަޅު ވެއެވެ. މިގޮތުން މުޅިއެކު މިބައްޔަށް 25-2 ދުވަސްވަރު ނަގައެވެ. އެމްއެމްއާރް ވެކްސިން ދިނުމުން މިބަލިން މިންޖުކޮށްދެއެވެ.

ކޯފުއްޕި ޖެހޭ މީހުންގެ ތެރެއިން 3/1 މީހުންނަށް ކޯފުއްޕީގެ އަލާމާތްތައް ނުފެނި ހިގައިދެއެވެ. ޚާއްޞަކޮށް 2 އަހަރުން ދަށުގެ ކުދިންނަށް މިގޮތަށް ކޯފުއްޕި ޖެހުނަސް ނޭގި ހިގައިދާނެއެވެ.

ކޯފުއްޕި ޖެހިފައިވާ މީހުންގެ ފަރާތުން އެހެންމީހުންނަށް ވައިރަސް ފަތުރަނީ ކޯފުއްޕުމުގެ 3 ދުވަސް ކުރިންނާއި، ކޯފުއްޕުމަށްފަހު އަންނަ ފުރަތަމަ 9 ދުވަހާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. އެހެން ކަމުން ވައިރަސް ފުރަތަމަ ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެނުމާއި ދެމެދު 18-12 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. ބައެއް ފަހަރު 25 ދުވަހަށް މިމުއްދަތުގެ ދިގުލައި ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ކޯފުއްޕި ޖައްސާ ވައިރަސް ހަށިގަނޑަށް ވާޞިލްވަނީ އަނގަޔާއި ނޭފަތުގެ ޒަރީޢާއިންނެވެ. އަލާމާތްތައް ފެންނަށް ފަށަނީ ވައިރަސް އިތުރުވެ، ހަށިގަނޑުގެ އެކި ހިސާބުތަކަށް ފެތުރެން ފެށުމުންނެވެ. މިގޮތުން ކުޅުބޭރުކުރާ ގޮށްތައް، ޗިސްމޭ، އޮށް، ބިސްރަވަ، އަދި މިނޫން ހިސާބުތަކަށް ވެސް ވައިރަސް ފެތުރި ވާޞިލްވެގެންދެއެވެ. އާންމު ގޮތެއްގައި 10 ދުވަހުގެ މުއްދަތަށް އަލާމާތްތައް ދެމިހުރެއެވެ.

އުދަގޫތައް ކުރުކުރުކޮށް[އުނިއިތުރު ގެންނަވާ]

  • ހުންއައުން
  • ބޮލުގައި ރިހުން
  • ހަށިގަނޑަށް އުދަގޫވުން
  • ކޮލުކަށިގަނޑަށް އުދަގޫވުން
  • އަނގަހުޅުވާއިރު ތަދުވުން
  • ކަންފަތު ފޫޅު ބޭރަށް ނިކުމެފައި ހުންނަގޮތަށް ދެއްކުން
  • ކޯމަތިން ދުޅަކަމަށް ދެއްކުން

އާންމު އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ކޯފުއްޕި ޖެހުމުން ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި : -

  • ޕެރޮޓިޑް ގްލޭންޑް ދުޅަވުން : މިގޮތުން ދެފަރާތު ނުވަތަ އެއްފަރާތުގައިވާ ޕެރޮޓިޑް ގްލޭންޑް ވެސް ދުޅަވެދާނެއެވެ. މިއީ ކޮލުގައި ކަންފަތް އަދި ކޯކަށިގަނޑު އާއި ދެމެދު ހުންނަ ކުޅު އުފައްދާ ގްލޭންޑް އެކެވެ. ކޯފުއްޕިއޭ ކިޔަނީ މިބަލި ޖެހުމުން ޕެރޮޓިޑް ގްލޭންޑް ދުޅަވެ، ކޯ އާދަޔާ ޚިލާފަށް ބޮޑުވެ، ފުއްޕާތީ އެވެ. ކޯފުއްޕި ނޫން ބައެއް އެހެން ބަލިތަކުގެ ސަބަބުން ވެސް ޕެރޮޓިޑް ގްލޭންޑް ދުޅަވެ ބޮޑުވެދާނެއެވެ.

ކޯފުއްޕި ޖެހި ކޯ ދުޅަވުމުން ކޮލުގައި ރިއްސުމާއި، ކޮލުގައި ބީހިލުމުން ވެސް ރިއްސާގޮތްވާނެއެވެ. އާންމު ގޮތެއްގައި 25 އިންސައްތަ މީހުން ފުއްޕަނީ އެއްފަރާތުގެ ކޮލެވެ. ބާކީ 75 އިންސައްތަ މީހުން ދެފަރާތުގެ ކޯ ފުއްޕައެވެ. މީގެ އިތުރުން ކޯކަށިގަނޑުގެ ތިރީގައިވާ ސަބްމެންޑިބިޔުލަރ ގްލޭންޑް އަދި ދުލުގެ ދަށުގައިވާ ސަބްލިންގުއަލް ގްލޭންޑް ފަދަ ކުޅުބޭރުކުރާ ގްލޭންޑްތައް ވެސް ބައެއް ފަހަރު ދުޅަވާގޮތް ވެއެވެ.

  • ހުންއައުން: ކޯފުއްޕި ޖެހުމުން ހަށިގަނޑުގެ ފިނިހޫނު މިން 40-38 ޑިގްރީ ސެލްޒިއަސް އަށް މަތިވެގެން ދެއެވެ.
  • މާއަވަހަށް ވަރުބަލިވެ ގައިގައި ރިހުން: މިގޮތުން މަސްތައް އަދި ހުޅުތަކުގައި ރިހުން ހުންނަކަން ފާހަގަކުރެވޭނެއެވެ.
  • ބޮލުގައި ރިހުން، ކަންފަތުގައި ރިހުން، އަނގަފާރުވުން، ކާތަކެތި ދިރުވާއިރު ނުވަތަ ހަފާއިރު ތަދުވުން
  • ހުތްކާނާގެ ބާވަތްތައް ބޭނުންކުރާއިރު ރިއްސުން: މިގޮތުން އޮރެންޖް ޖޫސް، ލިބޯ ޖޫސް، އޮރެންޖް ފަދަ ހުތްއެއްޗެއް ބޭނުންކުރާއިރު ކޮލުގައި ރިއްސުމަކީ ވެދާނެ ގޮތެކެވެ.

ދިގުދެމި ދިއުމުން ކުރިމަތިވާ އުދަގޫތައް[އުނިއިތުރު ގެންނަވާ]

  • ސިކުނޑި ދުޅަވުން، އަދި ސިކުނޑީގެ ވަށައިގެންވާ ދުލިފަށް ދުޅަވުން : މިއީ ވަރަށް މަދުންނޫނީ ނުވާ ކަމެކެވެ. ސިކުނޑި ދުޅަވެއްޖެނަމަ ބައެއް ފަަހަރު ބީރުވުން ކުރިމަތިވެދާނެއެވެ. ބީރުވުން ވަގުތީ ނުވަތަ ދާއިމީ ސިފައެއްގައި ވެސް ދިމާވެދާނެއެވެ. ސިކުނޑީގެ ވަށައިގެންވާ ދުލިފަށް ދުޅަވުން ކުރިމަތި ވެފައިވާނަމަ ބޮލުގައި ރިހުން، ބޯއެނބުރުން، ތާއްޔަށް ޖެހުން ކަދުރާ ހަރުއެރުން ފަދަ ކަންތައް ކުރިމަތިވެއެވެ.
  • އޮށާއި އުރަވަޅީގައި ރިހި ބޮޑުވެ ދުޅަވުން: މިކަމުގެ ސަބަބުން ވަރަށް މަދުން ނަމެވެސް ވަގުތީ ގޮތުން ދަރިން ނުލިބުމުގެ މައްސަލަ ފިރިހެނުންނަށް ދިމާވެއެވެ. ކޯފުއްޕީގެ އަސަރު އުރަވަޅި އަށް ކޮށްފިނަމަ އުރަވަޅި ހިނދި ކުޑަވުމަކީ ވެސް ވެދާނެ ގޮތެކެވެ.
  • އުރަމައްޗާއި ބިސްރަވަ ދުޅަވުން: ބިސްރަވަ ދުޅަވެފައިވާ ނަމަ ދަށްބަނޑުކޮޅުގައި ރިއްސުމަކީ ވެދާނެ ގޮތެކެވެ.
  • ޗިސްމޭ ދުޅަވުން: މިކަމުގެ ސަބަބުން ދަށްބަނޑުގައި ރިހި، މޭނުބައިކޮށް ހޮނޑުލެވޭގޮތް ވެދާނެއެވެ.

ދެނެގަތުން[އުނިއިތުރު ގެންނަވާ]

  • އާންމު ގޮތެއްގައި ކޯފުއްޕި ޖެހިފައިވާކަން ދެނެގަންނަނީ ބައްޔާއި ގުޅިގެން ކުރިމަތިވާ ޢަލާމާތްތަކުގެ އެހީގައެވެ. މާނައަކީ ކޯފުއްޕުމާއެކު ހުންއައުން، ގައިގައި ރިހުން ފަދަ ކަންތައް ކުރިމަތިވެފައިވޭތޯ ބަލައިގެންނެވެ.
  • ލޭގެ ޓެސްޓް: މިއީ ކޯފުއްޕި ޖެހިފައިވާކަން ޔަގީންކުރަން ހެދޭ ޓެސްޓެކެވެ. މިޓެސްޓުގެ ބޭނުމަކީ ކޯފުއްޕި ޖައްސާ ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރާ ހަށިދަމަނަ އުފައްދާފައިވާ މިންވަރު ބެލުމެވެ.
  • ވައިރަސް އިންދުން : މިއީ ކުޑަކަމުދާ ތަކެތި އަދި ކުޅުނަގައިގެން ވަކި ކަހަަލަ މީޑިއަމް އެއްގައި ވަކި ފިނިހޫނުމިނެއްގައި ވަކި މުއްދަތަކަށް ބަހައްޓައިގެން ކޯފުއްޕި ޖައްސާ ވައިރަސް ( އިންދައި ހައްދައިގެން ) ހުރިތޯ ނުވަތަ ނެތްތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]

ކޯފުއްޕި ޖެހި ދިގުދެމި ދިއުމުން ކުރިމަތިވާ އިތުރު އުދަގޫތައް ކުރިމަތި ނުވާނަމަ، ގޭގައި އަރާމުކުރުމާއެކު ކޯފުއްޕިއަށް ފަރުވާ ލިބިގަނެވިދާނެއެވެ. މިގޮތުން ހުމާއި ތަދު ފިލުވަން ތައްޔާރުކޮށްފައި ހުންނަ ބޭސް ގޭގައި ބޭނުންކުރެވިދާނެ އެވެ. އުމުރުން 20 އަހަރުން ދަށުގެ ކުދިންނަށް ތަނދުކެނޑުވުމަށްދީއުޅޭ އެސްޕިރިން ދިނުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ރޭޒް ސިންޑްރޯމް ކިޔާ ބައްޔެއް ފެންމަތިވެގެން އަތުވެދާނެތީ އެވެ.

ކޯފުއްޕި ޖެހި ދިގުދެމި ދިއުމުން ކުރިމަތިވާ އިތުރު އުދަގޫތައް މެދުވެރިވެފައިވާނަމަ، ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާ ލިބިގަންނަން ޖެހެއެވެ. ކޯފުއްޕިޖެހިފައިވާ ކުދިން، ސުކޫލް، ގުރުއާން ކްލާސް، އަދި އާންމުން އެއްވެ އުޅޭ ތަންތަނަށް ފޮނުވައި ނެރެހަދައި، އުޅުމަކީ ރަގަޅުކަމެއް ނޫނެވެ. އެއީ އެފަދަ ކުދިންގެ ކިބައިން ސަލާމަތުން ތިބި މީހުންނަށް ބަލި ވާޞިލްވިޔަ ނުދިނުމަށްޓަކައެވެ.

ޢަމަލުކުރެވިދާނެ ގޮތްތައް[އުނިއިތުރު ގެންނަވާ]

  • ޕެރަސިޓަމޯލް ފަދަ ބޭހެއް ހުންފިލުވުމަށާއި ތަދުކެނޑުވުމަށް ދޭށެވެ. އުމުރުން 20 އަހަރުން ދަށުގެ ކުދިންނަށް ތަނދުކެނޑުވުމަށްދީއުޅޭ އެސްޕިރިން ދިނުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ރޭޒް ސިންޑްރޯމް ކިޔާ ބައްޔެއް ފެންމަތިވެގެން އަތުވެދާނެތީ އެވެ.
  • ފުއްޕާފައިވާ ކޮލުގައި ގަދަޔަށް ރިހުން ހުރިނަމަ ފިނި ޕެކެއް ކޯމަތީގައި ބާއްވާށެވެ. ފިނި ޕެކްގެ ދަށުގައި ކޯމަތީގައި ކުޑަ ތުވާލިކޮޅެއް ބާއްވާށެވެ. މީގެ ބޭނުމަކީ ހޫނު ނުވަތަ ފިނިން ހަންގަނޑު ހިމާޔަތްކުރުމެވެ. 20 މިނިޓް ވަރު ބޭއްވުމަށްފަހު ފިނި ޕެކް ނަގާށެވެ. ފިނި ނުވަތަ ހޫނު ޕެކެއް ޚިޔާރު ކުރާނީ ބަލިމީހާ ކައިރިން އެހުމަށްފަހު އޭނާއަށް ރަގަޅު ގޮތަކަށެވެ. މާނައަކީ ބަލިމީހާ އަށް ފިނި ޕެކެއް ރަގަޅުކަމުގައިވާ ނަމަ ބާއްވާނީ ފިނި ޕެކެކެވެ، ޕެކް ބޭނުންކޮށްގެން ބޮޑިތާން ވެސް ކުރެވިދާނެއެވެ.
  • ކޯފުއްޕިއާއި ގުޅިގެން އުރަވަޅި ދުޅަވުން ކުރިމަތިވެފައިވާނަ ދޭތެރެ ދޭތެރެއިން ފިނި ޕެކެއް އުރަވަޅި މަތީގައި ބާއްވައިގެން މަސާޖުކުރާށެވެ. މިކަމުގެ ސަބަބުން ތަދުކުޑަކޮށްދީ ދުޅަ ތިރިކޮށްދޭނެ އެވެ.
  • އައިސްކްރީމް ފަދަ ފިނި ބުއިންތައް ބޯށެވެ. ކާތަކެތި ކާއިރު ހަފަންނުޖެހޭކަހަލަ މަޑު ސާދާ ކާތަކެތި ބޭނުންކުރާށެވެ. އަދި ގިނަގިނައިން ދިޔާތަކެތި ބޯށެވެ.
  • ހުތް ބުއިންތަކާއި ހުތް ކާނާގެ ބާވަތްތައް ބޭނުން ނުކުރާށެވެ. އެއީ ދުޅަވެފައިވާ ޕެރޮޓިޑް ގްލޭންޑް އަކީ ހުތްތަކެއްޗަށް ނާޒުކު އެއްޗަކަށްވާތީ އެވެ. އަދި ހަމަ މިހެން ހުތް ތަކެތި ބޭނުންކުރުމުން ކުޅު އުފެއްދުމަށް ބާރުއަޅާތީ އެވެ.
  • އުރަވަޅި ދުޅަވެފައިވާނަމަ ގަޔަށްދޫ ޖަނގިޔާ، ހަރުވާޅު ފަދަ ތަކެތި ޚިޔާރުކުރާށެވެ.

ފަރުވާ ކުރުކޮށް[އުނިއިތުރު ގެންނަވާ]

  • ހުންގަދަވާނަމަ ޕެނަޑޯލް ބޭނުންކުރުން
  • މާބޮޑަށް ތަދުވާނަމަ ތަދުކަނޑުވާ ކަހަލަ ބޭހެއް ބޭނުންކުރުން
  • އިތުރު މައްސަލައެއް ދިމާވާނަމަ ޑޮކްޓަރަށް ދެއްކުން

ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

  • އެމްއެމްއާރު ވެކްސިން ޖެހުމުން މުޅި އުމުރަށް މިބަލިން ރައްކާތެރިކޮށްދެއެވެ. ކޯފުއްޕިން ރައްކާތެރިވުމަށްދީ އުޅޭ އާންމު ވެކްސިނަކީ އެމްއެމްއާރު ވެކްސިން އެވެ. މިވެކްސިން ތުއްތު ކުދިންނަށް ދެވެނީ އުމުރުން 18-15 މަހާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. މިމުއްދަތުގައި ވެކްސިން ދީފައި ނުވާނަމަ އުމުރުން 6-4 އަހަރާއި ދެމެދުގައި ވެކްސިން ދެވެއެވެ.
  • ބަލި ޖެހިފައިވާ މީހުންނާއި ގައިގޯޅި ނުވުމާއި، އެމީހުން ބޭނުންކުރާ ތަށިފަދަ ތަކެތި ދޮވެގެން ނޫނީ ބޭނުންނުކުރުން
  • ބަލިޖެހިފައިވާ މީހުން ބޭނުންކުރާ ޓިޝޫ ތުވާލި ފަދަ ތަކެއްޗަށް ރައްކާތެރިވުން
  • ކޯފުއްޕި ޖެހުމުން ބަލިޖެހިފައިވާ އެހެންމީހުންނާއި ކުދިންނާއި ވީވަރަކުން ވަކިން ގެންގުޅެވޭތޯ ބެލުން: އަދި ސަލާމަތުން ތިބި މީހުންނާއި ކުދިން ކޯފުއްޕި ޖެހިފައިވާ ކުއްޖާއާއިމާބޮޑަށް ގައިގޯޅިވެ ނޫޅުން
  • ކޯފުއްޕި ޖެހިފައިވާ ބަލިމީހާ އާއި ގައިގޯޅިވެ އުޅޭ ފަރާތްތަކަށް އެކަމަށް ރައްކާތެރިވުމަށް ހުންނަ އިމިޔުނޯގްލޯބިއުލިން ދިނުން
  • ޢާންމު ޞިއްޙަތަށް ރައްކާތެރިވެ، ރަގަޅު ޞިއްޙީ އާދަތަކަށް ފަރުވާތެރިވުން