ކުލަ ކޮކާމަސް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ކުލަ ކޮކާމަސް (ސައިންޓިފިކް ނަން: Pygoplites diacanthus)ނުވަތަ (އިނގިރޭސި ބަހުން: Regal angelfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި އުޅޭ ވަރަށް ރީތި މަހެކެވެ. މިމަސް އާންމު ގޮތެއްގައި އުޅެނީ ފަރުފަޅުތަކުގެ ބޭރުމަތީގައްޔާއި، ގުންޑޮޅިތަކުގެ ދަށާއި، ފަރުގައި ހުންނަ ހޮހަޅަތަކުގައެވެ. ގިނައިން ފެނިފައި ހުންނަނީ އެކަހެރިކޮށް ކަމަށް ވިޔަސް ޖޯޑްޖޯޑަށް ވެސް ދުވެއުޅެއެވެ. މިއީ އެކުއޭރިއަމް ތަކުގައި ގިނަ ދުވަހު ގެންގުޅެން ދަތި މަހެކެވެ. ނަމަވެސް މިއީ ދިރޭމަސް ބޭރުކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަޝްހޫރު އަގުބޮޑު މަހެކެވެ. އަދި ޚާއްޞަ ގޮތެއްގައި ރާއްޖޭގައި އުޅޭ މިބާވަތުގެ މަހުގެ ކުލަތައް ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އުޅޭ މިބާވަތުގެ މަހާއަޅާ ބަލާއިރު މާފުރިހަމަވެފައި ރީތިކަމުގައި ފާހަގަ ކުރެވެއެވެ. މިބާވަތުގެ މަސް 1 މީޓަރާއި 20 މީޓަރާއި ދެމެދުގެ ފުންމިނުގައި އުޅޭކަމަށް ވެއެވެ. މިމަސް އެންމެ ބޮޑުވަނީ 25 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ނުވަތަ 14 ހަރުކައްޓާއެކު 18 ނުވަތަ 19 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 18 ނުވަތަ 19 މަޑުކަށި ހުރެއެވެ. ކަރުތާފަތުގެ ތިރީބައިގައި ތޫނު ކައްޓެއް ހުރެއެވެ. މުޅިމަހުގައި ހުރަހަށް ވާގޮތަށް ދޮން ނާރިނގު ކުލައާއި ހުދުކުލައިގެ އަދި ނޫކުލައިގެ ރޮނގުތަކެއް ހުރެއެވެ. މަހުގެ ނިގޫފަތާއި ކަރުތާފަތާ ދިމާލުން ބަނޑުދަށް ފަރާތުގައި ހުންނަ ކުޑަ ކޮތަރިބައިގެ ކުލައަކީ ރީނދޫ ކުލައެވެ.