ކާމަރަނގަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކާމަރަނގަ ފުރަތަމަ ހައްދާފައިވަނީ ދެކުނު އޭޝިޔާ އަދި އިރުމަތީ އޭޝިޔާގެ ގައުމު ތަކުގައެވެ. ޚާއްޞަކޮށް އޮޅުދޫ ކަރަ، ހިންދުސްތާން، އަދި މެލޭޝިޔާ އާއި އިންޑޮނޭޝިޔާ ފަދަ ގައުމު ތަކުގައެވެ. ނަމަވެސް މިހާރު ޕެރޫ، ބްރެޒިލް، ގާނާ، ގުޔާނާ، ފްރެންޗް ޕޮލީނީޝިއާ، އަދި ޓޯންގާ ގައި ވެސް ހައްދައެވެ. ވިޔަފާރީގެ އުސޫލުން އެމެރިކާގެ ފްލޮރިޑާ އަދި ހަވާއީ ގައި ވެސް ހައްދައެވެ. ކާމަރަނގަ އަކީ ބިލިމަގާއި ސިފައިގައި ވައްތަރު ގޮތެއް ހުންނަ ކާނާގެ ބާވަތެކެވެ.

Carambolas still on the tree


ނަން[އުނިއިތުރު ގެންނަވާ]

ކާމަރަނގައިގެ ޢިލްމީ ނަމަކީ 'އެވްރިއާ ކަރަމްބޯލާ' އެވެ. ކާމަރަނގަ މިނަން ދިވެހި ބަހަށް އައިސްފައިވަނީ ސިންހަޅަ ބަހުންނެވެ.


ގަހުގެ ސިފަ[އުނިއިތުރު ގެންނަވާ]

ދިގު ފަތްތަކެއް ހުންނަ ކާމަރަނގަހުގެ މަލަކީ ފިޔާތޮށި ކުލައިގައި އިންނަ މަލެެކެވެ. ޢާއްމުކޮށް މާ އަޅައިފައި އިންނަނީ ކޯނީގެ ކުރީގައި ނުވަތަ ފަތުގެ ބުނޑުގައެވެ. ބޯކޮށް އިފިތައް އެލިފައި އޮންނަ މިގަހުގެ އުސްމިން ބައެއް ފަަހަރު 5 މީޓަރު އުހަށް އަރައެވެ. ގަސްތައް ބެހިފައިވާ ޢާއިލާ ތަކުގެ ތެރެއިން އޮކްސަލިޑަސީ އޭ ކިޔޭ ޢާއިލާގައި ހިމެނޭ މިގަހަކީ ޢާއްމުކޮށް އިރުގެ އަލިކަން މާބޮޑަށް ބޭނުންވާ ގަހެއް ނޫނެވެ.


މޭވާގެ ސިފަ[އުނިއިތުރު ގެންނަވާ]

ކާމަރަނގަ އަކީ ތަރި މޭވާ ނުވަތަ 'ސްޓާރ ފުރުޓް ގެ ގޮތުގައި މަޝްހޫރު ވެފައިވާ މޭވާ އެކެވެ. މިމޭވާ އަށް ކާމަރަނގަ، ކަރަމްބޯލާ، ކޮރޯމޮންޑެލް ގޫސްބެރީ އޭ ވެސް ކިޔައެވެ. ތަރި މޭވާ އޭ ކިޔެނީ މެދުން ހުރަކަށް ބުރިކޮށްލުމުން މޭވާގެ ސިފަ ތަރިއެއްގެ ބައްޓަމަށް ފެންނަށް ހުންނާތީ އެވެ. ކާމަރަނގަ އަކީ ފޮނި ހުތް ތޫނު ރަހައެއް ހުންނަ މޭވާ އެކެވެ. މުށި ކުލައިގެ ކުދި އޮށްތަކެއް ހުންނަ މިމޭވާ އަކީ ވިޓަމިންސީ ލިއްބައިދޭ ރަގަޅު މަޞްދަރެކެވެ. ކާމަރަނގަ ދޮންނުވާއިރު ހުންނަނީ ފެހި ކުލައިގައެވެ. ދޮންވުމުން ރީދޫ ކުލައަށް ބަދަލުވެއެވެ. މިދެމަރުހަލާގައި ވެސް ކާނާގެ ގޮތުގައި ކާމަރަނގަ ކައި އުޅެއެވެ. ތަފާތު 17 ވައްތަރެއްގެ ކާމަރަނގަ ހުންނަކަން މިހާތަނަށް ހޯދިފައި ވެއެވެ.

ބޭނުންކުރުން[އުނިއިތުރު ގެންނަވާ]

ކާމަރަނގަ އިން ޖޫސް ހަދައެވެ. އަދި ރަލުގެ ވައްތަރެއް ކަމުގައިވާ ވައިން ހަދައެވެ. ބަރުމާގައި ޓީ ޕިކްލް ހެދުމަށް ވެސް ކާމަރަނގަ ބޭނުން ކުރެއެވެ.


ޞިއްޙީ ނުރައްކާ[އުނިއިތުރު ގެންނަވާ]

އޮކްސަލިކް އެސިކް ކާމަރަނގައިގައި ހުންނާތީ ގުރުދާގެ މައްސަލަތައް ހުންނަ މީހުން ކާމަރަނގަ ކެއުން އެދެވިގެން ނުވެއެވެ. އަދި ކާމަރަނގަ އިން ހަދާފައި ހުންނަ ޖޫސް ބޭނުންކުރުމަކީ މާ ނުރައްކާތެރި ކަމެކެވެ. އެއީ އޭގައި އެސިޑް ގިނަ ޢަދަދަކަށް އެކުލެވޭތީ އެވެ.