ކަވަސާކީ ސިންޑްރޯމް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ކަވަސާކީ ސިންޑްރޯމް (އިނގިރޭސި ބަހުން: Kawasaki Syndrome)ނުވަތަ ކަވަސާކީ ބަލި، ނުވަތަ މިޔުކޯކިޔުޓެނިއަސް ލިމްފް ނޯޑް ސިންޑްރޯމް އަކީ އޭގެ އަޞްލު އަދި ހޯދިފައިނުވާ ވަރަށް ނާދިރު ބައްޔެކެވެ. ކުޑަކުދިންނަށް ޖެހޭ ހިތުގެ ބަލިތަކުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ކަވަސާކީ ސިންޑްރޯމް ގުނާލެވެއެވެ. ކަވަސާކީ ސިންޑްރޯމް ނުވަތަ ބަލި އަކީ މެދު ސައިޒްގެ ލޭހޮޅިތައް ދުޅަވުން ކުރިމަތިވާ ބައްޔެކެވެ. ވަރަށް ގިނަ ގުނަވަންތަކަށް މިބަލީގެ އަސަރު ފޯރައެވެ. އެގޮތުން ހަންގަނޑު، ލިމްފް ގޮށްތައް، ހަށިގަނޑުގެ އެތެރޭގައިވާ ތެތްދުލިފަށްތައް، އަދި އަތްތިލަ އާއި ފައިތިލަ އަދި ހިތް ފަދަ ގުނަވަންތައް ހިމެނެއެވެ.

ކަވަސާކީ ސިންޑްރޯމް އާންމުކޮށް ޖެހެނީ އުމުރުން 5 އަހަރުން ދަށުގެ ކުދިންނަށެވެ. ފުރަތަމަ މިބަލި ހޯދާފައިވަނީ 1967 ވަނަ އަހަރު ޖަޕާނުންނެވެ. ބަލީގެ އަސްލު ސަބަބުން އަދި ހޯދިފައި ނުވި ނަމަވެސް 1990 ވަނަ އަހަރު ހަދާފައިވާ ބައެއް ރިސާރޗް ތަކުން ކޮންމެ ވެސް ވައްތަރެއްގެ ބެކްޓީރިޔާ އިން އުފައްދާ ވިހަ އަކުން މިބަލި ޖެހޭ ކަމަށް ހެކިތައް ފެނިފައިވެއެވެ.

ކަވަސާކީ ސިންޑްރޯމް ޖެހުމުން ފެނިދާނެ ނުވަތަ ފާހަގަ ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

  • ދިގުލައި ހުންއައުން
  • ލޯރަތްވުން
  • އަނގަތެރެ އަދި ތުންފަތަށް ބަދަލުއައުން
  • ހަންގަނޑުން ބިހިނެގުން
  • ކަރުގައި ގޮށްލުން
  • އަތާއި ފައިގެ ހުދު ހަން ރަތްވުން
  • ހިތުގެ ލޭހޮޅިތަކަށް ގެއްލުންވުން


ކަވަސާކީ ސިންޑްރޯމް އާއި ގުޅިގެން ދިމާވާ އުދަގޫތަކަށް ފަރުވާ ކުރުމަށް އެސްޕިރިން ބޭނުން ކުރެވެއެވެ. ބަލި ދެނެގަނެވޭތާ 10 ދުވަހުގެ ތެރޭގައި ލޭގެ ތެރެއަށް ގާމާ ގްލޯބިއުލިން ފޮނުވާލެވިއްޖެނަމަ އެސްޕިރިންއަށް ވުރެ ރަގަޅަށް އޭގެ މަސައްކަތްކޮށް، ހިތަށް ލިބޭގެއްލުމުން މިންޖުކޮށްދޭ ކަމަށް ވެއެވެ.