ކަޅުމަސް ހިބަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަޅުމަސް ހިބަރު

ކަޅުމަސް ހިބަރު (ސައިންޓިފިކް ނަން: Makaira indica)ނުވަތަ (އިނގިރޭސި ބަހުން: black marlin)އަކީ އާންމުކޮށް މާކަނޑުތަކުގައި އުޅޭ މަހެކެވެ. މިއީ ދިވެހި މަސްވެރިން ވަދުގައި މަދުމަދުން ބާނާ އުޅޭ މަހެކެވެ. މަހުގެ މަތީ ތުނބުގެ ކޮޅު ވަކިން ދިގުވެފައި ހިމައެވެ. މަހުގެ ބުރަކަށިމަތީގައި ދެކޮތަރިބައި ހުރެއެވެ. ފުރަތަމަ ކޮތަރިބައިގައި 38 އާއި 45އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިކޮތަރިބައި ހުންނަނީ ކުރީކޮޅު އުސްކޮށް ފަހަތުބައި ވަރަށް ތިރިކޮށެވެ. ބުރަކަށިމަތީ ދެވަނަ ކޮތަރިބައިގައި 6 ނުވަތަ 7 މަޑުކަށި ހުރެއެވެ. މަހުގެ ނިގޫކޮޅުގެ ދެފަރާތުގައި ދެކުރަގަނޑު ހުރެއެވެ. މިއީ ދެފެން ދޭތެރޭގައި އުޅޭ ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ.

ކަޅުމަސް ހިބަރު އެންމެ ބޮޑުވަނީ 4.6 މީޓަރަށެވެ. މަހުގެ ކާނާއަކީ ކަނޑުމަހުގެ ބާވަތްތަކާއި، ހަނދީގެ ވައްތަރު ތަކާއި، ބޯވަދިލަ މަހާއި، ކަކުނި ފާނޑުގެ ސޫތްޕެވެ. މިހިބަރުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދު ރިހިކުލަ އެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ދެކަށިދޭތެރޭގައި ހުންނަ ހަންފައްތަކުގެ ކުލައަކީ ކަޅުނޫކުލަ އެވެ. މަހުގެ އަރިމަތީގައި ފާހަގައެއް ނުވަތަ ލަފެއް ނުހުރެއެވެ. ރާއްޖޭގައި ބާނާ މަސް ހިބަރުގެ ދެބާވަތަށް ވެސް ކިޔަނީ މަސް ހިބަރު އެވެ. ނަމަވެސް މިއީ އުފެދުމުގައި ތަފާތު ތަކެއް ހުރި ދެބާވަތެއް ކަމުން މަހުގެ އިގިރޭސި ނަމުގައި ތަފާތު ކޮށްފައިވާ ގޮތުގެ މަތިން މިމަހަށް ކަޅުމަސް ހިބަރު ކިޔާފައި ވަނީ އެވެ.