ކަޅުބިލަ މަސް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ކަޅުބިލަ މަސް

ކަޅުބިލަ މަސް(އިނގިރޭސި ބަހުން: Katsuwonus pelamis)ނުވަތަ (އިނގިރޭސި ބަހުން: skipjack tuna) އަކީ ދޮށީގެ މަސްވެރިކަމުގަަައި ރާއްޖެއަށް އެންމެގިނައިން ބާނާމަހެވެ.މިއީ ރާއްޖޭގެ އެންމެން ދަންނަ ކަނޑުމަހުގެ ބާވަތެކެވެ. ކަޅުބިލަމަހަކީ ކަނޑުގެ މަތީބައިގައި އައިން ހަދަައިގެން ދަތުރުކުރާ މަހެކެވެ. މިގޮތަށް އައިން ހަދައިގެން މަސް ދަތުރުކުރާއިރު އެއްއަައިނެއްގެ ތެރޭގައި އާއްމުކޮށް ގިނައިން އުޅެނީ އެއްސައިޒެއްގެ މަހެވެ. ނަމަވެސް ބައެއްފަހަރު އެކިސައިޒު އަދިި ތަފާތު ކަނޑުމަހުގެ ވައްތަރުތަކުން އެކުލެވޭ އައިންވެސް ހުރެއެވެ. މިގޮތުން ކުދި ރީނދޫއުރަހަ ކަންނެލި، ލައްޓި އަދި ރާގޮނޑި ކަޅުބިލަމަހާއެކު އައިންހަދައިގެން ތިލަވެއުޅެއެވެ. މިމަސް ޢާއްމުގޮތެއްގައި އުޅެނީ ފެނުގެ ފިނިހޫނުމިން 20 އިން 29 ސެންޓިގްރޭޑްއާއި ދެމެދަށް ހުންނަ ހިސާބުތަކުގައެވެ. މަހުގެ ޢާއްމު ކާނާއަކީ ކުދިމަހާ، ކަކުނިފާޑުގެ ސޫތްޕާ، ބޯވަދިލަމަހެވެ. މިމަސް އެންމެ ބޮޑުވަނީ 1.08 މީޓަރަށެވެ.

ކަޅުބިލަމަހުގެ ބަނޑުދަށުގައި ކަޅުކުލައިގެ ރޮނގުތަކެއް މަހުގެ ދިގަށް ދެމިފައި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ރިހި ހުދުކުލައެވެ. އިހުގެ ދިވެހިން ކަޅުބިލަ މަހުގެ ތެރެއިން އެމީހުން ފާހަގަ ކުރާ އެކަހެރި މަސްތަކުގެ ތެރެއިން މާބިލަ މަސް، ގުންބިލަ މަސް، ރަންދި މަސް، ދިއްބޯ މަސް، މިނަންތައް ކިޔާފައި ހުރެއެވެ. އަދި އާންމު ނަމެއްގެ ގޮތުން ކަނޑުމަސް ކިޔާ އުޅެއެވެ.