ކަޅަ ހަނދި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަޅަ ހަނދި

ކަޅަ ހަނދި(ސައިންޓިފިކް ނަން: Caranx lugubris)ނުވަތަ (އިނގިރޭސި ބަހުން: Black travelly)އަކީ ދިވެހި މަސްވެރިން ދަންނަ އަދި ނަނު ފައްތައިގެން ކުރާ ކެޔޮޅުކަމުގައި ގިނައިން ބޭނޭ ބާވަތެކެވެ. ކަޅަ ހަނދި އާންމު ގޮތެއްގައި އުޅެނީ އަތޮޅުގެ ބޭރު ދުނީގެ ފަރުފަރުގެ ބޭރުގައި 25 އާއި 65 މީޓަރާއި ދެމެދުގެ ފުންމިން ހުންނަ ސަރަހައްދު ތަކުގައެވެ. މަހުގެ އާންމު ކާނާއަކީ މަސްމަހާ މެއްސެވެ. މިއީ ކެއުމަށް މީރު މަހެކެވެ. ބަލާބެލުމަށް ކަޅަ ހަނދި އެންމެ ވައްތަރީ މުޑަ ހަނދި އާއެވެ. ނަމަވެސް ކަޅަ ހަނދީގައި ހުންނަ ކަޅު ކުލައިންނާއި، ބޮލުގެ ބައްޓަމުން އަދި މަހުގެ ކަރުގަނޑުގެ ފުރަތަމަ ބުރުގައި ހުންނަ ކަށީގެ އަދަދުންނާއި، މަހުގެ ކަރުތާފަތް ގަނޑާއި، ދިމާލުން މަހުގެ ބަނޑުދޮށުގައި ހުޅުނބު ހުންނަ ގޮތުން މިދެބާވަތް ވަކިކުރުމަކީ އުދަގޫ ކަމެއް ނޫނެވެ. މަހުގެ އަނގައިގެ މަތީ ތަލީގައި ދެބަރިއަކަށް ދަތް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 85 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި ހަރު 8 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ކައްޓާއެކު 20އާއި 22އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބުރަކަށިމަތީ ދެވަނަ ކޮތަރިބައި ފެށޭ ހިސާބުގައި ހުންނަ މަޑުކަށިތައް ހުންނަނީ މަހުގެ ފަހަތަށް ދިގުކޮށް ދަމާލެވިފައެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 16 އާއި 19 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަރުތާފަތް ގަނޑާއި ދިމާލުން ބަނޑުދަށް ފަރާތުގައި ހުޅުނބު ހުރެއެވެ. މަހުގެ ކުލައަކީ ވަރަށް ގަދަ އަޅިކުލައަކަށްދާ ކަޅުކުލައެކެވެ. މަހުގެ ކަރުތާ ފަތްގަނޑުގެ މަތީކައިރީގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ.